ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް 21 ފެބްރުއަރީ: ޔުނެސްކޯ ޑިރެކްޓަރ ޖެނެރަލް އައުދްރޭ އަޒޫލޭގެ މެސެޖު

މިއީ ބައިނަލްއަގުވާމީ މާސަރީ ބަހުގެ ދުވަސް (21 ފެބްރުއަރީ) އާ ގުޅިގެން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް ނެރުއްވި މެސެޖުގެ އަވަސް ތަރުޖަމާއެކެވެ.


މާދަރީ ބަހުން ފޯޜުކޮށްދޭ ތައުލީމަކީ މީހެއްގެ ފުރިހަމަ ތަރައްގީއަށް އަދި ބަހަވީ ތަރިކަ ފޯރުކޮށްދިނުމަށް މުހިއްމު ކަމެކެވެ. ދުނިޔޭގައި މިހާރު ތިބި ކިޔަވާ ކުދީންގެ ސާޅީސް އިންސައްތަ ކުދީންނަކީ އެކުދީން ވާހަކަ ދައްކާ ބަހުން ނުވަތަ ފަހުމުވާ ބަހުން ދެވޭ ތައުލީމުން މަހުރޫމުވެފައި ތިބި ކުދީންނެވެ. މިފަދަ ހާލަތަކީ އުނގެނުމަށާއި އަމިއްލަ ވެށްޓާއި ސަގާފީ ވެށި ސިފަކުރުމަށާއި އިޖްތިމާއީ ގުޅުން ބަދަހިކުރުމަށް ދަތިތަކެއް ކުރިމަތިކޮށް އިންސާނީ ބަހަވީ ތަރިކަ ނިކަމެތި ކޮށްލާ ހާލަތެކެވެ.

އެހެންކަމުން ބަހުގެ މި ހައްސާސް މައްސަލައާ މެދު ވިސްނައި ފިކުރުކޮށް އެކަށޭނެ ގޮތަކަށް ތައުލީމީ ނިޒާމު ބަދަލުކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ. ޔުނެސްކޯއިން 2022 ވަނަ އަހަރު ހޭދަކުރީ މިކަމަށް ބާރު އެޅުމުގައެވެ. މިދިޔަ ސެޕްޓެންބަރު މަހު ބޭއްވުނު 'ޓްރާންސްފޯމިން އެޑިއުކޭޝަން ސަމިޓް' ގައި ޔުނސެކޯގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތުރަސް ވަނީ މިކަމަށް ބާރު އަޅުއްވައިފައެވެ.

މި ކަމަށް ބޭނުންވާ ޚާއްސަ ހަރަކާތްތައް ހިންގުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު މައުލޫމާތު އެއްކުރުމެވެ. ދުނިޔޭގެ ބަހަވީ އަދި ސަގާފީ ނާޒުކު ސިންދަފާތާ މެދު މީހުން ހޭލުންތެރި ކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

އިންސާނުން ވާހަކަ ދައްކައި އުޅޭ 7000 ބަހުގެ ތެރެއިން ކޮންމެ ބަހެއްގެ އަހުވެރިންވެސް ދުނިޔެ ދެކޭ ގޮތް ތަފާތެވެ. ވަށައިގެން ހުންނަ ދިރޭ ތަކެއްޗާ މެދު ދެކޭ ގޮތާއި ފިކުރުކުރުމާއި، އިހުސާސު ކުރުންވެސް ތަފާތެވެ. ވުމާއެކު އުވި ނެތިގެންދާ ކޮންމެ ބަހަކާއެކު ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބެއެވެ. މި ސިޔާގަށް ރިއާޔަތްކޮށް ޔުނެސްކޯއިން އިސްނަގައިގެން ބައިނަލްއަގުވާމީ ވެހިބަހުގެ ދަހަރު (2022-2032) އަކީ ދުނިޔޭގެ ސަގާފީ މައި ތަރިކަ ރައްކައުތެރިކުރުމުގެ މަސައްކަތް ފެށުމަށް ބައިނަލްއަގުވާމީ ވިލިވިއްޔަށް ލިބޭ މުހިއްމު ފުރުސަތެކެވެ.

މި ބައިނަލްގުވާމީ މާދަރީ ބަހުގެ ދުވަހުގެ މައިގަނޑު ބޭނުމަކީ އެކި ދުނިޔެ ބެހިފައިވާ އެކި ވެށީގެ ތެރެއިން ދުނިޔޭގެ ކަންކަން ހާމަކުރަމުން ގެންދިއުމާއި، ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަށް އަޒުމުކަނޑައެޅުމާއި ހުރިހައި އެންމެންނަށް މާދަރީ ބަހުން ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.