ދަންމަރު: އިސްލާމްދީނާއި ޓެރަރިޒަމްގެ މައްސަލަ

ޓެރަރިޒަމަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. ޓެރަރިޒަމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އެފަދަ އަނިޔާވެރި ޢަމަލުތައް ހިންގާ ގިނަ މީހުން އެ ޢަމަލުތައް ހިންގަނީ ދީނުގެ ނަމުގައި ކަމަށް ވުމެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ނަމުގައި ކަމަށް ވުމެވެ.

ޓެރަރިސްޓަކަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމީހަކު ކުރާކަމެއް ފުރިހަމައަށް ކުރާނީ އެކަމެއްގެ ރަނގަޅުކަން ޢަޤީދާއެއްގެ ގޮތުގައި ގަބޫލު ކުރެވުނީމައެވެ. ކޮންމެހެން ބޭނުންވާ ޢަޒުމް އިންސާނާއަށް ލިބެނީ ޢަޤީދާގެ ސަބަބުންނެވެ. ޢަޤީދާއެއް ނެތްނަމަ، މަސައްކަތެއްގެ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގެ ހަކަތައާއި، ހިތްވަރެއް ނުހުންނާނެއެވެ. މިއީ އިންސާނީ އެހެނިހެން ޙަރަކާތްތަކެކޭ އެއްފަދައިން ޓެރަރިޒަމަށް ބެލިނަމަވެސް ކަންތައް އޮންނަ ގޮތެވެ.

ބައެއް ޤައުމުތަކުން އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމް ނައްތާލަން މަސައްކަތް ކުރަމުން ގެންދަނީ ޢަސްކަރީ ޙަރަކާތްތަކުގެ ބޭނުން ކޮށްގެންނެވެ. އެހެންނަމަވެސް އެ ޙަރަކާތްތަކުން އެކަނި މިފަދަ ބޮޑު ވަބާއެއް ނައްތައެއް ނުލެވޭނެއެވެ. ހަތިޔާރުން މުޅި ހަށިގަނޑު ފުރާލައިގެން ތިބުމުގެ އިތުރަށް ޓެރަރިސްޓުން ނުކުންނަނީ އެމީހުންގެ މަގަކީ ހެޔޮ މަގުކަމަށް ގަބޫލުކުރާ ޢަޤީދާއަކާވެސް އެކުގައެވެ. ވުމާއެކު ބަޑިއާބަޑި ކަމަށް ބަލައިގެން އެމީހުންނާ ކުރިމަތިލުމަކީ މައްސަލަ ޙައްލު ކުރެވޭނޭ ގޮތެއް ނޫނެވެ. މައްސަލަ ޙައްލު ކުރެވޭނީ ޢަޤީދާއަކާއިގެން ނުކުމެ ބަޑިއާ ކުރިމަތިލީމައެވެ.

ހަރުކަށިކަމާއި އަނިޔާވެރިކަން އެންމެ ފުރަތަމަ އުފެދެނީ ސިކުނޑީގައެވެ. ވުމާއެކު އެކަން ނައްތާލަންވެސް ޖެހޭނީ ސިކުނޑިންނެވެ. އާދެ، އެއޮތް ތަނަކުންނެވެ. ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ޢަޤީދާއާ ކުރިމަތިލާން ވާނީ ޞުލްޙައާއި އަމާންކަމުގެ ޢަޤީދާއިންނެވެ. މިފަދައިން ޢަމަލުކޮށްގެން ނޫނީ އެ ޢަޤީދާ ނައްތައެއް ނުލެވޭނެއެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ނިވް ޔޯރކަށް ދިން ޓެރަރިސްޓް ޙަމަލާއަކީ މި ދެންނެވި ބަހުގެ ސާފުސީދާ ހެއްކެކެވެ. އެޙަމަލާ ދިން މީހުންގެ ޢަމަލުން ސާބިތުކޮށްދިނީ އަނިޔާވެރި ވިސްނުމެއްގެ ބޭނުންކޮށްގެން، ހަތިޔާރަކާ ނުލައިވެސް ހަނގުރާމައެއް ކުރެވިދާނެކަމެވެ. ބޮމަކާނުލައި ބޮންއެޅިދާނެ ކަމެވެ. ވުމާއެކު އަޅުގަނޑުމެންނަށް ކުރަންޖެހޭ ކަމަކީ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ފިކުރު ފުހެލުމާއެކު އެފަދަ ފިކުރުގެ އަހުލުވެރިންގެ ސިކުނޑިތަކަށް އަމާން މިސްރާބަކަށް ވިސްނާނޭ މަގު ދައްކައިދިނުމެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރަކަށްވެސް ތާއަބަދު ހަނގުރާމަކުރުންމަތީ ދެމިއެއް ނުތިބެވޭނެއެވެ. އެކަމަކު ޓެރަރިސްޓުން ތާއަބަދު ހަނގުރާމަކޮށްކޮށް ތިބެދާނެއެވެ. ޓެރަރިސްޓުންނަކީ މުޅީން އެހެން ވައްތަރެއްގެ ބައެކެވެ. އެމީހުންގެ އެންމެފަހުގެ މަޤްޞަދަކަށް ވަނީ ކާމިޔާބީއެއް ނޫނެވެ. މަރަކީވެސް އެމީހުން އެދޭ އެއް މަޤްޞަދެވެ. އެމީހުންގެ ޢަޤީދާގައި އޮންނަގޮތުގައި ޢަސްކަރީ ޙަރަކާތެއްގެ ތެރޭގައި މަރުވެއްޖެނަމަ އެމީހުން ދާނީ ސީދާ ސުވަރުގެއަށެވެ. ވުމާއެކު ކާމިޔާބީއާއި ނާކާމިޔާބީ އެމީހުންނަށް ހަމަހަމައެވެ. ދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް ކާމިޔާބު ލިބެނީ އެމީހުންނަށް ކަމުގައި ޓެރަރިސްޓުން ގަބޫލު ކުރެއެވެ. މި ދެންނެވުނު މަގުފުރެދެނިވި ޢަޤީދާގެ އެހީގައި އެމީހުން، އެމީހުންގެ ޢަސްކަރީ ޙަރަކާތްތައް ކިތަންމެ ޒަމާނެއް ވާންދެންވެސް ހިންގަފާނެއެވެ. އެތައް ނަސްލަކަށް އެކަން ދަންމައިފާނެއެވެ. އެކަމަކު އެމީހުންނަކީ އެހެން ވައްތަރެއްގެ ބައެއްކަމުގައި ވިޔަސް އެއީ އަޅުގަނޑުމެންނާ މުޅީން ވަކި ބައެއް ނޫނެވެ. އެއީ އަޅުގަނޑުމެން މިދިރިއުޅޭ މުޖުތަމަޢާ ގުޅިލާމެހިފައިވާ ބައެކެވެ. އެމީހުންގެ އެންމެ ވަރުގަދަ ބާރަކީ އެހެން މީސްމީހުންގެ ސިކުނޑިތައް ދޮވެލަން އެމީހުން ހިންގާ "ޢަޤީދާގެ ކާރުޚާނާ" އެވެ. ސިކުނޑިދޮވެލުމުގެ މަސައްކަތް ކެނޑިނޭޅި ދަނީ ކުރިއަށެވެ. ޝަހީދުންގެ ދަރަޖަ ހޯދުމަށްޓަކައި އެމީހުންގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންގެ ވަރަށް ދިގު ކިޔޫއެއް އަބަދުވެސް އޮވެއެވެ.

އަމާންކަމާއި ޞުލްޙައިގެ މައްޗަށް ބިނާވެފައިވާ ޢަޤީދާއެއްގެ ބޭނުންކޮށްގެން، ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ޢަޤީދާއާ ކުރިމަތިނުލާހައި ހިނދަކު، ޓެރަރިޒަމް ދެމިއޮންނާނެއެވެ. އެހެންވީމާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޓެރަރިޒަމް އުފެދެން މެދުވެރިވާ، ހަރުކަށި ޢަޤީދާއަކީ ކޮބައިތޯ ބަލައިލަމާތޯއެވެ؟ މި ޢަޤީދާގައިވާ ގޮތުގައި އިސްލާމްދީނަކީ ސިޔާސީ ނިޒާމެކެވެ. އަދި އިސްލާމްދީނުގެ ސިޔާސީ ވެރިކަން މުޅި ދުނިޔެއަށް ފެތުރުމަކީ ކޮންމެ މިސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައިވެސް އަދި އެކަލޭގެފާނުގެ ޞަޙާބީންގެ އިސްބޭކަލުންގެ ޙަޔާތްޕުޅުގައިވެސް މިފަދަ ޢަޤީދާއެއް ފެތުރިފައެއް ނެތެވެ. މިއީ މާފަހުން އުފެދުނު ކަމެކެވެ. މި ޢަޤީދާ އުފަންކޮށްފައިވަނީ ވޭތުވެދިޔަ ހައެއްކަ ޤަރުނުގެ ތެރޭގައި މަދު މީސްކޮޅެއްގެ މަސައްކަތުންނެވެ. އޭގެ ފަހުން މުޅި އިސްލާމީ ދުނިޔެއަށް މި ޢަޤިދާ ފެތުރިގެން ދިޔައީއެވެ. މިހާރު އަޅުގަނޑުމެންނަށް މިފެންނަ ހަރުކަށިކަމާއި އަނިޔާވެރިކަން އުފެދުނީ މި ޢަޤީދާގެ ސަބަބުންނެވެ.

ވަރަށް ގިނަ މުސްލިމުން، ޚާއްޞަކޮށް މުސްލިމް ޒުވާނުން، ވަނީ މި ޢަޤީދާގައި ބަނދެވިފައެވެ. ވުމާއެކު ސުވަރުގޭގެ ތަޅުދަނޑިއަކީ އެއީކަމަށް ބަލައިގެން އެމީހުން ގެންދަނީ ސިޔާސީ އިސްލާމްދީނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޞުލްޙަވެރިކަމާއެކު ކުރި މަސައްކަތްތަކުން މިދެންނެވިފަދަ ސިޔާސީ އިސްލާމީ ދައުލަތްތަކެއް ގާއިމު ނުކުރެވުމުން ދެން އެމީހުން މަސައްކަތް ފެށީ ޖާނުންފިދާވުމުގެ ތެރެއިން މަޤްޞަދު ހާސިލުކުރާށެވެ. ފާޅުގައި ނުބުނާ ނަމަވެސް މި މަސައްކަތުގެ ބޭނުމެއް ކަމަށް ފެންނަ ގޮތް މިދަންނަވަނީއެވެ. "ޣައިރު އިސްލާމީ ވެރިކަމެއް ރޫޅާނުލެވިއްޖެނަމަ، އެވެރިކަމުގައި ރެނދުއަޅުވައި ބަލިކަށި ކޮށްލައިގެން އިސްލާމީ ވެރިކަމަކަށް މަގުފަހިކުރަމާ ހިނގާށެވެ."

އިސްލާމްދީނުގެ އަސްލުކަމުގައިވާ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި އިސްލާމްދީން ދިރާސާ ކުރުމުން ސިޔާސީ އިސްލާމްދީނަކީ މާފަހުގެ އުފެއްދުމެއް ކަމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ޞަޙާބީންގެ އިސް ބޭބޭކަލުންގެ ތަޢުލީމަކީ ޞުލްޙައާއި، އަމަންއަމާންކަމާއި، ލޯތްބާއި، ކެތްތެރިކަމުގެ ތަޢުލީމުކަން ކޮންމެ މީހަކަށްމެ އެނގޭނެއެވެ.

މިއަދު އަޅުގަނޑުމެންނަށް މިވަނީ އައު އުކުޅުތަކެއްގެ ބޭނުން ހިފަން ޖެހިފައެވެ. އެއީ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ޢަޤީދާއާ ދެކޮޅަށް ޞުލްޙައާއި އަމާންކަމުގެ މައްޗަށް ބިނާކުރާ ފުރިހަމަ ޢަޤީދާއެއްގެ ބޭނުން ކުރުމުގެ އުކުޅެވެ. ހަރުކަށިކަމުގެ ޢަޤީދާ ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ހަމައެކަނި ހަރުކަށި ޙައްދުފަހަނައަޅާފައި ތިބި މީހުންގެ ތެރެއަކަށް ނޫނެވެ. މުސްލިމުންގެ އާދައިގެ މީހުންގެ ތެރެއަށްވެސް މި ޢަޤީދާ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ވުމާއެކު އެ ޢަޤީދާގެ ނުބައިކަމާއި، އެއީ ކީރިތި ޤުރްއާނުގެ ތަޢުލީމާ ފުށުއަރާ ޢަޤީދާއެއްކަން ހާމަކޮށްދިނުން މިހާރު މިވަނީ ވަރަށް މުހިއްމު ކަމަކަށް ވެފައެވެ. ދެ ޢަޤީދާގެ ތަފާތު މީސްތަކުންނަށް އެނގިގެންދާނީ އޭރުންނެވެ.

ވޭތުވެދިޔަ ޒަމާންތަކުގައި އެކި ކަންކަމާ ގުޅިގެން އެކި ދުވަސްވަރު މީސްމީހުން ކަންކަމާ ދެކޮޅަށް ތެދުވެ، އަޑުއުފުލާފައިވާކަން ތާރީޚުން އެނގެއެވެ. އެހެންނަމަވެސް މިޒަމާނުގެ "އިސްލާމިސްޓުން" އައިސްފައިވާ ހިސާބަށް އެއިން އެއްވެސް ޒަމާނެއްގައި ބަޔަކު އައިކަމެއް އެނގޭކަށް ނެތެވެ. މިދަރަޖައަށް ކަންތައް ދިޔަ މައިގަނޑު ދެސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ މިޒަމާނުގެ ހަތިޔާރެވެ. އަނެއް ސަބަބަކީ މިޒަމާނުގެ މީޑިއާއެވެ. ޓެރަރިޒަމް ފެންމައްޗަށް އަރައި އަޑުގަދަކޮށްގެން އުޅޭ މައިގަނޑު ދެސަބަބަކީ މި ދެ ވަސީލަތެވެ.

އިހުޒަމާނަކު މަތިންދާބޯޓެއް ނެތެވެ. 110 ބުރީގެ ޢިމާރާތެއް ނެތެވެ. މަތިންދާބޯޓެއް ވައިފޭރިގަނެގެން ގޮސް އުސް ޢިމާރާތެއްގައި އެދުވަސްވަރު ނުޖެއްސީ އެހެންވެގެންނެވެ. މިފަދަ ކަމަކަށް މަގުފަހިކޮށްދިނީ މިޒަމާނުގެ ޓެކްނޮލޮޖީއާއި ތަރައްޤީއެވެ. ހަމައެހެންމެ މިފަދަ ހާދިސާތައް ހިނގާވަގުތު ދުނިޔޭގެ އެކިކަންކޮޅުތަކަށް ފަތުރައި ދުނިޔޭގެ އެންމެންނަށް ޓީވީން ފެންނަގޮތް ފަހިވީވެސް ވަރަށް ފަހުންނެވެ. ޙަޤީޤަތުގައި ޓެރަރިސްޓުންނަކީ ހަމަ އާދައިގެ މީހުންނެވެ. އެފަދަ މީސްމީހުންނަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭފަދަ މޮޅު ޢަސްކަރީ މީސްމީހުންގެ ދަރަޖަ ދިނުމުގެ ހުރިހައި ޒިންމާއެއް އޮތީ މިޒަމާނުގެ ޓެކްނޮލޮޖީގައެވެ.

މި މައްސަލަޔާ ގުޅިގެން ދެން ބަލައިލާން ޖެހެނީ ޓެރަރިސްޓުންގެ ޢަޤީދާގެ މައްޗަށެވެ. ޙައްދު ފަހަނައަޅާފައިވާ މީހުން އެމީހުންގެ ޓެރަރިސްޓް ސަގާފަތަށް ކިޔަނީ "އިސްލާމީ ޖިހާދު" މިހެންނެވެ. މިއީ ނުބައި ނަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. އެމީހުން އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޙަރަކާތްތައް ހިންގަނީ މި ދެންނެވުނު ނަމުގެ ނިވަލުގައި ތިބެގެންނެވެ. ނަތީޖާއަކީ ޓެރަރިޒަމާއި އިސްލާމްދީނާ ގުޅުވުމާއި އެމީހުންގެ ޙަރަކާތްތަކުގެ ސަބަބުން އިސްލާމްދީން ބަދުނާމުވުމެވެ. މިފަދަ ޓެރަރިސްޓް ޙަރަކާތްތަކާއި އިސްލާމްދީނާ ގުޅުވުން ތަކުރާރުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ލަންޑަނުގައި ނުކުންނަ "ޑެއިލީ ޓައިމްސް" ގެ ފަރާތުން ކުރި ދިރާސާއެއްގައި އިސްލާމްދީން ބަޔާންކޮށްދީފައިވަނީ އުސާމާ ބިން ލާދަންގެ ނަމާ ގުޅުވައިގެންނެވެ. އެ ދިރާސާއަކީ ޙަޤީޤަތަށްވުރެ ބޮޑަށް ބައެއްގެ ތެރޭގައި ހައިޖާނު އުފައްދަން އިސްކަންދީފައިވާ ދިރާސާއެކެވެ. ދިރާސާގެ ވާހަކަ ލިޔުނު މަޒްމޫނުގެ ސުރުޚީއަކީ "އަނިޔާވެރިކަމަށް ހުއްދަދޭ ދީނެއް" މިއެވެ.

ޢާއްމުކޮށް ގަބޫލު ކުރެވިފައިވާ ގޮތާ ޚިލާފަށް އިސްލާމްދީނަކީ ޞުލްޙައާއި އަމާންކަމުގެ ދީނެކެވެ. "އިސްލާމް" މިބަސް އުފެދިފައިވަނީ އަރަބި ބަހެއް ކަމަށްވާ "ސިލްމް" މިބަހުންނެވެ. މިބަހުގެ މާނައަކީ ސަލާމަތެވެ. އަމާންކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައިވާ ގޮތުގައި "އަމާންކަމަކީ އިސްލާމެވެ." (ޞަޙީޙުލްބުޚާރީ – ޙަދީޘް ނަންބަރު 2) އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އެއީ އިސްލާމްދީނުގެ މައިގަނޑު އެއް ސިފައެވެ. މިވާހަކަފުޅު އެހެން ޙަދީޘެއްގައިވެސް އައިސްފައިވެއެވެ.

"މުސްލިމަކީ އެމީހެއްގެ ދުލާއި އަތުން އެހެން މީހުންނަށް އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ މީހާއެވެ." (މުސްނަދް އަޙްމަދު – ވޮލިއުމް 3، ޞަފްޙާ 440)

މީގެ އިތުރަށް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅުތަކުގެ ތެރެއިން އެއް ނަންފުޅަކީ "އައްސަލާމް" އެވެ. (އަލްޙަޝްރު ސޫރަތުގެ 23 ވަނަ އާޔަތް) ވުމާއެކު ޚުދު ﷲ ސުބްޙަނަހޫ ވަތަޢާލާ އަކީ އަމާންކަމުގެ ކަލެއްކަން އެނގެއެވެ. "ﷲ އަކީ އަމާންކަމެވެ." (ޞަޙީޙުލްބުޚާރީ – ޙަދީޘް ނަންބަރު 831) އިލާހީ ޤާނޫނުގައި ﷲ ރުއްސަވާ މަގަކީ ސަލާމަތުގެ މަގެވެ. ނުވަތަ އަމާންކަމާއި ޞުލްޙައިގެ މަގެވެ. (އަލްމާއިދާ ސޫރަތުގެ 16 ވަނަ އާޔަތް) އިންސާނާ އެންމެ އެދޭ ގެ ކަމުގައިވާ ސުވަރުގެއަށް ދެވިފައިވާ އެއް ނަމަކީ "ސަލާމަތުގެ ގޮވައްޗެ"ވެ. އަދި ހަމަ އެހެންމެ ސުވަރުގޭގެ އަހުލުވެރިން އެކަކު އަނެކަކަށް ޞުލްޙައާއި އަމާންކަމާއި ސަލާމަތަށް އެދޭނެ ކަމަށްވެސް ވަނީ ބަޔާންވެފައެވެ. ވުމާއެކު ސުވަރުގޭގެ ސަގާފަތަކަށް ވެފައި އޮންނާނީ އަމާން ދިރިއުޅުމެއްކަން ވަރަށް ރީތިކޮށް އެބަ އެނގެއެވެ.

1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ އެމެރިކަން ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގައި އޮތް ތިން ދުވަހުގެ ބައްދަލުވުމެއްގައި "އިސްލާމްދީނާއި އަމަންއަމާންކަން" މި މަވްޟޫޢުގެ މައްޗަށް ވާހަކަދައްކަމުން އަޅުގަނޑު ބުނީމެވެ.

"އިސްލާމްދީނާއި ހަރުކަށި އަދި އަނިޔާވެރި ސިޔާސަތަކީ މުޅިން ދެކޮޅު ދޭއްޗެއް ކަމުގައި ދެންނެވުމަކީ ކަންބޮޑުކުރުމެއް ކަމުގައެއް ނުވާނެއެވެ. އިސްލާމީ ހަރުކަށި ކަމަކީ އެއްވެސް ބިންގަލެއް ނެތް ކަމެކެވެ. އަދި ކީއްތޯއެވެ. އެއީ އިސްލާމްދީން ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ. މި ދުނިޔޭގައި ހަރުކަށިކަމާއި އަނިޔާވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިފައިނުވާކަމީ، އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެފަދަ ޢަމަލުތައް ބީރައްޓެހިކަން އަންގައިދޭ ވަރުގަދަ ދަލީލެކެވެ. އިސްލާމްދީން ދަޢުވާކުރަނީ އެއީ އިލާހީ ދީނެއް ކަމަށެވެ. ވުމާއެކު ޒަމާންތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓައިނުލެވޭފަދަ އުސޫލަކަށް އިސްލާމްދީނަކުން ފުރުސަތެއް ނުދެވޭނެއެވެ. ވުމާއެކު އިސްލާމްދީނާއި ހަރުކަށިކަމާ ނުވަތަ އަނިޔާވެރިކަމާ ގުޅުވުމަކީ އެދީނުގެ އިލާހީވަންތަކަމަށް ބުރޫއަރާ ކަމެކެވެ. "އިސްލާމިކް ޓެރަރިޒަމް" މިއީ "ޕެސިފިސްޓް ޓެރަރިޒަމް" ފަދަ ދެކޮޅުނުޖެހޭ ޢިބާރާތެކެވެ. ޙަޤީޤަތުގައި އިސްލާމްދީނުގެ ހުރިހައި ތަޢުލީމެއްމެ، ދެވިފައިވަނީ ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ޞުލްޙައާއި އަމާންކަމުގެ ބިންގަލުގެ މައްޗަށެވެ."

ޖާނުންފިދާވުމުގެ ޙަމަލާތަކުގެ މައްޗަށް ދެން ބަލައިލަމާތޯއެވެ؟ އިސްލާމްދީން އަންގާ ގޮތުގައި ފުރާނައަކީ އަގުހުރި ނިޢުމަތެކެވެ. ތިމާގެ އަމިއްލަ އިޚްތިޔާރުގައި ބޭނުންހައި ގޮތަކަށް ފުރާނަ ދުއްވައިލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ދިރިހުރުމަށް ބާރުއަޅާ ދީނެކެވެ. މަރުވުމުގެ މައްޗަކަށް އިސްލާމްދީން ތަރްޙީބެއް ނުދެއެވެ. ކެތްތެރިކަމަށް އިސްލާމްދީނުގައި އާދަޔާ ޚިލާފު އަހަންމިއްޔަތެއް ދީފައިވާ ސަބަބަކީ މިއީއެވެ.

އިސްލާމްދީން ދިރާސާ ކުރުމުގައި މީގެ ކުރީން އަބަދުވެސް ޙަވާލާދެނީ ކީރިތި ޤުރްއާނަށެވެ. އެހެންނަމަވެސް މިހާރު ޙަވާލާދޭތަން މިފެންނަނީ ޓެރަރިސްޓް ޙަރަކާތްތަކަށާއި އެފަދަ ޙަރަކާތްތަކަށް ތާއީދުކުރާ މީހުންނަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ވުމާއެކު ޙަޤީޤީ އިސްލާމްދީނަކީ ކޮބައިކަމާއި، ސިޔާސީ ގޮތުން ޙަރަކާތްތެރިވާ "އިސްލާމީ ޓެރަރިޒަމަ"ކީ ކޮބައިކަން އޮޅުންފިލުވައިދިނުމުގެ މުހިއްމުކަން މިހާރު މިވަނީ ވަރަށް ބޮޑުވެފައެވެ.

ޓެރަރިސްޓުން ވަނީ ކީރިތި ޤުރްއާނުގެ ނުބައި ތަރުޖަމާއެއް ކޮށްފައެވެ. އެ ތަރުޖަމާގައިވާ ގޮތުގައި އެމީހުންގެ ނަޒަރުގައި ކާފަރެއް ކަމުގައި ބެލެވޭ މީހަކު ޤަތުލުކޮށްފިނަމަ އެއީ އިސްލާމީ އަޅުކަމެކެވެ. އެކަމުގެ އުޖޫރައަކީ ސުވަރުގެއެވެ. ޓެރަރިސްޓް ޙަރަކާތްތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޙަރަކާތްތަކެކެވެ. މި ޙަރަކާތަށް ނިމުމެއް ގެނެވޭނީ ޙަރަކާތުގެ ބައިވެރިންގެ ވިސްނުމާއި ފިކުރު ބަދަލު ކޮށްގެންނެވެ. އެކަން ކުރެވޭނީ އެމީހުންނާ ޢިލްމީ ފެންވަރެއްގައި ކުރިމަތިލައިގެންނެވެ. އަދި އިސްލާމްދީނުގެ ޙަޤީޤީ އަދި އެދެވޭ ތަޞައްވުރު އެމީހުންނަށް ސާފުކޮށް ދައްކައިގެންނެވެ. ހަރުކަށިކަމުގެ ސިޔާސަތު ދޫކޮށްލުމަށްފަހު ޞުލްޙައާއި އަމާންކަމުގެ ސިޔާސަތުގެ ބޭނުންކޮށްގެން އެމީހުންގެ ވިސްނުން ބަދަލުކުރަން މަސައްކަތް ކޮށްގެންނެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.