ގެއެއް ލިބިދާނެ ގޮތެއް
ޒުވާނަކު ގެއެއްގެ މައި ދޮރަށް ލެނގިލައިގެން ހުރެ ސިގިރޭޓު ބޮމުން ގެންދަނީއެވެ. މި މަންޒަރު ފެނިފައި މީހަކު އައިސް ބުނެފިއެވެ.
"ކޮއްކޯއެވެ. ސިގިރޭޓު ބުއިމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. މީހާގެ އުމުރު ކުރުވާނޭ ކަމެކެވެ."
ޒުވާނާ އަހައިފިއެވެ. "ސިއްހަތަށް ވަނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ނިކަން ކިޔައިދީބަލާށެވެ.]
އެމީހާ ބުންޏެވެ. "ސީދާ ގެއްލުމެއް ބުނާކަށް ނޭނގެއެވެ. އެކަމަކު ސިއްހަތަށް ގެއްލުން ނުވާ ގޮތަށް އުޅުނީމާ ވާނެ ފައިދާއެއް ބުނެދީފާނަމެވެ."
ޒުވާނާ ބުނެފިއެވެ. "ނިކަން ބުނެބަލާށެވެ."
އެމީހާ ބުންޏެވެ. "މި ގެ ނިކަން ބަލައިބަލާށެވެ. ލެނގިލައިގެން ތިޔަހަރަ ދޮރަކީވެސް އަގުބޮޑު ދޮރެއްކަން އެނގެއެވެ. ސިގިރޭޓު ބުއިން ހުއްޓާލާފައި ލިބޭ ފައިސާކޮޅު ރައްކާކުރަން ފަށައިފިއްޔާ ދިހަވަރަކަށް އަހަރުން މި ވަރުގެ ގެއެއް އެޅިދާނެއެވެ."
ޒުވާނާ އަހައިފިއެވެ. "ބޭބެ ސިގިރޭޓު ބޮން ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "ނުބޮމެވެ."
ޒުވާނާ އަހައިފިއެވެ. "މި ވަރުގެ ގެއެއް ބޭބެގެ އެބަހުރި ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "ނެތެވެ."
ޒުވާނާ ބުންޏެވެ. "މިއީ އަހަރެންގެ ގެއެވެ."
ސިފައިންގެއަށް ވަނުން
ސިފައިން ގެއަށް ވައްދަން ގެނެސްފައި ހުރި މީހަކާ ސިފައިންގެ އޮފްސަރު ސުވާލުކޮށްފިއެވެ. "ކަލޭގެ އުމުރަކީ ކޮބައި ހެއްޔެވެ؟"
އޭނާ ބުންޏެވެ. "އެކާޅީސް އަހަރެވެ."
ސިފައިންގެ އޮފްސަރު ވިސްނައިލިއެވެ. ސާޅީސް އަހަރުވީމާ ސިފައިންގެއަކަށް ވެއްދޭނޭ ގޮތެއް ނެތެވެ. ގަވައިދު އޮތީ އެހެންނެއް ނޫނެވެ. އެކަމަކު މި މީހާއަކީ ހަށިގަނޑު ރަނގަޅު މީހެކެވެ. ހުރީވެސް ސިފައިންގެއަށް ވަންނަ ހިތުންނެވެ. އެހެންވީމާ ސީދާ ނުވަދެވޭނެއޭ ނުބުނެ ބުނެފިއެވެ. "ބޭރަށް ގޮސް ކުޑަކޮށް ވިސްނާލާފައި އަންނާށެވެ."
އެމީހާ ނުކުމެއްޖެއެވެ. އެކަމަކު ވެގެން އުޅޭ ގޮތް އޭނާއަށް އެނގިއްޖެއެވެ. އުމުރުގެ މައްސަލަ ކުރިމަތިވީކަން ދެނެގެންފިއެވެ. ކުޑަ އިރުކޮޅަކު ބޭރުގައި ހުރެފައި އައިސް އެތެރެއަށް ވަދެފައި ބުނެފިއެވެ. "މާފު ކުރައްވާށެވެ. އަޅުގަނޑަށް އުމުރު ދެންނެވުނީ ނުބައިކޮށެވެ. އަޅުގަނޑަށް ވީ އަށުތިރީސް އަހަރެވެ. އެކާޅީސް އަހަރުވީ އަޅުގަނޑުގެ މަންމައަށެވެ."