އެމެރިކާއާއި އިސްރާއީލުގެ ގުޅުމުގައި ރެނދުލައިފި

އެމެރިކާގެ ރައީސް ބައިޑަން އާއި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ

ވޮޝިންގޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިޤްތިޞާދީ އިސްމާހިރުންގެ ބައްދަލުވުމުގައި ، އެމެރިކާއިން ބައިވެރިނުވާނެކަމުގައި އެޤައުމުން ބުނެފިއެވެ. އެއީ ، އިސްރާއީލުގެ ޔަހޫދީ ދައުލަތް ތަމްސީލުކުރާ ، އެޤައުމުގެ ރިލިޖަސް ޒަޔަނިސްޓް ޕާޓީއަށް ނިސްބަތްވާ ، މާލީވަޒީރު ބެޒަލެލް ސްމޯރޓްރިޗް ، އެބައްދަލުވުމުގައި ބައިވެރިވާތީކަމަށް ބުނެއެވެ. އެމެރިކާއިން އެ ބައްދަލުވުމުގައި ބައިވެރިނުވިކަމުގައިވިޔަސް ބެޒަލެލްއަށްވަނީ ، އެމެރިކާގެ ޑިޕްލޮމެޓިކް ވިސާ ދޫކޮށްފައެވެ. އެމެރިކާއިން އެބައްދަލުވުމުގައި ބައިވެރިނުވާން ނިންމީ ، ހުވާރާ އަވަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ، ބެޒަލެލް ، ދާދިމިދާކަށްދުވަހު ދީފައިވާ ، ނަސްލީ އިމްތިޔާޒްގެ ބަޔާނާގުޅިގެންނެވެ.

ހަމަ އެއާއެކު ، ނިއުޔޯކުގެ ކުރީގެ މޭޔަރ މައިކަލް ބްލޫމްބާރގް ވަނީ ، އިސްރާއީލުގެ ނަތަންޔާހޫގެ ޔަހޫދީ ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ، ޤާނޫނީ ބަދަލުތަކަށް ފާޑުކިޔައި ބަހުގެ ޙަމަލާއެއް ދީފައެވެ. އެމެރިކާގެ ކުރީގެ ރައީސް ނިކްސަން އާއި ނަތަންޔާހޫއަކީ ، އިސްރާއީލަށް ކުރިމަތިވެފައި އޮތް މުޞީބާތެއްގެ ގޮތުގައި ، މޭޔަރުގެ ވާހަކައިގާ ސިފަކޮށްފައި ވެއެވެ. ޔަހޫދީ ދައުލަތުން ހުށަހަޅާފައިވާ ޤާނޫނަށް ގެނެވޭ އިޞްލާޙަކީ ، ނަތަންޔާހޫގެ ސަލާމަތަށް ގެނެވޭ ބަދަލުތަކެއްކަމަށް ބުނެ އިސްރާއީލުގައިވެސް ދަނީ އަޑުއުފުލަމުންނެވެ. އިސްރާއީލުގެ ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ، ނަތަންޔާހޫ ، ޤާނޫނަށް އެގެންނަ  ޙީލަތްތެރި ބަދަލަކީ ، އެމީހުންނަށް ރައްކާތެރިކަމެއް ލިބޭ ބަދަލެއްނޫނެވެ. އެއީ ތަފާތުކުރުންތަކެއްގެ މައްޗަށް ބިނާކޮށް ، އެމީހުންނަށް ކުރެވޭކަމަކުން ނުޙައްޤު އަދަބު ލިބޭގޮތަށް ފަރުމާކުރެވިފައިވާ ބަދަލެކެވެ. އިސްރާއީލުގެ ޔަހޫދީ ދައުލަތާއި އެމެރިކާއާ ދެމެދު އޮންނަ ގާތްގުޅުމަކީ ، އިސްރާއީލުގައި ، ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމުގެ މައްޗަށް ބިނާކުރެވިފައި އޮންނަ ގުޅުމެކެވެ. ޤާނޫނަށް ގެންނަން ހުށަހަޅަފައިވާ ބަދަލަކީ ، ހުޅަނގާއި އިސްރާއީލާދެމެދު ޤާއިމްވެފައި އޮތް ގުޅުން ހީނަރުވެގެންދާނެ ބަދަލުތަކެކެވެ.

އެމެރިކާގެ ކޮންގްރެސްގެ އިސް ޑިމޮކްރެޓުންވަނީ މިކަމާބެހޭގޮތުން ، ބައިޑަންއަށް ސިޓީއެއް ފޮނުވާފައެވެ. ކޮންގްރެސްގެ މެންބަރުން ބައިޑަންގެ ކިބައިން އެދިފައިވަނީ ، އިސްރާއީލުގެ ޤާނޫނީ ނިޒާމަށް އެގެންނަ ބަދަލުތަކުން އިސްރާއީލު ސަލާމަތް ކޮށްދިނުމަށެވެ. އަދި ޔަހޫދީ ކަނާތުފިޔައިގެ ސަރުކާރުން ، އިސްރާއީލު ސަރުކާރުގެ މުއައްސަސާތައް ސިޔާސީގޮތުން ބަލިކަށިކޮށް ، ދެމުންގެންދާ ގެއްލުންތައް ހުއްޓުވުމަށް ، ކުރެވެން އޮތް ހުރިހާކަމެއް ކޮށްދިނުމަށްވެސް އެދިފައި ވެއެވެ. ސިޔާސީ ގޮތުން ލިބެމުންދާ ގެއްލުމާގުޅިގެން ، މިހާރުކުރިޔަށްދާ ، " ޓޫ ސްޓޭޓް ސޮލިއުޝަން " ސަލާމަތްކޮށްދިނުމަށްވެސް ، ބައިޑަންގެ ކިބައިން ކޮންގްރެސްގެ މެންބަރުން އެދިފައި ވެއެވެ.

މިކަންކަމުން އެނގޭ އެއްޗަކީ ، ނަތަންޔާޙޫ ކުރަމުން އެގެންދަނީ ، އިސްރާއީލާއި އެމެރިކާގެ ގުޅުމުގައި ރެނދުލައްވަމުން ކެމެވެ. މިކަން މައްސަލަޔަކަށް ވެފައި އޮތީ ، ހަމައެކަނި އިސްރާއީލުގެ ޖަމާޢަތްތަކުގެ މެދުގައިނޫންކަން ވަރަށް ސާފެވެ. ނަތަންޔާހޫއާއި ނަތަންޔާހޫގެ ޔަހޫދީ ސަރުކާރުގެ ބައެއް ވަޒީރުންނާވެސް އެމެރިކާ ސަރުކާރުން އަންނަނީ ދުރުވަމުންނެވެ. އެމެރިކާއާއި އިސްރާއީލާ ދެމެދު އުފެދޭ މައްސަލަތަކެއްގެ ނަތީޖާއަކަށް ވެގެންދާނީ ، އިސްރާއީލުގެ ސަލާމަތާއި އިޤްތިޞާދު ފުނޑުފުނޑުވެގެން ދިއުމެވެ.

އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ، ފަލަސްތީނުގެ ހުވާރާ އަވަށް

ޑިޕްލޮމެޓިކް ނިޒާމުގެ ތެރެއިން ، ފަލަސްތީނާއި ޤާނޫނު ބަދަލުކުރުމާ ބެހޭ މައްސަލަޔަށް ، އެމެރިކާ ސަރުކާރުންނަތަންޔާހޫއަށް ދެމުންގެންދާ އިންޒާރުތަކަށް ، އިސްރާއީލުން މިހާތަނަށް ދީފައިވަނީ ބީރު ކަންފަތެކެވެ. އިސްރާއީލުގެ މިނިސްޓަރަކު ޤަބޫލުނުކޮށް ، އެމެރިކާއިން ދުރުހެލި ކުރުމަކީ ވަރަށް ނާޒުކު މައްސަލައެކެވެ. އެއީ އިންވެސްޓަރުންނާއި ވިޔަފާރިވެރިން އަދި ބޭންކްތަކަށް ދެވޭ ނުބައި މެސެޖެކެވެ. އެފަރާތްތަކުން އެކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވިޔަސް ، އިސްރާއީލުގެ ޔަހޫދީ ދައުލަތަށް އެއީ މައްސަލަޔަކަށް ނުވެއެވެ.

އިސްރާއީލުގައި އައު ބޮޑުވަޒީރަކު މަޤާމާ ޙަވާލުވުމާއެކު ، ލަސްނުކޮށް އެމެރިކާއަށް ޒިޔާރަތްކުރުމަކީ ކުރީއްސުރެ ހިނގަމުން އަންނަ އާދައެކެވެ. އެއާދައަކީ ، ދެޤައުމުގެ ދެމެދުގައި އޮންނަ ޚާއްޞަކަން ތަޞައްވުރުކޮށްދޭ ނިޝާނެކެވެ. އެހެންނަމަވެސް ، ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ލިބި ސަރުކާރު އެކުލަވައިލިފަހުން ، އެތައްދުވަހެއް  ވެއްޖެއެވެ. އެމެރިކާއަށް އައުމަށް ނަތަންޔާހޫއަކަށް ދަޢުވަތެއް ނުލިބެއެވެ. އެދަޢުވަތު ނަތަންޔާހޫއަށް ލިބޭނެކަމެއްވެސް އަދި ލިބޭނީ ކޮންއިރަކުން ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އިސްރާއީލަށް އެމެރިކާއިން ލިބެންޖެހޭ ޙައްޤު މަޤާމު ، މިހާރު އެދަނީ ގެއްލެމުންނެވެ.

ހުއާރާ އަވަށާބެހޭގޮތުން ، އިސްރާއީލުގެ މާލީވަޒީރު ދީފައިވާ އިހާނެތި އަދި ނަސްލީ އިމްތިޔާޒުގެ ބަޔާނުން ، އެމެރިކާއާއި އިސްރާއީލުގެ ގުޅުން އެވަނީ ހީނަރުވެފައެވެ. ނަތީޖާއަކީ ކޮބައިކަމެއް އަދި އެނގޭވަރެއް ނުވެއެވެ. އެމެރިކާއާއި އިސްރާއީލުގެ ގުޅުމަށް އެޅޭ ހިޔަންޏަކީ ، އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަށް ލިބޭނެ ކުރިއެރުމެކެވެ. އިސްރާއީލަށް އެކަމުން ލިބޭނެ ގެއްލުމާމެދު ނަތަންޔާޙޫވަނީ ޣާފިލުވެފައިކަން ޔަޤީނެވެ. އެމެރިކާގެ ނަޒަރުގައި ، ނަތަންޔާޙޫ ސަރުކާރުގެ ، ހައްދުފަހަނަޅާފައިވާ ވެރިން ނަތަންޔާހޫއަށް ކިޔަމަން ކުރެވެން ޖެހޭނެއެވެ. އެކަމެއް ނަތަންޔާޙޫގެ ފަރާތަކުން ނުފެނެއެވެ. ނަތަންޔާޙޫ ސަރުކާރުން ހުށަހަޅާފައިވާ ޤާނޫނީ އިޞްލާޙުތައް ހުއްޓުވުމަށް ، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރުވަނީ ، ނަތަންޔާޙޫއަށް އަންގާފައެވެ.

މީގެ އިތުރަށް ، އިސްރާއީލުން ހިފައި  ގަދަކަމުން އަތުލާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ، އިސްރާއީލު ސިފައިން ހިންގާ  ، ޢުދުވާނީ ޢަމަލުތަކުގެ ވާހަކަ ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ 2021 ވަނައަހަރުގެ ރިޕޯޓުގައި ، ފުރަތަމަ ފަހަރަށްވަނީ ހިމަނާފައެވެ. ހިފާފައިވާ ބިންތަކުގައި އުފެދޭ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް މަސައްކަތް ކުރުމަށް ، އެމެރިކާއިން އިސްރާއީލަށްވަނީ އަންގާފައެވެ. އަދި ޚާއްޞަކޮށް ހުވާރާ އަވަށުގައި ދިރިއުޅޭ މީހުންނަށް އިސްރާއީލުން ދީފައިވާ އަނިޔާތަކަށް ޒިންމާވާ ސިފައިންގެ މައްސަލަ ބެލުމަށްވެސް އަންގާފައި ވެއެވެ. އެއީ އެމެރިކާއިން ބަލައިގަންނާނެ ކަންތައްތަކެއްނޫންކަންވެސް ސާފުބަހުން އިސްރާއީލަށް އަންގާފައި ވެއެވެ.

އެމެރިކާގެ ނޫސްތަކުގައިވެސް ނަތަންޔާޙޫގެ ކަނާތުފިޔައިގެ ސަރުކާރުގެ ޢަމަލުތައް އަންނަނީ ކުށްވެރި ކުރަމުންނެވެ. އިސްރާއީލުގެ ސިޔާސީ އަދި އިޤްތިޞާދީ ބިންގާ ، ނަތަންޔާޙޫ ސަރުކާރުން ސުންނާފަތިކުރަމުން އަންނަކަމުގައި ނޫސްވެރިން އަންނަނީ ލިޔަމުންނެވެ.

ނަތަންޔާހޫގެ ސަރުކާރުން ، އިސްރާއީލުގެ ޤާނޫނަށް ގެންނަބަދަލަކީ ، ނަތަންޔާހޫގެ މައްޗަށް ކުރެވެމުންދާ އިތުބާރު ނެތުމާއި ވަށްކަމާ އަދި ޚިޔާނާތުގެ ދަޢުވާތަކުން ސަލާމަތްވުމަށް ޖަހާ ދަންތުރައެކެވެ. އެޤާނޫނުތައް ފާސްވުމުން ، އެމައްސަލަތައް ބެލުމުގެ ފުރުޞަތު ޤާނޫނީގޮތުން އުވިގެންދާނެއެވެ. ޤާނޫނީ ބަދަލު ނުގެނެވިއްޖެނަމަ ، ނަތަންޔާޙޫއަށް އަދަބު ލިބި ޖަލަށް ވަންނަން ޖެހުން ގާތެވެ. އެމެރިކާގެ އިސްވަފުދަކާ އިސްރާއީލު ސަރުކާރުން ، ދާދިމިދާކަށްދުވަހު ވަނީ ބައްދަލުކޮށްފައެވެ. އެމެރިކާގެ ޚާރިޖީވަޒީރާއި ދިފާޢީ ވަޒީރު އަދި ޤައުމީ ސަލާމަތާބެހޭ މުޝީރާއި ސީއައިއޭގެ ވެރިޔާ މިބައްދަލުވުމުގައި އެމެރިކާ ތަމްސީލު ކުރިއެވެ. މިހުރިހާ އިސްވެރިންވެސް އިސްރާއީލުގެ ދިފާޢުގައި ދެއްކި ވާހަކަތަކަށް ރައްދުދީފައި ވެއެވެ. އަދި އެއީ ޤަބޫލުކުރެވޭނެ ޙުއްޖަތެއްނޫންކަން ބަޔާން ކޮށްފައި ވެއެވެ. ޤާނޫނަށް ގެންނަ ބަދަލަކީ ، ގެންނަން އެކަށީގެންވާ ބަދަލެއްނޫންކަމާއި އެއީ ކޮށްގެންވާނެކަމެއް ނޫންކަން މިވަފުދުން ، އިސްރާއީލް ސަރުކާރަށް އަންގާފައި ވެއެވެ.

މީގެ މާނަޔަކީ ، އިސްރާއީލުގެ ޢަމަލުތަކަށް އެމެރިކާއިން ހިތްހަމަނުޖެހޭކަން ފުރަތަމަފަހަރަށް އިޢުލާން ކުރުމެވެ. އަދި އެއީ އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ދެގެއިންވެސް ދެކޮޅުހަދާ ކަމެއްކަން ސާފުކޮށްދިނެވެ. އެއަށްވުރެވެސް ބޮޑަށް ، އެއީ އެމެރިކާގެ ޤާނޫނު އަސާސީއާއި ، ސްޕްރީމްކޯޓުންވެސް ބަލައިނުގަންނާނެ ބަދަލުތަކެއްކަން އެނގެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.