ބްލޫ ރިބަން: ޢާންމު އުނދަގޫ

ދޮންބެއްޔާގެ ވިސްނުމުގައި ޢާންމު އެއީ އެންމެންނަށް އޮންނަ އެއްޗެކެވެ.  ފަރުދުންނާއި ރަށާ އަދި އަތޮޅާއި ޤައުމަށް ، އަދި މުޅިދުނިޔެއަށް އޮންނަ އެއްޗެކެވެ. އެންމެންނަށް ނިސްބަތް ކޮށެވެ. އޭގެ އިދިކޮޅަކީ ޚާއްޞަ އެވެ. އެއީ ވަކިބަޔަކަށް ނިސްބަތްކޮށް ، ވަކިބަޔަކާ ތަފާތުކުރުމަށް އޮންނަ ބަހެކެވެ.

ދެންއޮތީ އުނދަގުލުގެ ވާހަކައެވެ. އުނދަގޫވުމަކީ ، ސިކުނޑިޔަށް ހާސްކަންލިބި ނުތަނަވަސްވުމެވެ. ފަސޭހައިގެ އިދިކޮޅެވެ. އަދި އަހުވަ ދެއްކުމެވެ. ތުރާ ކުރުމާއި ދަތިކޮށް ، ފަސޭހައެއް ނުލިބުމެވެ.

މާލޭގައި ދިރިއުޅޭމީހުންނަށް މިހާރަކަށް އައިސް ކެތްތެރިކަން ކޮޅުންލާވަރަށް ، ޢާންމު އުނދަގޫވެއެވެ. ދާދިމިދާކަށްދުވަހު ، ދޮންބެއްޔާ މާލެޖައްސައިލިފަހަރުވެސް ، ޢާންމު އުނދަގުލުގެ އެތައް އުނދަގުލެއް ފެނުނެވެ. އެއުނދަގޫ ތަޙައްމަލުކުރަން ހިތަށް އުނދަގޫވާވަރުވިއެވެ. ރުޅިއައިސް ދަތްކުނޑިވިކި ، ދަތްކޮޅު ފައިބާވަރުވިއެވެ.

މަގުމަތީ ދުއްވާ އެއްގަމު އުޅަނދު ދުއްވާމީހުން ، މަގުހިނގާމީހުންނާއި މަގުހުރަސްކުރާ މީހުންނަކަށް ނުބަލައެވެ. ކިރިޔާ ޖެހޭނުޖެހޭ ހިސާބުން ، ބާރުސްޕީޑްގައި ދުއްވަނީއެވެ. މަގުހިނގާމީހުންނާއި މަގުހުރަސްކުރާމީހުން ، ދުއްވާ އެއްޗިއްސަކަށް ފަރުވާލެއް ނުބަހައްޓައެވެ. ދުއްވާ އުޅަނދެއް ކިތަންމެ ބާރަށް އަޔަސް ، ހުއްޓިއެއް ނުލައެވެ. ދާގޮތަށް ދަނީއެވެ. ގައިގަ ޖައްސައިފިއްޔާ ކުށްވެރިވާނީ ދުއްވަންއިންމީހާކަމަށް ނިންމާފައެވެ. އުޅަނދު ދުއްވާމީހުން ، ހުރަސްކުރާމީހުންނަށް ނުބަލަނީ ، އައިސްއައިސް ހުއްޓާ ހުރަސްކޮށްގެން ޖެހިއްޖެނަމަ ، ކުށްވެރިވާނީ ހުރަސްކުރާމީހާކަމަށް ބަލާފައެވެ. މިދެބައިމީހުންނަށް ، މިދެޙާލަތު އަމިއްލަޔަށް ތަޖުރިބާ ކުރަންޖެހިއްޖެނަމަ ، ރުޅި އާދެއެވެ. ދުއްވާމީހަކު ، އެދުއްވާ އެއްޗެއް ޕާކުކުރުމަށްފަހު މަގުހުރަސްކުރަނިކޮށް ، މީހަކު މަޑުނުކޮށް ހިނގައްޖެނަމަ ، ރުޅިއައިސް ލޯ އަޅައި ލެވެއެވެ. އޭނާ މަގުހުރަސް ކުރަންދެން ، ދުއްވާމީހާ މަޑުކުރަންޖެހޭނެކަމަށް ދެކެއެވެ. ސައިކަލަށް އަރާ ދުއްވާލާމީހާ ، ދުއްވަމުން އަންނަނިކޮށް ، މީހަކު މަގުހުރަސްކުރާނަމަ ، ރުޅިއައިސް އެމީހަކާދިމާއަށް ލޯ އަޅައިލެވެއެވެ. އޭނާ ދުއްވަމުން އައިސްއައިސް ހުއްޓާ ، މަޑުކޮށްނުލާ މަގުހުރަސްކޮށްގެން ނުވާނެކަމަށް ދެކެއެވެ. ހެޔޮ އެއްވެސްގޮތެއް ނޯވެއެވެ.

ވާރޭކަނި ޖަހަމުންދާ ދުވަހެއްގައި ، މަގުގެ އެއްކައިރިން ކާނުމަތިން ދާއިރު ،  މަގުގެ މެދުން ހިނގުމަށްވުރެ ބޮޑަށް ތެމޭނެއެވެ. ގޭގޭގެ އެކި ބުރިބުރިން ،  ބޯމަތިން އެކިގޮތްގޮތަށް ދޫކޮށްލެވިފައިހުންނަ ހޮޅިން ފައިބާ ފެނުންނެވެ. ހަލާކުވެ ނުހަދާ ހުންނަ ދިޔަދޮވިން ފައިބާ ފެނުންނެވެ. މަގުމަތިން ހިނގައިފިއްޔާ ދުއްވާ ތަކެއްޗަށް ދަތިވާނެއެވެ. އެއްކައިރިން ، ހަލާޚުވެ އަޑިގުޑަން ވެފައި އޮންނަ ކާނުމަތިން ހިނގައިފިއްޔާ އަސްކަނިފެނުންނާއި ހޮޅިހޮޅިން ފައިބާފެނުން މީހާ އެއްކޮށް ތެމޭނެއެވެ. ހެޔޮ އެއްވެސްގޮތެއް ނޯވެއެވެ.

މުޒާހަރާކުރުން އެއޮންނަނީ އަދި މާމަތީ ދަރަޖައިގައެވެ. ދެތިން ދިދަ ހިފައިގެން ، ހައެއްކަމީހުން ހަޅޭއްލަވަމުން ، ހެއްދެވި ނުހެއްދެވިޔަށް ގޮވަމުން ، މަގުމަތި ހަލަބޮލިކުރަމުން ދުވާއިރު އޭގެ ނަތީޖާ ، އެކަންކުރުމުން ، އެއިންމީހަކަށް އެލިބޭ ފަސްސަތޭކަ ރުފިޔާއާ އަޅާބަލާއިރު ، އެތައް ގުނައެއް ގެއްލުން ބޮޑެވެ. މަގުމަތީގެ ހަމަޖެހުމާއި އަމާންކަން ގެއްލެއެވެ. ދުއްވާތަކެތި ދުއްވަން ހުރަސް އެޅެއެވެ. ދުއްވާތަކެތިން އަޅާ ބަރުގޮނުން އަޑުގަދަވެއެވެ. މުޒާހަރާކުރާމީހުން އެގޮވާ އެއްޗެއްގެ އަޑަކީ ، ދަރިންނާއެކު މަގުހިނގާ މައިންބަފައިންނަށް އަޑުއަހަން އެހާ ފަސޭހަ އެއްޗަކަށް ނުވެއެވެ. އެއީ މުޒާހަރާކުރުމުގެ ޙައްޤު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރެވޭ ، ޢާންމު އުނދަގުލެކެވެ. ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށް އެފެންނަނީ ރަނގަޅު މަންޒަރެއްނޫނެވެ. އެއީ ، އެކުދިންނަށް ފެންނަ މަޖާކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް  ، އެކުދިންގެ އުޅުމާއި އަޚުލާޤަށް ނޭދެވޭ އަސަރު ކުރާނެއެވެ. ޖީލުތަކެއް އަޚުލާޤީ ޢާންމު މިންގަނޑުން ނެއްޓި ދިއުމަށް މަގުފަހިވާނެއެވެ.

މިހުރިހާ ކަންކަމަކީވެސް ދިވެހިން އަމިއްލަޔަށް ހޯދައިގަތް ކަންކަމެވެ. އަމިއްލަޔަށް ހޯދައިގަންނަ ޢާންމު އުނދަގުލެވެ. މިކަންކަމުގެ ހެވާއިނުބައި ވަކިކޮށް ، ދެނެގަންނަން ބޭނުން ނުވާވަރަށް އިސްނާނުން މިހާރުމިވަނީ ނަފްސުގެ އަޅުންނަށް ވެފައެވެ. ހުއްޓޭވަރަށްވުރެ ބޮޑަށް ، ނުވަތަ ހުއްޓުވޭވަރަށްވުރެބޮޑަށް ކަށީގައި ހިފާ އާދަވެފައިވާ ކަންކަމެވެ. ހަރުކަށި ޤަވާޢިދު ތަކެއް ފުރިހަމަޔަށް ތަންފީޒު ކުރެވި ، ބޮޑެތި އަދަބު ތަކެއް ކަނޑައެޅިގެން ނޫނީ ރަނގަޅު ކުރެވެންނެތް ، ޢާންމު އުނދަގުލަށް ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.