ނުވަދިހައިގެ އަހަރުތަކުން އަހަރެކެވެ.
އަޙްމަދު އޭނާގެ އާއިލާއާއެކު ރާއްޖެއިން ބޭރަށް ދަތުރެއް ކުރަން ޖެހިއްޖެއެވެ. މިއީ އޭނާގެ އަނބިމީހާއާއި ކާފަދަރިފުޅު ގޮވައިގެން ކުރަން ޖެހުނު ދަތުރެކެވެ. ދުވަސްވަރުގެ ގޮތުން އެހެން މީހަކަށް ދެވެން ނެތީމާ ދަތުރު ކުރަން ޖެހުނީ އަޙްމަދަށެވެ. ދާން ހަމަޖެހުނު ގައުމަކީ ބެންކޮކެވެ. އެ ދުވަސްވަރު ބެންކޮކަށް އެ ގޮތަށް ދަތުރު ކުރުމަކީ އާއްމު ކަމެއް ނޫނެވެ. ތިން މީހުން އެކަނި ދާން ޖެހޭތީ އަޙްމަދު ހުރީ ކަންބޮޑުވެފައެވެ. އެކަމަކު ފިރިހެންވަންތަކަން ހުރަސް އަޅާތީ ޖެހިލުންވާކަން ދައްކާކަށް ނުކެރެއެވެ. އެހެން ނޫނަސް ދަތުރުމަތީގައި ދިމާވާ ކަމެއް ނޫނީ އިތުރު ކަމެއް ދިމައެއް ނުވާނެއެވެ. އޭނާގެ ދަރިފުޅުވެސް ދެ ދުވަސް ފަހުން އަންނާނެއެވެ.
"އަހަރެމެން ނޫން ދިވެހިންވެސް ދާނެ. އެއިން މީހެއްގެ ފަހަތުން ދިޔައީމާ ރަނގަޅު ވާނެ." މިއީ އަޙްމަދުގެ ޚިޔާލު ހުރި ގޮތެވެ. ކަންބޮޑުވުން ފޮރުވަން ވެގެން ދެއްކި ވާހަކަތަކެވެ.
އެކަމަކު އޭނާ ހީކުރިހައި ދަތުރު ފަސޭހައެއް ނުވިއެވެ. ބެންކޮކުގެ ވައިގެ ބަނދަރުން ދިވެއްސެއްގެ އެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބުނެވެ. ވިސާ ޖެއްސުމާއި އިމިގްރޭޘަން ނިންމުމުގައި އޭނާ އެހީތެރިވެ ދިނެވެ. އެޔަށް ފަހު ތިން މީހުން ގެނެސް ކުލީ ކާރަކަށް ލައި ދީފައި އެ ދިޔަ ތަނަކަށް ހިނގައްޖެއެވެ.
ހޮޓަލަށް ގޮސް ހަމަޖެހިލީމާ ބެންކޮކު މީހަކު އެ މީހުންނާ ބައްދަލުކޮށް އެހީތެރިވާ ގޮތަށް އަޙްމަދުގެ ދަރިފުޅު އޮތީ ހަމަޖައްސައިފައެވެ. އެހެންވީމާ ކަންބޮޑުވުން މި ތަންވަޅަކަށް ނިމުނީއެވެ.
ހޮޓަލަށް ދެވުނު އިރު ތިން މީހުންވެސް ތިބީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ހޮޓަލުގެ އިސްތިގުބާލު ސަރަހައްދުގައި ޖޫސް ވިއްކާ ތަނެއް ހުއްޓެވެ. އެތާގައި އިށީންނާނޭ ހައެއްކަ ގޮޑިވެސް ހުއްޓެވެ.
އަޙްމަދުގެ އަނބިމީހާއަކީވެސް މިހާރު ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ މީހެކެވެ. ހީވަނީ އައްޑިހަ އަހަރުގެ މީހަކު ހެންނެވެ. އެހެން ވެފައި ވަނީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކުރަން ޖެހުނު ބުރަ މަސައްކަތާއެކު މާ ބޮޑަށް ބަލިވެ އުޅޭތީއާވެސް އެކުގައެވެ.
އަޙްމަދު އަނބިމީހާއަށް ޖޫސްތަށްޓެއް ދީފައި ގޮނޑިއެއްގައި ބައިންދާފައި ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭނާގެ ފަހަތުން ކާފަދަރިފުޅުވެސް އައެެވެ. އެއީ ގާތްގަނޑަކަށް ސާދަ ވަރަކަށް އަހަރުގެ ކުއްޖެވެ.
ކުޑަ ތަންކޮޅަކަށް ދުރަށް ޖެހިލީތަނާ ވަރަށް އާދަޔާ ޚިލާފު މަންޒަރެއް ފެނިއްޖެއެވެ. މީސްމީހުން ވަރަށް ކުޑަކުޑަ ކޮޓަރިއަކަށް ވަންނަތަނެވެ. އެ ކޮޓަރިއެއްގެ ދޮރު ހުޅުވެނީ އަމިއްލައަށެވެ. މީހުން ވަނީ ލެއްޕެނީއެވެ.
"ދަރިފުޅާ އެއީ ކޮން ކަހަލަ ކޮޓަރިއެއް؟" އަޙްމަދު އަހައިލިއެވެ.
"ނޭނގޭ." ކާފަދަރިފުޅު ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
ދެން ފެނުނީ ވަރަށް ފަލަ، މުސްކުޅި އަންހެނަކު ގޮސް އެ ކޮޓަރިއަށް ވަން ތަނެވެ. އެޔާއެކު ދޮރު ލެއްޕިއްޖެއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ދޮރު ހުޅުވިއްޖެއެވެ. ފެނުނީ ލޫޅާފަތި، ޒުވާން އަންހެން ކުއްޖަކު ނުކުތް ތަނެވެ.
އަޙްމަދު އޭނާގެ ކާފަދަރިފުޅާ ދިމާއަށް ބުނެލިއެވެ. "ދަރިފުޅާ. ނިކަން އަވަހަށް ގޮސް މާމަ ގޮވައިގެން އާދެބަލަ!"