ބުރްކީނާ ފާސޯއަށް ގެނައި އަސްކަރީ އިންގިލާބެއްގައި ރައީސު ކަބޯރޭ މަގާމުން ދުރުކޮށް ގާނޫނުހަދާ މަޖިލިސް އުވާލައިފި

ބުރްކީނާ ފާސޯގެ ރައީސު ރޮޝް ކަބޯރޭ

ބުރްކީނާ ފާސޯގައި އާދީއްތަ ދުވަހުއްސުރެ ބަޣާވާތްކޮށްގެން އުޅޭ ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައި ރައީސު ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރުކޮށް، ގާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލައި، ގާނޫނުހަދާ މަޖިލިސް އުވާލައިފިއެވެ.'

އަސްކަރީ އިންގިލާބުގެ ވެރިޔާ ލެފްޓިނެންޓް ކާނަލް ޕޯލް-ހެންރީ ސަންޑޯގޯ ސޮއިކޮށްފައިވާ ބަޔާނެއްގައި ރައީސު މަގާމުން ދުރުކުރިކަން ގައުމީ ޓީވީން މިރޭ އިއުލާންކުރުމުގެ ކުރިން ރައީސު ކަބޯރޭ ހައްޔަރުކޮށްފައިވާ ކަމުގެ ޚަބަރު މިއަދު ވަނީ ފެތުރިފައެވެ. ބަަޔާނުގައި ބުނެފައިވާ ގޮތުގައި ވެރިކަން ބަދަލުކޮަށްފައި ވަނީ ސުލްހަވެރި ގޮތުގައެވެ. އަދި ހައްޔަރުކޮަށްފައިވާ މީހުން ތިބީ ރައްކާތެރި ތަންތަނުގައެވެ. އިންގިލާބު ގެނައިކަން އިއުލާންކުރި ބަޔާން ނެރެފައިވަނީ މީގެ ކުރިން ނަން އަޑުއިވިފައިނުވާ ޕެޓްރިއޮޓިކް މޫވްމަންޓް ފޯ ސޭފްގާޑް އެންޑް ރެސްޓޮރޭޝަން (އެމްޕީއެސްއާރް) ގެ ނަމުގައެވެ.

އާދީއްތަ ދުވަހުގެރޭ ވެރިރަށް އޮގާޑޯގޫގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރީގައި ވަނީ ބަޑިޖަހާއަަޑު އިވިފައެވެ. ރިޔާސީ ގަނޑުވަރު ކައިރީގައި ހަމަލާތަކެއް ބަދަލުކުރެވުުނުއިރު، ހެލިކޮޕްޓަރު އެ ހިސާބުގައި އުދުހޭ ތަން ފެނިފައި ވެއެވެ. އަދި ރިޔާސީ ގަނޑުވަރު ބެލެެހެއްޓުމަށް ބޭނުންކުރާ ބައެއް އަސްކަރީ އުޅަނދުތަކަށް ބަޑީގެ ވަޒަން އަރާފައި ވަނިކޮށް މިއަދު ހެނދުނު ވަނީ ފެނިފައެވެ. އޭގެތެރޭން އެއް އުޅަނދުން ލޭވެެސް ފެނިފައި ވެއެވެ.  

ބަޣާވާތްކޮށްގެން އުޅޭ ސިފައިންގެ ތެރޭން ދެ މީހަކު ވަނީ މިއަދުގެ ވަގުތެއްގައި އެސޯޝިއޭޓެޑް ޕްރެސްއާ ވާހަކަދައްކަމުން ކަބޯރޭ ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެމީހުން ބުނިގޮތެއްގައި ރައީސު ކަބޯރޭ މިވަގުތު ހުންނެވީ ރައްކާތެރި ތަނެއްގައެވެ.

ޗެކް ޕޮއިންތައް ހަދައިގެން ތިބި ބާޣީ ސިފައިން ފިޔަވައި އާދީއްތަ ދުވަހުގެރޭ އޮގަޑޯގޫގެ މަގުތައް މަތިން މަދު ބަޔަކު ނޫނީ ފެނިފައި ނުވެއެވެ.

ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައި ސަރުކާރުން އެމީހުންނަށް އިތުރު އެހީދިނުމަށް ގޮވާލައި އިހުތިޖާޖުކުރަން ނުކުތް ސިފައިން ސިފައިންގެ ކޭންޕުތައް ހިފަން އާދީއްތަ ދުވަހު އެތަންތަނުން ބަޑިޖަހަމުން ދިޔައިރުވެސް، ސަރުކާރުން ވަނީ ބަޣާވާތެއް ފެށިގެން އުޅޭކަން އިންކާރުކޮށްފައެވެ.

ހަތިޔާރާއެކު ނުކުމެ އުޅޭ ސިފައިން ހަތިޔާރު ބެހެއްޓުމަށް ގޮވާލައި، ކަބޯރޭގެ ޓުވިޓާ އެކައުންޓުން ހޯމަ ދުވަހު (މިއަދު) ޓުވީޓެއް ކޮށްފައި ވެއެވެ. އެހެންނަަމަވެސް، އެއީ ކަބޯރޭ އަމިއްލަފުޅަށް ކުރެއްވި ޓުވީޓެއްކަން ކަށަަވަރުކުރެވިފައި ނުވެއެެވެ.

"އަހަރުމެންގެ ގައުމު މިދަނީ އުނދަގޫ ހިނދުކޮޅެއްގެ ތެރޭން. މި އަގުހުރި ވަގުތު އަހަރުމެންގެ ޑިމޮކްރެޓިކް އުސޫލުތައް ދަމަަހައްޓަން އަހަރުމެން ޖެހޭ. އެމީހުން އުފުލާފައިވާ މީހުން ގައުމުގެ ހައްގުގައި އެމީހުންގެ ހަތިޔާރު ބެހެއްޓުމަށް އަހަރެން ގޮވާލަން." ކަބޯރޭގެ ނަމުގައި ކޮށްފައިވާ ޓުވީޓުގައި ވެއެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ޖަމްއިއްޔާ، އެކޮނޮމިކް ކޮމިއުނީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އެކޮވާސް) އިން ވަަނީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އެ ޖަމްއިއްޔާގެ މެންބަރު ދެ ގައުމު ކަމުގައިވާ މާލީއާއި، ގިނީގައި އަސްކަރީ އިންގިލާބުން ވެރިކަން ބަދަލުކޮށްފައިވާތީ އެ ދެ ގައުމު ސަސްޕެންޑުކޮށްފައެވެ. އެ ޖަމްއިއްޔާއިން ވަނީ ބުރްކީނާ ފާސޯގެ ސިފައިންގެ އަމަލު ކުށްވެރިކޮށް، ރައީސު ކަބޯރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސިފައިންގެ ޒިންމާއެއްކަމުގައި ބުނެފައެެވެ.

އަދީއްތަ ދުވަހު ގިނަ ބަޔަކު ވަނީ ބަޣާވާތްކޮށްެގެން އުޅޭ ސިފައިންނަށް ތާއީދުކޮށް މުޒާހަރާކޮށްފައެވެ. އަދި އެމީހުން ވަނީ އިތުރަށް ކުރިއަށް ގޮސް "ގައުމު މިނިވަންކުރުމަށް ސިފައިންނަށް ގޮވައިލާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.