ކޮވިޑް- 19 ބާރަށް ފެތުރެނީ ޒުވާނުން ފަރުވާކުޑަވުމުގެ ސަބަބުން: ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަ ޖެނެރަލް ޑެޓްރޯސް އަދަނޯމް ގެބްރަޔޭސަސް

ދުނިޔޭގައި ކޮވިޑް- 19 ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް މައިތިރިވެފައި އޮތުމަށް ފަހު އަނެއްކާވެސް ގިނަ ގައުމުތަކެއްގައިި ފެތުރޭ މިންވަރު އިތުރުވަނީ ޒުވާނުން ފަރުވާކުޑަވުމުގެ ސަބަބުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަ ޖެނެރަލް ޑެޓްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވެއްޖެއެެވެ.

"ޒުވާނުންނަކީ ބަލިން ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ބައެއް ނޫން." އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ 17 މިލިއަނަށްްވުރެ ގިނަ މީހުންނަށް ޖެހި، 6 ލައްކަ 70 ހާހަށްވުރެ ގިނަ މީހުން މަރުވުމުގެ ސަބަބު ކަމުގައިވާ ކޮވިޑް- 19 ގައި ގިނައިން މަރުވެފައި ވަނީ އެހެން ބަލިތަކެެއް ތަހައްމަލްކުރަމުން ދިޔަ މުސްކުުޅިން ކަމުގައި ވިޔަސް، ގެބްރަޔޭސަސް ވިދާޅުވި ގޮތުގައި، "ޒުވާނުންނަށްވެސް ނުރައްކާ އެބައޮތެވެ."

"ޒުވާނުންނަށް ބަލި ޖެހިދާނެ. (އެބަލީގައި) ޒުވާނުން މަރުވެދާނެ. އަދި ބަލި ފަތުރާ ބަޔަކަށްވެސް ޒުވާނުން ވެދާނެ." ގެބްރަޔޭސަސް އިތުރަށް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮވިޑް- 19 މައިތިރިކުރުމުގައި އޮތް މައިގަނޑު އެއް ގޮންޖެހުމަކީ ޒުވާނުންނަށް މި ނުރައްކާ އޮތްކަން ވިސްނައިދިނުމެވެ.

"ބައެއް ގައުމުތަކުގައި (ކޮވިޑް- 19) ބަލި ޖެހޭ މިންވަރު ކުއްލިއަކަށް އިތުރުވެގެން ދިއުމުގެ އެއް ސަބަބަކީ ދުނިޔޭގެ އުތުރު ފަޅީގެ ހޫނު މޫސުމާ ދިމާކޮށް ޒުވާނުން އެބައިމީހުންގެ ހިފެހެއްޓުންތެރިކަން ދޫކޮށްލުން. އެހެން މީހުންނެކޭ އެެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، އެމީހުން އަމިއްލައަށާއި، އެހެން މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ޒުވާނުން ޖެހޭ" ޑަބްލިޔުއެޗްއޯގެ ޑީޖީ ފާހަގަކުރެއްވިއެވެ.

ޑަބްލިޔުއެެޗްއޯގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ ވެރިޔާ މާރިޔާ ވާން ކެރްކޯވް ވިދާޅުވި ގޮތުގައި އެތައް ތަނެއްގައި ނައިޓްކްލަބްތައް ވެފައި ވަނީ ބަލި ޖެހޭ މިންވަރު އިތުރުކުރާ "އެމްޕްލިފަޔާ" ތަކަކަށެެވެ.

" އެންމެންގެ ކިބައިން، ޒުވާނުންވެސް ހިމެނޭހެން، އަހަރުމެން މިއެދެނީ ލިބިދާނެ ނުރައްކާ އަމިއްލައަށް ކޮންޓްރޯލްކުރާ ބަޔަކަށް ވުމަށް." އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ އެމަޖެންސީސް ޑިރެކްޓަރ މައިކަލް ރަޔާން ވަނީ ކޮވިޑް- 19 އިން ދިގުމުއްދަތެއްގެ ތެރޭގައި ލިބޭ ގެއްލުން ދެނެގަނެވިފައިި ނުވާކަން ފާހަގަކުރައްވާފައެވެ.

"މި ބަލި ވަރަށް އާދައިގެ ގޮތަކަށް ޖެހުނަސް އަދި އަދި ތަންކޮޅެއް ގަަދަޔަށް ޖެހުނަސް، ގިނަ ގުނަަވަންތަކަކަށް އޭގެ އަސަރުކުރޭ." ރަޔާން ވިދާޅުވިއެވެ.

"މި ބަލި ޖެހުމުން ދިގުމުއްދަތެއްގެ  ތެރޭގައި ލިބޭ ގެއްލުން އަހަރުމެންނަށް ހަމަ ނޭނގޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.