ބުރްކީނާ ފާސޯގައި މައިނިންގް ކުންފުންޏެއްގެ ބަސްތަކަކަށް ދިން ހަމަލާއެއްގައި 37 މީހުން މަރުވެއްޖެ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރްކީނާ ފާސޯގައި ބަސްތަކަކަށް ދިން ހަމަލާއެއްގައި 37 މީހުން މަރުވެ 60 މީހުން މަރުވެއްޖެއެވެ. މި ހަމަލާދީފައި ވަނީ އެ ގައުމުގައި ރަން ނެގުމުގެ މަސައްކަތްކުރާ ކެނެޑާގެ ކުންފުނި، ސެމާފޯގެ މުވައްޒަފުން އުފުލާ ބަސްތަކަކަށެވެ.

ސެމާފޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބަޑިއާއި ގޮވާތަކެތިން ހަމަލާ ދީފައި ވަނީ އެކުންފުނީގެ މުވައްޒަފުން އުފުލާ 5 ބަހެއް، އަސްކަރީ އުޅަނދެއްގެ ހިމާޔަތުގައި، ބޫންގޯ ރަން މައިނަށް ދަތުރުކުރަނިކޮށެވެ. ބޫންގޯ ރަން މައިން ހުންނަނީ ބޯންގޯ އަވަށުގެ އިރުން 40 ކިލޯ މީޓަރު ދުރުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ގޮވާތަކެތި ބޭނުންކޮށްގެން ފުރަތަމަ ގޮއްވާލީ އަސްކަރީ އުޅަނދެވެ. އެއަށް ފަހު ބަސްތަކުން ދަތުރުކުރި މީހުންނަށް ބަޑިން ހަމަލާދިނީއެވެ.

ސެމާފޯއިން ބުނި ގޮތުގައި ހަމަލާގެ ސަބަބުން އެކުންފުނިން ކުރާ ރަން ނެގުމުގެ މަސައްކަތް ހުއްޓިފައި ނުވެއެވެ. އެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

އިސްލާމީ މުޖާހިދުންގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރިންގެ ހަމަލާތައް ބުރްކީނާ ފާސޯގައި އާއްމުވާން ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ 5 ލައްކައެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ.

2 ލައްކަ 74 ހާސް އަކަކިލޯމީޓަރަށް ފެތުރިފައިވާ، 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބުރްކީނާ ފާސޯއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ގައުމުގެ އާބާދީގެ %60 އަކީ މުސްލިމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.