ދަންމަރު: ﷲ ގެ މަދަދުު

ދަރިއަކު ނުލިބިގެން އެކި ޑަކްޓަރުންނަށް ދައްކަމުން ގޮސް ދެމަފިރިއަކު މާލޭގައި ހުންނަ އޭއެމްޑީސީ ކްލިނިކަށް ހިނގައްޖެއެވެ. އެއީ އެ ކްލިނިކުގައި އެ ދުވަސްވަރު ވަރަށް ރަނގަޅު ގައިނަކޮލޮޖިސްޓަކު (އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑަކްޓަރަކު) ހުރި ދުވަސްވަރެކެވެ.

އޭނާޔާ ބައްދަލުކޮށް ވާހަކަ ދައްކައިލީމާ މޭޒުގެ ވަތްގަނޑުން ބޮޑު ފޮތެއް ނަގައިފިއެވެ. އެއީ ދަރިމައިވުމުގެ ވާހަކަތައް ލިޔެފައި ހުރި ބޮޑު ފޮތެކެވެ. ދަރިން ނުލިބޭ މީހުން ކަންތައްތައް ކުރަން ޖެހޭ ގޮތާއި ދަރިމައިވާ ގޮތް ވަރަށް ސާފުކޮށް އޮޅުން ފިލާނޭހެން އެ ފޮތުގައި ލިޔެފައި ހުއްޓެވެ. އަދި ބައެއް ފޮޓޯ އާއި ކުރެހުންވެސް ހުއްޓެވެ.

އޭނާ ފޮތް ހުޅުވާ ލުމަށް ފަހު އެ ދެމަފިރިންނަށް ދަރިމައިވާ ގޮތް ކިޔައިދޭން ފެށިއެވެ. އޭނާ ބުނި ގޮތުގައި މަސް ދުވަހުގެ ތެރޭގައި ދަރިމައިވާން ލިބެނީ އަށެއްކަ ގަޑި އިރުގެ ފުރުޞަތެވެ. ވާހަކަ ނިންމައިލަމުން ޑަކްޓަރު ބުންޏެވެ.

"އަހަރެން މި ބުނި މަގުން މަސައްކަތް ކުރާ ނަމަ ދަރިން ލިބުމުގެ ފުރުޞަތު ފަންސާސް އިންސައްތައަށް ލިބުނީއެވެ. އަނެއް ފަންސާސް އިންސައްތަ ލިބޭނީ ދުޢާ ކޮށްގެންނެވެ. އެއީ ކަލާނގެ ދެއްވާ ބައެވެ."

މިއީ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ބެލިކަމުގައި ވިޔަސް ޙަޤީޤަތް އޮތް ގޮތެވެ. އިންސާނާ އަށް ކުރެވޭހައިވެސް ކަމަކީ ތަދުބީރު ކުރުމެވެ. އެއްވެސް ކަމެއް ވަކި ގޮތަކަށް ކަނޑައަޅައި ނިންމުމުގެ ބާރެއް އޭނާއަކަށް ނޯވެއެވެ. ރާވާ ރޭވުންތައް ބޭނުންވާ ގޮތަށް ތަންފީޒު ކުރެވުނީމާ އެއީ ތިމަންގެ ބާރުގައި ކުރެވުނު ކަމެކޭ ބައެއް މީހުންގެ ހިތަށް އަރައެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އިންސާނާއަށް ދެއްވާފައި އޮންނަނީ ފަންސާސް އިއްސައްތަ ނުވަތަ އެއަށްވުރެވެސް ކުޑަ ބައެކެވެ. އަނެއް ބައި ހިންގަވަނީ ﷲ އެވެ.

އިންސާނުން ދުނިޔެއަށް ފޮނުއްވާފައި ﷲ އަންގަވަނީ އެ ކަލާނގެއަށް އަޅުކަން ކުރާށެވެ. އަދި ދިރިއުޅުން ތަނަވަސް ކުރުމަށްޓަކައި މަސައްކަތް ކުރާށެވެ. ބައެއް މީހުން ދެކޭ ގޮތުގައި ﷲ އަށް ކުރިމަތިލާންވާ ވަގުތަކީ އަޅުކަން ކުރުމުގެ ވަގުތެވެ. ދެން އޮތް ކަންތައް، އާދެ، ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުގައި ﷲ އަށް ކުރިމަތިލުމުގެ ބޭނުމެއް ނެތެވެ. އެއީ އިންސާނާގެ އަމިއްލަ ކަމެކެވެ.

އެހެން ނަމަވެސް އިންސާނާ ﷲ އަށް ކުރިމަތިލާން ނުޖެހޭ އެއްވެސް ކަމެއް ނެތެވެ. އޭނާ ހައްދަވައިފައިވާ ގޮތަށް ވިސްނައިލާ އިރުވެސް މިއީ ތެދެއްކަން އެނގެއެވެ. އޭނާ އަށް ޖެހޭ ބަލި ބައްޔާއި މުޞީބާތްތަކުން އަރައި ގަނެވޭ ގޮތް ނުވުމުން ކުރިމަތިލާން އޮތް ފަރާތަކީ ހަމައެކަނި ﷲ އެވެ. ހުރިހައި ކަމަކަށް ކުޅަދުން ވަންތަ ފަރާތަކީ ހަމައެކަނި އެއީއެވެ. ވުމާއެކު އެހެން އެއްވެސް ފަރާތެއްގެ މަދަދަކަށް އެދުމުގެ ބޭނުމެއް ނެތެވެ. ބާރު ގަދަ ފަރާތެއްގެ އެހީ ލިބޭނޭ މަގު ތަނަވަސް ވެފައި އޮވެމެ، އެހެން ފަރާތް ފަރާތުން އެހީއަށް އެދޭނީ މޮޔައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.