ދަންމަރު: ފައިޞަލާގެ ދުވަސް

އިންޑިއަން އެކްސްޕްރެސްގެ 9 ސެޕްޓެމްބަރ 1983 ގެ ނޫހުގައ އޮތް ޚަބަރެއްގެ ސުރުޚީ އަކަށް އޮތެވެ. "ވިދާހައި އެއްޗަކީ ރަނެއްނޫނެވެ."

ޚަބަރުގައި އޮތީ މިސް ސިބިލްޑިސިލްވާ ނަމަކަށް ކިޔާ އަންހެނަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. ސިބިލް ދިރިއުޅެނީ ބެންގަލޯރުގެ އާރޓިލަރީ ރޯޑްގައި ހުންނަ ގެއެއްގައެވެ. އެއްދުވަހަކު އޭނާ ގޭގައި އިންދާ ޢުމުރުން 45 އަހަރު ވަރުގެ އަންހެނަކު އޭނާޔާ ބައްދަލު ކުރަން އަތުވެއްޖެއެވެ. އޭނާ އައީ ހަމަހަށްދާ ތުއްތުކުއްޖަކުވެސް ގޮވައިގެންނެވެ. އެ އަންހެންމީހާ ބުނިގޮތުގައި އޭނާގެ ފިރިމީހާ އުޅެނީ ވަރަށް ބޮޑަށް ބަލިވެއެވެ. ބޭހަށް ފަސްހާސް ރުފިޔާ ޚަރަދުވެއެވެ. އަންހެންމީހާ ޖީބުން ރަންހާރެއް ނަގާ ދައްކާފައި ބުންޏެވެ. "އަޅުގަނޑު މިއައީ ސަލާން ޖަހާ ކަށް ނޫނެވެ. މިއައީ މިހާރު ވިއްކާށެވެ. މިއީ އަޅުގަނޑަށް ވަރަށް ޢަޒީޒު އެއްޗެކެވެ. އެހެންނަމަވެސް ފިރިމީހާ ފުރިހަމަ ޞިއްޙަތެއްގައި ހުރުން މާ މުހިންމެވެ. މިއީ ދިހަހާހަށްވުރެވެސް އަގުބޮޑު ހާރެކެވެ. އެހެންނަމަވެސް މި ވަގުތު ކޮންމެހެން ފައިސާ ހޯދަންޖެހިފައި އޮތީމާ ފަސްހާހަށް ވިއްކާލަނީއެވެ."

ސިބިލް އެ ހާރު ގަންނާކަށް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް އެ އަންހެންމީހާ ދުލެއް ނުކުރިއެވެ. އެންމެ ފަހުން ސިބިލްއަށް ޖެހުނީ ހާރު ގަންނާށެވެ.

އަނެއް ދުވަހު ސިބިލް އެ ހާރު ހިފައިގެން ގޮސް ބެންގަލޯރުގެ ކޮމާރޝަލް ސްޓްރީޓްގައި ހުންނަ ރަން ފިހާރައަކަށް ދައްކައިފިއެވެ. ފިހާރައިގައި ހުރި މީހާ އޭނާ ބަލަން އޮންނަ ހުރިހާ ގޮތަށް ބަލާފައި ހާރުގެ ޙަޤީޤަތް ހާމަކޮށްފިއެވެ. މި ޙާދިޘާ ފުލުހުންނަށް ކިޔައިދެމުން ސިބިލް ބުންޏެވެ. "އެމީހާ ބުނީ އެއީ ރަންވަންލޯ ހާރެއް ކަމަށެވެ."

މިއީ އާޚިރަތުގެ ކަންތައް އޮންނާނޭ ގޮތެވެ. މި ދުނިޔޭގައި އެންމެންވެސް މި އުޅެނީ އެމީހެއްގެ އަމިއްލަ ކަންތައްތަކާއިގެން އަވަދި ނެތިއެވެ. ކޮންމެ މީހަކުވެސް ދެކެނީ އެމީހެއްގެ ޢަމަލުތަކަކީ "ރަން" ކަމުގައެވެ. އެހެންނަމަވެސް ރަން ރަނަށްވާނީ އެކަމާބެހޭ މާހިރަކު ބަލައި ޓެސްޓްކޮށް ރަނޭ ބުނީމައެވެ. އާޚިރަތްދުވަހުން ﷲ ހުރިހާ އެންމެންގެ ޢަމަލުތައް ބައްލަވާނެއެވެ. ބެއްލެވުމަށްފަހު "ރަން" ކަމަށް ސާބިތުވާ ޢަމަލެއްނޫނީ ރަނަކަށް ނުވާނެއެވެ. ސާބިތުނުވާ ޢަމަލުތައްވާނީ ލޮޔަށެވެ. ނުވަތަ ދަގަނޑަށެވެ. އެ ޢަމަލުތަކުގެ ސަބަބުން ލިބޭނީ ހައްތަހާވެސް ގެއްލުމެވެ. މިއަދު މާ އަގުބޮޑު ތަކެތި ކަމުގައި ދެކިގެން އިންސާނާ ބަގުޑި ބައްދައިގެން އުޅޭ ތަކެތީގެ އެއްވެސް އަގެއް އެ ދުވަހަކުން ނޯންނާނެއެވެ. އަދި އެތަކެތި ދޫކުރެވޭކަށްވެސް ނޯންނާނެއެވެ. އޭގެ ޒަރީޢާއިން ޢަޒާބު ލިބޭނެއެވެ. ދުއްތުރާލައި، އުނދަގޫ ފިޔަވައި އެހެން އެއްވެސް ކަމެއް އެ ތަކެތީގެ ފުށަކުން ނުލިބޭނެއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.