ހެއްވާ: ވެރިމީހާގެ ރުޅި އާއި ސަޢީދުގެ ޖަވާބު

ކުއްލި ޖަވާބު ދިނުމަކީ ހުނަރެކެވެ. އެއީ ގުދުރަތީ ހުނަރެކެވެ. އެ ހުނަރު ލިބިފައި ހުންނަނީ އެކި މީހުންނަށް އެކި ވަރަށެވެ. ގިނަ މީހުންނަކަށް މި ހުނަރެއް ލިބިފައެއްވެސް ނުހުރެއެވެ.

ރާއްޖޭގައިވެސް ކުއްލި ޖަވާބަށް ވަރަށް ކުޅަދާނަ މީހުން އުޅުނެވެ. އަދި މިހާރުވެސް އެބަ އުޅެއެވެ. އޭގެ ތެރޭގައި ވަރަށް މަޝްހޫރު މީހުންވެސް ހިމެނެއެވެ. ގިނަ ފަހަރަށް އެ ކަހަލަ މީހުން ފާހަގަ ކުރެވެނީ އެހެން ކޮންމެވެސް ގޮތަކުން މަޝްހޫރު މީހެއް ނަމައެވެ. އާދައިގެ މީހުން މި ފަންނުގައި ފާހަގަ ކުރެވިފައެއް ނުހުރެއެވެ. އާދައިގެ މީހުންނޭ މި ދެންނެވީ ވަޒީފާގެ ގޮތުން އާދައިގެ މީހެކޭ ދެންނެވުމުގެ ގޮތުންނެވެ. އިންސާނެއްގެ ހައިސިއްޔަތުން އެކި މީހުން އެކި ފެންވަރަށް ބަހައިލުމުގެ ބޭނުމުގައެއް ނޫނެވެ.

މި ފަހަރު އަޅުގަނޑު މި ދަންނަވަނީ އާދައިގެ މީހެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ އޮފީހުގައި ސަރުދާރެއްގެ ވަޒީފާ އަދާ ކުރާ ސަޢީދުގެ ވާހަކައެވެ. (މިއީ އޭނާގެ އަޞްލު ނަމެއް ނޫނެވެ.) އޭނާއަކީ ހަމައެކަނި ސަރުދާރެއް ނޫނެވެ. އޭނާއަކީ ޖަމާޢަތްތެރިންގެ ތެރޭގައިވެސް މަސައްކަތް ކުރާ މީހެކެވެ. ބުރަކޮށް މަސައްކަތް ކުރާ ހީވާގި މީހެކެވެ.

އެއް ދުވަހަކު އޮފީހުގައި މަސައްކަތް ކުރާ މީހަކު އާދަވެގެން އޮފީހަށް އަންނަ ގަޑި ޖެހިގެން ދިޔަ އިރުވެސް އޮފީހަކަށް ނާދެއެވެ. އެއީ ގަޑިއަށް ފަރުވާ ބަހައްޓާ ރަނގަޅު މީހެކެވެ. އެކަމަކު އެ ދުވަހު ވީ ގޮތެއް ނޭނގުނެވެ. ގަޑި ޖެހިގެން އެތައް އިރެއް ވީއިރުވެސް ޚަބަރެއް ނުވެއެވެ.

އޮފީހުގައި އޭނާ ކުރަން ޖެހޭ މަސައްކަތް ހުރީ ފުނި ޖެހިފައެވެ. ގިނަ ކަންތައްތައް ކުރަންވާ ގޮތެއް އެހެން މީހަކަށް ނޭނގެ އެވެ. އެހެންވީމާ ވަރަށް މައްސަލަ ބޮޑު ވެއްޖެއެވެ. ބޮޑެތި މީހުންގެ ރުޅި ގަދަވާ ގޮތް ވެއްޖެއެވެ. އޭނާ ނުފެނިގެން އެކި ތަންތަނަށް ގުޅަނީއެވެ. އެއްވެސް ތަނަކުން އޭނާޔާ ދިމާވާ ގޮތެއްނުވިއެވެ. އެންމެ ފަހުން އޭނާ ދާނެއޭ ހީވާހައި ތަނަކަށް ބަސް ފޮނުވައިގެން ދިމާވޭތޯވެސް ބެލިއްޖެއެވެ. އެކަމަކު އޭނާ ފެންނަ ގޮތެއް ނުވިއެވެ. މި ހިސާބަށް ކަންތައް ދިޔަ އިރު އޮފީސް ތެރެ އޮތީ ވަރަށް ހޫނު ވެފައެވެ. އޭނާ ނެތިގެން ނުނިމި ހުރި ކަންތައްތައް ގިނަވާތީ މައްސަލަ ބޮޑު ވަމުން ދިޔައީއެވެ.

ސަޢީދު އޮފީހަށް އައިސް ވަނީ މައްސަލަ އެންމެ ހޫނު ވެގެން ދިޔަ ވަގުތުއެވެ. ކަން ދިމާކުރި ގޮތުން އޭނާވެސް އައީ މި ދެންނެވި އޮފީހަށް ނާންނަ މީހާޔާ ގުޅުން ހުރި ކަމެއް ކުރުވާން ވެގެންނެވެ. އޭނާ އައިސް އެ ވާހަކަ ދެއްކީމާ މައްސަލަ އިތުރަށް ހޫނު ވީއެވެ.

"މި އުޅެނީ ތިޔަ ކަންތަކާ ޙަވާލު ވެގެން އުޅޭ މީހާ ނުފެނިގެން- އޭނާ އޮފީހަކަށް ނާދޭ-" ވެރިމީހާ ބުނުއްވިއެވެ.

ސަޢީދު އަނގައިން ނުބުނެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އެއީ އޭނާގެ އާދައެއްވެސް ނޫނެވެ. އޮފީހަށް ވަނުމާއެކު އަނގަތަޅަން ފަށާ ގޮތަށް އޭނާ ހުއްޓައިލާނީ އޮފީހުން ނުކުމެފައެވެ. އެކަމަކު އެ ދުވަހު އަނގައިންވެސް ނުބުނެ އިނީއެވެ.

އޭރުވެސް އެކި ތަންތަނަށް ފޯނު ކޮށްފައި އެއްކަލަ މީހާ ނުފެނިގެން ކުރާ މަސައްކަތް ކުރިއަށް ދަނީއެވެ.

އިރުކޮޅެއް ފަހުން ވެރިމީހާ ސަޢީދަށް ގޮވައިލެއްވިއެވެ.

"އޭތް- ސަޢީދު- ކަލޭ މިއަދަކު އޭނާއެއް ނުދެކެންތަ-؟ ދާނެހެން ހީވާ ތަނެއް އެބަ އޮތްތަ-؟"

ސަޢީދު ހިނދުކޮޅަކަށްވެސް މަޑު ކޮށްލުމެއް ނެތި ބުނެލިއެވެ.

"އަޅުގަނޑެއް ނުދެކެން- އުޅޭނޭ ތަނެއްވެސް އަޅުގަނޑަކަށް ނޭނގޭ- އަޅުގަނޑު މިއައީ ސަހަރާގައި އުޅެފައި- އަޅުގަނޑަށް އެނގެނީ އަދި ހަމަ ޔަގީނުންވެސް ހިނަވަން ނުގެންނަކަން-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.