ކިރުއިލޮށި - 18

(26 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ވަރަށް ނަލައެވެ. މަދީ ހަމަ އެންމެ އެއްޗެކެވެ. އެންމެ ބަދަލެކެވެ. " ހިނިތުންވެލައިގެންހުރެ ، އަޝްހަރަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ.

ޚައިރާދަށް ލިބުނު ލަދުވެތިކަމުގައި ލަދުގަހެއްގެ ފަތްތައް މޯޅިޔަކަށް ތިރިވެލާހެން އިސްޖެހުނެވެ. އެތައް އިރަކު ބަލަހައްޓައިގެން ހުރުމަށްފަހު ، އަހަރެން ކަމެއް ކޮށްދެންތޯ ބުނެ ޚައިރާދުގެ ހުއްދަޔަށް އެދުނެވެ. އާނއެކޭ ބުނުމަށްޓަކައި ޚައިރާދު ބޯ ޖަހައިލިއެވެ. އަޝްހަރު މަޑުމަޑުން އައިސް ޚައިރާދުގެ ހުޅި ނިއުޅައިލިއެވެ. އަދި ދުރަށްޖެހިލައި ފަރި ހިނިތުންވުމެއްގައި ކަޅިޖަހައިނުލާ ބަލަހައްޓައިގެން ހުއްޓެވެ. ޚައިރާދު އޭނާގެ އިސްތަށިގަނޑު ، އަޝްހަރު ބޭނުންވިގޮތަށް ފަތުރާލައި ތަރުތީބުކޮށްލި އިރު އޭނާއަށް ހުރެވުނީ ލަދުންގޮސް އަވަދިވެފައެވެ. ފިރިހެނެއްގެ ބޭނުމަށް އޭނާގެ ބޮލުގެ އިސްތަށިގަނޑު ކިޔަމަންކޮށްލެވުނު މިއީ ފުރަތަމަ ފަހަރެވެ. އަޝްހަރުގެ އެ އަދާއަށް އޭނާ ޝުކުރު އަދާކުރާނީކަމެއް ނުވަތަ ހަނުހުންނާނީކަމެއް ނޭނގުނެވެ. އޭނާ އެވަގުތުހުރީ އިތުރު ކަމަކަށް ވިސްނޭފަދަ ޙާލަތެއްގައެއްނޫނެވެ. އަޝްހަރުގެ އެ އަސަރުގަދަ ޖަޒުބާތީ ބެލުމުން ޚައިރާދުވަނީ ގަދަ އޮއިވަރެއްގައި ޖެހިފައެވެ.

އަޝްހަރު ޚައިރާދު ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ، ރައްޓެހި ކުދިންކޮޅަކާ ބައްދަލުކޮށްލުމަށެވެ. އެކުދިންގެ ތަޢުރީފް ، ޚައިރާދުގެ މައްޗަށް އޮހިގެންދިޔައެވެ. އަންހެނުން ، އަންހެނުންނަށް ތަޢުރީފްކުރުމަކީ ޢާންމު ކަމެކެވެ. އެކަކު ، ޚައިރާދުގެ ބޮލުއިސްތަށިގަނޑުގެ ރީތިކަމުގެ ވާހަކަ ބުނާނެއެވެ. އަނެކަކު ، ޚައިރާދުގެ ހެދުމުގެ ރީތިކަމުގެ ވާހަކަ ދައްކާނެއެވެ. އަނެކަކު ، ޚައިރާދާއި އަޝްހަރުގެ ގުޅުމުގެ ފުރިހަމަކަމުގެ ވާހަކަ ބުނާނެއެވެ.

އެތަނުން ނުކުމެގެން އައި މަގުމަތީ ، ކޮފީއެއް ބުއިމަށްޓަކައި ، އެދެމީހުން ކޮފީޝޮޕަކަށް މަޑުކޮށްލިއެވެ. ޚައިރާދު ބުއީ އައިސްކްރީމެކެވެ. ޚައިރާދު އިނީ އެގޮތަށް ބޭރަށް އައިސް އުޅެންޖެހުމުން ހިތް ނުތަނަވަސް ވެފައެވެ. އެކަން އަޝްހަރު ފާހަގަ ކުރިއެވެ. އެހެންނަމަވެސް ، ޚައިރާދު އިތުރަށް ކަންބޮޑުވެދާނެތީ އެކަމާބެހޭގޮތުން އިތުރަށް ވާހަކައެއް ނުދައްކައެވެ. ޚައިރާދު އިނީ އަޝްހަރު އެކުރިކަމަކުން ، ކަންބޮޑުވެފައެވެ. އެކަން އަޝްހަރަށްވެސް އެނގުނެވެ. އޭނާ އެގެންދެވުނީ ރައްޓެއްސަކާއެކު އޮތް ރޭގަނޑުގެ ކެއުމަކަށްނޫންކަން ޚައިރާދަށް ވިސްނުނެވެ. އަޝްހަރުގެ ބޭނުމަކީ ، ޚައިރާދާއެކު ވަގުތުކޮޅެއް ހޭދަކޮށްލުންކަން އެނގުނެވެ. އެކަން ޚައިރާދަށް ޔަޤީންވީ ކޮފީބޯން ވަދެފައި ، ކެއުމުގެ ވާހަކަ އަޝްހަރު ފެށިހިސާބުންނެވެ. އަޝްހަރު ދިޔައީ ރައްޓެއްސަކާއެކު ބޭއްވުމަށް އިންތިޒާމް ކުރެވުނު ރޭގަނޑުގެ ކެއުމަކަށްނޫނެވެ. އެއީ ޚައިރާދާއި އަޝްހަރާ ދެމަފިރިންނަށް އޭނާ ޚާއްޞަ ކުރި ކެއުމެކެވެ.

ހެނދުނު އޮފީހަށް ދިޔަތަނުން އަޝްހަރާ ، ސާރާ ބައްދަލުވެއެވެ. އެރޭގެ ކެއުމުގެ ވާހަކައިން ސުއާލުކުރެއެވެ. ޚައިރާދު ދިޔަތޯވެސް ސުއާލު ކުރިއެވެ. އޭގެ އިތުރަށް ، ޚައިރާދު ހެދުންލާ ގޮތުންނާއި އުޅޭ ނާތަހުޒީބުކަމުން ، އަޝްހަރުގެ ރައްޓެހިންނަށް މައްސަލަޔަކަށްވެ ، އަޝްހަރު ލަދުގަންނަން ޖެހޭކަހަލަކަމެއް ، ޚައިރާދު ނުކުރާކަމަށް ހީކުރާވާހަކަ ސާރާ ބުންޏެވެ. އޭގެ ޖަވާބުގައި އަޝްހަރުބުނީ ، ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށް ކަމުގައެވެ. ސާރާގާތު އެހުރިހާ ވާހަކައެއް ދައްކާކަށް އަޝްހަރު ބޭނުމެއް ނުވިއެވެ. ޚައިރާދުގެ ޢަމަލުތަކުން އޭނާގެ ވިސްނުމަށް ޚައިރާދާބެހޭގޮތުން ، ކުރިން ހީކުރެވިފައިވާގޮތް ބަދަލުވެފައިވާކަން ،  ސާރާއަށް އަންގާކަށްވެސް ބޭނުމެއްނޫނެވެ.

ފަހުންވެސް ، އެވާހަކަ ސާރާ ފަށަން އުޅުނެވެ. އެހެންނަމަވެސް ، ސާރާއަށް ޚައިރާދު ފެންނަނީ ރަނގަޅުގޮތުގައެއް ނޫންކަމަށް ބުނެ ، ސާރާގެ ވާހަކަ ހުއްޓުވައިލައެވެ. ޚައިރާދު ، އަޝްހަރުގެ ރައްޓެހިންނަށް ފެނުނީ ވަރަށް ޚުލްޤު ރަނގަޅު ، އުޅުންހުރި ކުއްޖެއްގެ ގޮތުގައިކަމުގައިވެސް ، އަޝްހަރު ބުންޏެވެ. ރަނގަޅު ވާހަކައެކެވެ. ޚައިރާދަކީ ބަސްމަދު ކުއްޖަކަށް ވެދާނެއެވެ. އެކަމަކު ، އެއީ ނުކިޔަވާ ހުރި ތަންދޮރު ނުފިލާ ކުއްޖެއްނޫނެވެ.

ސާރާ ، އަނގައިންވެސް ނުބުނެ ހިނިއައިސް ، އަޝްހަރުގެ ކުރިމަތީ ހުއްޓެވެ. ތިޔަދެއްކީ ވަރަށް ހިތްހަމަޖެހޭ ވާހަކަތަކެއްކަމަށް ބުންޏެވެ. އަދި ޚައިރާދާއެކު ވަގުތު ހޭދަކުރާ ވަރަކުން ، އަޝްހަރުވެސް ޚައިރާދުގެ ގޮތާއިފޮތަށް ހޭނޭނެކަމުގައި ބުންޏެވެ.

" ޙަޤީޤަތުގައިވެސް ، ޚައިރާދާ ބެހޭގޮތުން އަހަރެމެންނަށް ނިންމިފައިވަނީ ރަނގަޅަކަށް ނޫނެވެ. އެއީ ހަމަ ރަނގަޅު ކުއްޖެކެވެ.  " އަޝްހަރު ބުންޏެވެ.

އަޝްހަރާ ވާހަކަ ދައްކައިލުމަށްފަހު ، ސާރާ އޭނާގެ ކެބިންއަށް އައިއިރު މޫނުމަތިން ފެނުނީ ފޫއްސާއި ރުޅިވެރިކަމުގެ އަސަރުތަކެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެ ، ކޮށްލާނެ ކަމަކާމެދު ވިސްނަމުން ދިޔައެވެ. އިންޓަރކަމުން އޮފީހުގެ މުއައްޒަފަކު ގުޅުމުން ، އޭނާގެ ހުރިހާ އެޕޮއިންޓްމަންޓްތަކެއް ކެންސަލް ކުރުމަށް ބުންޏެވެ.       އަދި އެހެންޏާ ގެޔަށްދާވަރަށްވުރެ އަވަހަށް ، އަޝްހަރަށްވެސް އަންގައިނުލާ ގެޔަށް ނައްޓާލިއެވެ.

ސާރާ ގެޔަށްވަދެ ، ކޮޓަރިޔަށްދާން މަތީބުރިޔަށް އަރަނިކޮށް މަންމައާ ދިމާވުމުން ސަލާމް ކޮށްލިއެވެ. ޒަރީނާއަށް ސާރާ ފެނުނުތަނުންވެސް ، ސާރާއެހުރީ ކޮންމެވެސް ކަމަކާ ބޮލުރޮދި ކެނޑިފައިކަން އެނގުނެވެ. އެހެންނޫންނަމަ އެހާ އަވަހަކަށް ، ސާރާ ގެޔަކަށް ނާންނާނެއެވެ. ސާރާއަށް ގޮވައި އޭނާގެ ކުރިމައްޗަށް ގެނައެވެ. ވީކީއްތޯ ސާރާކުރެން އަހައިލިއެވެ. އަދި ވެގެންއުޅޭގޮތެއް މަންމަގާތު ބުނާށޭ ބުންޏެވެ.

" މަންމަ ގާތު އެވާހަކަ ބުނެގެން ވާނެ ފައިދާއެއް ނުއޮންނާނެއެވެ. ނަޞޭޙަތުގެ ދެތިންބަހެއް ބުނެލީމަ އެއޮތީ އެކަން ނިމިފައެވެ. އެއަށްވުރެ އިތުރުކަމެއް ކުރެވޭކަށް ނުއޮންނާނެއެވެ. " ސާރާ ބުންޏެވެ.

" ޚައިރާދު  . " އެނަން ، ޒަރީނާގެ ދުލުން ނުކުންނާކަށް ލަހެއްނުވިއެވެ.

" އެންމެންވެސް ޚައިރާދުގެ ވާހަކައެވެ. އަހަރެމެންގެ ނަން ކިޔާލަން މިދުނިޔޭގައި ފުރުޞަތު ނުއޮންނަނީ ކީއްވެހެއްޔެވެ ؟ މިދުނިޔޭގައި އުޅެނީ ޚައިރާދު އެކަންޏެވެ. އަހަރެންނެއް ނޫޅެއެވެ. ޚައިރާދުގެ މަޢުޞޫމުކަން ދައްކައިގެން ، އަޝްހަރު ހައްލާލާހެން ، އަހަރެންނަށްވެސް އެއުކުޅު ދަސްވެފައި ހުރިނަމަ ކޮންފަދަ ހެއްޔެވެ ؟  " ސާރާ އިތުރަށް ބުންޏެވެ.

ސާރާގެ ޢަމަލުތައް ހުންނަގޮތުން ، ޒަރީނާ ހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. ސާރާއަށް އެވަދެވެނީ ، ކައިވެނީގެ ގުޅުމަކުން ގުޅިފައިވާ ދެމަފިރިއެއްގެ ދެމެދަށްކަން ވިސްނައިދެވޭތޯ ޒަރީނާއަށް ކުރެވުނު ހުރިހާ ކަމެއް އެބަކުރެއެވެ. އެކަމަކު ، ސާރާ އެހުރީ ، އަޝްހަރު ޙާޞިލްކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރުގައެވެ. ޚައިރާދު ކީއްކުރަން ހެއްޔެވެ ؟ އަޝްހަރުގެ މައިންބަފައިންނާ ކުރިމަތިލާޏްޖެހުނަސް ، ސާރާ އޭނާގެ ގޮތް ދުލެއް ނުކުރާނެއެވެ.

" ސާރާއެވެ ! އަޝްހަރަކީ މީހަކާ އިނދެގެންއުޅޭ މީހެކެވެ. ސާރާއަށް އެންމެ ރަނގަޅު ގޮތަކީ ، އޭނާގެ މަތިން ހަނދާން ނައްތައިލުމެވެ. އަޝްހަރަކީ ، ދުނިޔޭގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު އިންސާނާއެއް ނޫނެވެ. " ޒަރީނާ ، ސާރާއަށް ނަޞޭޙަތްދޭން ފެށްޓިއެވެ.

ސާރާ އޭނާގެ މަންމަޔާ މުޚާތަބު ކުރިއެވެ. މަންމަގެ ފަރާތުން އޭނާ ބޭނުންވާ ނަޞޭޙަތެއް ނޯންނާނެކަމަށް ބުންޏެވެ. އެއީ ވަރަށް އާދައިގެ ކަމަކަށް މަންމަޔަށް ވެދާނެއެވެ. އެކަމަކު ސާރާއަށް އެއީ ދިރިހުރުމާއި މަރާ ގުޅިފައިވާ ކަމެކެވެ. ޚައިރާދު އެވަނީ އަޝްހަރުގެ ދިރިއުޅުމަށް އައިސްފައެވެ. އަދި ސާރާ އެވަނީ އަޝްހަރުގެ ދިރިއުޅުމުން ބޭރުވެފައެވެ. ޚައިރާދު އެދަނީ ، އަޝްހަރުގެ ހިތުގައި ސާރާއަށް ޚާއްޞަ ކުރެވިފައިވާ ޖާގަ އަތުލަމުންނެވެ. އެއްވެސް ޙާލެއްގައި އެކަންވާން ، ސާރާ ދޫކޮށެއް ނުލާނެއެވެ.

މަންމަޔާ ދެބަސްވުމަށްފަހު ސާރާ ކޮޓަރިޔަށް ދިޔަގޮތަށްގޮސް ޚައިރާދަށް ފޯނުކުރިއެވެ. ޙާލުއަޙުވާލު އޮޅުންފިލުވައި ، ޚައިރާދު ކޮނެލުމަށް ، ޙީލަތްތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދިޔައެވެ. މަކަރުވެރި މަޞްނޫޢީ ހިނިތުންވުމަކާއެކު ، ވާހަކަ ދައްކަމުންދާއިރު ، ނަފުރަތުގެ އަލިފާން ، ސާރާގެ އަނގައިންނާއި ލޮލުން ނުކުމެ ނުކުމެ ހުއްޓެވެ. ބޯވައެއްހެން ކުލަބަދަލު ކުރަމުން ގެންދެއެވެ. އެންމެފަހުން ، ޚައިރާދު ، ސާރާގެ މަޅިފަތީގައި ދަމާފައިވާ ކިރުއިލޮށީގައި ޖައްސައެވެ.

އަޝްހަރާއެކުގައި ގިނައިން ވަގުތު ހޭދަކުރަން އަޝްހަރު ގާތު ބުނާތާ އެތައްދުވަހެއް ވެއްޖެކަމުގައި ސާރާ ބުންޏެވެ. ރޭގައިވެސް ގޭގައި އެކަނިހުރެ ފޫހިވެގެން ރޭގަނޑުގެ ކެއުމަކަށް ދާން އަންނާށޭ ، ސާރާގާތު އަޝްހަރު ބުނިކަމަށް ބުނެ ، ސާރާ ދޮގު ހެދިއެވެ. ސާރާ ގެންދަންވެގެން ، އަޝްހަރު ގަދަދައްކަން ފެށީމަ ، ޚައިރާދު ގޮވައިގެންދާށޭ ބުނެ ، އެކަމުން ސާރާ ސަލާމަތްވި ވާހަކަ ބުންޏެވެ.  އަދި އޭނާގެ ގެޔަށްވެސް އަޝްހަރާއެކު ޖައްސައިލާށޭ ، ސާރާ ބުންޏެވެ.

ސާރާގެ ހުރިހާ ވާހަކަޔަކަށް ބޯޖަހާލަ ޖަހާލާ ، ޚައިރާދު ހުށްޓެވެ. ސާރާގެ މަކަރުވެރި ރޭވުމުން ، ޚައިރާދުގެ މަޢުޞޫމިއްޔަތުކަމުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމުގެ އިޙްސާސެއް ، ޚައިރާދަކަށް ނުލިބެއެވެ. ސާރާގެ ގޮތާއިފޮތް ޚައިރާދަށް ، ކުޑަކޮށްވެސް އެނގިފައެއް ނުވެއެވެ.

މަތިއޮމާންކޮށްގެން ރީތިބަސްތަކުން ވާހަކަ ދައްކަމުން ، މޫނުމައްޗަށް ނުރުހުމާއި ނަފުރަތުގެ ވައްތަރު ޖައްސަމުން ، އަޝްހަރާއެކު އެއްރެޔަކުން އެގެޔަށް އަންނަން ސާރާ ، ޚައިރާދަށް ދަޢުވަތު ދިނެވެ. ދާނަމޭ ބުނެ ، އެ ދަޢުވަތު ޚައިރާދު ޤަބޫލުކުރިއެވެ. ސާރާގެ ހީލަތްތެރި ވާހަކަތަކުން ، ޚައިރާދުގެ ހިތަށް ކޮންމެވެސް އަސަރެއް ކުރިއެވެ. އަޝްހަރު އޭނާ ގޮވައިގެން ކާންދިޔައީ ، ސާރާ ބުނެގެންކަން ޚައިރާދަށް ޤަބޫލުކުރެވުނެވެ.

ހެނދުނުގެ ނާސްތާގެ ވަގުތު ކާމޭޒުމަތީ އެންމެން ހަމަވި ދުވަހެކެވެ. ބަންދު ދުވަހެއްކަމަށްވިޔަސް ، އަޝްހަރުވެސް ހެނދުނު ތެދުވެ އެންމެންނާއެކު ނާސްތާއަށް ނުކުތެވެ. ބަންދު ދުވަސްދުވަހު ، ގިނައިރު ނިދާލާފަ ލަހުން ތެދުވާން ފަރީދާ އަޝްހަރަށް ލަފާދިނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.