އަނާ - 13

(3 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވަކީލު ޘަނާއުﷲ އާމެދު އަނާ ހީކުރި ވަރަށްވުރެވެސް އޭނާ މާ މޮޅެވެ. އޭނާ ސަހާރަންޕޫރުގެ ކުޑަކުޑަ ކޯރޓް މުޅީން ގުޑުވާލައިފިއެވެ. ސަހާރަން ޕޫރުގައި ނުކުންނަ ދުވަހުނޫސް "ވަޤްތު"ގައާއި އެހެން ނޫސްތަކުގައި އަނާގެ ވާހަކައާއި އޭނާއާ މެދު އޭނާގެ ފިރިމީހާގެ ޢާއިލާއިން ކަންތައްކުރި އަނިޔާވެރި ގޮތްތައް ހާމަކުރަމުން ގެންދިޔައެވެ. އަދި އޭގެ ސަބަބުން ސަހާރަންޕޫރުގެ ކޮންމެ މީހަކުވެސް އަނާ އެންމެ ފަހަރަކު ނަމަވެސް ދެކިލަން މިހާރުވަނީ ބޭނުންވެފައެވެ. ކޮންމެ އިންސާނެއްގެ ހިތުގައި މިހާރު އޭނާއަށް ޓަކައި ވަނީ ހަމްދަރުދީއެވެ. ނޫސްތަކުގައި އަނާގެ ވާހަކަ ތައް ލިޔަމުން ގެންދިޔަގޮތުން އޭނާއަކީ ދޭވީއެއްގެ ގޮތުގައި ތަޞައްވަރު ކޮށްދީފިއެވެ. މިހުރިހާ ކަމަކީވެސް ވަކީލް ޘަނާއުﷲގެ މަސައްކަތެވެ. އޭނާގެ ހުނަރުވެރިކަމެވެ. އަނާ އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން އަންނަ ފަށައިފިއެވެ. އަދި އޭނާ ކުރީގެ ޞިއްޙަތަށް ވަރަށް އަވަހަށް ބަދަލުވަމުން ދާން ފަށައިފިއެވެ...އޭނާ ކޯޓަށް ގެންދެވުނީވެސް ވީލް ޗެއަރެއްގައި ބައިދައިގެންނެއް ނޫނެވެ. ސަހާރަންޕޫރުގެ ދުވަހު ނޫސް" ވަޤުތު"ގެ ފޮޓޯގަރާފަރެއް އަނާގެ ފޮޓޯނެގުމަށްފަހު ނޫހުގައި ޝާއިޢުކުރިއެވެ. އެ ފޮޓޯތަކުގައި އަނާގެ މޫނުގައި ވަނީ މީގެކުރިން އޭނާ ދުވަހަކުވެސް ނުދެކޭ ފަދަ ޤަދަރާއި ހައިބަތު އެކުލެވޭ ފަދަގޮތެއްގައެވެ. އެއާއެކު އޭނާއަށް ކުރިމަތިވެފައިވާ މާޔޫސްކަމުގެ ފުންކަން އެމޫނުން ފެނެއެވެ. އޭނާގެ ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުމުގައި ފޮރުވިފައިވާ ނުފުދުމާއި ނުރުހުމުގެ އަސަރު ފޮޓޯ ބަލާ މީހަކަށް ސިއްރެއް ނުވެއެވެ. އެ ފޮޓޯއާއެކު ނޫހުގައި އަނާގެ އިންޓަރވިއުއެއް ވެސް ލިޔެފައި އޮތެވެ. އޭގައި އަނާ ވާހަކަ ދައްކާފައިވަނީ އެ ވާހަކަތައް ކިޔާ ކޮންމެ އިންސާނެއްގެ ހަމްދަރުދީ އޭނާއަށް ލިބޭފަދަ ގޮތެއްގައެވެ. މީގެ އިތުރަށް ކުރަންޖެހުނު ކަންތައްތައް ކުރަމުން ދިޔައީ ވަކީލު ޘަނާއުﷲއެވެ. އޭނާގެ ނުފޫޒާއި އަސަރުގެ ބޭނުންކޮށްގެންނެވެ. އެހެން ނުވާނީ ކީއްވެތޯއެވެ. މިއީ އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ރަނގަޅު ކޭހެވެ.

"ކަލާ އަޅުގަނޑަކީ މީހުން ބަލާ ކުޅިވަރަކަށް ހައްދަވައިފީމު. ވަކީލުޞާހަބް"

އަނާ އޭނާގެ ވަކީލް ޘަނާއުﷲ އާދިމާއަށް ބަލަން އިނދެ ބުންޏެވެ. އޭގެ ކުޑައިރުކޮޅެއް ކުރީން އޭނާ އިނީ ނޫސްބަލާށެވެ. އެ ނޫހުގައި އޭނާއާ ބެހޭގޮތުން ތަފާތު ސުރުޚީތަކުގައި ލިޔެފައިވާ ވާހަކަތައް ކިޔާށެވެ.

"ކޭސް ކާމިޔާބު ކުރުމަށްޓަކައި ޢާންމުންގެ ހަމްދަރުދީ ހޯދުން އެއީ ވަރަށް ބޭނުންތެރިކަމެއް އަނާޖީ...ޘަނާއުﷲ ވަރަށް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

އަނާ އަނެއްކާވެސް އޭނާއާ ދިމާއަށް ވަރަށް ފުންނަޡަރަކުން ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. އެވަގުތު އަނެއްކާވެސް ބުންޏެވެ.

"މިހާރު ކަލާގެ ޞިއްޙަތު ކިހިނެއްތޯ؟"

"އަޅުގަނޑު ރަނގަޅުވެއްޖެ. މިހާރު އަޅުގަނޑު އެދެނީ ހޮސްޕިޓަކުން ގެއަށްދާން ހޮސްޕިޓަލަށް ގެނައިތާ މިއީ ބާރަވަނަ ދުވަސް"

"ކަލާއަށް މިތާނގައި ހުރިހާ ފަސޭހަތަކެއް އެބަހުރިނޫންތޯ. އަޅުގަނޑަށް ހީވާގޮތުގައި ކަލާއަށް މިތާނގައި ދަތިވާ އެއްވެސް ކަމެއް ނޯންނާނެ. ގެއަށްވުރެ މާރަނގަޅު މާޙަވްލަކަށް މިތަންވާނެ ރަނގަޅު ކާނާ ލިބިލައްވާނެ. ސްޓާފުން އެ އުޅެނީ ޚާދިމުން އުޅޭހެން އަބަދު ކަލާގެ ޚިދުމަތުގައި"

"އެކަމަކު އަޅުގަނޑު އަމިއްލައަށް އިޙްސާސް ވަމުންދަނީ އަޅުގަނޑުމީ ވަގެއްކަމަށް. ގަދަވެ ސަލާމަތުން ހުރި މީހަކު ބަލި މީހަކަށް ހެދިގެން އުޅޭއިރު އެހެން ހިތަށް ނާރާނީ ކިހިނެއްތޯ؟ އަނެއްކޮޅުން ކަލާ އަޅުގަނޑާ ބެހޭގޮތުން ނޫސްތަކުގައި ތަފާތު ޚަބަރުތައް ޖައްސުވައިގެން އަޅުގަނޑު ދެކެންވެގެން މިތަނަށް އާދޭ. މިހިރަ  މާބޮނޑިތައް ދެކިލައްވަބައްލަވާ! މިހިރީ ހައްތާވެސް އެ ކަހަލަ މީހުން ގެނެސްދީފައި ހުރި މާބޮނޑިތައް. އެ މީސްމީހުންގެ ނަންތައްވެސް އަޅުގަނޑު ހަނދާނެއް ނުހުރޭ. އެހެން ވާންޖެހެނީ ސްޓާފުން އެގޮތަށް އަންނަ މީހުން އަޅުގަނޑާ ހަމަޔަށް ނުފޮނުވާތީ. އެ މީހުން ހަދާގޮތަކީ ނޭމް ކާޑަކާއެކު މާބޮނޑި އަޅުގަނޑަށް ފޮނުވަނީ ކޮންމެ ފަހަރަކު  މާބޮނޑިއެއް ހިފައިގެން ނާރސް ވަންނައިރު އަޅުގަނޑު ލަދުންގޮސް ހަލާކުވާވަރުވޭ. އެންމެފަހުން އަޅުގަނޑަށް ކެތްނުވެގެން ބުނެފައި އޮންނާނީ އިރުއިރުކޮޅުން އަޅުގަނޑަށް ނުގޮވާށޭ އަދި އެގޮތަށް ގެންނަ އެއްޗެތި އަޅުގަނޑަށް ނުދެއްކިނަމަވެސް މި ތާނގައި އެ ހުންނަ ކަބަޑުގައި ބަހައްޓާށޭ."

ޘަނާއުﷲ ހިނިތުންވެލިއެވެ. އަދި ބުންޏެވެ.

"މީކޮން އެއްޗެއްތޯ ބައްލަވާ ބައްލަވަ!" އޭނާ އަތުގައި އޮތް ޓެލެގްރާމެއް އަނާ އަތަށް ދިއްކޮށްލިއެވެ.

އަނާ އެ ޓެލެގްރާމް ކިޔާލިއެވެ. އެއީ ޚާންއާޞިފް ފޮނުވާފައި އޮތް ޓެލެގްރާމެކެވެ. އެންމެ ފޮޅުވަތަކުން އޮތް ޓެލެގްރާމެކެވެ. އޭގައި ލިޔެފައިއޮތީ "މިއަދު 4 ޖަހާއިރު ޕެލަސް ހޮޓަލުން އަހަރެންނާ ބައްދަލު ކުރާށެވެ." މިއަދު 4 ޖަހާއިރު އަނާ ތަކުރާރުކޮށް ކިޔާލިއެވެ. އަދި ސުވާލު ކުރާކަހަލަ ބެލުމަކުން ޘަނާއުﷲއާ ދިމާއަށް ބަލާލިއެވެ.

"ލައްބަ. މިއަދު 4 ޖަހާއިރު... އަޅުގަނޑު ކަލާގެ ހުއްދައާއެކު އޭނާއާ ބައްދަލުވާން ދާންކަމަށް"

"ނަމަވެސް އަޅުގަނޑަށް ކަލާއަށް އެފަދަ ހުއްދައެއް ނުދެވޭނެ" އަނާ އަވަސް އަވަހަށް ބުންޏެވެ.

"އެހެން ނަމަވެސް އޭނާއާ ބައްދަލުވާނަން."

"އެއީ ނުލާހިކު މުއްސަނދިބައެއް އަދި ކަލާއަކީ ...އަނާ އިތުރަށް ބުނަން އުޅެފައި ހުއްޓާލިއެވެ. އަދި ކަލެއަކީ....

 "ނިކަމެތި ފަޤީރެއް.. އެހެންނު؟ ބުނުއްވަން އުޅުއްވީ މިހެންނު؟" ޘަނާއުﷲ އަތުގައި އޮތް ސިނގިރޭޓެއް ރޯކޮށްލަމުން ބުންޏެވެ. އޭނާއާ ބައްދަލު ނުކުރައްވާ އެއީ ރަނގަޅު ބައެއްނޫން

"އަޅުގަނޑަކީވެސް އެހާރަނގަޅު މީހެއްނޫން"

"އޭނާއާ ބައްދަލުވުން އެއީ ބޭނުންކަމެއްތޯ؟"

"ވަރަށް ބޭނުންކަމެއް!"

"އެއީ ކީއްވެތޯ؟"

"އޭނާ އަޅުގަނޑު ގާތު ބުނަން އެއުޅެނީ ކީކޭތޯ ބަލަން ބޭނުންވަނީ."

"އަޅުގަނޑަށް އެނގޭ." އަނާ ކަޅި ޖަހާނުލާ ޘަނާއުﷲއާ ދިމާއަށް ބަލަން އިނދެ ބުނެލިއެވެ.

ޘަނާއުﷲ އަތުގައި އޮތް ގަޑިއަށް ބަލާލާފައި ތެދުވަމުން ބުންޏެވެ.

"ތިންގަޑި ބައިވަނީ. ހަތަރެއް ޖަހާއިރަށް އަޅުގަނޑު ޕެލަސް ހޮޓަލަށް ދާންވާނެ. އެހެންވީމާ މިހާރު ދަނީ . އެތަނުން ނިމިގެން އަޅުގަނޑު ހޮސްޕިޓަލަށް އަންނާނަން.

އަނާ އެއްޗެއް ނުބުނެ އޭނާ އެކަމަށް ނުރުހޭކަން ހާމަކޮށް ދިނުމުގެ ގޮތުން އިނެވެ. ޘަނާއުﷲ ހޮސްޕިޓަލުން ނުކުމެގެން ހިނގައްޖެއެވެ.

ގަޑިން 4 ޖެހިއިރު ޘަނާއުﷲ ޕެލަސްހޮޓަލަށް ވަންއިރު، އެއްފަރާތު ކަނެއްގައި ހުރި މޭޒެއް ކައިރީގައި ޚާން އާޞިފްއިނެވެ. ޘަނާއުﷲ ފެނުމާއެކު ޚާން އާޞިފް ތެދުވެގެން އައިސް އޭނާއާ ސަލާމްކޮށްލާފައި ގޮވައިގެންގޮސް މޭޒުކައިރީގައި އިށީނދެއްޖެއެވެ.

"އަޅުގަނޑަށް ކަލާ ފޮނުއްވި ޓެލެގްރާމް ދެގަޑިއިރު ކުރިން ލިބިއްޖެ." ޘަނާއުﷲ ހިނިތުންވެލުމާއެކު ބުންޏެވެ.

"ދެގަޑިއިރު ކުރިން ލިބޭނެކަން އަހަރެންނަށް ޔަޤީން. ސަބަބަކީ އަހަރެންނަކީ ގަޑިޔަށް ފަރުވާ ބަހައްޓާމީހެއް." ޚާންއާޞިފް ޒަހަރުގެ އަސަރުފެންނަ ކަހަލަ ހިނިތުންވެލުމާއެކު ވާހަކަ ދެއްކިއެވެ. ޘަނާއުﷲ ވެސް ހީނލިއެވެ. އަދި ބުނެލިއެވެ.

"ކަލާ ކޭން ބައްލަވާނީތޯ ނުވަތަ"

"ކަލާ އަންނަތަން ފެނުމާއެކު އަހަރެން ސަޔަށް އޯޑަރު ދީފިން. އެކަމަކު ކަލޭ ކާހިތްއޮތިއްޔާ ކާއެއްޗެސަށް އޯޑަރު ދިނަސް އެންމެރަނގަޅު"

"ޝުކުރިއްޔާ! އިތުރު އެއްޗެއް ބޭނުމެއްނޫން"

"ކަލޭ ޝަރީއަތުގައި ވަކާލާތު ކުރާގޮތާއި ކޭހުގެ ކަންތައް ގެންދާގޮތް ވަރަށް މޮޅު އަދި އެހާމެ ރީތި. ކަލޭގެ މަސައްކަތް ހުންނަ ގޮތުން އަހަރެންނަށް ވަރަށްބޮޑަށް އަސަރުކޮށްފި.

"ޝުކުރިއްޔާ" ޘަނާއުﷲ ހިނިތުންވެލިއެވެ. އަދި ޖީބުން ސިނގިރޭޓް ޕެކްޓެއް ނަގާފައި ސިނގިރޭޓެއް ނަގައިގެން ރޯކޮށްލަން އުޅުނެވެ. އެވަގުތު ޚާން އާޞިފް އޭނާއާ ދިމާއަށް ސުއްޓާއެއް ދިއްކޮށްލާފައި ބުންޏެވެ.

"އަން. މިއޮތީ ރޯމިއޯޖޫލިއަޓް ސުއްޓާއެއް. ޕްރެޒިޑެންޓް ނެޑީއާއި ބޮޑު ވަޒީރު ޛުލްފިޤާރު ޢަލީ ބުއްޓޫ ހިއްޕެވީ މިކަހަލަ ސުއްޓާ. އެ ބޭފުޅުންނަށް ޓަކައި ޚާއްޞަ ގޮތެއްގައި ހަވާނާއިން ތައްޔާރުކޮށްގެން ގެންނަނީ. އަހަރެންވެސް ހަމަ އެސުއްޓާ ހަވާނާއިން ގެނުވީ. މި ސުއްޓާ ބޯލަބަލަ. އެ ސުއްޓާ ބޯމީހުންނަކީ ނަޞީބުވެރިން ކަމުގައި މީހުން ބުނޭ.

"އެ ސުއްޓާ ހިއްޕެވީ ދެ ބޭފުޅުން މިހާރު ސުއްޓާއެއް ނުހިއްޕަވާ. އެ ބޭފުޅުން މިހާރުވަނީ އަވަހާރަވެފައި." ޘަނާއުﷲ ނުސީދާގޮތެއްގައި ޚާންއާޞިފްގެ ވާހަކައަށް އިދިކޮޅު ޖަވާބެއް ދިނެވެ.

ޚާން އާޞިފް، ޘަނާއުﷲ މި މާނައިން ފުރިގެންވާ ޖަވާބާމެދު މާބޮޑު ފަރުވާލެއް ނުބަހައްޓާގޮތް ދައްކާލާފައި ބުންޏެވެ.

"އެންމެ ރަނގަޅު އެއީ މާބޮޑު ކަމެއް ނޫން. އަހަރެމެން މި ބައްދަލުވި މައްސަލައާ ބެހޭ ވާހަކަ ދައްކަމާ ހިނގާ."

 އެހެންބުނެފައި ޚާންއާޞިފް ސުއްޓާ ރޯކޮށްލިއެވެ. އަދި އޭގެ މީރުވަސް ދުވާދުންތައް ހޯލުގެ ތެރެއަށް ދޫކޮށްލިއެވެ. ޘަނާއުﷲއާދިމާއަށް ބަލާލާފައި ބުންޏެވެ.

"އަހަރެންނާ ބެހޭގޮތުން ކަލެއަށް މިހާރު މަޢުލޫމާތު ލިބިފައި ވާނެ ކަމަށް ހީކުރަން. އަހަރެންގެ ވިޔަފާރި ބޮޑެތި ހަތަރު ޤަވްމެއްގައި ވެސް ހިނގަމުންދޭ. އެހެންކަމުން ވަރަށް ގިނަ ފަހަރު ޤާނޫނީ އެކިއެކި މައްސަލަތަކާ ކުރިމަތިލާން ޖެހޭގޮތް ދިމާވޭ. އެހެންކަމާއެކު ކަލޭގެ ލަޔާޤަތާއި ޤާބިލިއްޔަތު ފެނިފައި ކަލެއާމެދު ވިސްނާލަން އަހަރެންނަށް ޖެހުނީ. މިހާރު އަހަރެންނަށް ފެނިގެން މިއުޅެނީ ކަލޭ އަހަރެން ކައިރިއަށް ގެންނަން. އަހަރެން ކަލެއަށް މަހަކު ވިހިހާސްރުފިޔާގެ މުސާރައެއް ދޭން މަމިހުރީ ތައްޔާރަށް އަދި ބޭރުގެ ޤަވްމުތަކަށް ދަތުރުކޮށް އުޅުމުގެ ފަޚުރު މީގެ އިތުރުން ދެވޭނެ.

"ކަލާގެ ތިޔަ އޮފާރއަކީ ވަރަށް ބުއްދިވެރި އޮފަރެއް"

"އަދި ރަން މުސްތަޤްބަލެއްގެ ގެރެންޓީ އެކޭވެސް ބުނޭ. ޤަބޫލު ކުރާނަންތަ؟"

ޘަނާއުﷲ ހީނލިއެވެ. އަދި ބުންޏެވެ.

"ވިސްނާލުމަށް ކުޑަދުވަސްކޮޅެއް ދެއްވާ!"

"ޔަޤީން، ކީއްވެ ނުދޭންވީ! ދޭނަން ކަލޭގެ ޖަވާބު ލިބޭނެކަމަށް އުއްމީދު ކުރައްވީ ކިހާތާކަށް؟"

"ހަމައެންމެ ދެތިން ދުވަހަކަށް!"

"ގުޑް! ޚާން އާޞިފް ހިނިތުންވެލިއެވެ. އޭނާގެ ބޯމަތިމަހުން ފޮރުވިފައިވާ ތުންފަތް ކުޑަކޮށް ހުޅުވިގެން ދިޔައެވެ. އެވަގުތު އޭނާ ބުންޏެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.