ބްލޫ ރިބަން: ފިކުރެއްގެ ދިރުމާއި ފިކުރު ބަދަލުކުރުން

ފަތިސްނަމާދުކޮށްލައިގެން ، ކިޔަވައިލުމަށްފަހު ރާއަރާ ދެރުކަކަށް އެރުމަށްފަހު ، ދޮންބެއްޔާ އައިސް ގޮނޑުދޮށުގައިހުންނަ އޭނާގެ ރަސްމީ ޖޯލީގައި ރާތަށި ހިފައިގެން ޖައްސައިލިއެވެ. ޕާޓީއެއް އުފައްދަން ވެއްޖެއެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ. އޭނާގެކޮޅަށް މީހުންކޮޅެއް ލަންބައިލުމަށްޓަކައެވެ. މިހާރު އޮންނަ ބާރުތައް މާމަދީއެވެ. އެންމެންގެ މައްޗަށް ބަސްވެސް ނުވިކެނީއެވެ. ބުނިހާގޮތެއް ހަދައިގެން ، ފުއްގަނޑެއްހެން މޮޑެން ކުރިންތިބި މީހުންކޮޅުގެ ބާރު މިހާރު ކެނޑިއްޖެއެވެ. އަލަށް އެއައި ބައެއްގެ ބާރު ދޮންބެއްޔާއަށްވުރެ ގަދަވަނީއެވެ. ކުރިންވެސް އެކަހަލަ މުރަނަބަޔަކު ، ދޮންބެއްޔާގާތަށް އައިސް އުޅުނެވެ. އެއެންމެން ބޭރުކޮށް ، ފަހުން ގެނައި މީހުންނާއެކީ ދޮންބެއްޔާއަށް އުޅެން ފަސޭހަވިއެވެ. ތަންދޮތު ނޭނގޭތީއެއްނޫނެވެ. ދޮންބެއްޔާ ބުނިހާގޮތެއް އެމީހުން ހަދާތީއެވެ. އެމީހުންގެ ދުވަސްވެސް ހިނގައްޖެއެވެ. މިހާރު އެއައިބަޔަކު ، އޭނާއާ ދިމާއަށް ބަލައިވެސް ނުލައެވެ. ދޮންބެއްޔާއަށް އުޅެވޭގޮތަކުން ތޯއްޗެކެވެ.

މިހާހިސާބުން އިބިލީސް އައިސް ދޮންބެއްޔާގެ ސިކުނޑިއާ ކުޅެލިއެވެ. އަދި ވިސްނައިދިނެވެ. ދޮންބެއްޔާ މިހާރުހުރި ޕާޓީން ދޮންބެއްޔާއާއެކީތިބި މަދުމީހުންކޮޅަކާއެކު ގޮތްޕެއް ހަދާށެވެ. ޕާޓީއެއް ހެދުމަށްވުރެ ފަސޭހަވާނެއެވެ. ގޮފިހަދައިގެން ގޮތްޕަށް މީހުންކޮޅެއް އެއްކޮށްލީމަ ، މިހާރު އޮންނަވަރަށްވުރެ ބާރު ގަދަވެދާނެއެވެ. ދޮންބެއްޔާއަށް އެބައެއްގެ ސިކުނޑިއާ ކުޅެލެވޭކަހަލަ މީހުންކޮޅެއްވެސް ލިބިދާނެއެވެ. އިބިލީހުގެ ބަހަށްހެއްލި ، އެކުރެވެނީ ކީއްކަމެއް ދޮންބެއްޔާއަކަށް ނުވިސްނުނެވެ. އެއުފެއްދެނީ ފިތުނަ ފަސާދަކަން ދޮންބެއްޔާއަށް އެނގޭވަރަށްވުރެ ބޮޑަށް ، ދޮންބެއްޔާގެ ސިކުނޑިއާ އިބިލީސް ކުޅެލައިފިއެވެ.

ދޮންބެއްޔާ މިހާރު ނިސްބަތްވާ ޕާޓީގެ މަޤްޞަދާމެދު ކުޑަކޮށް ވިސްނައިލިއެވެ. އެޕާޓީގެ މަޤްޞަދަކީ ، ހުރިހާބާވަތެއްގެ ފިތުނަ ނައްތައިލުންކަމަށް ލިޔެފައި އޮވެއެވެ. ޕާޓީގެ މަޞްލަޙަތަށް ބުރޫނާރާނެގޮތަށް ، ތިމާގެ އުޅުން ބެހެއްޓުމަށް އަދި ޚާއްޞަކޮށް ޕާޓީގެ އަޚުލާޤީ މިންގަނޑަށް ޙުރުމަތްތެރިކޮށް ހިތުމަކީ މެންބަރުންގެ މަސްއޫލިއްޔަތެއްކަމަށްވެސް އޮވެއެވެ. ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރުމަށްވެސް އޮވެއެވެ. އަނެއްކޮޅުން ، ގޮފިތަކަކީ ، ސިޔާސީގޮތުން އެއްފިކުރެއްގައި މަސައްކަތް ކުރުމުގެ ބޭނުމުގައި އުފައްދާ ގުނަވަނަކަށްވާން ޖެހެއެވެ. ޕާޓީގެ ކޮންގްރެސް އާއި ޤައުމީ މަޖިލީހުން ކަނޑައަޅާ ، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމަކީ ޕާޓީގެ އިސްފަރާތްތަކުން ކުރަންޖެހޭ ކަމެކެވެ. އަދި މީހުންގެ މެދުގައި ޕާޓީގެ މައްޗަށް ފިތުނަ އުފައްދައިގެންވެސް ނުވާނެއެވެ.

ދޮންބެއްޔާ ގޮތްހުސްވިއެވެ. ދޮންބެއްޔާ ދިރުވަން އެއުޅޭ ފިކުރު ދިރުވޭނެ ގޮތެއް ނެތެވެ. އަމިއްލަ އެދުންތައް އެއްފަރާތްކޮށްފަ ، ޕާޓީގެ މަޤްޞަދާއި އަސާސީ ޤަވާޢިދަށް ދޮންބެއްޔާ ފެތެންވީއެވެ. ފިކުރެއް ދިރުވަން އުޅެން ހަދައިގެން ، ދޮންބެއްޔާގެ ޕާޓީގެ މަތިވެރި ފިކުރު ބަދަލުވެގެން ނުވާނެއެވެ. ދޮންބެއްޔާއަށް ހެދެން އެއުޅެނީ ވަރަށްބޮޑު ގޯހެކެވެ. ވެރިކަމާއި ބާރު ބޭނުންވިޔަސް ، އިންސާނާ އިންސާނުންގެ ދަރަޖައިން ނެއްޓިގެން ނުވާނެއެވެ. ދޮންބެއްޔާއާއެކީ މަދުބަޔަކު ތިބިނަމަވެސް ، މެޖޯރިޓީއަށް ތަބާވާން މަޖުބޫރުވާނެއެވެ. އެހެންނޫނަސް އެއީ އެތައްހާސް މެންބަރުންނެއްގެ ޙައްޤެކެވެ. އެފަދަ ޙައްޤަކަށް އަރައިނުގަތުމަށް ދޮންބެއްޔާ ނިންމިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.