ދަންމަރު: ދުޢާ ކުރުމާއެކު މަސައްކަތްވެސް ކުރާށެވެ.

"ޔޮރ ލައިފް" އޭ ނަމަކަށް ކިޔާ މަޖައްލާއެއްގައި ލިޔެފައި ވެއެވެ.

އެއް ދުވަހަކު އިސްކޫލަށް ދާން ހިނގާފައި ދިޔަ ކުޑަ ކުޑަ ދެ އަންހެން ކުދިންނެވެ. މި ދެ ކުދިން ގެއިން ނުކުތް އިރު ގަޑި ޖެހެން ވަރަށް ގާތް ވެއްޖެއެވެ. ގަޑި ނުޖެހި އިސްކޫލަށް ދެވޭނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އެ ވަގުތު ދެ ކުދިން ކުރެ އެއް ކުއްޖަކު ބުންޏެވެ. "އަހަރެމެން ގަޑި ނުޖެހި އިސްކޫލަށް ފޮނުއްވައި ދެއްވާތޯ މި ތާނގައި ހުއްޓި ތިބެގެން ދުޢާ ކުރަމާ ހިނގާށެވެ."

އަނެއް ކުއްޖާ ބުންޏެވެ. "ހުއްޓި ތިބޭނޭ ކަމެއް ނެތެވެ. ދުއްވައިގަންނަމާ ހިނގާށެވެ. ދުވަމުން ދާ އިރު ދުޢާވެސް ކުރާނީއެވެ."

ދުޢާ އިޖާބަ ނުކުރައްވައިގެން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ޝަކުވާ ކުރާތީ އަޑު އިވެއެވެ. ރާއްޖޭގެ ވަރަށް މަޝްހޫރު ފުޓުބޯޅަ ކޯޗަކު އަޅުގަނޑު ގާތު އެއް ދުވަހަކު ބުންޏެވެ. "ފައިނަލް މެޗެއް ކުޅޭ ދުވަހު އެ މެޗުން މޮޅުވޭތޯ އަހަރެން ވަރަށް ގިނައިން ދުޢާ ކުރަމެވެ. އެކަމަކު ގިނަ ދުވަސް ދުވަހު ދަނޑުން ފައިބަނީ ދެރަ ވެގެންނެވެ."

ދުޢާ އިޖާބަ ކުރައްވާނޭ ކަމަށް ﷲ ވަނީ އަންގަވައިފައެވެ. އެހެންވީމާ ދުޢާ އިޖާބަ ކުރައްވާނޭ ކަމާ މެދަކު ޝައްކެއް ނެތެވެ. ދުޢާ އިޖާބަ ކުރައްވާ ތިން ގޮތެއް އޮވެއެވެ. އެއް ގޮތަކީ އެ މީހަކު އެ އެދުނު ކަމެއް، އެދުނު ގޮތަކަށް ފުރިހަމަ ވުމެވެ. ދެވަނަ ގޮތަކީ އެ އެދުނު ކަމެއްގެ ބަދަލުގައި އެއަށްވުރެ މޮޅު ކަމެއް ފަހި ވުމެވެ. ތިން ވަނަ ގޮތަކީ އެ ދުޢާގެ ބަދަލު އާޚިރަތް ދުވަހުން ދެއްވުމެވެ.

ދުޢާ ކުރުމަކީވެސް ވަކި ހަމަ ތަކެއް އޮންނަ ކަމެކެވެ. ދުޢާ ކުރުމަށް ފަހު އެ މީހަކު އެދުނު ކަމެއް ފުރިހަމަ ވާނޭ ކަމުގެ އުއްމީދުގައި އަތް އުރާލައިގެން ހުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ދުޢާ ކުރި ކަމުގައި ވިޔަސް އެ ކަމަކަށް ކަނޑައެޅިފައި އޮންނަ ހަމައެއްގެ މަތީން މަސައްކަތް ކުރަން ވާނެއެވެ. މުއްސަނދިކަމަށް އެދި ދުޢާ ކޮށްފައި މުއްސަނދި ވާން މަސައްކަތް ނުކޮށް ހުރުމަކީ ހަމަ ޖެހޭ ކަމެއް ނޫނެވެ.

މަތީގައި ދެންނެވުނު ދެ މިސާލަށް ބައްލަވައި ލައްވާށެވެ. ގަޑި ނުޖެހި އިސްކޫލަށް ދާން ބޭނުމިއްޔާ އިސްކޫލާ ދިމާއަށް ބާރަށް ހިނގައިގަންނާން ވާނެއެވެ. އެޔާ އެކު ދުޢާވެސް ކުރަން ވީއެވެ. އެކަމަކު ހުއްޓި ހުރެގެން ދުޢާ ކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ.

ފުޓުބޯޅަ މެޗަކުން މޮޅު ވާނީ ރަނގަޅަށް ނުވަތަ މޮޅަށް ކުޅޭ ބައެކެވެ. ކޯޗު ދުޢާ ކުރިކަމުގައި ވިޔަސް ކުޅުންތެރިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ނަމަ މޮޅެއް ނުވާނެއެވެ. ވުމާއެކު ދުޢާ ކޮށްފައި އައިސް ދަނޑަށް އަރައި ހިތްވަރާއެކު ކުޅެންވީއެވެ.

އާދެ، ދުޢާ ކުރާށެވެ. އެއީ އަޅުކަމެކެވެ. އެކަމަކު އެދޭ ކަމެއް ޙާޞިލް ކޮށްގަންނާން މަސައްކަތްވެސް ކުރާށެވެ. އެއީވެސް އަޅުކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.