އާދަމްގެފާނު ވާހަކަ - 6

(27 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެންނަމަވެސް ، އާދަމުގެފާނާއި ޙައްވާގެފާނު ، ދުނިޔެމައްޗަށް ފޮނުއްވުނީ ހުކުރު ދުވަހެއްގައިކަން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގެން އެބައޮތެވެ. އެކަލޭގެފާނު ޙަދީސް ކުރައްވާފައިވާކަމަށް ޞަޙީޙު މުސްލިމްގައި ބަޔާންވެގެން ވެއެވެ.

" އިރު އެދުވަހެއްގައި އަރާ އެންމެ މާތަދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު އުފެއްދެވީ ހުކުރު ދުވަހެއްގައެވެ. އެކަލޭގެފާނު ، ދުނިޔެމައްޗަށް ފޮނުއްވުނީ ހުކުރު ދުވަހެއްގައެވެ.

އާދަމް ޢަލައިހިއްސަލާމުގެ ދެކަނބަލުން ، ސުވަރުގެއިން ނުކުމެވަޑައިގެން ބިމަށް ފައިބާވަޑައިގަތުމަށްފަހު ، ދިރިއުޅުއްވަން ފެއްޓެވިއެވެ. އެދެކަނބަލުން ، ދުނިޔޭގައި ދިރިއުޅުއްވުމަށްޓަކައި ، ﷲ ގެ ޙަޟުރަތުންވަނީ ކަންތައްތަކެއް ފުރިހަމަކޮށްދެއްވާފައެވެ. އިންސާނާއަށް ވަސްވާސްދީ ، މަގުފުރައްދާ ޝައިތާނާއާ ބެހޭގޮތުން ، އެދެކަނބަލުންނަށް ވަނީ ތަޖުރިބާތަކެއް ލިބިވަޑައިގެންފައެވެ. ދުނިޔޭގައި ލެއްވި އެންމެހައި ތަކެތީގެ ނަންތައް ، ﷲ ވަނީ އާދަމް ޢަލައިހިއްސަލާމަށް އުނގަންނަވައި ދެއްވާފައެވެ. އަދި އެތަކެތީގެ ބޭނުމާއި ބޭނުންކުރައްވާނެގޮތް ވަނީ ދަސްކޮށްދެއްވާފައެވެ. އާދަމް ޢަލައިހިއްސަލާމްވަނީ ، ބިމުގައި ޚާލީފާވެރިވެވަޑައިގެން ، ދުނިޔެ ބެލެހެއްޓުމާ ޙަވާލުވެވަޑައިގެން އަދި ﷲ ގެ ރަސޫލެއްގެ ގޮތުގައި ބިމުގައި ޤާއިމްވެވަޑައިގެންފައެވެ.

ﷲ ގެ އެންމެ ފުރަތަމަ ރަސޫލެއްގެގޮތުން ، އާދަމްގެފާނުގެ މަސްއޫލިއްޔަތަކަށްވީ ، ﷲ އަށް އަޅުކަންކުރުމާއި އެކަލާނގެ ހަޟުރަތަށް ތަވްބާވާނެގޮތް ، އެކަލޭގެފާނުގެ އަނބިކަނބަލުން ހައްވާގެފާނަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ދަސްކޮށްދެއްވުމެވެ. ﷲ ގެ ޤާނޫނުތައް ބިމުގައި ހިންގަވައި ، އެކަލޭގެފާނުގެ ޢާއިލާ ބަލަހައްޓަވައި ،  ޢާއިލާއަށް އެހީތެރިވެވަޑައިގެން ، ދުނިޔެ ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. އެކަލޭގެފާނުގެ މަސްއޫލިއްޔަތަކަށްވެފައިއޮތީ ، ދުނިޔެ އާބާދު ކޮށް ބިނާކުރުމާއި ، ﷲ އެންގެވިމަގުން ދުނިޔޭގައި ދިރިއުޅެ ، ދުނިޔެ އާބާދުކުރާނެ ދަރިފަސްކޮޅެއް އުފެއްދެވުމެވެ.

އާދަމް ޢަލައިހިއްސަލާމުގެ ފުރަތަމަ 4 ބޭފުޅުން

އާދަމް ޢަލައިހިއްސަލާމާއި ޙައްވާގެފާނަށް ފުރަތަމަވެސް ލިބިވަޑައިގަތީ އެއްމާބަނޑު ދެބޭފުޅުންނެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. އެއީ ޤާބީލާއި އޭނާގެ އުޚުތެވެ. ޤާބީލާއެކު އުފަންވެވަޑައިގަތް އޭނާގެ އުޚުތަކީ ، ރީތި ބޭފުޅެކެވެ. ދެވަނަޔަށްވެސް ލިބިވަޑައިގަތީވެސް އެއްމާބަނޑު ދެބެންނެވެ. އެއީ ހާބީލާއި އޭނާގެ އުޚުތެވެ. ހާބީލާއެކު އުފަނވްވަޑައިގަތް އޭނާގެ އުޚުތަކީ ކުރިން ލިބިވަޑާއިގަތް އަންހެން ދަރިކަނބަލުންނަށްވުރެ ސިފަ ހުތުރު ބޭފުޅެކެވެ. ފުރަތަމަ ލިބިވަޑައިގަތް ފިރިހެން ދަރިކަލުން ، ޤާބީލަކީ ހަރުކަށި މިޒާޖެއްގެ ބޭފުޅެކެވެ. އަދި ދެވަނަޔަށް ލިބިވަޑައިގަތް ފިރިހެންދަރިކަލުން ޤާބީލަކީ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. މިހަތަރު ބޭފުޅުން ލިބިވަޑައިގަތުމަށްފަހު ، އާދަމް ޢަލައިހިއްސަލާމުގެ ދެކަނބަލުންނާއި ޢާއިލާ ، ވަރަށް އުފާވެރިކަމާއެކު ، ދުނިޔޭގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. ހާބީލު މަސްއޫލުވެ ވަޑައިގެން އުޅުއްވީ ދަނޑުގޮވާން ކުރެއްވުމުގައެވެ. އަދި ޤާބީލު އުޅުއްވީ ގެރިބަކަރި ގެންގުޅުއްވުމުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ، ހުރިހާ ބޭފުޅުން ފިރިފުރާ ޢުމުރަށް އަޅައި ، ކައިވެނިކުރެއްވުމާ ހިސާބަށް ، ބޮޑުފުޅުވެވަޑައިގެންފިއެވެ. އާދަމްގެފާނުގެ ބޭފުޅުންކުރެ އެއްނިބޫ އެއްބަނޑު ފިރިހެންބޭފުޅުން ، އަނެއްނިބޫ އަންހެން ބޭފުޅުންނާ ކައިވެނިކުރެއްވުމަކީ ، ޢާންމުކޮށް ހިނގަމުން އައިސްފައިވާ ކަމެއްކަމުގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިސް އަޞްޙާބުބޭކަލުން ރިވާ ކުރައްވައެވެ. އެބޭފުޅުންގެ ތެރޭގައި  އިބްނު ޢައްބާސް އަދި އިބްނު މަސްޢޫދުފަދަ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެއީ ﷲ އެކަން ރާއްވަވާފައިވާ ގޮތެވެ. ދުނިޔެ އާބާދުވެގެން ދިއުމުގައި ، އާދަމް ޢަލައިހިއްސަލާމުގެ ފިރިހެން ދެބޭފުޅުން ، އަނެއްނިބޫގެ އަންހެން ބޭފުޅުންނާ ކައިވެނިކުރެއްވުމަކީ އެކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ.

ޤަބޫލުކުރެވޭގޮތުގައި ، ދުނިޔެ ފެށުނީއްސުރެ ، ރީއްޗާއި ފުރިހަމަކަމަކީ ، އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއްބަޔަކަށް އަޅައިގަންނަ ސިފައަކަށްއޮތީ ވެފައެވެ. އާދަމުގެފާނުގެ ފުރަތަމަ ދަރިކަލުން ހާބީލަށް ، އޭނާ ކައިވެނިބައްލަވައިގަތުމަށް އިޚުތިޔާރުކުރެވުނު އަންހެންބޭފުޅާއާ ހިތްޕުޅާ ހަމައެއް ނުކުރެއްވުނެވެ. ދެންހުރި އަންހެން ދަރިކަނބަލުން ، ހާބީލާއެކު އުފަންވެވަޑައިގަތް އޭނާގެ އެއްމާބަނޑު އުޚުތަށްވުރެ ސިފަހުތުރުވުމަކީ އޭގެ އެއްސަބަބެވެ. ހާބީލުގެ ޚަޞީލަތް ހުރިގޮތުން ، އޭނާގެ ކޮއްކޮ ޤާބީލާ ދެބަސްވެވަޑައިގެން ، އަދި ބައްޕަ ، އާދަމް ޢަލައިހިއްސަލާމުގެ އަމުރުފުޅަށް ކިޔަމަންވެވަޑައިނުގެން ދެކޮޅު ހެއްދެވިއެވެ. އަދި ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވެވަޑައިގަތެވެ.  ﷲ އިންސާނާ އުފައްދަވާ މިދުނިޔެމައްޗަށް ފޮނުއްވީ ، ހެވާއި ނުބައި ހިމެނޭގޮތަށް އިންސާނާގެ ހަށީގައި އާދަތަކެއް ލައްވާފައެވެ. މިއާދަތަކާގުޅިގެން ، އޭނާގެ ނަފްސުއެދޭގޮތާއި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ޤަޟާ ޤަދަރާ މަތިނުކޮށް ، ގޮންޖެހުންތަކާ ކުރިމަތިލައި އެކަމެއް އޭނާ ބޭނުންވާގޮތަކަށް ބަދަލުކުރުމަށް އުޅުމަކީ ، ﷲ އިންސާނާ ކުރައްވާ އިމްތިޙާނެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.