މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން ރޯދަހިފަން ފަށާފައިވާއިރު، ޗައިނާގެ ވީގޫރް މުސްލިމުން ދިރިއުޅޭ ޒިންޖިއާންގް ޕްރޮވިންސުގައި ރޯދަހިފުން މަނާކޮށްފިއެވެ. މީގެ އިތުރަށް ވީގޫރް މުސްލިމުން ދީނީ އަދި ސަގާފީ އެތައް ކަމަކަށް ޗައިނާ ސަރުކާރުން ދަނީ ހުރަސްއަޅަމުންނެވެ.
ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ މުސްލިމުން ގިނަ ޕްރޮވިންސު ޒިންޖިއާންގެ އަމިއްލަ ބައެއް ޖަމާއަތްތަކުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނާގޮތުގައި، އެ ޕްރޮވިންސުގައި މައިންބަފައިންނަށް އެމީހުންގެ ދަރިން ރޯދައަށް ބައިތިއްބުން މަނާކޮށްފައިވާއިރު، އޮފިޝަލުން ދަނީ މައިންބަފައިން ރޯދައަށް ތިބޭތޯ ބަލަން ޒުވާން ކުދިންނާ ސުވާލުކުރަމުންނެވެ.
"ރަމަޟާން މަހުގެ ތެރޭގައި 24 ގަޑިއިރުގެ މޮނިޓަރިންގ ސިސްޓަމެއް ގާއިމުކޮށް އެއަށް އަމަލުކުރުމަށް (ޒިންޖިއާންގް ޕްރޮވިންސުގެ) 1811 އަވަހަށް ވަނީ އަންގާފައި. އޭގެ ތެރޭގައި ވީގޫރް މީހުންގެ ގޭގެއަށް ކުއްލިއަކަށް ވަދޭ ބަލައިހެދުންވެސް ހިމެނޭ." ވީގޫރް މުސްލިމް ކޮންގްރެސްގެ ތަރުޖަމާނު ދިލްޝާދް ރަޝީދު ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ފަތިސްވަގުތުން ފެށިގެން އިރުއޮއްސެންދެން ރޯދައަށް ތިބުމަކީ ކުޅަދާނަކަން ލިބިގެންވާ މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުނެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެތައް ގަރުނަކަށް އެމީހުންގެ އިސްލާމީ އަގީދާ ދަމަހައްޓަމުން އައިސްފައިވާ ވީގޫރް މުސްލިންނާ ބެހޭގޮތުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ ކޮމިއުނިސްޓު ޕާޓީން ގެންގުޅޭ ދީނާ އިދިކޮޅު ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ޒިންޖިޔާންގްގައި ދިރިއުޅޭ 11.4 މިލިއަން މީހުންގެ އަގީދާ ނެތިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
ރައީސު ޒީ ޖިންޕިންގްގެ ވެރިކަމުގައި ދީންތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ފެށުމުގެ ކުރިން މުސްލިމުންވެސް ދިޔައީ ނިސްބަތުން މިނިވަން މާހައުލެއްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކުރަމުންނެވެ. މިސްކިތަށް ނަމާދަށް ދިއުންފަދަ ކަންކަމަށް އޭރު ހުރަހެއް ނާޅައެވެ.
"ހުއި މުސްލިމުންނަށް (ޗައިނާގައި ދިރިއުޅޭ އެކި ދަރިތަކުގެ މުސްލިމްނަށް ބޭނުންކުރާ ނަމެއް) ކޮމިއުނިސްޓު ޕާޓީގެ މަންދޫބުންނާ ވާހަކަދައްކައިގެން ވިޔަސް، ފާޅުގައި މިސްކިތްތަކަށް ގޮސް، އަރަބި ކްލާސްތަކުގައި ބައިވެރިވެ، ދީނީ ޝިއާރުތައް ފާޅުކުރުމުގެ މިނިވަންކަން ކުރީގައި އޮވޭ. ހުއި މުސްލިމް ވިޔަފާރިވެރިންނަށް އިސްލާމީ ދުނިޔޭގެ ވިޔަފާރިތަކާ ގުޅިގެން ފަތުރުވެރިކަމާއި، އެހެން ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުދޭ." ޗައިނާގެ މުސްލިމުންނާ ގުޅޭގޮތުން ނެރެފައިވާ 'ސިނިސައިޒޭޝަން އޮފް އިސްލާމް' ރިޕޯޓުގައި ވެއެވެ.