ރައީސުލްޖުމްހޫރިއްޔާއާއި ޤާސިމް އިބްރާހީމް މަޝްވަރާ ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމްގެ ބައްދަލުކުރެއްވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް އެބަދެއެވެ. މި ޚަބަރެއް ފެތުރުނީ ޤާސިމް އިބްރާހީމް ރައީސް އޮފީހަށް ވެދެވަޑައިގަތް މަންޒަރު ފެނުމުންނެވެ.

މި ދުވަސްވަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަނިކުފާނުގެ އިއްތިހާދުގެ ބައިވެރިން އެއް ގަލަކަށް އެރުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަަވާ ދުވަސްވަރެކެވެ. އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީން ވަނީ އެއް ގަލަކަށް އަރައިފައެވެ. އިސްލާމްދީން ޙިމާޔަތް ކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް ޕާޓީން ވަނީ ބުނެފައެވެ. އެކަމަކު އެ ނިންމުމާއެކު ޕާޓީގެ ބައެއް މެންބަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމްއާރްއެމުން އިއްތިހާދާއެކު އޮނާންނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުން އެބަދެއެވެ. އަދި ވަކި ގޮތެއެް ނުނިންމައެވެ.

ޖުމްހޫރީ ޕާޓީން އިހަކަށް ދުވަހު ނިންމި ކޮނގްރެސްގައި ވަނީ ޕާޓީން ވަކިން ރިޔާސީ އިންތިޚަބަށް ކުރިމަތިލާން ފެންނަ ކަމަށް ނިންމައިފައެވެ. އެކަމަކު އެ ނިންމުން އިންތިހާއީ ނިންމުމަކަށް ވާނީ ޕާޓީގެ ކައުސިލުން ފާސް ކުރީމައެވެ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަކަށް މިހާރު ވާނީ ކައުންސިލުން އެމަނިކުފާނުގެ ކޮޅަށް ނިންމާނޭ މަގެއް ހޯއްދެވުމެވެ. ޕާޓީގެ ރައީސް ޤާސިމް އިބްރާހީމާ ބައްދަލު ކުރެއްވުމުގެ ބޭނުންފުޅަކަށް ވާނީ އެ ވާހަކަފުޅު ދެއްކެވުމެވެ.

އަނެއްކޮޅުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖޭޕީއާއި ރައީސުލްޖުމްހޫރިއްޔާ ދުުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ ޖޭޕީގެ ރައީސްގެ އެޑްވައިޒަރެއް ކަމުގައިވާ އިލްހާމް އަޙްމަދާ ބައްދަލު ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.