އެމެރިކާގައި ފުރަތަމަ ފަހަރަށް މުސްލިމް ބޭފުޅަކު ފެޑެރަލް ޖަޖަކަށް އައްޔަންކޮށްފި

އެމެރިކާގެ ފެޑެރަލް ޖަޖަކަށް އައްޔަންކުރުމަށް ސެނެޓުން ރުހުން ދިން ޒާހިދު ޤުރައިޝީ

އެމެރިކާގެ ފެޑެރަލް ކޯޓެއްގެ ބެންޗުގައި އިންނަވާ ފުރަތަމަ މުސްލިމް ޖަޖަކަށް ޕާކިސްތާނަށް އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އެމެރިކާގެ މުސްލިމް ފަނޑިޔާރު ޒާހިދު ޤުރައިޝީ ވެވަޑައިގެންފިއެެވެ. ފެޑަރަލް ޖަޖުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވުރެ އެއް ދަރަޖަ ދަށް ބޭފުޅުންނެވެ.

ޑިސްޓްރިކްޓް އޮފް ނިއު ޖާޒީގެ ޖަޖަކަށް އުމުރުފުޅުން 46 އަހަރުގެ ޤުރައިޝީ އައްޔަން ކުރަން ފާސްކުރުމަށް އެމެރިކާގެ ސެނެޓުގައި ނެގި ވޯޓުގައި އޭނާއަށް 81 ވޯޓު ލިބިވަޑައިގެންނެވި އިރު، ދެކޮޅަށް ވޯޓު ދެއްވީ 16 ސެނެޓަރުންނެވެ. އެެމެރިކާގެ ފުރަަަތަމަ މުސްލިމް ފެޑެރަަލް ޖަޖް އައްޔަންކުރުމަށް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 34 ސެނެޓަރުން ވަނީ ޑިމޮކްރެޓިކް ސެނެޓަރުންނާއެކު ވޯޓުދެއްވާފައެވެ.

މިހާރު ނިއު ޖާޒީގެ މެޖިސްޓްރޭޓް ޖަޖަކަށް ހުންނެވި ފެޑެރަލް ޖަޖެއްގެ ހުވައިކުރެއްވުމާއެކު، އެމެރިކާގެ ފުރަތަމަ މުސްލިމް ފެޑެރަލް ޖަޖްގެ ގޮތުގައި އޭނާގެ ނަން ތާރީޚުގެ ތެރެއަަށް ވަދެގެން ދާނެއެވެ.

"ޖަޖް ޤުރައިޝީ ވާނީ އޭނާގެ ޚިދުމަތުގެ ހަޔާތް މަގައުމަށް ޚިދުމަތްކުރުމުގައި ހޭދަކުރައްވާފައި. އޭނާގެ ނަމޫނާއިން ދައްކައިދެނީ ގިނަ ނަސްލުތައް އެކުވުމުގައި ނިއުޖާޒީގެ މުއްސަނދިކަން އަދި އެމެރިކާއަކީ އެތަނުގައި ކޮންެމެ ކަމެއްވެސް ހަގީގަަތަކަށް ހެދިދާނެ ތަނެއްކަން." ސެނެޓުގައި ވޯޓު ނަގަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސެނެޓަރ ރޮބަޓް މެނެންޑޭޒް ވިދާޅުވިއެވެ. މެނެންޑޭޒްްއަކީ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާމަނެވެ.

ސެނެޓަށް ޖަޖް ޤުރައިޝީގެ ނަން ހުށަހެޅުއްވީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނިއު ޖާޒީގެ ސެނެޓަރ ކޯރީ ބުކާއެވެ.

ޕާކިސްތާނުން އެމެރިކާއަށް ހިޖުރަކުރި ޑރ. ނިސާރު ޤުރައިޝީއާއި ޝާހިދާ ޤުރައިޝީގެ ދަރިކަލުން ޒާހިދު އުފަންވެވަޑައިގަތީ ނިިއުޔޯކަށެވެ. އަދި ބޮޑުފުޅުވި ނިިއު ޖާޒީގައެވެ. ރުޓްގާސް ލޯ ސްކޫލުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށް ފަހު 2000 ވަނަ އަހަރު ލޯ ކްލާކެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޤަރައިޝީ 2003 ވަނަ އަހަރު އެމެރިިކާގެ އަސްކަރިއްޔާއާއި ގުޅިވަޑައިގަތެވެ. އަސްކަރީ ޕްރޮސެކިއުޓަރެއްގެ ގޮތުގައެެވެ. އޭނާ ވަނީ އެމެރިކާ ސިފައިންނާއެކު 2004 އިން 2006 އަށް އިރާގުގައި މަސައްކަތްކުރައްވާފައެވެ.

އެމެރިކާގެ މުސްލިމް ޕަބްލިކް އެފެެއާޒް ކައުންސިލްގެ ރައީސު ސަލާމް އަލްމަރާޔާތީ ވިދާޅުވި ގޮތުގައި ޒާހިދު ޤުރައިޝީ ފެޑެރަލް ޖަޖަކަށް އައްޔަންކުރުން ވެގެންދާނީ އެމެެރިކާގެ ޖުޑިޝަރީގައި މުސްލިމުން ޚިދުމަތްކުރުމަށް ކޮށޭ މަގަކަށެވެ.

"އިތުުރު މުސްލިމް ޖަޖުން ވައިޓް ހައުސްއިން އައްޔަންކޮށް ސެނެޓުން ރުުހުންދޭނެކަމަށް އަަަހަރުމެން އުއްމީދުކުރަން." އަލްމަރާޔާތީ  ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.