ބްލޫ ރިބަން: މިޤައުމުގެ ހަލާކު

ދޮންބެއްޔާއިނީ ، ދޮންވެލި ގޮނޑުދޮށުގައި އެލުވިފައިވާ ޖޯއްޔެއްގައި ހަނުހިމޭންކަންމަތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކުރިމަތީގައި އޮތީ ، ގޮނޑުދޮށުން ފެށިގެން މޫދުންލާފައި ، ތޮށިމަތިން ހުރަސްކޮށް ދުރަށްގޮސް އޮބާފައިވާ މާސިންގާ ކަނޑެވެ. ކަނޑުގެ ޞަތަޙައިންފެށިގެން އުހަށް އަރާފައި އެހުރީ އުދަރެހެވެ. ދޮންބެއްޔާ އެއިނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.

ދޮންބެއްޔާގެ ވިސްނުމާއި ފިކުރުގައި އެނބުރެމުން އެދަނީ ދިވެހި ޤައުމެވެ. ޤައުމުގެ ޙާލަތެވެ. ދޮންބެއްޔާގެ ޢުމުރުގައި ، ޅަދުވަހުއްސުރެ ފެށިގެން ޤައުމަށް މިއަންނަމުންދާ ބޮޑެތި ބަދަލުތަކެވެ. އެބަދަލުތަކުގެ ނަތީޖާއެވެ. ރައްޔިތުންގެ ފިކުރަށް އަންނަ ބަދަލެވެ. ވީދެމުންދާ އިޖްތިމާޢީ ފޭރާމެވެ. އަދަބެއް ސަދަބެއްނެތި ، އިޙްތިރާމް ގެއްލިފައިވާ މުޖުތަމަޢެވެ. އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮންނަންޖެހޭ އިސްލާމީ ރިވެތި ހަމައެވެ. އެއްބަނޑު އެއްބަފާ މީހުންގެ މެދުގައި އޮންނަންޖެހޭ ރަޙިމުގެ ގުޅުމެވެ. ޒިންމާދާރު ބޮޑެތި ފިރިހެނުންގެ އަޚުލާޤެއް ، ލަދެއް ޙަޔާތެއްނެތް އުޅުމެވެ. ބައިހަދާފައި މަގުމައްޗަށް ނުކުމެ ހަޑިހުތުރު ވާހަކަ ދައްކައި މުޖުތަމަޢުގެ މަޞްލަޙަތު ގެއްލި ޢާންމު އުނދަގުލަކަށްވާގޮތަށް ، ބޮޑެތި ފިރިހެނުން އެއުޅޭ އުޅުމެވެ. ޤައުމަށް މިހާބޮޑެތި ނޭދެވޭ ބަދަލުތަކެއް އަންނަންފެށީ 2003 ވަނަ އަހަރުންފެށިގެންނެވެ.

ޤައުމެއްގައި މަލްޓިޕާޓީ ޑިމޮކްރަސީއެއް އޮތުމަކީ މައްސަލައެއްނޫނެވެ. އެއީ ރަނގަޅަށް ހިންގައިފިނަމަ ، ރަނގަޅު ނިޒާމެކެވެ. ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ މިއައީ އޭގެ އިދިކޮޅަށެވެ. ވެރިކަމުގެ ނިޒާމަށް މިއައި ބަދަލުން ، ދިވެހިންނަށް ރަނގަޅަކަށް ، އިތުރަށް ލިބުނީ ކޮން އެއްޗެއްކަން ބުނެދޭކަށް ދޮންބެއްޔާއަކަށް ނޭނގުނެވެ. އަޑަށް ބާރުލާފައި އެންމެން އެކިޔަނީ ، ބަސްބުނުމުގެ މިނިވަންކަން ލިބުނު ވާހަކައެވެ. އެލިބުނު މިނިވަންކަމުގައި ދިވެހިންނަށް ލިބުނީ ކޮންއެއްޗެއް  ހެއްޔެވެ ؟

ސިޔާސީ ފިކުރު ތަފާތުވެގެން ދިޔަދިޔައިނުންގޮސް ،  ދަރިފުޅާއި ބައްޕަޔަކަށް ވާހަކަދައްކައިލައެއް ނޫޅެވެއެވެ. އެވާދައިގާ ބައްޕަޔާ ދިމާއަށް ދަރިފުޅު ނުގޮވާކަ އެއްޗެއް ނޯވެއެވެ. ރަޙިމުގެ ގުޅުން ކެނޑެނީއެވެ. މިތުރުން ހަތުރުންނަށް ބަދަލުވަނީއެވެ. ލޮނު ފެނަށްވެފައި ފެން ލޮނަށްވެ މުޅި ނިޒާމް ގަޑުބަޑުވަނީއެވެ. ޝަރުޢީ ޙުކުމްތައް ޤަބޫލުނުކޮށް ، ހަރާން ހުކުމާއި ހަލާލު ހުކުން ނިންމަނީ މަގުމަތިންނެވެ. ޕާޓީގެ އުޞޫލާއި މިންގަނޑުގައި ހިފަހައްޓައިގެންތިބެ ހަމަޔާއި އުޞޫލު އަދި އިންސާފާއި ޙަޤީޤަތް ޤަބޫލެއް ނުކުރެވެއެވެ. ރޯމާދުވާލު ބައިހަދައިގެން މަގުމައްޗަށް ނުކުމެ ، އަދަބެއް ސަދަބެއްނެތި ، ޤައުމުގެ ވަލިއްޔުލްއަމުރުގެ އަބުރަށް އަރައިގަތުން އެއީ ، އެލިބުނު މިނިވަންކަމުގެ ޙައްޤަކަށް ވަނީއެވެ. ދީނުގައި ހައްދު ކަނޑައެޅިފައި އޮންނަ ކުށްކުށުގެ އިލްޒާމް ، ސާބިތު ހެއްކެއްނެތި މީސްމީހުންގެ ބޮލުގައި އެޅުވުން އެއީ އެމިނިވަންކަމުގެ ޙައްޤެކެވެ. ޒިންމާދާރުކަމެއްނެތި ހިތުހުރި އެއްޗެއް ހިތުއޮތް މީހަކާ ދިމާއަށް ގޮވަންވީއެވެ. ރޯބުހުތާން ދޮގުހަދައިގެން މީސްމީހުންގެ ބޮލުގައި ބޮޑެތި އިލްޒާމްއަޅުވައި ޚަބަރު ކިޔަންވީއެވެ. ޕާޓީ ނިޒާމުން ތިމާ ޤަބޫލުކުރާގޮތް ނޫންގޮތް އެއީ ނުއޮންނަ ގޮތެވެ. ކިތަންމެ ރަނގަޅު ގޮތެއްނަމަވެސް ޤަބޫލެއް ނުކުރެވެއެވެ. މީސްމީހުންގެ މޫނަށް ކުޅުޖަހައިގެން ، ބޮޑެތި ޢަދަދުން އިނާމު ހޯދަންވީއެވެ. ލައިވް މަޖިލިސްތަކުގައި ، އެކަކު އަނެކަކަށް މައިބަފައި ގޮވައި ، މައިންބަފައިންނާ ބެހި އަވަގުރާނަ ގޮވުމަކީވެސް ޙައްޤެކޯލައެވެ. ދޮންކެޔޮ ކައިގެން ކޯ ދޮވެފައި މީހުންގެ މޫނަށް ކޯވެސް ދޮންނަންވީއެވެ. ޝަރުޢީ ޙުކުމެއް ކުރީމަ ، ޢަދްލު އިންސާފު ޤަބޫލުނުކޮށް ، މީހުން އެއްކޮށް ، ބޮނޑިބަތް ކައްކައިގެން ކައި ، އެހުކުމެއް ހަރާން ހުކުމަކަށް ހަދަންވީއެވެ. ޝަރުޢީ ޙުކުމްކޮށް ޖަލަށްލާފައިތިބޭ މީހުން މިނިވަންކުރުމަށް " ހަނގުރާމަ " ކުރަންވީއެވެ. ދައުލަތުގެ މާލިއްޔަތު ދިރުވާލައިގެން ވަށްކަންކޮށްގެން ނުޙައްޤު މުއްސަނދިކަން ހޯދާމީހުންނަކީ ބަތަލުންނަށް ވަނީއެވެ. ކާނެވަރަކަށް ކައިގެން ބާކީވާ އެއްޗެއް އަންބޮނޑިއަށް އަޅައިގެން ޤައުމުން ބޭރަށްގޮސް އަރާމުގައި އުޅެންވީއެވެ. އަތުޖެހުނު ގޮތަކަށް އަތުޖެހުނު އެއްޗެއް ، ހަރާމެއް ހަލާލެއްނުބަލައި ކެވުނުގޮތަކަށް ކާންވީއެވެ. ކިތަންމެ ވަރަކަށް ކިޔެވިޔަސް ޕާޓީލައިނުން ނޫންގޮތަކަށް ، ޕްރޮޖެކްޓެއް އަދި ވަޒީފާއެއް ލިބޭނެމަގެއް ނުފެނެއެވެ. މަގުމަތީ ހިނގާމީހުން ދުއްވާ އެއްޗިއްސަކަށް ނުބަލައެވެ. އެއްޗެތި ދުއްވާމީހުން މަގުމަތީ ހިނގާމީހުންނަކަށް ނުބަލައެވެ. އެމީހަކާ އެމީހެކެވެ. ލާރިޔަށް ވޯޓުވިއްކާ ނިޒާމް ތަޢާރުފްވެ ، އިންސާނާ ، އޭނާގެ ނަފްސުގެ އަޅަކަށްވަނީއެވެ. މަލްޓިޕާޓީ ޑިމޮކްރަސީއަކުން ދިވެހިން ދެކެން ބޭނުންވި ދުވަހަކީ މިއީ ހެއްޔެވެ ؟ ނޫނެކެވެ !

ދޮންބެއްޔާގެ ދެއަތުން ބޮލުގައި ހިފައި ބާރުކޮށްލިއެވެ. ސިކުނޑިއާއި ބޮލަށް ބާރުބޮޑުވެގެންނެވެ. މިނޫންގޮތަކަށް މަލްޓިޕާޓީ ޑިމޮކްރަސީ މަސައްކަތް ނުކުރަނީ ބާވައޭ ދޮންބެއްޔާގެ ހިތަށް އެރިއެވެ. ދޮންބެއްޔާގެ ހަވަނަ ޙިއްޞު ހޭލިއެވެ. އަދި ބުންޏެވެ.

" ނޫނެކެވެ ! ޤައުމަކަށް އަންނަ ކޮންމެ ބަދަލަކީ ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަންނަން ޖެހޭނެ ބަދަލެކެވެ. ރަނގަޅުނޫން ބަދަލުތަކަށް ފުރުޞަތުދެނީ ރައްޔިތުން އަމިއްލަޔަށެވެ. ހަލާކުގެ މަގަށް ޤައުމު ގެންދަނީ ރައްޔިތުން އަމިއްލަ އަތުންނެވެ. ބަޔަކު ދައްކާހާ ދަޅަޔަކަށް ހެއްލި ، އަވާމެންދުރަށް ގެއްލި ، ފަރުދީ ޒިންމާ ނުއުފުއްލާ ، ޤައުމުގެ ލާބައާއި މަންފާއަށް ނުވިސްނައި ، އަމިއްލަ ނަފްސުގެ އަޅަކަށް ވަނީ އަމިއްލަ އިޚްތިޔާރުގައެވެ. ރައްޔިތުންގެ ވިސްނުމާއި ފިކުރު ބަދަލު ނުކުރާހާ ހިނދެއްގައި މިމަގުން ދަތުރުކޮށް ޤައުމު ދާނީ ގޯހުންގޯހަށް ، ހަލާކުގެ މަގުންނެވެ.

2003 ގައި ދިވެހި ޤައުމަށް އެލިބުނު ފަރުދީ މިނިވަންކަމަކީ ، ޒިންމާއާއި މަސްއޫލިއްޔަތު އޮވެ ، ކުރިއަރައި ދިއުމަށް ކޮށުނު މަގެކެވެ. ޤައުމު ކުރިޔަށް މިދަނީ އެމަގަކުންނެއްނޫނެވެ. ފަރުދީ ޒިންމާއާއި މަސްއޫލިއްޔަތާ ނުލައެވެ. ވަކިބަޔަކު ބޭނުންވާގޮތަށް ، ރައްޔިތުންގެ ޚިޔާލާއި ވިސްނުމާ ފިކުރާ ކުޅެ ، އެބަޔަކު ބޭނުންވާ ގޮތަކަށް ބަށްޓަންކުރެވޭ މަގަކުންނެވެ. ޤައުމުގެ ރައްޔިތުން އަބައިމީހުންގެ ފުރިހަމަ އަދި އަމިއްލަ އިޚްތިޔާރުގައި ދާންބޭނުންވާ މަގަކުންނެއް ނޫނެވެ. ރަނގަޅާއި ނުބައި ވަކިކޮށްގެން ، އެމަގުންދެވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އެކަން އޮތީ ހަމަ ، ރައްޔިތުންގެ އަތްމަތީގައެވެ. "

ދޮންބެއްޔާ ، ފުން މާނޭވާއެއްލިއެވެ. މިސްރާބެއް ފެންނަންނެތި މާދުރަށްގޮސް  އޮބާފައިއޮތް ކަނޑަށް ބަލައިލިއެވެ.  ކަނޑުގެ ޞަތަޙައިން މައްޗަށް އުފުލިފައި އޮތް އުދަރެހަށް ވިސްނައިލިއެވެ. ފެނިގެންދިޔަ ކަނުއަނދިރިކަމަށް ދޮންބެއްޔާގެ ލޯ މަރައިލިއެވެ.

1 ޚިޔާލު

  1. ޝަރީޢަތުން ކަނޑައެޅި ނިޔާއާއި އިދިކޮޅަށް "ގަންހިންގާ" އިރުވެސް ކޯޓުން ޗުއްޕު ވެސް ބުނެނުލަނީ .....މިކަމުގައި ކޯޓުގެއެއްވެސް އުރައްޕެއް ހަމަ ނެތީ ބާވައެވެ. ކޯޓުގެ ހުރުމަތް ކޮބާ؟ ފަނޑިޔާރު މަނިކުފާނު!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.