އިސްރާއީލުގެ ޖަލުން ފިލި ފަލަސްޠީނު ހަ މީހުންގެ ތެރޭން އެންމެ ފަހު ދެމީހުން ހައްޔަރުކޮށްފި

އިސްރާއީލުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ޖަލުތަކުގެ ތެރޭގައި ހިމެނޭ ޖިލްބޫޢު (ގިލްބޯ) ޖަލުން ފިލި ފަލަސްޠީނު 6 ގައިދީންގެ ތެރޭން މިހާތަނަށް ހައްޔަރުނުވެ 2 މީހުން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.

ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނީންގެ އަވަށަކުންނެވެ. އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ބޮޑު ފައުޖެއް ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ޖެނީންގެ އިރުމަތީގެ އަވަށެއްގެ ބައެއް ގެ ހިސާރުކޮށް، އެ ގެތަކުގައި ތިބި އެންމެން ބޭރަށް ނުކުމު އަމާންދިނުމަށް އަންގާފައެވެ. ދެ ގައިދީން ކަމުގައިވާ އައިހަމް ކަމަމްޖީއާއި، މުނާޟިލް ނުފައިޢާތު ހައްޔަރުކޮށްފައެެވެ. އިސްރާއީލަށް މިއަދު އެ ދެ މީހުން ހައްޔަރުކުރެވުނިއިރު، މީގެ ކުރިން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ފެނޭތޯ 13 ތަނެއް ބަލައި ފާސްކޮށްފައެވެ.

"(ޖަލުން ފިލި މީހުން ހޯދަން) ކުރި މަސައްކަތް ވަނީ މިރޭ އިސްރާއިލުގެ ޑިފެންސް ފޯސަސްއާއި، ޕަބްލިކް ސެކިއުރިޓީ ސާވިސްއާއި، ސްޕެޝަލް ޕޮލިސް ފޯސަސް ގުޅިގެން ޖެނީންގައި ހިންގި އޮޕަރޭޝަނުގައި ކާމިޔާބުކަމާއެކު ނިމިފައި. ޖަލުން ފިލި ދެ 'ޓެރަރިސްޓުން' ވަނީ ހައްޔަރުކުރެވިފައި." އިސްރާއީލު ސިފައިންގެ ތަރުޖަމާނު އަވިޗޭ އަދްރާއީ ބުނެފައި ވެއެވެ.  

"ހޯދަމުން ދިޔަ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ދިރި ތިއްބާ. އެ ދެ މީހުން މިހާރު ވަނީ ޕަބްލިކް ސެކިއުރިޓީ ސާވީސްއިން ސުުވާލުކުރުމަށް ގެންދެވިފައި." އިސްރާއީލު ފުލުހުންގެ ބަޔާނެއްގައި ވެއެވެ. ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، ފިލައިގެން އުޅުމުގައި އެ ދެ މީހުންނަށް އެހީތެރިވި ފަލަސްޠީނުގެ ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޖިލްބޫޢުގެ ޖަލުގައި ފަލަސްޠީނު ގައިދީން ތިބި ގޮޅީގެ ފާޚާނާ ތެރޭން ޖަލުން ބޭރަށް ކޮނުނު "މިނިވަންކަމުގެ ޓަނެލް" ތެރޭން ފަލަސްޠީނު 6 ގައިދީން ނުކުމެ ފިލީ މި ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އިސްރާއީލުގެ ސަލާމަތީ އިދާރާތައް ލަދުގަންނަވާލި މި ހިތްވަރުގަދަ އަމަލަށް ފަހު އެ ގައިދީން ވަނީ ފަލަސްޠީނު މީހުންގެ ކުރިމަތީގައި ބަޠަލުންނަށް ވެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްވެ މިނިވަން ޖައްވެއްގައި ދުވަސްކޮޅަކަށް ނަމަވެސް ނޭވާލުމުގެ ފުރުސަތު ހޯދީތީއެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ސަލާމަތްވި 6 ގައިދީންގެ ތެރޭން 2 މީހަކު މި މަހުގެ 10 ވަނަ ދުވަހު ހައްޔަރުުކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު އަނެއް ދެ މީހުން ހައްޔަރުކޮށްފައެވެ.

އިއްޔެ ދެ ގައިދީން ހައްޔަރުކުރުމާއެކު، ޖެނީންގެ ގިނަ ބަޔަކު ވަނީ އެމީހުންނަށް ތާއީދުކޮށް މުޒާހަރާކޮށްފައެވެ. އަދި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދިމާއަށް ގަލާއި ފުޅި ފަދަ ތަކެތި އުކާފައެވެ.

އިސްރާއީލު ފުލުހުންގެ ބައެއް މަސްދަަރުތަކުން ޚަބަރު ލިބޭ ގޮތުގައި އިސްރާއީލުގެ ތާރީޚުގައި ބަޔަކު ހޯދަން ހިންގި އެންމެ ބޮޑު އޮޕަރޭޝަނަށް ދުވާލަކަށް 3 މިލިއަން ޑޮލަރަށްވުރެ ގިނައިން ޚަރަދު ވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.