މި އަންނަ ރިޔާސީ އިންތިޚާބަކީ ޤައުމަށް ބަދަލުގެންނަ އިންތިޚާބަށް ހައްދަވާ: ނާޒިމް

މި އަންނަ ރިޔާސީ އިންތިޚާބުގައި ދެއްވާ ވޯޓުން ވެރިކަން ބަދަލުކޮށް، ދިވެހި ޤައުމަށް އިންޤިލާބީ ހެޔޮ ބަދަލެއް ގެންނަ އިންތިޚާބަކަށް ހެދުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ރައީސް މުޙައްމަދު ނާޒިމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ނާޒިމް މިކަމަށް ގޮވާލެއްވީ އެމް.އެން.ޕީ 10 މެއި 2023 ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ އުދާސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މި އަހަރަކީ، ދިވެހި ޤައުމު ބަދަލުކޮށްލަންޖެހޭ އަހަރުކަމަށެވެ. އަދި އެ ބަދަލު ގެނައުމަށްޓަކައި، އެމް.އެން.ޕީ އާއެކު ސާބިތުވެ ތިއްބަވައި، ސެޕްޓެމްބަރ 9 ވަނަ ދުވަހު ރައްޔިތު އެންމެން ނިކުމެ ބަދަލަކަށް އެމް.އެން.ޕީ އަށް ވޯޓު ދެއްވުމަށް ގޮވާލެއްވިއެވެ. އަދި މި ފަދަ ބަދަލެއް ވެގެންދާނީ އިންޤިލާބީ ބަދަލަކަށް ކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އެމް.އެން.ޕީ އިން ގެންނާނެ މައިގަނޑު އިންޤިލާބީ ބަދަލަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމުގައެވެ. ރާއްޖޭގެ އިޤްތިޞާދީ ނަފާ މިއަދު ނަގަމުން ދަނީ ފަސްހައެއްކަ މީހުން ކަމަށާއި ގިނަ ރައްޔިތުން އުޅެމުން ދަނީ ވަރަށް ޙާލުގައި ކަމުގައެވެ. މިސާލެއްގެ ގޮތުން ނާޒިމް ވިދާޅުވީ ބޭސްފަރުވާގެ ކަންތަކުގައިވެސް އާސަންދަ އަށް ސިޓީއެއް، އެންސްޕާއަށް ސިޓިއެއް އަދިވެސް ކޮންމެވެސް އެހެން ދިމާއަކަށް ސިޓީއެއް ލާންޖެހޭ ކަމުގައެވެ.

އެހެންކަމުން ބޭސްފަރުވާއަށް ސަލާންޖަހައި އާދޭސްކުރުމުގެ ސަގާފަތް އަދިވެސް ނުނިމޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެމް.އެން.ޕީ އިން ތަޢާރަފްކުރާ ސޯޝަލް ސެކިއުރިޓީ ކާޑުން، ނުވަތަ ހެލްތު އިންޝޫރަންސް ކާޑުން މި މައްސަލައަށް ޙައްލު ގެނެސްދޭނެ ކަމުގައެވެ.

ނާޒިމްގެ މިރޭގެ ވާހަކައިގައި ވެސް އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން މިފަދަ ވަރަށް ގިނަ މުހިއްމު ބޮޑެތި ވަޢުދުތައް ތަކުރާރު ކުރެއްވިއެވެ. އަދި އެ ވަޢުދުތަކާމެދު ޝައްކު އުފައްދައި ވާހަކަ ދައްކަވާ ބޭފުޅުންނަށް ރައްދު ދެއްވައި އެ ވަޢުދުތައް ފުއްދާނެގޮތުގެ ބައެއް ތަފްޞީލު ހާމަކޮށްދެއްވިއެވެ.

ނާޒިމް ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނަށްޓަކައި ރިޔާސީ ރޭހުގައި ސާބިތުވެ ކަމަށާއި، 9 ސެޕްޓެމްބަރުގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމުގައެވެ.

އެމް.އެން.ޕީގެ ކެމްޕޭން ލޯންޗު ކުރުމާއި، މެނިފެސްޓޯ ހާމަކުރުމަށް މި މަހުގެ ތެރޭގައި ޚާއްޞަ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދާ ކަމުގައި މިރޭގެ ޖަލްސާގައި ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.