ދަންމަރު:  ފުރަތަމަ ދިރިއުޅުން، ދެވަނަ ދިރިއުޅުން

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

އިންސާނާ ދުނިޔެއަށް އުފަންވުމާއެކު ހޭދަކުރާ ހަޔާތަކީ އޭނާގެ ފުރަތަމަ ދިރިއުޅުމެވެ. މި ދިރިއުޅުގައި އޭނާއަށް ބޭނުންވާނޭ ހުރިހައި އެއްޗެއް، އޭނާގެ އެދުމަކާ ނުލައި، ވަނީ ހަމަޖައްސަވައިފައެވެ. އެންމެ ފުރަތަމަ ދުނިޔެއަށް ނޭވާލުމާއެކު އޭނާ ދެކެ ލޯބިވާ އާއިލާއެއް ލިބެއެވެ. އޭނާއަށް ލިބޭ ދުނިޔެއަކީ އޭނާއަށް ބޭނުންވާ ކަންތައްތައް ލައްވައި ފުރިހަމަ ކުރައްވައިފައިވާ އެކަށޭނަ ދުނިޔެއެކެވެ. މުޅީން ފުރިހަމަ ކުރައްވައިފައިވާ ޙަޔާތް ދަމަހައްޓާނޭ ނިޒާމެއް (life support system) ލިބެއެވެ. އެއީ އެ ނިޒާމާ ނުލައި ދިރިނޫޅެވޭފަދަ ނިޒާމެކެވެ. މިއީ މުޅީންވެސް އެއް ފަރާތަކުން ފޯރުކޮށްދޭ ކަންތައްތަކެވެ. އިންސާނާ ޝުޢޫރީ ފެންވަރުގައި ނުވަތަ ބޭޝުޢޫރީ ފެންވަރުގައި އިހުސާސް ކުރި ކަމުގައި ވިޔަސް މި ހުރިހައި ކަމެއް ހުންނަނީ ފުރިހަމަވެ ނިމިފައެވެ.

މި ހުރިހައި ކަމަކާއެކު ކަނޑައެޅިފައިވާ ވަކި މުއްދަތެއް މި ދުނިޔޭގައި ހޭދަ ކުރުމަށް ފަހު އިންސާނާ މަރުވެދެއެވެ. މަރުގެ ވާގިއާއަކީ އައު ދަތުރެއްގެ މުއާމަލާއެކެވެ. މަރުވުމަށް ފަހު އޭނާ ހޭލައިގަންނަ ދުނިޔޭގައި އިންސާނާ އަނެއްކާވެސް ހުންނަނީ އެކަންޏެވެ. މި ފަހަރުވެސް އޭނާ ހުންނަނީ ދިރިހުރި ހައްސާސް މީހެއްގެ ގޮތުގައެވެ. އެކަމަކު ފުރަތަމަ ދިރިއުޅުމުގައި އޭނާއަށް ލިބިފައި ހުރި ހުރިހައި އެއްޗެއް އޭނާގެ ކިބައިން ވާނީ ނިގުޅައިގަނެވިފައެވެ. އޭނާ ހުންނަނީ އަނެއްކާވެސް އެ ތަކެއްޗަށް ބޭނުންވެފައެވެ. އެތަކެތި ހާސިލު ކުރުމުގެ އެދުމާއެކުގައެވެ. އެ ތަކެތީގެ ބޭނުމަކީ އަނެއްކާވެސް ހިތްހަމަޖެހުމާއި އުފަލާއި އަރާމާއެކު ދިރިއުޅުން ވޭތުކުރުމެވެ.

އިންސާނާއަށް ފުރަތަމަ ދިރިއުޅުމުގެ ތަޖުރިބާ ކުރުއްވަނީ އޭނާގެ ހިތުގެ އަޑީން މި ދުޢާ ނުކުންނާނޭ ގޮތް މެދުވެރި ކުރެއްވުމަށްޓަކައެވެ. "ހައްދަވައި ބޮޑުކުރެއްވި ގަދަކީރިތިވަންތަ ﷲ. މިއަޅާގެ ފުރަތަމަ ދިރިއުޅުމަށް ބޭނުންވާ ހުރިހައި ތަކެއްޗަކާއި ވަސީލަތެއް އެއީ މި އަޅާއަށް ހައްގުވެގެންވާ ތަކެއްޗާއި ވަސީލަތަށް ނުވުމާވެސްއެކު ދެއްވީ އިބަ ﷲއެވެ. އެ ހުރިހައި ތަކެއްޗަކާއި ވަސީލަތެއް އެޔަށްވުރެ ފުރިހަމަކަމާއެކު ދެވަނަ ދިރުއުޅުމުގައިވެސް ދެއްވައިފާނދޭވެ. ފުރަތަމަ ދިރިއުޅުމުގައި މި އަޅާ ތަޖުރިބާކުރީ އިބަ ﷲ ގެ ރަޙުމަތުގެ ކުޑަ މިންވަރެކެވެ. ދެވަނަ ދިރިއުޅުމުގައި ރަޙުމަތުގެ އިންތިހާއަށް ގެންދަވައިފާނދޭވެ. ފުރަތަމަ ދިރިއުޅުގައި ދެއްވި ނިޢުމަތަކީ މިއަޅާއަށް ހައްގު ނުވާ ހާލުގައިވެސް ދެއްވި ނިޢުމަތެވެ. ދެވަނަ ދިރިއުޅުމުގައިވެސް މިއަޅާއަށް ހައްގު ނުވީ ކަމުގައި ވިޔަސް އެ ނިޢުމަތްތައް އެޔަށްވުރެ މާ ފުރިހަމަކޮށް ދެއްވައިފާނދޭވެ. ފުރަތަމަ ދިރިއުޅުމުގައި މި އަޅާއަށް ފެނުނީ އިބަ ﷲ ގެ ނިޢުމަތުގެ ފެށުމެވެ. ދެވަނަ ދިރިއުޅުމުގައި އެ ނިޢުމަތުގެ އިންތިހާއަށް ގެންދަވައިފާނދޭވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.