ދަންމަރު: ނުބައި ފިޔަވަޅެއް އަޅަން ކެރުން

އަޙްމަދާއި އިޤްބާލާ ދެ ރަޙްމަތްތެރިން ދިރިއުޅެނީ އެއް ރަށެއްގައެވެ. އަޙްމަދަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި މީހެކެވެ. އިޤްބާލަށް ކިޔެވިފައި ވަނީ އަށް ވަނަ ކުލާހާ ހަމަ އަށެވެ. އެއް ދުވަހަކު ކޮންމެވެސް ކަމެއްގައި އިޤްބާލަށް ކޮންމެވެސް އޮފީހަކަށް ދާން ޖެހިއްޖެއެވެ. އޭނާޔާ އެކު އަޙްމަދު ވެސް އެ އޮފީހަށް ދިޔައެވެ. އެ އޮފީހަށް ދިޔަ މުޢާމަލާ ނިމިގެން ނުކުމެގެން އަންނަމުން އަޙްމަދު އިޤްބާލާ ދިމާއަށް ބުންޏެވެ. "ކަލޭ އިނގިރޭސި ބަހުން ވާހަކަ ދެއްކީ ހާދަހާ ހުތުރުކޮށެވެ. ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭގެންޏާ ވާހަކަ ދައްކާށޭ ކިޔާފައި އަނގަ ހުޅުވައިލާކަށް އަހަރެންނަކަށް ނުކެރުނީހެވެ." މިހައި ސީދާ ގޮތަކަށް އޭނާގެ ދެރަ ވާހަކަ ދެއްކީމާވެސް އިޤްބާލް ގެ ގާތަކަށް ރުޅިއެއް ނައެވެ. ވަރަށް ބޮޑު އިތުބާރަކާ އެކު އޭނާ ބުނެލިއެވެ. "ނުބައިކޮށް ވާހަކަ ދައްކާށެވެ. ރަނގަޅަށް ވާހަކަ ދައްކަން ދަސްވާނީ އޭރުންނެވެ." މިހެން ބުނެފައި ވާހަކަ ކުރިއަށް ގެންދަމުން އޭނާ ބުންޏެވެ. "ކަލެއަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި މީހެކެވެ. އަހަރެންގެ އަތަކު ޑިގްރީއެއް ނެތެވެ. އެކަމަކު އަހަރެން ވަރަށް އަވަހަށް ރީތިކޮށް، ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކާތަން ކަލެއަށް ފެންނާނެ އެވެ. އެކަމަކު ކަލެއަކަށް އެ ކަމެއް ނުކުރެވޭނެއެވެ."

އެއީ ވިހި އަހަރު ކުރިއެވެ. މިހާރު އިޤްބާލްގެ ވާހަކަ ވަނީ ތެދަކަށް ވެފައެވެ. އަޙްމަދު މިހާރުވެސް ހުރީ ވިހި އަހަރު ކުރީން އޭނާ ހުރި ފެންވަރުގައެވެ. އެހެން ނަމަވެސް އިޤްބާލް ވަނީ މީހަކު ޙައިރާން ވާހައި ބޮޑަށް ކުރިއަށް ގޮސްފައެވެ. މިހާރު އޭނާ އިނގިރޭސި ބަހުން ވަރަށް ރަނގަޅަށް ވާހަކަ ދައްކައެވެ. އޭނާގެ ވާހަކަ އަކުން ޤަވާޢިދުގެ ކުށެއް ނުވަތަ އެ ނޫނަސް ކުށެއް ދެއްކުމަކީ އެކަކަށް ވެސް ކުރެވޭނޭ ކަމެއް ނޫނެވެ.

އޭނާގެ ޖެހިލުން ކުޑަ ކަމާއި ކެރުން ވެގެން ދިޔައީ އޭނާގެ ކުރިއެރުމުގެ މައިގަނޑު ސަބަބު ކަމުގައެވެ. ވިހި އަހަރު ކުރިން އޭނާ ހިންގީ ވަރަށް ކުޑަ ކުޑަ ފިހާރަ އެކެވެ. މިހާރު އޭނާ އަކީ ވަރަށް ބޮޑު ކާރުޚާނާއެއްގެ ވެރި އެކެވެ.

"ނުބައިކޮށް ވާހަކަ ދައްކާށެވެ. ރަނގަޅަށް ވާހަކަ ދައްކަން ދަސްވާނީ އޭރުންނެވެ." މި މޮޓޯ ވެގެން ދިޔައީ އިޤްބާލުގެ ދިރިއުޅުމަށް ކާމިޔާބީ ތަކެއް ގެނެސް ދިން މޮޓޯ އަކަށެވެ. އާދެ، އޭނާގެ ކާމިޔާބީގެ ތަޅުދަނޑި އަކީ އެއީއެވެ. އިޤްބާލް އޭނާގެ ދިރިއުޅުން ފެއްތި މޮޓޯ އަކީ ހަމައެކަނި ވާހަކަ ދައްކާ ބަހުރުވައަށް ފެތޭ މޮޓޯ އެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ދިރިއުޅުމުގެ ހުރިހައި ކަމަކަށް ވެސް ފެތޭ މޮޓޯ އެކެވެ. މިއަދުގެ ދުނިޔެއަށް ބަލާ އިރު ކާމިޔާބީ ހޯދާފައިވާ މީސް މީހުންނަކީ ޖެހިލުން ކުޑަ ހިތްވަރު ގަދަ މީހުންނެވެ. ބިރެއް ނެތި ކުރިއަށް ދާ މީހުންނެވެ. އަދި ކެރިގެން ނުރައްކަލާ ކުރިމަތިލާ މީހުންނެވެ. މި ދުނިޔޭގައި ކުރިއަށް ގޮސް ކާމިޔާބީގެ މަންޒިލަށް ވާސިލުވާ މީހުންނަކީ ނުބައި ކޮށް ކަމެއް ކުރެވިދާނެތީ ޖެހިލުން ނުވާ މީހުންނެވެ. ތިމާގެ ޙަޔާތަކީ އަގެއް ހުރި ޙަޔާތަކަށް ހެދޭނީ އެ ކަހަލަ މީހުންނަށެވެ. ނުބައިކޮށް ކަމެއް ކުރެވިދާނެތީ ޖެހިލުންވާ މީހުން އަބަދުވެސް ތިބޭނީ ދިރިއުޅުމުގެ ރޭހުގައި އެންމެ ފަހަތުގައެވެ. އެ ފަދަ މީސް މީހުންގެ މަންޒިލް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ދުރު ވަމުންނެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.