ބުރުގާއެޅި މުސްލިމް އަންހެނަކު އެމެރިކާގައި ފުރަތަމަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަންކޮށްފި

ފަނޑިޔާރު ނާދިޔާ ޤަޙްފު

އެމެރިކާގެ ކޯޓަކަށް އައްޔަންކުރެވުނު ބުރުގާއެޅި ފުރަތަމަ މުސްލިމްފަނޑިޔާރު ކަމުގައި އެޓާނީ ނާދިޔާ ޤަޙްފު ވެވަޑައިގެންފައެވެ. އޭނާ އައްޔަންކޮށްފައި ވަނީ ނިއުޖާޒީގެ ސުޕީރިޔާ ކޯޓަކަށެވެ.

ނޯތު ޖާޒީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އާއިލީ ގާނޫނާއި ހިޖުރަކުރުމާ ބެހޭ ވަކީލު ނާދިޔާ ބުރާސްފަތި ދުވަހު މަގާމުގެ ހުވައިކުރައްވާފައި ވަނީ ކީރިތި ޤުރްއާނުގައި އަތްޕުޅު ޖައްސަވައިގެން ހުންނަވައެވެ. ނާދިޔާ ޤަޙްފަކީ ސީރިޔާ (ސޫރިޔާ) ގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ނިއުޖާޒީގެ ޕެސެއިން ކައުންޓީ ސުޕީރިޔާ ކޯޓުގެ ފަނޑިޔާރަކަށް ނާދިޔާ އައްޔަންކޮށްފައި ވާއިރު، އޭނާ އެ މަގާމަށް އައްޔަންކުރަން ނިއުޖާޒީ ސްޓޭޓުގެ ގަވަރުނަރު ފިލް މާފީ ނިންމަވާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ނާދިޔާއަކީ އެމެރިކާގެ ކޯޓެއްގައި ފަނޑިޔާރުކަން ކުރައްވާ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރަށް ނުވިނަމަވެސް، އޭނާއަކީ ބުރުގާ ތުރުކުރައްވައިގެން އެ މަގާމަށް ވަޑައިގަތް ފުރަތަމަ މުސްލިމް އަންހެން ބޭފުޅާއެވެ.

އޭނާއަކީ 2003 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއަރ) ގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

މީގެއިތުރުން އޭނާއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ވަފާ ހައުސްގެ މުސްތަޝާރެކެވެ. އަދި ޕެސެއިކް ކައުންޓީ އިސްލާމިކް ސެންޓަރުގެ ޗެއާޕާސަނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.