މިއަދަކީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަސް

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން މިއަދު މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަމުން އެބަދެއެވެ.

ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް، މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ބަހުގެ މުހިއްމުކަމާއި ބޭނުންތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުމަށެވެ. ބަސް ހިމާޔަތްތެރިކޮށް ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.  

ނޮވެމްބަރ 1999 ގައި ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްގައި ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ފާސްކޮށްފައެވެ. އެކަމާގުޅިގެން 2000 ވަނަ އަހަރުން ފެށިގެން  މާދަރީ ބަހުގެ ދުވަސް މުޅިދުނިޔޭގައި ދަނީ ފާހަގަކުރެވެމުންނެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 7000 ބަހުން ވާހަކަދައްކަމުން އެބަގެންދެއެވެ.

ޔުނެސްކޯއިން ބުނާގޮތުގައި 1950 ވަނަ އަހަރުން ފެށިގެން މިހާތަނަށް 230 މާދަރީ ބަސް ވަނީ ނެތިގެން ގޮސްފައެވެ.

ބްރިޓިޝް ކައުންސިލުން ނެރެފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި 350 މިލިއަން މީހުން މާދަރީ ބަހެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ އިނގިރޭސިބަހެވެ. އަދި ވަރަށް ގިނަ ބަޔަކު ދެވަނަ ބަހެއްގެ ގޮތުގައި ވެސް އިނގިރޭސިބަސް ބޭނުންކުރަމުން ގެންދެއެވެ.

ބަސް ދިރާސާކުރާ އެމެރިކާގެ އިދާރާއެއްކަމުގައިވާ އެންތޯލޮގްއިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ގިނަ ގައުމުތަކުގައި، 112 ގައުމުގައި ވާހަކަދައްކަނީ އިނގިރޭސިބަހުންނެވެ. ފަރަންސޭސި ބަހުން 60 ގައުމުގައި ވާހަކަދައްކަމުންދާއިރު ޢަރަބިބަހުން 44 ގައުމެއްގައި ވާހަކަދައްކަމުންދެއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރަން ދިވެހިރާއްޖޭގައި ވެސް މިރޭ ދަރުބާރުގޭގައި ގައުމީ ފެންވަރުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.