ޗައިނާއިން ވަނީ ވީގޫރް ނަސްލުގެ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގާފައި: މިނިވަން ޓްރައިބިއުނަލް

ވީގޫރް މުސްލިމުންގެ ބަޔަކު ލަންޑަނުގައި އިހުތިޖާޖުކުރަނީ

ޗައިނާ ސަރުކާރުން ވަނީ އެގައުމުގައި ދިރިއުޅޭ ވީގޫްރް ނަސްލުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގައި، ނަސްލު ނައްތާލުމުގެ މަސައްކަތްކޮށްފައި ކަމަށް އިނގިރޭސި ގާނޫނީ ވަކީލަކު ގާއިމުކުރި މިނިވަން ޓްރައިބިއުނަލަކުން ނިންމައިފިއެވެ.

އެގައުމުގެ އެންމެ އިރަށް އޮންނަ ޝިންޖިއާން ޕްރޮވިންސުގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ މަދުކުރުމުގެ ބޭނުމުގައި އެމީހުން ދަރިން ހޯދުުން މަދުކުރުމަށް، ނުވަަތަަ ދަރިން ނުލިބޭގޮތަށް ހެދުމަށް ޗައިނާ ސަރުކާރުން މަޖުބޫރުކުރަމުންދާމަކަށް ވީގޫރް ޓްރައިބިއުނަލްގެ ރިޕޯޓުގައި ވާކަން އެ ޓްރައިބިއުނަލްގެ ޗެެއާމަން ސަރ ޖެފްރީ ނައިސް ވަނީ ހާމަކުރައްވާފައެވެ.  ނުވަ ގާނޫނީ ވަކީލުންނާއި، ވިޔަފާރިވެރިންނާއި، ތައުލީމީ ދާއިރާގެ ބޭފުުން ހިމެނިވަޑައިގަންނަވާ ވީގޫރް ޓްރައިބިއުނަލުން ވަނީ މި މައްސަލައިގައި 63 ސަފުހާގެ ރިޕޯޓެއް ނެރެފައެވެ.

" ދަރިން ވިހެއުމާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ބޭނުންވަނީ ޝިންޖިޔާންގެ ވީގޫރް މީހުން މަދުކޮށްލުން ކަމަށް މި ޓްރައިބިއުނަލަށް ވަނީ ޝައްކެއް ނެތް މިންވަރަށް ކަަށަވަރުވެފައެވެ. އެހެން ކަމުން، (ޗައިިނާއިން ވަނީ) ނަސްލު ނައްތާލުމުގެ އަމަލު ހިންގާފައެވެ." ޓްރައިބިއުނަލްގެ ރިޕޯޓުގައި ވެއެވެ.

ވީގޫރް ޓްރައިބިއުނަލްގެ ނިންމުންތަކަށް ގާނޫނީ ބާރެއް ލިިބިގެން ނުވެއެެވެ. އަދި އިނގިރޭސި ސަރުކާރުގެ މިނިސްޓަރުން އެ ނިންމުންތަކަށް އަމަލުކުރެއްވުން ލާޒިމެއްވެސް ނޫނެވެ. އެހެންނަމަވެސް، ޓްރައިބިއުނަލް އުފެއްދެވި ބޭފުޅުން ވިދާޅުވަނީ އެބޭފުޅުންގެ އަމާޒަކީ ޗައިނާއާއި ދެކޮޅަށް ކުރެވެމުންދާ ތުހުމަތުތަކަށް ބާރު ލިބިދޭ އިތުރު ހެކިތަކެއް ހޯދުމެވެ. އަދި ނަސްލު ނައްތާލުމުގެ އަމަލާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމެވެ.

ޝީޖިއާންގައި އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ހިންގާކަން ޗައިނާއިން ދޮގުކުރެއެވެ. ޓްރައިބިއުނަލްގެ ނިންމުންތަކަށް ރައްދުދެއްވަމުން ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އެ ޓްރައިބިއުނަަލަކީ "އަސްލެއް ނެތް ޓްރައިބިއުނަލެއް" ކަމުގައެވެ. އަދި އެއީ "ޗައިނާއާއި ދެކޮޅު ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށާއި، މަގު އޮޅުވާލުމަށް ބޭނުންކުރާ ހަތިޔާރެއް" ކަމުގައެވެ.

ޓްރައިބިއުނަލްގެ ނިންމުން އިއްވަވަމުން ފަނޑިޔާރު ސަރ ޖެފްރީ ވިދާޅުވީ ޝިންޖިންއާންގައި "ގަތުލު އާއްމުގެ ހެއްކެން ފެންނާން ނެތް" ކަމުގައެވެ. އެެހެންނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި، ދަރިން ހޯދުނަ ނުދިނުން ބެލެވޭނީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ކުރެވޭ ކަމެއް ކަމުގައެވެ.

މިނިވަން ވީގޫރް ޓްރައިބިއުނަލަކީ ވީގޫރް ނަސްލުގެ ހައްގުތައް ރައްކާތެރިކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުގެ އެދުމުގެ މަތިން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ އިނގިރޭސި ގާނޫނީ ވަކީލެއްކަމަށްވާ ސަރ ޖެފްރީ ނީސް ކިއު.ސީ. 2020 ވަނަ އަހަރު އުފެއްދެވި ޓްރައިބިއުނަލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.