ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް: ރައީސް

ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޗެއަރކުރައްވައި ސެޝަން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސެޝަން އަމާޒުކޮށްފައި ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ މައްޗަށެވެ. މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއި އަދި އެ ބަދަލުތަކާއެކުވެސް އަދިވެސް ރަނގަޅުކުރަންހުރި ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަންކަމުގެ ބައެއް ތަފްޞީލުތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކައުންސިލުތަކަށް އިތުރު އާމްދަނީ ހޯދޭނެ ކަންކަން ފަހިކޮށްދެއްވާފައި ވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ބްލޮކް ގްރާންޑް ދޭ ފޯމިއުލަރއާ ގުޅޭގޮތުންނާއި ކައުންސިލްތަކުގައި އިޙްތިޞާސްގެ ތެރޭގައި ހުންނަ ތަންތަނުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ކުރިމަތިވާ ދަތިތައްފަދަ ކަންކަން އަދިވެސް ކުރިމަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާއި އަދި އިތުރަށް ފާހަގަކުރެވޭ ކަންކަމާ މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިން ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކޮންފަރެންސް ފުރަތަމަ ސެޝަންގައި މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނަކާއި އައިލްސް އާއި ގުޅޭ ޕްރެޒެންޓޭޝަނެއްގެ އިތުރުން އިޖްތިމާޢީ ބަދަހި މަދަދުވެރިން،"އިބަމަ" ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށހެޅިގެން ދިޔައެވެ.

މި ޕްރެޒެންޓޭޝަންތަކުގެ ތެރޭން މަސްތުވާތަކެއްޗާ ގޭންގް ކުށްތަކާ ގުޅޭ ޕްރެޒެންޓޭޝަންގައި މި ކުށްތަކުގެ ޙާލަތާއި ކުށްތައް ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ކުރެވުމުންދާ މަސައްކަތްތައް ފުލުހުންގެ ފަރާތުން ކޮންފަރެންސްގެ ބައިވެރިންނާ ޙިއްޞާ ކުރެއްވިއެވެ. މަސްތުވާތަކެއްޗާ ގޭންގް ކުށްތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ޚާއްޞަ ޓާސްކް ފޯސްއެއް އެކުލަވާލައްވާފައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވަނީ މަސްތުވާތަކެއްޗާ ގޭންގް ކުށްތައް އެއީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އިޖްތިމާޢި އެއް މައްސަލައިގެ ދެ ގޮފީގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ސެޝަންގައި ކައުންސިލަރުން "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުޞަތު ދެއްވިއެވެ.

މި ފުރުޞަތުގައި ކައުންސިލަރުން ހުށަހެޅުއްވި ބައެއް ކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުންގެ ފަރާތުން ހުށަހެޅުއްވި ގޮތަށް، މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ކުލި އެކުގައި އަތޮޅުކައުންސިލުތަކަށް ލިބޭގޮތަށް ހަމަޖައްސަވާނެކަމުގައި ވިދާޅުވެފައެވެ. 2014 ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ކުލި ކައުންސިލުތަކަށް ލިބެމުން ނުދެއެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ކުރީގައި އޮންނަ އުސޫލުގެ ދަށުން އަތޮޅު ފިހާރަތަކުގެ ކުލި އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރެއްވި މި ސެޝަންގައި ޕްނަލިސްޓުންގެ ގޮތުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑީވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޛް އިސްމާޢީލާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުޞައިން ރަޝީދު ޙަސަނާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ހިމެނިވަޑައިގަންނަވައެވެ.

މިއަދު ކުރިޔަށް ދެން އޮންނާނީ މި ކޮންފަރެންސްގެ ދެވަނަ ސެޝަނެވެ. އެ ސެޝަން އަމާޒުކޮށްފައި ވަނީ "ބިނާވެށި ޕްލޭން" އެކުލަވާލުމާ ގުޅޭގޮތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.