އާދަމްގެފާނު ވާހަކަ - 2

(23 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކީރިތި ޤުރުއާނުގެ ޞޯދު ސޫރަތުގައްޔާއި ބަޤަރާ ސޫރަތުގައި ، މިވާހަކަތައް ބަޔާންކުރައްވައި އަންގަވައިފާ އެބައޮތެވެ. ޞޯދު ސޫރަތުގެ 71 ވަނަ އާޔަތުން ފެށިގެން އެކަންހިނގައިދިޔަގޮތް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައި އެބައޮތެވެ.

މަށިން ، އިންސާނަކު އުފައްދަވާހުށިކަމުގައި ﷲ ، މަލާއިކަތްބޭކަލުންނަށް ވަޙީކުރެއްވިއެވެ. އަދި އެއިންސާނާ އެބަހީ އާދަމުގެފާނު އުފައްދަވައި ފުރިހަމަކުރެއްވުމަށްފަހު ، އެކަލާނގެ ރޫޙުފުޅުން ، އެއިންސާނާއަށް ފުމެލައްވާހިނދު ، މަލާއިކަތްބޭކަލުން އޭނާއަށްޓަކައި ސަޖިދަޔަށް ތިރިވާށޭ ވަހީކުރައްވައި އަމުރުކުރެއްވިއެވެ. އެހިނދު ، އިބިލީސް ފިޔަވައި އެހެން ހުރިހައި މަލާއިކަތުން އެކުގައި ސަޖިދަ ކުރެއްވިއެވެ. އިބިލީސް ، ސަޖިދައެއް ނުކުރިއެވެ. އެހެންކަމުން ، އެކަލޭގެވެގެންދިޔައީ ، ﷲ ގެ އަމުރުފުޅަށް އުރެދި ، ނުކިޔަމަންތެރިވި ކާފަރުންގެ ތެރެއިންނެވެ. އެކަމާގުޅިގެން އިބިލީހަށް ، ﷲ ވަޙީކުރެއްވިއެވެ. " ތިމަން ރަސްކަލާނގެ ޔަދުޤުދުރަތްފުޅުން ، (އެއްވެސް ވާސިތަކާނުލައި) ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ ؟ ކަލޭގެ (ސަޖިދަކުރުމަށް) ބޮޑާވެގަތީ ހެއްޔެވެ ؟ ނުވަތަ ކިބުރުވެރިގަތްމީހުންގެތެރެއިން ކަލޭވީ ހެއްޔެވެ ؟ "

" އެކަލޭގެފާނަށްވުރެ ތިމަން ، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން އުފެއްދެވީ އަލިފާނުންނެވެ. އަދި ، އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. " އިބިލީސް ދެންނެވިއެވެ. އެވަގުތު ، ﷲ ކޯފާވެވޮޑިގެން ، ސުވަރުގެއިން ނުކުތުމަށް ، އިބިލީހަށް އަންގަވައި ، އެތަނުން ނެރެލެއްވިއެވެ. އަދި އިބިލީހަކީ ، އެކަލާނގެ ރަޙުމަތްފުޅުން ބޭރުކުރެވިފައިވާ މީހެއްކަމުގައިވެސް އެންގެވިއެވެ. އަދި ، ޤިޔާމަތްދުވަހަށް ދާނދެން އިބިލީހުގެ މައްޗަށް ، އެކަލާނގެ ލަޢުނަތް ލެއްވިގެންވާކަން ބަޔާންކުރެއްވިއެވެ. އެވަގުތު އިބިލީސް ދެންނެވިއެވެ.

" އަޅުގެ ވެރި ރަސްކަލާކޯއެވެ ! ފަހެ ، އެއުރެން ، ( އަލުން ދިރުއްވައި ) މަޙުޝަރަށް ފޮނުއްވާނޭ ދުވަހަށް ދާނދެން ، ތިމަންއަޅާއަށް މުހުލަތު ދެއްވާދޭނވެ ! " އިބިލީހުގެ މިދެންނެވުމާގުޅިގެން ، ﷲ އެކަލޭގެޔަށް އެމުހުލަތު ދެއްވިއެވެ. އެއީ ، ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ. އިބިލީސް އަނެއްކާވެސް ،  ﷲ ގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ﷲ އަށް ދެންނެވިއެވެ.  އެއުރެންކުރެ އިބަރަސްކަލާނގެ ޚިޔާރުކުރެއްވި އަޅަކުފިޔަވައި ، އެއުރެންގެ އެންމެން ، މަގުފުރައްދާ ހުށީމެވެ. އެއީ ކަށަވަރުކަމެކެވެ. ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ.

" ތިމަން ރަސްކަލާނގެއީ ޙައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ތިމަން ރަސްކަލާނގެ ވަޙީ ކުރައްވަނީ ޙައްޤު ތެދެވެ. ކަލޭގެޔާއި އޭގެތެރެއިން ކަލޭގެޔަށް ތަބާވީ ބަޔަކާ އެންމެން ނަރަކަޔަށް އަޅުއްވައި ނަރަކަ ފުރުއްވާ ހުށީމެވެ ! "

އާދަމުގެފާނު އުފައްދަވައި ، ހުރިހައިތަކެތީގެ ނަންތައް އެކަލޭގެފާނަށް ﷲ އުނގަންނަވައި ދެއްވިއެވެ. އެއީ ނަންކިޔުނު އެންމެހައި ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތާއި ތަފްޞީލެވެ.  އެއަށްފަހު ، ޙައްވާގެފާނު އުފައްދަވައި ، އެދެކަނަބަލުން ، ސުވަރުގޭގައި ވަޒަންވެރިވެ އުޅުއްވުމުގެ އަމުރު ދެއްވިއެވެ. އަދި ބޭނުންފުޅުވާ ގޮތަކަށް ، އެންމެ ގަހަކުން ފިޔަވައި ، ފަރީއްކުޅުއްވައި އުޅުއްވުމަށް ހުއްދަ ދެއްވިއެވެ. އަދި އެގަހަކާ ކައިރިނުވުމަށް ވަކި ގަހެއް ނިންމަވައި ، އެގަހާ ކައިރިވެވަޑައިގެންފިނަމަ ، އެދެކަނބަލުން ވާހުށީ އަނިޔާވެރިމީހުންގެ ތެރޭގައިކަންވެސް އެންގެވިއެވެ. އެހެންނަމަވެސް ، އިބިލީސް ވަސްވާސްދީ ، އޭނާގެ ބަހަށް ހެއްލިވަޑައިގެން ، ﷲ މަނާކުރެއްވިގަހުން ފަރީއްކުޅުއްވުމާގުޅިގެން ، ސުވަރުގޭގައި އެދެކަނަބަލުން އުޅުއްވި ނިޢުމަތުން މަޙުރޫމް ކުރެވިގެން ދިޔައެވެ. އެއީ އިބިލީސް ނުވަތަ ޝައިޠާނާގެ ވަސްވާހުގައި އިންސާނަކު ޖެހި ، ﷲ މަނާކުރައްވާފައިވާ ކަމަކަށް އަދަބުލިބިގެންދިޔަ ފުރަތަމަ ހާދިސާއެވެ. މިކަމާބެހޭގޮތުން ، ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައި ވެއެވެ.

" ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވާތްތެރިންކަމުގައިވާ ޙާލު ، ތިޔަބައިމީހުން ބިމަށް ފައިބާށެވެ ! އަދި ، ބިމުގައި ތިޔަބައިމީހުންނަށްޓަކައި ، ޤަރާރުވެ ތިބެނިވިތަނަކާއި ދުނިޔޭގެ އުފައު ، ހިނދުކޮޅަކަށް ލިބިގެންވެއެވެ. " (ބަޤަރާ ސޫރަތުގެ 36 ވަނަ އާޔަތް)

ސުވަރުގޭގައި އުޅުއްވުމުގައި ، ކައިރިވުން ﷲ މަނާކުރައްވާފައިވާ ގަހުން ފަރީއްކުޅުއްވައި ކުށްވެރިވެވަޑައިގަތުމާގުޅިގެން ، އާދަމުގެފާނު ، ﷲ ގެ ޙަޟުރަތުން ކަލިމަފުޅުތަކެއް ދަސްކުރައްވައި ، އެކަލާނގެޔަށް ތައުބާވެވަޑައިގަތެވެ. އަދި މާތް ﷲ އެކަލޭގެފާނަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން ، ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވައި ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.

އާދަމުގެފާނުގެ ދެކަނބަލުންނާއި އިބިލީސް ދުނިޔޭގެ ބިމަށްފޮނުއްވީ އެކުއެކީގައެވެ. ބަޤަރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފަދައިންނެވެ.

" ތިމަންރަސްކަލާނގެ ، ( އާދަމުގެފާނުގެ ދެކަނބަލުންނާއި އިބިލީހަށް ) ވަޙީކުރެއްވީމެވެ. ތިޔަބއިމީހުން އެންމެން ، އެސުވަރުގެއިން ( ބިމަށް ) ފައިބާށެވެ ! ފަހެ ، ތިޔަބައިމީހުންގެ ގާތަށް ، ތިމަންރަސްކަލާނގެ ޙަޟުރަތުން ތެދުމަގު އަތުވެއްޖެ ހިނދަކު ، ތިމަންރަސްކަލާނގެ ( އަންގަވާ ) ތެދުމަގާ ތަބާވެއްޖެބަޔަކަށް ، އެއްވެސް ބިރުވެރިކަމެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނެބަޔަކުކަމުގައިވެސް ނުމެވޭމެއެވެ. "

ﷲ ގެ ޙަޟުރަތުން ، ހައްދެއްނެތް މިންވަރަށް ، އާދަމުގެފާނަށް ރަޙުމަތާއި ނިޢުމަތް ތަނަވަސް ކޮށްދެއްވިއެވެ. އެކަލާނގެ މަތިވެރިވެގެންވާ ރޫޙުފުޅުން ، އާދަމުގެފާނުގެ ފުރާނަނެތް ހަށިކޮޅަށް ފުމެލައްވައި ފުރާނައަޅުއްވައި ދިރުން ދެއްވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.