އެމެރިކާގައި އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ޖަމާއަތްތަކަށް 106 މިލިއަން ޑޮލަރުގެ އެހީ

އެމެރިކާ ބަޔަކު އިސްްލްމްދީނާ ދެކޮޅު މުޒާހަރާއެއްގައި

އެމެރިކާގައި ހިންގާ އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ޖަމާއަތްތަކަށް އެ ގައުމުގެ ދަރުމަވެރި ފަރާތްތަކުން 2017 އާއި 2019 އާ ދެމެދު 106 މިލިއަން އެމެރިކާ ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަން ރިޕޯޓަކުން ހާމަކޮށްފިއެެެވެ.

އެމެރިކާގެ އެންމެ ބޮޑު އިސްލާމީ ޖަމްއިއްޔާ، ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ނެރުނު "އިސްލާމޮފޯބިޔާ އިން ދަ މެއިން ސްޓްރީމް" ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިލޭ އެހީ ދޭ 35 އިދާރާއަކާއި ފައުންޑޭޝަނަކުން އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ޖަމާއަތްތަކަށް އެ މުއްދަތުގައި 105،865،763.00 އެމެރިކާ ޑޮަލަރު ހިލޭ އެހީގެ ގޮތުގައި ދީފައި ވެއެެވެ.

މި އެހީ ދިން ފަރާތްތަކުގެ ތެރޭގައި ކްރިސްޓަން އެޑްވޮކޭޓްސް ސާވިންގެ އިވާންޖަލިޒަމް، ފިޑެލިޓީ ޗެރިޓެބްލް ގިފްޓް ފަންޑް، ޝްވޯބް ޗެރިޓެބްލް ފަންްޑް، މާކަސް ފައުންޑޭޝަން، އެޑަލްސަން ފެމިލީ ފައުންޑޭޝަން އަދި ޖުވިޝް ކޮމިއުނަލް ފަންޑް ހިމެނެއެވެ.

އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ޖަމާއަތް ތަކުން ވަނީ މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތަކާއި، އާއްމު ބައްދަލުވުންތައް މެދުވެރިކޮށް އެމެރިކާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީނާ ބެހޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަށް ގިނަ މަސަައްކަތްތަކެއް ކޮށްފައި ވެއެވެ.

"އެމެރިކަން ސެންޓަ ފޯ ލޯ އެންްޑް ޖަސްޓިސް (އޭސީއެލްޖީ) އަށް ކްރިސްޓަން އެޑްވޮކޭޓްސް ސާވިންގެ އިވާންޖަލިޒަމްެެެގެ ފަރާތުން 2017 އާއި 2019 އާ ދެމެދު ޖުމްލަ 60 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވޭ. ގާނޫނީ ވަކީލުންގެ މި ޖަމްއިއްޔާއަކީ 2017 ވަނަ އަހަރު (ރައީސު ޓްރަމްޕް އިއުލާންކުރެއްވި) މުސްލިމުން (އެެމެރިކާއަށް ވަނުން) މަނާކުރުން ފަދަ އިސްލާމްދީނާ ދެކޮޅު ސިޔާސަތުތަށް ތާއީދުކުރާ ބައެެއް. އޭސީއެލްޖީން ވަނީ މުސްލިމުން މަނާކުރުމުގެ ދިފާއުގައި ކޯޓަށް ރިިޕޯޓެއް ހުށަހަށާފައި." ކެއަރގެ ރިޕޯޓުގައި ވެއެެވެ.

"އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ވިއުގައަށް ބޮޑުތާއީދު އޮވެ، ވަރުގަދަ ހަަރަކާތެރިވަމުން ދާކަން އެއީ ސިއްރެއް ނޫން. އިސްލާމްދީނާ ދެކޮޅު ޖަމާއަތްތަކަށް ހިލޭ އެހީދޭ ފައުންޑޭޝަންތައް މިހާރު ތަންކޮޅެއް މަދުނަމަވެސް، މުސްލިމުންނާ ގުޅޭގޮތުން ނުބައި މައުލޫމާތު ފެތުރުމާ، މުސްލިމުންނަކީ ނުރައްކާތެރި ބައެއްކަން ސިފަކޮށް ދައްކާ ޖަމާއަތްތަކަށް މިހާރުވެސް މިލިއަންނުން ފައިސާ ލިބޭ." ކެއަރގެ ނޭޝަނަލް ރިސާޗް އެންޑް އެޑްވޮކަސީ ކޯޑިނޭޓާ ހުޒައިފާ ޝަހްބާޒް ވިދާޅުވެފައި ވެއެވެ.

އޭނާ ވަނީ މުޖުތަމައުގައި ނަފުރަތު އުފައްދާ ޖަމާއަތްތަކަށް ހިލޭ އެހީ ލިބުން ހުއްޓުވައި، އިސްލާމްދީނަށް ނަފްރަތުކުރުމުގެ ވިސްނުމާ ދުރުހެލެވުމަށް މުވައްޒަފުނާއި، ބޯޯޑު މެންބަރުންފަދަ ފަރާތްތައް ހޭލުންެތެރިކުރުމަށްޓަކައި ސާފު ސިޔާސަތެއް ކަނޑައެޅުމަށް އެމެރިކާގެ ހިލޭ އެހީ ދޭ ޖަމާއަތްތަކަށް ގޮވައިލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.