އާދަމްގެފާނު ވާހަކަ - 8

(29 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އާދަމް ޢަލައިހިއްސަލާމް އަވަހާރަވުން

އިންސާނީ ދަރިފަސްކޮޅު ފެށިގެން އައީ އާދަމުގެފާނުގެ ފުށުންނެވެ. ބައެއް ރިވާޔަތުގައި އައިސްފައިވާގޮތުން ، ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ވިދާޅުވެފައިވާ ގޮތުގައި ، އާދަމުގެފާނަށް އެކަލޭގެފާނުގެ ދަރިފަސްކޮޅު ، ﷲ ދެއްކެވިއެވެ. ދާއޫދުގެފާނުގެ ލޯފުޅުން ، އާދަމުގެފާނަށް އަލިކަމެއްފެނިވަޑައިގަތެވެ. އަދި ދާއޫދުގެފާނުދެކެ ، އާދަމުގެފާނު ވަރަށް ލޯބިފުޅުވިއެވެ. އަދި އެކަލޭގެފާނަށްޓަކައި ދުޢާކުރެއްވިއެވެ. " އޭ މަތިވެރިވަންތަ ﷲ އެވެ ! ތިމަންކަލޭގެފާނުގެ ޢުމުރުން 40 އަހަރު އެކަލޭގެފާނަށް ( އެބަހީ ދާއޫދުގެފާނަށް ) ދެއްވާދޭނވެ ! " އާދަމުގެފާނު ދުޢާކުރެއްވިކަމަށް ވެއެވެ. އަދި ﷲ ، އެކަލޭގެފާނުގެ ދުޢާ ޤަބޫލުކުރައްވައި އެކަން ލިޔުއްވިއެވެ.

އާދަމް ޢަލައިހިއްސަލާމަށް ކަނޑައެޅި ، ﷲ މިންވަރުކުރައްވާފައިވާ ޢުމުރުފުޅަކީ ، އެއްހާސް އަހަރުކަމަށް ވެއެވެ. އެހެނަސް ، އެކަލޭގެފާނުގެ ޢުމުރުފުޅުން 960 އަހަރުފުރިހަމަވީތަނާ ، މަރުހިއްޕަވާ މަލާއިކަތާ އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. އާދަމުގެފާނު ޙައިރާންފުޅުވެވަޑައިގެން ވިދާޅުވިއެވެ. " އަޅުގަނޑުގެ ޢުމުރުގައި އަދި ބާކީ 40 އަހަރު އެބައޮތް ނޫންތޯއެވެ ؟ " އާދަމުގެފާނު ވިދާޅުވިއެވެ. އެހިނދު ، އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރު ، ދާއޫދުގެފާނަށް ހަދިޔާކުރައްވާފައިވާކަން މަރުހިއްޕަވާ މަލާއިކަތާ ، ހަނދުމަފުޅުކޮށް އެރުއްވިއެވެ. އާދަމުގެފާނު އެކަމަށް އިންކާރު ކުރެއްވިއެވެ. އެތައް އެތައް އަހަރެއްގެފަހުން ، އެންމެ ފަހުގެ ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރެއްވިކަމަށް އައްތިރުމިޒީގައި އައިސްފައި ވެއެވެ. " އާދަމުގެފާނު އިންކާރު ކުރެއްވިއެވެ. ހަމައެފަދައިން ، އާދަމުގެ ދަރިންވެސް އިންކާރު ކުރެތެވެ. އަދި ، އާދަމުގެފާނު ހަނދުމަފުޅު ނެތުނެވެ. ހަމައެފަދައިން ، އާދަމުގެދަރިންވެސް ހަނދުމަ ނެތެއެވެ. އަދި ، އާދަމުގެފާނު ކުށް ކުރެއްވިއެވެ. ހަމައެފަދައިން ، އާދަމުގެ ދަރިންވެސް ކުށަށް އަރައިގަނެތެވެ. "

އާދަމުގެ ދަރިންނަކީ ، ހަނދާންނެތޭ ، އަދި ހަނދާންނެތޭއިރަށް އިންކާރުކުރެވޭ ބަޔެކެވެ. އާދަމުގެފާނުވެސް ހަނދުމަފުޅު ނެތުނީއެވެ. އިތުރުފުޅު ހައްދަވާ އިންކާރު ކުރެއްވީކީ ނޫނެވެ. އަދި އެކަމަށް ، ﷲ ވަނީ އެކަލޭގެފާނަށް މާފުކޮށްދެއްވާފައެވެ. އާދަމުގެފާނު ، ﷲ އަށް ވަކީލު ކުރެއްވިއެވެ. އަދި އަވަހާރަފުޅުވެއްޖެއެވެ. އެހިނދު ، މަލާއިކަތްބޭކަލުންގެ ޖަމާޢަތެއް ބިމަށް ފައިބައިވަޑައިގެން ، އެކަލޭގެފާނުގެ ހަށިކޮޅު އޮނަހިރި ނަންބަރަކަށް ނިސްބަތްވާ ޢަދަދަކަށް ދޮންނެވިއެވެ. އަދި ކަށްވަޅު ކޮންނަވައި ، އިންސާނުންގެ އުފެދުންކަމުގައިވާ އާދަމް ޢަލައިހިއްސަލާމް ވަޅުފުޅުލެއްވިއެވެ.

އާދަމުގެފާނު އަވަހާރަވުމުގެކުރިން ، އެކަލޭގެފާނުގެ ދަރިކޮޅަށް ނަޞޭޙަތްތެރިވެ ވަޑައިގަތެވެ. ﷲ އީ އިންސާނުން ދޫކޮށްލައްވާނެ ކަލަކު ނޫންކަމާއި ، ﷲ ގެ ރައްކައުތެރިކަން އަބަދުވެސް ލިބިލިބި ހުންނާނެކަމާއި ، މަގުދައްކަވާނެކަން އެންގެވިއެވެ. އިންސާނުންނަށް މަގުދެއްކެވުމަށްޓަކައި ، މުޢުޖިޒާތާއެކު ޚާއްޞަ ނަންފުޅުތަކެއްގައި އިތުރު ރަސޫލުންނާއި ނަބީން ފޮނުއްވާނެކަން އެކަލޭގެފާނު ، އިންސާނުންނަށް ހަނދާން ކޮށްދެއްވިއެވެ. އަދި އެހުރިހާ ބޭކަލުންވެސް ގޮވައިލައްވާނީ ﷲ ގެ މަގަށް ކަމާއި ، އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމަށްކަމަށް ވިދާޅުވެފައި ވެއެވެ. އެކަލޭގެފާނަށްފަހު ދެންހުންނަވާނީ އެކަލޭގެފާނުގެ އުފަން ދަރިކަލުން ޝީޘްކަމުގައިވެސް ، އަވަހާރަވުމުގެ ކުރިން އަންގަވައިފާ ވެއެވެ.

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.