ދަންމަރު: އެކަތައިގެ ކަނޑިއާއި ޙިކުމަތުގެ ކަނޑިި

ހަނގުރާމައެއްގައި ޙިކްމަތްތެރި ބޭކަލަކު ކާފަރަކާ ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. މާ ގިނަ އިރުތަކެއް ނުވެ ކާފަރު ކަލޭގެ ބަލިވެއްޖެއެވެ. އެކަލޭގެފާނު އޭނާ ޤަތުލު ކުރައްވަން ގަސްތު ކުރެއްވި ވަގުތު އެ ކަލޭގެ އެ ޙިކްމަތްތެރި ބޭކަލެއްގެ މޫނުފުޅަށް ކުޅު ޖަހައިފިއެވެ. އެ ވަގުތު އެކަލޭގެފާނު ކަނޑިކޮޅު ތިރިކުރައްވައިފައި ވިދާޅުވިއެވެ.

"ދާށެވެ. ކަލެއަށް މަޢާފް ކޮށްފީމެވެ."

އޭނާ ޙައިރާން ވެފައި ދެންނެވިއެވެ. "މިއީ މަޢާފް ކުރައްވާ ކަހަލަ ދަނޑިވަޅެއް ނޫނެވެ. މިއީ ހަނގުރާމައިގެ ވަގުތެވެ. ކަލޭގެފާނު އަޅުގަނޑު ތިޔަ ދޫކޮށްލައްވަނީ ކީއްވެގެންތޯއެވެ؟"

އެކަލޭގެފާނު ވިދާޅުވިއެވެ. "އަހަރެން ކަލެޔާ ހަނގުރާމަ ކުރީ ﷲ އަށް ޓަކައެވެ. ކަލޭ އަހަރެންގެ މޫނަށް ކުޅު ޖެހީމާ އަހަރެންގެ ހިތުގައި ކަލޭގެ މައްޗަށް ރުޅިވެރިކަން އުފެދިއްޖެއެވެ. އަދި ޒާތީ ބަދަލު ހިފުމުގެ ޝުޢޫރު ހިތަށް ވަދެއްޖެއެވެ. މިހާރު އަހަރެން ކަލެޔާ ހަނގުރާމަ ކޮށްފި ނަމަ އެ ހަނގުރާމައިގެ އެއް މަޤްޞަދަކަށް އޮންނަނީ ޒާތީ ބަދަލު ހިފުމެވެ. އެއީ އަހަރެން ރުހޭ ގޮތެއް ނޫނެވެ. އަހަރެންގެ އަމިއްލަ ނަފްސާއި އަހަރެންގެ ކަނޑި ވަގުފު ކޮށްފައި މި ވަނީ ހަމައެކަނި ﷲ ތަޢާލާ އަށެވެ. އަހަރެން ކަލޭ ދޫކޮށްލީ އެހެން ވެގެންނެވެ."

އެ ކާފަރު ކަލޭގެއަށް ﷲ ގެ އަޅުވެރިޔާގެ މި ބަސްފުޅު އިވިފައި ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތަށް ﷲ އީމާން ކަމުގެ ނޫރު ވައްދަވައިފިއެވެ. އޭނާ އެ ޙިކްމަތްތެރި ބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމް ވެއްޖެއެވެ.

މިއީ އެކަތައިގެ ކަނޑިއާއި ޙިކުމަތުގެ ނުވަތަ އީމާންކަމުގެ ކަނޑީގެ ތަފާތެވެ. އެކަތައިގެ ކަނޑިން ކުރެވޭ ކަމަކީ މީހުން މެރުމެވެ. ޤަތުލު ކުރުމެވެ. އެ ކަނޑިން ކޮށައި ކުދި ކުރެވޭނީ އިންސާނާގެ ހަށިގަނޑެވެ.

މިޔާ ޚިލާފަށް ޙިކުމަތުގެ ކަނޑިން ނުވަތަ އީމާންކަމުގެ ކަނޑިން ކޮށައި ކުދި ކުރެވެނީ އިންސާނާގެ ހިތުގައި އޮންނަ ޝައިޠާނާއެވެ. ޝައިޠާނީ ސިފަތަކެވެ. އޭނާގެ ބޮލަށް ސަވާރުވެފައި އޮންނަ ބޮޑާކަމުގެ ރޫޙެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟

އެކަތައިގެ ކަނޑިން އިންސާނާގެ ވަސް މި ދުނިޔެއިން ފިލުވައިލެވެނީއެވެ. ޙިކުމަތުގެ ނުވަތަ އީމާންކަމުގެ ކަނޑިން އިންސާނާގެ ކުފުރުގެ ވަސް ފިލުވައިލަނީއެވެ. އޭނާ ﷲ ގެ މަގަށް އަނބުރައިލަނީއެވެ.

މިއީ ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދާން ބޭނުން ކޮންމެ މީހަކު ވިސްނައި ފިކުރު ކޮށްލާން ޖެހޭ ކަމެކެވެ. ބޭނުން ވަނީ މީހާގެ ދުވަސް ދުއްވާލަން ހެއްޔެވެ؟ ނުވަތަ އޭނާގެ ނުބައި ފިކުރުގެ ދުވަސް ދުއްވާލަން ހެއްޔެވެ؟ މީހާގެ ދުވަސް ދުއްވާލަން ބޭނުން ނަމަ އެކަތައިގެ ކަނޑީގައި ހިފާށެވެ. އޭނާގެ ނުބައި ފިކުރުގެ ދުވަސް ދުއްވާލަން ބޭނުން ނަމަ ޙިކުމަތުގެ ކަނޑީގައި ހިފާށެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.