ނޫޙުގެފާނު ވާހަކަ - 1

ސަލާމްލެއްވި އިދުރީސްގެފާނު އަވަހާރަވުމުން ، މުސްލިމުން އެބައިމީހުންގެ އަމިއްލަ ޙާލުގެމައްޗަށް އޮތީ ދޫކޮށްލެވިފައެވެ. އެބައިމީހުންގެ މައްޗަށް ބަސްކިޔާނެ ވެރިޔަކު ނެތެވެ. އިދްރީސް ޢަލައިހިއްސަލާމް އަވަހާރަވުމުން ، އޭގެތެރެއިން އެހެން ނަބީޔަކު ފާޅުކުރެއްވުން ލަސްވުމާއެކު ، ރަނގަޅުމަގު ހޯދުމަށް އެދި ، އަދި އުޅެންވީގޮތް ސާފުކުރުމަށް ، މީސްތަކުން ދެން ދިޔައީ ، އިދްރީސް ޢަލައިހިއްސަލާމްގެ އަރިސް ބޭބޭކަލުން އަރިހަށެވެ. މީސްތަކުންނަށް މައްސަލައެއް ކުރިމަތިވާހިނދު ، އެބޭކަލުންދެއްވާ ލަފާ ބޭނުން ކުރެވެމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ، އިދްރީސް ޢަލައިހިއްސަލާމުގެ އަރިސްބޭކަލުންވެސް ދުނިޔެދޫކުރައްވައި ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައި ، ހެޔޮމަގަށް މަގުދައްކާނެ ވެރިޔަކު ނުވަތަ ޙާކިމަކު އަނެއްކާވެސް ނެތިއްޖެއެވެ. ﷲ ގެ މަގުން އެއްކިބާވެ ، ދެދުނިޔެއިން ގެއްލުމުގެ ބިރުވެރިކަން މީސްތަކުންގެ މެދުގައި އުފެދުނެވެ.

ލަޢުނަތްލެއްވި އިބިލީސް ، އިންސާނުންގެ ޙާލަތަށް މަކަރުވެރި ލޮލަކުން އައީ ބަލައި ފާރަލަމުންނެވެ. ޢަޤީދާ ބަލިކަށިވަމުންދާ ފިރިހެނުންނާއި އަންހެނުންގެ ހިތަށް ވަސްވާދީ ، މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތް އިބިލީސް ފެށިއެވެ. އެއްދުވަހަކު ، އިބިލީސް އިންސާނެއްގެ ސިފައިގާ މީސްތަކުންގެ ތެރެޔަށް ނުކުތެވެ. އަދި އެމީހުންގެ ހިތްތަކަށް ވަސްވާސްދީ ، ސިކުނޑިއާ ކުޅެލުމަށް މަސައްކަތް ކުރިއެވެ. އެކަލޭގެ ހަރުއަޑުން ގޮވަމުން ގެންދިޔައެވެ.

" މަރުވެ އެދިޔަ މާތް އިމާމުގެ ބުދު ހަދައި އަޅުކަން ކުރުމުގައި އެބުދު ބޭނުންކުރުމުން ، އަހަރެމެންގެ އަޅުކަމުގައި ލައްވާ ބަރަކާތް އިތުރުވެ ، އެބޭކަލުންގެ ހަނދާން އަހަރެމެންގެ ހިތްތަކުގައި އަބަދަށް ހަރުލައި ހުންނާނެއެވެ. "

އިބިލީހުގެ ބަސްވިކި ، ކުރީގެ އިމާމުގެ ބުދު ހެދުމުން އެމީހުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަން ޤަބޫލުކޮށް ، ބުދުތައް ހަދައި ، އަޅުކަމުގައި ، އެމީހުންގެ ހަނދާން އައުކުރަން ފެށްޓިއެވެ. އިޢުތިޤާދު ބަލިކަށިވެފައިވާ އިންސާނާގެ ސިކުނޑީގައި ޖަހާލަތުގެ އޮށް ، އިންދުމުގައި ޝައިޠާނާ ކުރިހޯދިއެވެ. މަޑުމަޑުން އޭނާގެ މަސައްކަތް ތަރައްޤީ ކުރަމުން އިންސާނާގެ ސިކުނޑިއާ ކުޅެމުން ގެންދިޔައެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް އަޅުކަން ކުރުމުގެ ވިސްނުން އިންސާނާގައި އުފެއްދުމަކީ އެހާ ފަސޭހައިން ކުރެވިދާނެކަމެއްނޫންކަން އިބިލީހަށް އެނގެއެވެ.

ޖީލެއްނެތިގޮސް ، އައު ވިސްނުމާއި ފިކުރާ އަދި ޚިޔާލާތުން އައު ޖީލެއް އުފެދުމާއެކު ، ބުދު ހަދައިގެން ޙާޞިލްކުރަން ފުރަތަމަ ބޭނުންކުރެވުނު މަޤްޞަދު މީސްތަކުން ހަނދާން ނެތުނެވެ. ފުރުޞަތުގެ ބޭނުންހިފައި ، އަނެއްކާވެސް މީސްތަކުންގެ ކުރިމައްޗަށް އިބިލީސް ނުކުތެވެ. އަދި ، ގޮވަމުން ގެންދިޔައެވެ.

" މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ކާބަފައިން ، އަޅުކަން ކުރަމުންގެންދިޔައީ މިހިރަ ބުދު ތަކަށެވެ. މި ބުދުތަކަކީ ، ތިޔަބައިމީހުންނަށް ހުރިހާ ރަނގަޅެއް ގެނެސްދޭނެ އެއްޗެކެވެ. "

އިބިލީހުގެ މިބަސްތައް ހިނގައި ، މީސްތަކުންގެ މެދުގައި ވިކި ، ބުދަށް އަޅުކަންކުރުމުގެ އާދައާއި ރޫޙޫ އަށަގަންނަމުން ދިޔައެވެ.  އެންމެފަހުން ޖަހާލަތުގެ އަނދިރިކަމުން ދުނިޔެ އަނދިރިވެ ، މީސްތަކުންގެ މެދުގައި ޝިރުކުގެ ވަބާފެށި ، އިބިލީހުގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކާމިޔާބު ކުރިއެވެ. އެހިސާބުން ، މީސްތަކުން ދުނިޔޭގައި އުޅެންވީ ގޮތާއި ﷲ ގެ ތެދުމަގު ދެއްކެވުމަށް މިންވަރު ކުރެއްވިއެވެ. މީސްތަކުންނަށް  އަލުން އަނބުރާ ، ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. މިމަތިވެރި މަޤްޞަދު ފުރިހަމަކުރެއްވުމަށްޓަކައި ، ﷲ ސުބްޙާނަހޫ ވަތަޢަލާ އިޚުތިޔާރު ކުރެއްވި ބޭފުޅަކީ ނޫޙު ޢަލައިހިއްސަލާމެވެ.

ނޫޙުގެފާނަކީ ، ޚުލްޤުފުޅު ހެޔޮ އަދި ތެދުވެރި ، ދޫފުޅުހެލޭ ބަލާޣާތްތެރި ބޭފުޅެއްކަމުގައި ﷲ ލެއްވިއެވެ. އަދި އެކަލޭގެފާނަކީ ، އިންތިހާއަށް ކެތްތެރި ބޭފުޅެކެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަތް އެންމެހައި އިމްތިޙާޏުތަކުގައި ، ﷲ ގެ މިންވަރުފުޅާއެކު ، އެކަލޭގެފާނުގެ ކެތްތެރިކަން ، މިސާލެއްގެ ގޮތުގައި ދުނިޔެއަށް ދެއްކެވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.