ކިރުއިލޮށި - 48

(27 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރީދާ ކޮޓަރިޔަށް ވަތްގޮތަށް ބޭރަކަށް ނުނުކުމެއެވެ. ކާކަށްވެސް ނޫޅެއެވެ. ރުޅިމޫނު ހަދާފައި ގޮތްދޫނުކޮށް ކޮޓަރިތެރޭ އެނދުމައްޗަށް އަރައި މޫނުން ފޫގަޅާފައި އިނީއެވެ. ޓަކިޖަހައިލުމަށްފަހު ، އަޝްހަރު ހަރީމްގޮވައިގެން ފަރީދާގެ ކޮޓަރިޔަށް ވަނެވެ. ހަރީމްގާތު ސިއްރު ސިއްރުން އަޝްހަރު ، ވާހަކައެއް ބުންޏެވެ. ހަރީމް ގޮސް ފަރީދާގެ ކުރިމައްޗަށް ހުއްޓި ކާން އައުމަށް އެދުނެވެ. ފަރީދާ ގޮތްދޫނުކޮށް ، އޭނާ ބަނޑުހައިނުވާކަމަށް ހަރީމްގާތު ބުންޏެވެ. ނުކައި ހުރީމަ ގައިގަ ވަރު ދެރަވާނެ ވާހަކައާއި ގޭގައި މުގުރިހަ ކައްކާފައިހުރިކަމަށް ހަރީމް ބުންޏެވެ. މުގުރިހަޔަކީ ހަރީމަށް ވަރަށް މީރު ރިހައެއްތޯ ފަރީދާ ސުއާލުކުރިއެވެ. އަދި ހަރީމްގެނެސް އޭނާގާތުގައި ބޭންދިއެވެ. ދެން މީރީ ކޮންއެއްޗެއްތޯއާއި ޕިއްޒާ މީރުތޯ ފަރީދާ ، ހަރީމާ ސުއާލުކުރިއެވެ.

މިއޮއް ހުރިހާ ދުވަހު ، ހަރީމް އުޅުނީ ކޮންތާކު ހެއްޔެވެ ؟ ހަރީމް ނެތީމަ ގޭގެ ރޫޙު އޮތީ ގެއްލިފައެވެ. އަދި މިހާރު އެގެޔަށް ދިރުންލިބިފައިވާކަމަށް ފަރީދާ ބުންޏެވެ. ފަރީދާގެ އެ މަޑުމައިތިރިކަމުގެ ފަހަތުގައި އޮންނާނީ ކޮންފަދަ މުޞީބާތެއްކަމެއް އެތުއްތު ކުއްޖާއަށް ވިސްނައިގަންނަން އެނގޭނީ ކިހިނެއް ހެއްޔެވެ ؟ އަޝްހަރުވެސް ދުރުގައި އިށީނދެލައިގެން ހަރީމްގެ ވާހަކަޔަށް ގަޔާވެފަ ، މަންމަގެ އޯގާތެރި ބަސްތަކުން ހިތަށް ފިނިކަންލިބި ، ހިނިތުންވެފައި އިނެވެ.

ހަރީމްގެ މަންމަ ކަންތައްކުރީ ވަރަށްގޯސްކޮށް ކަމަށާއި ، ދެން އެކަމަކު ހަރީމް ހުންނާނީ މާމަގާތުގައި ކަމަށް ފަރީދާ ބުންޏެވެ. ހަރީމް ކިޔައިގަތްގަތީނުންގޮސް ފަރީދާ ކޮޓަރީގައި އިނަކަ ނުދިނެވެ. ރުޅިއިސްނުކޮށް ، ފަރީދާވެސް ކެތްތެރިކަމާއެކު ، ހަރީމާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެންމެފަހުން ކާން ހިނގާށޭބުނެ ، ހަރީމްގެ އަތުގައި ހިފައިގެން ފަރީދާ ނުކުތެވެ.

ފަރީދާމެން ކާމޭޒުދޮށަށް އައިއިރު ، ޚައިރާދު  ، މޭޒުކައިރީ އިށީނދެލައިގެން އިނެވެ. އޭނާއިނީ ކާކަށްނޫނެވެ. ހަރީމް ދިޔައިމަ އޭނާ އަންނަންދެނެވެ. ފަރީދާ އިށީންނަމުން ވަށްކަޅިން ޚައިރާދަށް ބަލައިލިއެވެ. އަދި މާމަގާތަށް އަންނާށޭ ބުނެ ހަރީމް ގެނެސް އޭނާގެ އުނގަށްލިއެވެ. އަދި ފަރީދާގެ އަތުން ލަވައި ހަރީމަށް ކާންދިނެވެ.

ކެއުމަށްފަހު ، ހަރީމް ދިޔައީ މަންމަޔާއެކު އޭނާގެ ކޮޓަރިއަށެވެ. އަޝްހަރު ދިޔައީ އޭނާގެ މަންމަޔާއެކު މަންމަގެ ކޮޓަރިއަށެވެ.

" މަންމާއެވެ ! ހަރީމް ކިހާލޯބި ދޯއެވެ ! " އަޝްހަރު އޭނާގެ މަންމަގާތު ބުންޏެވެ.

ފަރީދާ އެކަމުގައި އަޝްހަރާ އެއްބަސްވިއެވެ. ހަރީމަކީ ލޯބިލޯބި ޘަޢީފު ކުއްޖެކެވެ. އެހާ މަޖާ ވާހަކަދައްކާ ކުއްޖެއްކަމަށްވެސް ފަރީދާ ބުންޏެވެ. ލޭގެ ގުޅުމަކީ ، ހުރިހާ ހިތްހަމަނުޖެހުމަކަށް އޮތް ޙައްލެވެ. އަޝްހަރު ، އޭނާއަށް ހެދި ދޮގަށް މަޢާފު ކުރީކަމަށް ނުބެލުމަށް ފަރީދާ ބުންޏެވެ. އަދި އެ އަންހެންކުއްޖާ އެކުރި ކަންކަމަށްވެސް އޭނާ މަޢާފުނުކުރާނެކަމަށް ބުންޏެވެ. އަޝްހަރު އޭނާގެ މަންމަގާތަށް ޖެހިލިއެވެ. އަދި މަޑުމަޑުން ބުންޏެވެ. ފަރީދާ އެވަގުތު އެއިނީ އަޝްހަރުދެކެ ރުޅިއައިސްކަން ، އަޝްހަރަށް ސާފުކޮށް އެނގެއެވެ. މަންމަޔަށް އެއްވެސްކަމެއް ފޮރުވުމުގައި އަޝްހަރުގެ އިޚުތިޔާރެއް ނެތުނީކަމުގައި އަޝްހަރު ބުންޏެވެ. މަންމަޔަށް އޮޅުވައިލައިގެން އަޝްހަރަށް އެކުރެވުނު ކުށަށް ، އަޝްހަރު މައާފަށް އެދުނެވެ.

އަޝްހަރަށް މައާފުކުރުމަށް ، ފަރީދާ ތައްޔާރަށްހުރިކަމަށް ފަރީދާ ބުންޏެވެ. އަދި އެވަގުތަކީ ، އަޝްހަރު ،  ޚައިރާދު އެގެއިން ނެރެބޭރުކޮށްލާ ވަގުތުކަމުގައި ފަރީދާ ބުންޏެވެ. ޚައިރާދު އެގެއިން ބޭރުކޮށްނުލާހާ ހިނދެއްގައި އަޝްހަރަށް ، އޭނާ މަޢާފެއް ނުކުރާނެއެވެ.

" އަހަރެންގެ ދަރިފުޅަކީ އެހާ ގޮތްދޫކުރާނެ މީހެއްނޫނެވެ. އެއަންހެނާ އަހަރެމެންގެ ޢާއިލާއަށް އެކުރިމަތިކުރި ލަދުވެތި ޙާލަތު ، އެއީ އަހަރެންގެ ދަރިފުޅު ހަނދާން ނައްތައިލާނެކަމެއްނޫނެވެ. " ފަރީދާ ބުންޏެވެ.

" މަންމަގެ ތިބަސްތައް ތަކުރާރު ކުރުމަކީ ބޭނުންކަމެއްނޫނެވެ. އަހަރެން ހުރިހާކަމެއް ހަނދާން އެބަހުއްޓެވެ. " އަޝްހަރު ހިތްދަތި ލަހުޖާއެއްގައި އެވާހަކަ ބުނުމަށްފަހު ، މަޑުނުކޮށް އެތަނުން ނުކުމެގެން ދިޔައެވެ.

ފަރީދާގެ ހިތަށް ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާގެ ފުރަތަމަ ކިރުއިލޮށީގައި ކެހިވެރިގޮތަކަށް ޚައިރާދު ޖެއްސި ރޭވުމުގެ ކާމިޔާބީގެ އަސަރު ، އަޝްހަރުގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައި އެބައޮތްކަމުގެ ޔަޤީންކަން ފަރީދާއަށް ލިބުނެވެ.

އަޝްހަރުގޮސް އޭނާގެ ކޮޓަރިޔަށް ވަތްކަން ޔަޤީންކުރުމަށްފަހު ، މަޑުމަޑުންގޮސް ޚައިރާދު ނިދަން އޮންނަ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަދި ކޮޓަރީގެ ބޮކި ދިއްލިއެވެ. ނިދިފައި އޮތް ޚައިރާދަށް އަލީގެ އުނދަގޫވެގެން ދެލޯ ހުޅުވާލައިފާ އެނދުން ތެދުވިއެވެ. ފަރީދާ ދެލޯބޮޑުކޮށްގެން ކޮޓަރީގެ ދޮރުމަތީހުރިތަން ޚައިރާދަށް ފެނުނެވެ. ފަރީދާ ލޯއަޅައިގެންހުރެ މަޑުމަޑުންގޮސް ، ޚައިރާދުގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ބުންޏެވެ.

" ޚައިރާދު ހީކުރީ އަހަރެން ރަށުގައިނެތިސް ، ޚައިރާދުގެ މަޢުޞޫމިއްޔަތުކަން ދައްކައިގެން އަހަރެންގެ ދަރިފުޅުގެ ހިތަށް ވަސްވާސް ވެއްދޭނެކަމަށް ހެއްޔެވެ ؟ ތިއައީ އަހަރެންގެ ކިބައިން ބަދަލުހިފަން ހެއްޔެވެ ؟ " ޚައިރާދު ތެދުވެ ، ފަރީދާއާ ގާތަށް ޖެހިލިއެވެ.

" ތިންހަތަރު އަހަރުފަހުން ދަރިޔަކު ގޮވައިގެން މިގެޔަށް އައިމަ ، އަޝްހަރުގެ ހިތަށް އުނދަގޫވެގެން ހީކުރި ، އަޝްހަރު ، ޚައިރާދު ޤަބޫލުކުރާނެކަމަށް ހެއްޔެވެ ؟ ޚައިރާދުގެ ހިތަށް އެވިސްނުން އައީ ކިހިނެއް ހެއްޔެވެ ؟ އެކަން އެހެންވާން އަހަރެން ދޫކޮށްލާނެކަމަށް ހީކުރީ ހެއްޔެވެ ؟ " ފަރީދާ އިތުރަށް ބުންޏެވެ.

" ފަރީދާގެ އެ ފިރިހެންދަރިއާއި ފަރީދާގެ މިގެޔަށް ފަރީދާއަށް މަރުހަބާއެވެ. އަހަރެން އެއިން އެއްވެސް އެއްޗެއް ބޭނުމެއް ނެތެވެ. އަހަރެންނަށް މިގޭގެ ފުރާޅުގެ ދަށަށް އަންނަން މަޖުބޫރުކުރީ ، އަހަރެންގެ ދަރިފުޅުގެ ބަލިޙާލަތެވެ. އަހަރެން މިއައީ ، އަހަރެންގެ ދަރިފުޅުގެ ފަރުވާއަށެވެ. އަހަރެންގެ މި މަޖުބޫރީ ޙާލަތު ނެތްނަމަ ، އަހަރެންގެ ދަރިފުޅުގެ ވަސްވެސް ފަރީދާއާއި ފަރީދާގެ ދަރިފުޅުގެ މުޑުދާރު ނޭފަތުގައި ޖެހުނަކަ ނުދޭނަމެވެ. " ޚައިރާދު ބުންޏެވެ.

ޚައިރާދުގެ ބަސްތަކުން ފަރީދާގެ ޤަދަރަށް އަސަރު ކުރިކަހަލައެވެ. ޚައިރާދުގެ ފެންވަރު ހަނދާން ބަހައްޓައިގެން އޭނާއާ ވާހަކަ ދެއްކުމަށް ފަރީދާ ބުންޏެވެ. ފަރީދާގެ ފެންވަރުގައި ފަރީދާ ހުންނާށޭ ބުނެ ، ފަރީދާގެ ވާހަކަ ނުނިމެނިސް ޚައިރާދު ، ވާހަކަ ދައްކަން ފެށްޓިއެވެ. މިހާރު ، ފަރީދާ އެ ވާހަކަ ދައްކަނީ ކުރީގެ ޚައިރާދާ ނޫންކަން ޚައިރާދު ، ފަރީދާއަށް ހަނދާން ކޮށްދިނެވެ. ކުރީގެ ޚައިރާދަކީ ، ކެހިވެރި މަކަރުވެރި ރޭވުންތައް އަދި އަނދުން އަޅުވައިގެން ނުބައި ހިތަކުން ދެއްކި ހަމްދަރުދީ އެނގޭމީހެއް ނޫނެވެ. އެކަމަކު ، މިއަދު ފަރީދާގެ ކުރިމަތީގައި ހުރި ޚައިރާދަކީ ، ނުބައި ހިތްތަކުން ގަދަކަމުން ނެރޭ ހަމްދަރުދީ ވަކިވާމީހެއްކަމުގައި ޚައިރާދު ބުންޏެވެ. އަދި ، ފަރީދާ މިހާރު އެވާހަކަ ދައްކަނީ ހަރީމްގެ މަންމައާ ކަމުގައި ޚައިރާދު ބުންޏެވެ. ފަރީދާގެ ދަރިފުޅުގެ އަންހެނުންނަކީ ވަރަށް ނުވިސްނޭ ޟަޢީފު އަންހެން ކުއްޖެކެވެ. މަކަރާއި ޙީލަތުން އޭނާއަށް ދެވޭ އަނިޔާ ވަތްކެއް ނުވާނެއެވެ. ދޮން ނިޔަދުރެއްފަދަ އަޑިނުބައި އަންހެނަކަށްވެހުރެ ، އެފުރުޞަތުގެ ބޭނުންހިފައިގެން ، ފަރީދާ ބޭނުންހާގޮތެއް ، ފަރީދާގެ ދަރިފުޅުގެ އަންހެނުންނަށް ހެދީމުއެވެ. އެކަމަކު ، މިއަދު ކުރިމަތީގައި އެހުރީ ހަރީމުގެ މަންމަކަމަށާއި ، އަޝްހަރާއި ހަރީމާ ދެމެދަށް އައުމަށް ހިތަށްވެސް އަރުވައިނުލުމަށްބުނެ ޚައިރާދު އިންޒާރު ކުރިއެވެ.

" އަދި ، މިކުޅިވަރު ނިމުނީކީ ނޫނެވެ. ތިލިބުނު ކުޑަކުޑަ ކާމިޔާބީއަށް އެހާބޮޑަށް ފަޚުރުވެރި ނުވާށެވެ. ތިލިބުނު އުފާވެރިކަން އަތަށް ގޮއްވާލަފާނަމެވެ. ޚައިރާދުގެ ދަރިފުޅު ، އަޝްހަރު ޤަބޫލުކުރީމަ ވާނެ ފައިދާއަކީ ކޮބައިހެއްޔެވެ ؟ ޚާއިރާދުވެސް ، އަދި ޚައިރާދުގެ ތިދަރިފުޅުވެސް ފުށްޓަތްކެއް ޖަހާލާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މިގެއިން ބޭރަށް ނެރެ ، މަގުމައްޗަށް އެއްލައިލަފާނަމެވެ. " ފަރީދާގެ އަޑު ގަދަވަމުން ދިޔައެވެ.

ފަރީދާއަށް އެއީ އެހާ ބޮޑުކަމަކަށް ނުވާނެކަން ޚައިރާދަށް އެނގޭކަމަށް ބުންޏެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހިތުގައިނެތް މަކަރުވެރި އަންހެނަކަށް އެއީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަންހެނުންގެ ޙައްޤުތަކަށް ވާކާލާތުކުރާ އެންޖީއޯއެއް ހިންގާ ޙީލަތްތެރި އަންހެނަކަށް ، އެއީ ދާދި ފަސޭހަކަމެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ފަރީދާގެ ޙަޤީޤަތާއި އަޞްލު ސިފަ ނޭނގެނީ ފަރީދާގެ ދަރިފުޅަށެވެ. ފަރީދާއަކީ ކިހާވަރެއްގެ ކާކުކަން އެހެން އެންމެންނަށް އެނގެއެވެ. އެންމެ ދެރަވެގެން އެގޭގައި އުޅޭ ނޯކަރުންނަށްވެސް ފަރީދާއަކީ ކިހާ ނުބައި ނުލަފާ މީހެއްކަން އެނގޭނެކަމަށް ޚައިރާދު ބުންޏެވެ. އަމިއްލަ ދަރިފުޅުދެކެ ލޯބިނުވާ ، އަމިއްލަ ދަރިފުޅަށް މަކަރާއި ޙީލަތްހަދާ އަންހެނަކަށް ، އެހެން އިންސާނަކަށް ގެއްލުމެއް ދިނުމަކީ އެހާ އުނދަގޫކަމަކަށް ނުވާނެއެވެ.

" ފަރީދާ ދެރަނުވާށެވެ ! މިފަހަރު އަހަރެންނަށް އަނިޔާކުރަން ތި އަންހެނާއަށް އަހަރެން ފުރުޞަތެއް ނުދޭނަމެވެ. އަހަރެންގެ ދަރިފުޅުގެ ސާޖަރީ ނިމި އެކުއްޖާފުޅުގެ ޞިއްޙަތު ރަނގަޅުވުމުން ، އަހަރެން އަމިއްލަޔަށް މިގެއިން ނުކުމެގެން ދާނަމެވެ. އަހަރެންދެކެ ބިރު ނުގަންނާށެވެ ! ފަރީދާގެ ދަރިފުޅުގާތު ، އަހަރެން އެއްވެސް ވާހަކައެއް ނުބުނާނަމެވެ. މީގެ ހަތަރުއަހަރުކުރިން އެހިނގައިދިޔަ އެއްވެސްކަމެއްގެ ވާހަކަ ، އަހަރެންނެއް ނުބުނާނަމެވެ. ފަރީދާގެ ދަރިފުޅަކީ އަހަރެން އަނގައިންބުނެ ވާހަކަ ދައްކަންވެސް ޤާބިލް މީހެއްކަމަކަށް އަހަރެންނެއް ނުދެކެވެ. ފަރީދާގެ ދަރިފުޅަކީ ސިކުނޑި ހަމަނުޖެހޭ ފިރިހެނެކެވެ. އެއީ އަހަރެންގެ ހިތުގެ ކަނަކުންވެސް ޖާގައެއް ލިބޭނެ އިންސާނެއްނޫނެވެ. " ޚައިރާދު ، ސާބިތުކަމާއެކު އޭނާގެ ހިތުގައިވާ ގޮތް ފަރީދާއަށް ސާފުކޮށްދިނެވެ.

ފަރީދާއަށް އިތުރަށް ބަހެއްބުނުމަށް ފުރުޞަތެއްނުދީ ، ޚައިރާދު ދެއްކި ވާހަކަތައް އެހިސާބުން ނިންމައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ފަރީދާގެ ހިތަކަށް ނައެވެ. ޚައިރާދާ ދިމާއަށް ދެލޯއަޅައިގެންހުރެ ، މަޑުމަޑުން ދޮރާ ދިމާއަށް އެނބުރި އެކޮޓަރިން ނުކުތެވެ.

ހެނދުނު ތެދުވެ ، ސިޓިންގރޫމުގައި ކުޅެން ހަރީމް އިންދާ ފަރީދާ އެތަނަށް އާދެއެވެ. ފަރީދާ އައިސް އެތާ އިށީންކަމެއް ހަރީމަކަށް ނޭނގެއެވެ. ހަރީމް އޭނާ ކުޅެންގެންގުޅޭ ބުދާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެބުދަށް ބޮޑު ގެޔެއް ހޯދައިދީ ، ކުޅެން އެތައް އެއްޗެއް ހޯދައިދޭނެކަމަށް ހަރީމް ބުންޏެވެ.

އެހާ ބޮޑު ގެޔެއް ހޯދަން ވަރަށްގިނަ ފައިސާ ބޭނުންވާނެކަމަށާއި ހަރީމްއަތުގައި ފައިސާ އެބަހުރިތޯ ފަރީދާ ، އެއްވެސް ޖެހިލުމެއްނެތި ހަރީމާ ސުއާލު ކުރިއެވެ. ފައިސާ ނެތްކަމަށްވަންޏާ ، އެމީހެއްގެ ފެންވަރުން އެއްޗެތި ހޯދަންޖެހޭކަމަށް ފަރީދާ ބުންޏެވެ. ދަރިފުޅުގެ މަންމަގާތު އެވާހަކަ އަހާލަބަލާށެވެ. އޭރަށް ، މަންމަ އެވާހަކަ ދަރިފުޅަށް ސާފުކޮށްދޭނެކަމަށް ފަރީދާ ބުންޏެވެ.

ފަރީދާގެ ވާހަކަ އެހިސާބަށް ދިޔަތަނާ އެތަނަށް ޚައިރާދަށް އާދެވެއެވެ. ގޮނޑީގައި އިށީނދެލުމަށްފަހު ، ދެމާމައިން ކޮންވާހަކައެއްތޯ ދައްކަނީ ، ހަރީމްކުރެން އެހިއެވެ. ހަރީމް ޚައިރާދުގާތަށްގޮސް އޭނާގެ ބުދަށް ގެޔެއް ބޭނުންވާވަހަކަ ބުންޏެވެ.

" އެހެން ހެއްޔެވެ ؟ އެހެންކަމަށް ވަންޏާ އަހަރެމެން ، ހަރީމްގެ ބުދަށް ގެޔެއް ހޯދައިދޭނީއެވެ. ދަރިފުޅުގާތު މަންމަ ، ވާހަކައެއް ބުނަން ހެއްޔެވެ ؟ މިގެޔަކީ އޭނާގެ ގެއެވެ. އެހެންވީމާ މިއީ ހަރީމްގެވެސް ގެޔެވެ. މިގޭގައި ހަރީމަށްވެސް އަދި ހަރީމްގެ ބުދަށްވެސް އުފަލާއެކު ދިރިއުޅެވޭނެއެވެ. ހަރީމަކަށް ޚައިރާދު ބުނިވާހަކަ ދޭހައެއް ނުވިއެވެ. އެހެނީ ، ޚައިރާދު އެބުނި ވާހަކައެއް އެބުނީ ފަރީދާއަށް އަމާޒުކޮށްފައެވެ. އޭނާގެ ބުދަށް ގެޔެއް ހޯދަން ބޭނުންވާކަމުގައި އަނެއްކާވެސް ހަރީމް ބުންޏެވެ. އެހެންކަމަށް ވަންޏާ ،  އެ ބުދަށް ގެޔެއް ހޯދާނީކަމަށް ޚައިރާދު ބުންޏެވެ.

ފަރީދާއަށް އެތަނުގައި ނީދެވިގެން އެންމެފަހުން ބަދިގެފަރާތަށް ޖެހިލިއެވެ. ބަދިގެޔަށް ދިޔައިރު ، ކައްކާ މީހާ އެތައްބައިވަރު ކާ އެއްޗެއް ތައްޔާރުކޮށް ތަށިތަކަށް އަޅަމުން ގެންދެއެވެ. އެއީ ، ކީއްކުރަން އެހާގިނައިންހަދާ ކާއެއްޗެތިތަކެއްތޯ ފަރީދާ ސުއާލުކުރިއެވެ. ހަރީމް ބޭނުންވެދާނެކަމަށް ، އޭނާ ބޭނުންވާނެ ހުރިހާ އެއްޗެއް ތައްޔާރުކޮށްފައި ބަހައްޓަން އަޝްހަރު ބުނީމަ ހަދާ ކާތަކެތިކަމަށް ނޯކަރު ބުންޏެވެ. ފަރީދާ ވަގުތުން ނެއްޓިއެވެ. އަދި ، މިކުއްޖާ ( ހަރީމް ) މިގެ ބަނގުރޫޓު ކޮށްލާނޭ ބުނެ ހަޅޭއްލަވައިގަތެވެ. އެހުރިހާ އެއްޗެއް ހަދާފަ މެންދުރުކާން ހަދަން އޮންނާނީ ކޮންވަގުތެއްތޯ ފަރީދާ ސުއާލު ކުރިއެވެ.

ޚައިރާދުމެން ސިޓިންރޫމުގައި ތިބިއިރު ، ފަރީދާގެ ހަޅޭކުގެ އަޑު އެތަނަށް ރީތިކޮށް އިވެއެވެ. މާމަ ހަޅޭއްލަވަނީ ކީއްވެތޯ ހަރީމް ސުއާލު ކުރިއެވެ. އެއީ ކައްކާމީހާއަށް ގޯސްކޮށް ކަމެއް ކުރެވިގެން މާމަ ރުޅިއައީ ކަމުގައި ޚައިރާދު ޖަވާބުދިނެވެ. އަނެއްކާވެސް ހަރީމް އިތުރު ސުއާލެއް ކުރިއެވެ. މާމަ އެއީ ރަނގަޅުމީހެއްތޯ ޚައިރާދު ކުރެން އެހިއެވެ. އެސުއާލަށް ޚައިރާދު ޖަވާބުދިނީ އާނއެކޭ ބުނެއެވެ. ބުދުތައް ބަހައްޓާފަ ކޮޓަރިޔަށް ކާން އަންނާށޭ ބުނެ ޚައިރާދު ކޮޓަރިޔާ ދިމާއަށް  ހިނގައިގަތެވެ.

ޚައިރާދު ކޮޓަރިޔަށްދިޔަ މަގުމަތީގައި ، ފަރީދާ ބަދިގެއިން ނުކުމެގެން އަންނަނިކޮށް ދިމާވިއެވެ.

" އަހަރެންގެ ދަރިފުޅުގެ ޙާޟިރުގައި ތިޔަ ހުތުރުދުލުން ބޭރުކުރާ ބަސްތަކާއި ނިޔަތާމެދު ސަމާލުވައްޗެވެ. ފަހަރެއްގައި އަހަރެންވެސް ، އަޝްހަރުގާތު އެއްވެސް ވާހަކައެއް ނުބުނުމަށް ވެފައިވާ ވަޢުދު ބަދަލުކުރަން ޖެހިދާނެއެވެ. ފަރީދާގެ ދަރިފުޅުގެ ކުރިމަތީ އަމިއްލަޔަށް ބޭޒާރުވެ ، ފަޟީޙަތްވާކަށް ބޭނުމެއް ނުވާނެ ދޯއެވެ ؟ ތިހަރުފައެއްފަދަ ވިހަ އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ ވިހަ ބޭރުނުކޮށް ހިފަހައްޓައިލާށެވެ ! އެހެންނޫނީ ، މީހަކަށް މޫނުދައްކައިލާނެ ފަދަ ހިތްވަރެއް ތިއިންސާނާގައި ނުހުރެދާނެއެވެ. " ޚައިރާދުގެ ބަސްތަކުން ފަރީދާ ހުއްޓުން އެރިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓެވެ. ޚައިރާދު ބުންނަވީ އެއްޗެއް ބުނުމަށްފަހު ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. މިހާރު ޚައިރާދު އެބަ ރަނގަޅުވޭ
    ވަރަށް ރީތި އަސަރުގަދަ ވާހަކައެއް، ޚާއްޞަ ކޮށް އަލަށްކައިވެނިކުރާ. ޒުވާން އަންހެންކުދިންނާއި،
    ފިރިހެން ކުދިންނަށް ޢިބުރަތްތެރިވާހަކައެއް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.