ހުޅަނގު އެފްރިކާގެ ދެ ގައުމެެއް ކަމަށްވާ ނައިޖީރިޔާއާއި، ބުރްކީނާ ފާސޯގައި ހަނގުރާމަވެރި ޖަމާއަތްތަކުން އަވަށްތަކަށް އަރައި ދިން ހަމަލާތަކެއްގައި އާއްމުންގެ 118 މީހުން މަރާލައިފިއެވެ.
ނައިޖީރިޔާގެ އުތުރުގައި އޮންނަ ބެނޫ ސްޓޭޓުގެ ދެ އަވަށަކަށް އަރައި ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާތަކެއްގައި 74 މީހުން ވަނީ މަރުވެފައެވެ.
ބެނޫ ސްޓޭޓްގެ ފުލުުހުންގެ ތަރުޖަމާނު ކެތަރީން އެނީން ވިދާޅުވި ގޮތުގައި އެމްގްބާން ސަރަހައްދުގައި ހުންނަ ގެދޮރު ނެތް މީހުންނަށް ބޯހިޔާވަހިކަންދޭ މަރުކަޒަކުން ވަނީ 28 މީހެއްގެ ހަށިގަނޑު ފެނިފައެވެ. ހުކުރުދުވަހުގެ ރެެއާއި ހޮނިހިރު ދުވަހުގެ ހެނދުނާ ދެމެދުގެ ވަގުތެއްގައި ދީފައިވާ މިހަމަލާގެ ސަބަބު ހޯދިފައި ނުވެއެވެ.
ހަމަ ބެނޫ ސްޓޭޓުގެ އޮމޯގިޑީ އަަވަށުގައި ހަތިޔާރުއެޅި ބަޔަކު ޖަނާޒާއަކަށް ދިން ހަމަލާއެއްގައި ގިނަ ބަަޔަކު މަރާލާފައި ވެއެވެ. އެ ސްޓޭޓުގެ ގަވަރުނަރުގެ ސެކިއުރިޓީ އެޑްވައިޒަރު ޕޯލް ހެމްބާ ވިދާޅުވި ގޮތުގައި ހަމަލާ ދިން ސަރަހައްދުން އާއްމުންގެ 46 މީހުންގެ ހަށިގަނޑު ފެނިފައި ވެއެވެ.
ބެނޫ ސްޓޭޓަކީ އުތުރުގެ މުސްލިމް އަޣުލަބިއްޔަތު ސްޓޭޓްތަކާއި، ދެކުނުގައި ނަސާރާއިން ގިނަ ސްޓޭޓްތަކުގެ މެދުގައި އޮންނަ ސްޓޭޭޓެކެވެ. އަދި ފޭލިގެތަކުގައި އުޅޭ ގަބީލާތަކާ، ދަނޑުވެރިންނާ ދެމެދު ކުރިމަތިލުން ހިނގަމުން އަންނަ ސްޓޭޓެކެެވެ.
އަނެއްކޮޅުން އުތުރު އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ ދެ އަވަށަކަށް ހަނގުރާމަވެރިން އަރައި ދިން ހަމަލާތަކެއްގައި 44 މީހުން ވަނީ މަރުވެފައެވެ. މިހަމަލާތައް ދީފައި ވަނީ އިރުއުތުރު ބުރްކީނާ ފާސޯގައި އޮންނަ ކޯރަކޫ އަވަށާއި، ޓޮންޑޮބީ އަވަށަށެވެ.
ސާހިލް ސަރަހައްދުގެ ލެފްޓިނެންޓް ގަވަރުނަރު ރޮޑޮލްފް ސޮރްގޯ ވިދާޅުވިގޮތުގައި ކޫރަކޫ އަވަށުގައި 31 މީހުން މަރުވެެފައިވާ އިރު، ޓޮންޑޮބީ އަަވަށުގައި 13 މީހުން ވަނީ މަރުވެފައެވެ.
ހޮނިހިރު ދުވަހުގެ ހަމަލާތައް އަމާޒުވި ދެ އަވަށަކީ ސޭޓެންގާ އަވަށް ކައިރީގައި އޮންނަ ދެއަވަށެވެ. ސޭޓެންގާ އަވަށަކީ ބުރްކީނާ ފާސޯގައި އާއްމުންނާ ދެކޮޅަށް ދިން އެންމެ އަނިޔާވެރި ހަމަލާގެ ޝިކާރައަކަށްވި އަަވަށެވެ. ފާއިތުވި އަހަރުގެ ޖޫން މަހު ހަނގުރާމަވެރިންގެ ބަޔަކު އެ އަވަށް އަރައި ހިންގި ގަތުލު އާއްމުގައި އާއްމުންގެ 86 މީހުން މަރާލާފައި ވެއެވެ.
ހަރުކަށި ހަނގުރާމަވެރިންބުރްކީނާ ފާސޯއާއި އެ ގައުމާ އިންވެގެން އޮންނަ މާލީގައި 2015 އިން ފެށިގެން ދީފައިވާ ހަމަލާތަކުގައި އާއްމުންގެ 10 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.