ޗައިނާއިން މަސައްކަތްކުރަނީ ވީގޫރް މުސްލިމުން ނައްތާލަން: ރިޕޯޓް

ޗައިނާގެ ޒިންޖިއާން ޕްރޮވިންސުގައި ދިރިއުޅޭ ވީގޫރް ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ނަސްލުތާލުމުގެ އަމަލުތަކެއް ކަަމަށް، ޗައިނާގެ އަމަލުތަކާ ބެހޭގޮތުން އަމިއްލަ ޖަމާއަތަކުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

އެމެރިކާގެ ނިއުލައިންސް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖީ އެންޑް ޕޮލިސީން ނެރުނު ރިޕޯޓުގައި ބުނާގޮތުން ޗައިނާގެ އަމަލުތައް ޔުނައިޓެޑް ނޭޝަންސްް ކޮންވެންޝަން އޮން ޖެނޮސައިޑް ގައި ބުނާ ހުރިހާ ކަމަކާ ޚިލާފެވެ.

"އެ ސަރަހައްދުގައި (ޒިންޖިއާންގައި) ދިރިއުޅޭ ވީގޫރް މީހުންނާމެދު ޗައިނާއިން ގެންގުޅޭ ސިޔާސަތާއި، ހިންގާ އަމަލުތައް ބަލަންެޖެހޭނީ އެކައްޗެއްގެ ގޮތުގައި. އޭރުން އެ ސިޔާސަތުތަކާއި އަމަލުތައް ފެންނަނީ ވީގޫރް ނަސްލު އެކުގައި ނުވަތަ އެ ނަސްލު ބައެެއް ނައްތާލަން ހިންގާ ކަންކަމުގެ ގޮތުގައި." ރިޕޯޓުގައި ވެއެވެ.

ނަސްލު ނައްތާލުމުގެ އަމަލުކަމުގައި ބެލެވޭ 5 ކަމެއް އދ. ގެ ކޮންވެންޝަންގައި ވެއެވެ. އެއީ ވަކި ޖަމާއަތެއްގެ ބަޔަކު މެރުމާއި، އެމީހުންނަށް ނަފްސާނީ ނުވަތަ ޖިސްމާނީ ބޮޑެތި ގެއްލުން ދިނުމާއި، އެ ޖަމާއަތް ނެތިދާފަދަ ދިރިއުޅުމުގެ ދަތި ހާލަތެއް ގަސްތުގައި ކުރިމަތިކުރުމާއި، ޖަމާއަތުގެ ތެރޭގައި ކުދިން ވިހާވަރު މަދުކުރުމަށް ފިޔަވަޅުއެޅުމާއި، އެ ޖަމާއަތުގެ ތެރެއަށް އުފަންވާ ކުދިން އެހެން ބައެއްގެ ތެރެއަށް ބަދަލުކުރުމެވެ.

ޗައިނާއިން ދަނީ ވީގޫރް މުސްލިމުންނާ ދެކޮޅަށް މި ހުރިހާ ކަމެއް ކުރަމުން ކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެެއެވެ.

ނިއުލައިންސް ރިޕޯޓުގައި ވާގޮތުން ޗައިނާއިން ވީގޫރް ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކާއި ނަސްލު ނައްތާލުމާ ގުޅޭ އދ. ކޮންވެންޝަން ދިިރާސާކުރުމުގައި ޗައިނާގެ ނަސްލުތަކާ ބެހޭ ދިރާސާތަކާއި، ބައިނަލްއަގުވާމީ ގާނޫނުގެ 30 މާހިރުން ބައިވެރިވެފައި ވެއެވެ.

1948 ވަނަ އަހަރު ފާސްކުރި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ޖެނޮސައިޑް (ނަސްލު ނައްތާލުމާ ބެހޭ އދ. ގެ ކޮންވެންޝަން) ގައި ސޮއިކުރި 151 ގައުމުގެ ތެރޭގައި ޗައިނާވެސް ހިމެނެއެެވެ.

"ދައުލަތުގެ ސީދާ ފުރިހަމަ ކޮންޓުރޯލުގެ ދަށުން ހަރަކާތްތެރިވާ ފަރުދުންނާއި މުއައްސަސާތަކަކީ ދައުލަތުގެ އެޖެންޓުންނާއި މުއައްސަަސާތަކެވެ. އެފަރާތްތަކުގެ އަމަލުތަކުގެ ނަތީޖާއަކީ ވީގޫރް ނަސްލު ނައްތާލުމެެވެ." ނިއުލައިންސްގެ ރިޕޯޓުގައި ވެއެވެ.

އެމެރިިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރިން ބުނެފައި ވާގޮތުގައި ޗައިނާއިން 2 މިިލިއަނެއްހާ ވީގޫރް މުސްލިމުން ކޭންޕުތަކުގައި ބަންދުކޮށްފައި ވެއެވެ. އެމީހުންނާ ދެކޮޅަށް އަނިޔާވެރި އެތައް އަމަލެއް ދަނީ ހިންގަމުންނެވެ.

ޗައިނާގެ ޒިންޖިއާން ޕްރޮވިންސުގައި 12 މިލިއަނަށްވުރެ ގިނަ ވީގޫރް މުސްލިމުން ދިިރިއުޅެއެވެ. އެމީހުންނަކީ މެދުތެރޭ އޭޝިޔާގް ތުރްކުމާނީ ނަސްލަށް ނިސްބަތްވާ މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.