އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުންފުނިތަކުގެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައް ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި މި އިންތިހާބު އިންސާފުވެރި ކަމާއެކު ކުރިއަށްދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އިންތިހާބުގައި ވޯޓު ހޯދުމަށް ޒުވާނުންނަށް ގާނޫނާއި ގަވައިދާ ޚިލާފު ތަކެތި ދެމުންދާ ކަމަށާއި އެމްޑީޕީ އަޣުލަބިއްޔަތު އޮންނަ ކައުންސިލްތަކާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން އިންތިހާބާ ދިމާކޮށް މާފުށިން ގޯތި ދޫކުރަން ނިންމުމާއި ގުޅީ ބިން ހިއްކުން ފަދަ މަޝްރޫއުތަކަކީ ސަރުކާރުން ކުރަމުންދާ 'ދޯހަޅި' ކަންތައްތަކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްއެންޕީ އިން ވާދަކުރެއެވެ. މި ގޮތުން
އެމްޑީޕީގެ ފަރާތުން އިންތިހާބުގައި އިބްރާހީމް ޝާޒު ވާދަކުރާ އިރު، ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ދަނިކޮށް މި ދިޔަ ފެބްރުއަރީ މަހު ނިޔާވި އިބްރާހީމް ރިޒާގެ ކޮއްކޯ ހުސައިން ރިޒާއަށެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަލީ އާރިޕެވެ.