ދިވެހި ބަހަށް އިސްކަން ދިނުމަށްޓަކައި ބޭނުންވަނީ ގާނޫނެއް ނޫން

"ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫން" ތަންފީޒުކުރަން ފަށާފައިވަނީ 2011ވަނަ އަހަރުގެ މޭ މަހުގެ 21ވަނަ ދުވަހުއެވެ. ގާނޫނު (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނު) ގެ މައިގަނޑު މަގްސަދެއް ކަމުގައި ބަޔާންކޮށްފައިވަނީ، "ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައިވާ، އަދި އެންމެ ބޮޑު ތަރިކަ ކަމުގައިވާ ދިވެހި ބަސް ހީނަރުވިޔަނުދީ ހިމާޔަތް ކުރުމާއެކު، ބަސް ތަރައްޤީ ކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމެވެ."

އެހެންކަމުން ދިވެހި ބަސް އިސްކުރުމާއި، އާއްމު މުއާމަލާތްތަކުގައި ދިވެހި ބަސް ބޭނުންކުރުމާއި، ބަސް ތަރައްޤީކޮށް ކުރިއެރުވުމާއި، ބަސް ޙިމާޔަތްކުރުމަށް ގާނޫނުން ލާޒިމުކުރެއެވެ.

ދިވެހި ބަސް 'ހީނަރުވަމުން' ދާ ކަމީ ދިވެހި ބަހަށް ލޯބިކުރާ މީހުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ދިވެހި ބަހަށް ލިބޭ ކޮންމެ ނިކަމެތިކަމެއްގެ ޒިއްމާ އެޅެނީ ޒުވާނުންނާއި، ދިވެހި ބަސް އުނގަންނައިދޭ މުދައްރިސުންނާއި، ދަރިވަރުން އަދި ނޫސްވެރީންގެ ބޮލުގައެވެ. ބަހަށް ލިބޭ ގެއްލުމުގެ ޒިއްމާ މި ފަރާތްތަކުން އެކަނި އުފުލާން ޖެހުމަކީ އަޅުގަނޑުގެ ބުއްދި އަށް ގަބޫލުކުރަން ދަތި ކަމެކެވެ. މި ފަރާތްތަކުގެ ވެސް ކޮންމެވެސް ހިއްސާއެއް އޮންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ބަހެއް ތަރައްގީވެ ކުރިއަރައި ދިއުން ބިނާވެފައި އޮންނަނީ އެގައުމެއްގެ ސަރުކާރާއި ސިޔާސީ ފަރާތްތަކުން ބަހަށް ދޭ އަހައްމިއްޔަތުގެ މައްޗަށެވެ. މީހުންގެ މައްޗަށް ބަހެއް ލާޒިމުކުރުވަނީ އެކުލަވައިލެވޭ ބަހުގެ ސިޔާސަތުތަކުގެ ތެރެއިންނެވެ. ސިޔާސަތުތައް  ތަންފީޒުކުރަނީ ދުރާލާ ރޭވިގެން، އެކަމަށް ހޭދަވާނޭ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެންނެވެ. ނުވަތަ އެކަމަށް ބޭނުންވާނޭ މާލީ އެހީ ހޯދައިގެންނެވެ. ކުޑަ ކުދީންނާއި، ޒުވާނުން އަދި ރައްޔިތުންގެ ހިތްތަކުގައި ބަހަށް ލޯބި ޖައްސަނީ މިދެންނެވި ފަދަ ސިޔާސަތުގެ ތެރެއިންނެވެ. ދައުލަތުގެ ޒިއްމާ އަކީ ބަހަށް ލޯބި ޖެއްސުމަށް ތަފާތު ސިޔާސަތުތައް އެކުލަވައި އެކަމަށް މަގު ފަހިކޮށްދިނުމެވެ.

ދިވެހި ބަހަކީ ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު ތަރިކަ ކަމުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިރު މިހައިތަނަށް ސަރުކާރުން ބަހަށް އެ ވިދާޅުވާ އަހައްމިއްޔަތުކަން ދެއްވާތަނެއް ނުފެނެއެވެ. "ޖަޒީރާ" ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ވެސް ބަހަށް ސަމާލުކަން ދެވިފައިވާ ތަނެއް ފެންނާކަށް އަދި ނެތެވެ. އަޅުގަނޑު މިދަންނަވަނީ މާދަރީ ބަހުގެ ދުވަހާއި ދިވެހި ބަހުގެ ދުވަހު ދިވެހި ބަހުގެ މޮޅު ވާހަކަ ދެއްކުމާއި، ބުނަން ބޭނުން ހުރިހާ ވާހަކަ އެއް ދިވެހި ބަހުން ނުބުނެވޭ ވާހަކައެއް ނޫނެވެ. ދިވެހި ރުކުގެ ހުރިހާ ބައިތަކަށް ކިޔާނެ ދިވެހި ނަންނަން ނެތް ވާހަކައެއް ވެސް ނޫނެވެ. ހަވާއިއަން ބަހުގައި ވާރޭ (rain) އަށް 200 އަށްވުރެ ގިނަ ނަން ކިޔައެވެ. އަދި ކަނޑުގައި އުފެދޭ ރާޅުތަކަށް ވެސް ކިޔާނެ ތަފާތު ގިނަ ނަންނަން ހުރެއެވެ.

ދިވެހިރާއްޖެ އާއި އެހެން ގައުމުތަކާ އަޅާބަލާއިރު، ގިނަ ގައުމުތަކަކީ އެއްބަހަށް ވުރެ ގިނަ ބަސްބަހުން ވާހަކަ ދައްކާ ވިލިވިއްޔާއި އިޖްތިމާއީ، ދީނީ، އަދި ނަސްލީ ގްރޫޕްތައް ހިމެނޭ ގައުމުތަކެވެ. މިއިން ކޮންމެ ގްރޫޕަކީ ވެސް އެބައެއްގެ އަމިއްލަ އާދަކާދަ އާއި ސަގާފަތާއި ބަހެއް އޮންނަ ބައެކެވެ. ނަމަވެސް ބަސްބަހުގެ ތެރެއިން ހައިސިއްޔަތު ލިބެނީ ނުފޫޒުގަދަ، ސިޔާސީ ފަރާތްތަކުން އިސްކަންދޭން ބޭނުންވާ ބަހަކަށް ނުވަތަ ބަސްބަހަށެވެ. އާއްމުގޮތެއްގައި މިއީ އަޣުލަބިއްޔަތު ބަސް (މެޖޯރިޓީ ލެންގުއޭޖް)، ނުވަތަ ނަގައިކިޔާ ބަސް (ޑޮމިނަންޓް ލެންގުއޭޖް)، ނުވަތަ އިސްތިއުމާރީ ބަސް (ކޮލޯނިއަލް ލެންގުއޭޖް) އަށް ވެސް ވެދެއެވެ. އަގުލިއްޔަތު ބަހަށް (މައިނޯރިޓީ ލެންގުއޭޖް އަށް) ވެސް ބައެއް ހާލަތްތަކުގައި އެ ހައިސިއްޔަތު ލިބެއެވެ. އަގުލިއްޔަތު ބަހަށް ހައިސިއްޔަތު ލިބެނީ މާލީ ތަނަވަސްކަން ލިބިފައިވާ، ނުފޫޒު ގަދަ މައިނޯރިޓީ (އަގުލިއްޔަތު) މީހުންގެ ބަސްބަހަށެވެ. ދިވެހިރާއްޖޭގައި އޮތީ އެންމެ ބަހެކެވެ. ދިވެހިން ވާހަކަ ދައްކަނީ އެއްބަހަކުންނެވެ.

އިސްވެ ދެންނެވި ފަދަ ގައުމުތަކުގެ ސަރުކާރުން ނުވަތަ ސިޔާސީ ފަރާތްތަކުން އެބަޔަކު އިސްކަންދޭ ބަހެއް ނުވަތަ ބަސްބަސް ހީނަރުވިޔަނުދީ ދެމެހެއްޓެމަށް ސިޔާސަތަކެއް އެކުލަވައެވެ. ގާނޫނުގައި ބަޔާންކުރަނީ ގައުމީ ބަހާއި ރަސްމީ ބަހަކީ ކޮބައިކަމެވެ. ބައެއް ހާލަތްތަކުގައި ރަސްމީ ބަހުގެ ގޮތުގައި ދެތިން ބަހެއް ވެސް ކަނޑައަޅައި ބަޔާން ކުރެއެވެ. އަނެއްބައި ހާލަތްތަކުގައި ގައުމީ ބަހާއި ރަސްމީ ބަހަކީ އެއްބަހަކަށް ވެސް ވެދެއެވެ. އަގުލިއްޔަތު ބަހުގެ މީހުންގެ މައްޗަށް ރަސްމީ ބަސް ނުވަތަ ގައުމީ ބަސް ލާޒިމުކުރަނީ އެކުލަވައިލެވޭ ބަހުގެ ސިޔާސަތުތަކުގެ ތެރެއިންނެވެ. މިސާލަކަށް އިބްތިދާއީ މަރުހަލާގައި އިރުޝާދީ ބަހުގެ (މީޑިއަމް އޮފް އިންސްޓްރަކްޝަން ގެ) ގޮތުގައި ރަސްމީ ބަސް ބޭނުން ކުރުން ނުވަތަ އިދާރީ ހިންގުމުގައި ހުރިހާ މުއާމަލާތެއް ރަސްމީ ބަހުން ކުރުން ފަދަ ކަންކަމެވެ.

ދިވެހި ބަހަކީ ދިވެހި ގައުމިއްޔަތުގެ ތަރިކައަށް ވީ ހިނދު، އަދި މިހާރު ފަންނާއި، ސަގާފަތާއި ތަރިކައިގެ ވުޒާރާއެއް އޮތުމަކީ ދިވެހި ބަހަށް ލިބެންވާ ހައްގު ދަރަޖަ ލިބިގެންދާނެ ކަމުގެ ހެޔޮ ފާލެކެވެ. "ޖަޒީރާ" ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ޕްލޭނުގައި ދިވެހި ބަހުގެ ވާހަކަ ވަކީން ބަޔާންކޮށްފައި ނެތް ނަމަވެސް 'ކަޅު ވަކަރު މިސްކިތަށް' ދޭ ސަމާލުކަމާއި އެއްވަރަށް ދިވެހި ބަހަށް ސަރުކާރުން ސަމަލުކަން ދޭނެ ކަމުގައި އުއްމީދު ކުރެވެއެވެ.

ކަޅު ވަކަރު މިސްކިތަކީ ޝައްކެއް ނެތް ގޮތުގައި ދިވެހީން އަގު ބޮޑު ތަރިކައެކެވެ. ޚާއްޞަކޮށް މާލެ އަށް ނިސްބަތްވާ މީހުންގެ ތަރިކައެކެވެ. އެހެން ނަމަވެސް ކަޅު ވަކަރު މިސްކިތް މި ޖީލާ ހަމައަށް ގެނެސްދިން މައި ވަސީލަތާ މެދު ވިސްނައިލަމާ ހިނގާށެވެ. ވިއްޔެއްގައި ހުންނަ ތަކެއްޗާއި، ތަންތަނާއި، ހިނގާ ހަރަކާތްތައް އަހަރުމެންނަށް އެނގެނީ ބަހުގެ ޒަރީއާ އިންނެވެ. އެއީ އެތަކެތި ރަމްޒުކުރަނީ ބަހުގެ ޒަރީއާއިން ކަމުގައި ވާތީ އެވެ. ބަހަށްވުރެ ކުރީން އުފެދެނީ ސަގާފަތެވެ. ބަހަކީ އެ ސަގާފަތް ރިވެރި (ރިފްލެކްޓް) ކުރާ ލޯގަނޑެވެ. އިޖްތިމާއީ-ބަހަވިއްޔާތުގެ ނަޒަރިއްޔާ އިން ބަލާއިރު ތަންތަނާއި ތަކެއްޗާއި، މީހުންނާއި، ހަރަކާތްތަކަށް މާނަ ދީ، އެތަކެތި ރަމްޒު ކުރާން ބޭނުން ކުރަނީ ބަހެވެ. މިދެންނެވުނު ތަކެއްޗަށް އެ ވެށްޓެއްގައި ދިރިއުޅޭ މީހުން މާނައެއް ދީ، ނަމެއް ދިނުމުން އެ ތަކެތީގެ މާނަ އާއެކު ސިކުނޑިއަށް އެ މަފްހޫމް (ކޮންސެޕްޓް) ތަކުގެ ތަސްވީރު ނަގައެވެ. އެ ތަކެތީގެ މާނަ ރަމްޒުކުރުމަށް ބޭނުން ކުރަނީ ނިޝާނެވެ. ނުވަތަ އަކުރެވެ.

ކަޅު ވަކަރު މިސްކިތަށް މާނަ ދެވި، އެ މިސްކިތް ރަމްޒުކުރުމަށް ބޭނުންކުރާ ނިޝާނަކީ "ކަޅު ވަކަރު މިސްކިތް" މިއެވެ. އެތަނުގެ ނަން ބަދަލުކޮށް "ތްކިސްމި ރުކަވަ ޅުކަ" ކިޔައިފިނަމަ މާނައެއް ދޭހަ ކުރަން އުނދަގޫ ވާނެއެވެ. ސަންތި މަރިޔަނބަކީ ލޮލަށް ނުފެންނަ އެހެނަސް ހުރިހައި ދިވެހީންނަށް އެނގޭ މަފްހޫކެވެ. ހަމައެގޮތަށް ނުމާއްދީ ތަކެތީގެ މަފްހޫމްތައް ވެސް ސިކުނޑިއަށް ނަގަނީ އެއްގޮތަކަށެވެ. އެއް ވިއްޔެއްގައި ހުންނަ މަފްހޫމުތަކަށް ދެވޭ ނަންނަމާއި މާނަ އެ ވިލިވިއްޔާއި، ޖަމާއަތްތަކާއި، ގައުމުތަކުގެ މީހުން މާނަކުރަނީ ދާދި އެއްގޮތަކަށެވެ. އެ ވިއްޔަކަށް ނިސްބަތްވާ މީހުންގެ ސިކުނޑީގައި ހުންނަ ޗާޓުތައް ނުވަތަ ކުރެހުންތައް ވިއުގަ (ޏެޓްވަރކް) އަކުން ގުޅުވާލައެވެ. އެ މީހުންނަކީ އެއް މަވަންތަކަމެއް (އައިޑެންޓިޓީ އެއް) އޮންނަ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް އޮންނަ، އެއް ބައެއްކަމުގައި ބުނެވެނީ މިދެންނެވުނު ވިއުގައިގެ ސަބަބުންނެވެ. ތަންތަނާއި، ތަކެއްޗާއި، މީހުންނަށް ފެށުނީއްސުރެ ކިޔަމުން އަންނަ ނަންނަން ބަދަލު ކުރުމުން މަފްހޫމީ ޗާޓުތައް ގުޅުވައިދޭ ވިއުގަ އަށް މަޅި އަރައި، ރޫޅި، ގުޅުންތައް ބުރިވެ މުޅީން އާ ޗާޓެއް ސިކުނޑިއަށް ލާންޖެހެއެވެ.

މި ދެންނެވުނީ ބަސް ހިމާޔަތްކޮށް ދަމަހައްޓާން މަސައްކަތް ކުރަންވީ އެއް ސަބަބެވެ. ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނެއް އެކުލަވައިލެވި ތަންފީޒުކުރަން ފެށުނީ ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމުގެ އިތުރުން، އަންނާން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ބަސް ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ. ނަމަވެސް މި ގާނޫނު އެންމެ ރަނގަޅަކަށް ތަންފީޒެއް ނުކުރެވެއެވެ. ގާނޫނުގެ ފަސްވަނަ މާއްދާ ބުނާގޮތުން "ދައުލަތުގެ އެންމެހައި މުއައްސަސާތަކައި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަން ކިޔުމުގައްޔާއި ނަންބޯޑު ތައްޔާރު ކުރުމުގައި ދިވެހި ބަހަށް އިސްކަން ދޭންވާނެ" އެވެ. ނަމަވެސް ގާނޫނު ވުޖޫދުވެ ތަންފީޒުކުރަން ފެށި ފަހުން އަލަށް އުފެދުނު ހުރިހައި މުއައްސަސާ އަކަށް ހެން ނަން ކިޔާފައިވަނީ ވެސް އިނގިރޭސި ބަހުންނެވެ. ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައި އޮންނަ ކަމެއް ދައުލަތަށް ވެސް ނުކުރެވޭ އިރު މި މާއްދާ ގާނޫނުގައި އޮތުމުގެ ބޭނުމެއް ނުވިސްނެއެވެ.

ގާނޫނުން ދިވެހި ބަހުގެ އެކެޑަމީ އާއި ޒިއްމާތަކެއް މަތިކޮށްފައިވީ ނަމަވެސް ފިޔަކޮށާއިފައި އިން ދޫންޏަކާ އެތަނަކާ މާބޮޑު ތަފާތެއް ނެތެވެ. ޒަމާނީ ބަދަލުތަކާއެކު ބަސް ތަރައްގީ ކުރުމަށް ބޮޑެތި ހުރަސްތައް އެބަހުއްޓެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވީ ނަމަވެސް، މި ޒަމާނުގައި ވެސް ބަސް ތަރައްގީ ކުރުމަށް މަސައްކަތް ކުރަނީ ރައީސް މުޙައްމަދު އަމީންގެ ދައުރުގައި، ނުވަތަ ރައީސް އަލްއުސްތާޒު މައުމޫނުގެ ދައުރުގައި މަސައްކަތް ކުރި ހަމައިން ކަމަށްވާނަމަ ޒަމާނީ ކުރިއެރުން ބަހަކަށް ނުގެނެވޭއެވެ. ދިވެހި ބަހުގެ ހަމަ އެކުލަވައިލުމަށާއި ދިވެހި ބަހުގެ ލަފުޒު އުފެދިފައި ހުރި ބައްޓަން ތައް ޒަމާނީ ފަންނިއްޔާތުގެ (ޓެކްނޮލޮޖީގެ) އެހީގައި ހޯދައި ދިވެހި ބަހުން ލިޔެވިފައި ހުރި ފޮތްފޮތް ސުމޭކު ކުރެވި (ޑިޖިޓަލައިޒް) ފަހަށް ރައްކާކުރެވޭނޭ ނިޒާމެއް ގާއިމުކުރާން ޖެހެއެވެ. މިދަންނަވާ ފަދަ ނިޒާމަކީ ދިވެހި ބަހުގެ ތަފާތު ދިރާސާތަކަށް ބޭނުން ހިފޭނޭހެން، ފަހި ގޮތަކަށް ފަރުމާ ކުރެވޭ ނިޒާމަކަށް ވެސް ވާންޖެހެއެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި އެއް ހަމައެއްގައި ދިވެހި ބަސް ބޭއްވުމަށް އެ ނިޒާމުގެ ތެރެއިން ކޮންޕިއުޓަރަށް ދިވެހި ބަސް ދަސްކޮށްދީ (މެޝިން ލާރނިންގ)، ދިރާސާތަކާއި ހޯދުން ތަކަށް ބޭނުންވާނޭ އިރުޝާދު ދީގެން، ދަރިވަރުންނާއި ދިރާސާވެރީންނަށް މަސައްކަތް ކުރެވޭނޭ ގޮތެއް ރާވަން ޖެހެއެވެ. މި ދަންނަވާ ފަދަ ނިޒާމެއް ގާއުމުކުރުމަށް ކޮންޕިއުޓަރަށް ބަސް އުނގަންނައިދިނުމަށްޓަކައި ފަންނީ ގިނަ ނިންމުންތަކެއް ނިންމާން ޖެހެއެވެ. މިދަންނަވާ ފަދަ ނިޒާމަކީ ފޮރެންސިކް ތަހުލީލަށާއި، ޝަރުއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި، ސިއްހީ ދާއިރާ އާއި، ވިޔަފާރި އާއި، އިޖްތިމާއީ ދާއިރާ އަދި ޖުމްލަކޮށް ހުރިހައި ދާއިރާއަކަށް އޭގެ ފައިދާ ކުރާނޭ ނިޒާމެކެވެ.

ޓެކްނޮލޮޖީ އާއި ދިވެހި ބަސް ދޯޅުކުރުވުމަށް މިހައިތަނަށް ކުރެވިފައި ހުރި ބޮޑެތި މަސައްކަތްތަކަކީ އަމިއްލަ ފަރުދުން އެ މީހުންގެ އަމިއްލަ ޝައުގަށް ކޮށްފައި ހުރި މަސައްކަތެވެ. ނުވަތަ  ކުރަމުންދާ މަސައްކަތްތަކެވެ. ދައުލަތުގެ އިސްނެންގުވުމަކަށް އެފަދަ މަސައްކަތެއް އަދި ކުރެވިފައެއް ނެތެވެ. ދިވެހި ސަގާފަތް ކުރިއެރުވުމަށް ގައުމުތަކާއެކު މަޝްވަރާ ކުރެވުނު ނަމަވެސް ދިވެހި ބަހަށް ޚާއްޞަކޮށްގެން ހިންގި، ނުވަތަ ހިންގާނޭ ބޮޑު މަޝްރޫއެއްގެ ވާހަކައެއް އަދި އަޑެއް ނީވެއެވެ. އެ ފަދަ މަޝްރޫއަކަށް ފައިސާގެ އެހީ ލިބުނު ވާހަކައެއް ވެސް އަޑެއް ނީވެއެވެ. ތަރައްގީ އަކީ ހަމައެކަނި ލޮލަށް ފެންނާން ހުންނަ ބިނާތަކެއް ނޫނެވެ. ބަސް ތަރައްގީ ކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަކީ ދިވެހި ގައުމިއްޔަތުގެ ތަރިކަ ރައްކާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެއެވެ.

ދިވެހި ބަހަށް އެންމެ ބޮޑު އިހުމާލެއް ވެފައިވަނީ ސަރުކާރުންނޭ ބުނެވޭނޭ ޖާގަ އެބައޮތެވެ. ދިވެހި ބަހަށް އޮތް، ބޭރުގެ ނުފޫޒު ކުޑަކުރެވޭނީ ގައުމީ ފެންވަރުގައި މަސައްކަތް ކޮށް ގޭބިސީ ތަކާ ހަމައަށް މާދަރީ ބަހުގެ މުހިއްމު ކަމާއި، އެ ބަސް މުހިއްމު ވާ ސަބަބު އޮޅުންފިލުވައިދީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގައިގެންނެވެ. ދިވެހި ބަހަށް ބޭރުގެ ނުފޫޒު ވަދެ ބަހަށް ހީނަރުކަން އައިސްފައިވަނީ ވަކިވަކި ފަރުދުންނަށް އެ ބައްޔަށް ފަރުވާ ކުރެވޭ ވަރަށްވުރެ މާ ސީރއަސް ހާލަތެއްގައެވެ. ބަހާއި މެދު މީހުން ގެ ރަވައްޔާ (އެޓިޓިއުޑް) ބަދަލު ކުރެވޭނީ ގައުމީ ފެންވަރުގައި އެކަމަށް މަސައްކަތް ކުރެވިގެންނެވެ. އެއާކު ގާނޫނު މުރާޖައާ ކުރެވި، ގާނޫނުން ބަސް ބަނދެވިފައި އޮތް އޮތުމުން ދިވެހި ބަސް މިނިވަން ކޮށްގެންނެވެ.

މިއަދު ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރާ އިރު 'ޖަޒީރާ' ސަރުކާރުން އެހެން ސަރުކާރުތަކަށް ވުރެ އިސްކަމެއް ދިވެހި ބަހަށް ދެއްވައި ސަރުކާރުގެ ދުއިސައްތަ ދުވަހުގެ ޕްލޭނުގައި ހިމަނައިގެން ވިޔަސް ދިވެހި ބަހަށް އެ ބަހުގެ ހައްގު ދަރަޖަ ލިބޭނޭ އިންތިޒާމު ހަމަހައްސަވައި ދެއްވާނޭ ކަމަށް އުއްމީދު ކުރަމެވެ. ގާނޫނަކަށް ވުރެ ބޮޑަށް ދިވެހި ބަހަށް ބޭނުންވަނީ ޓެކްނޮލޮޖީގެ އެހީގައި ބަސް ކުރިއެރުވޭނެ ނިޒާމެކެވެ.

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. އާމިނަތު ސަޢީދުގެ މި ފުރިހަމަ ލިޔުމަށްޓަކައި ލިޔުންތެރިޔާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. ވަރަށް ފުރިހަމަ ލިޔުމެއް. ހަގީގަތުގައި އަޅުގަނޑުމެން އާންމުންނަށް މިހާރު ކުރެވެން އޮތް ކަމަކީ އަޅުގަނޑުމެންގެ ދަރީން، ކުއްބަހެއް ބޭނުން ކުރާނަމަ، އެކަމެއް އެހިނދުން އެހިނދަށް އިސްލާހު ކުރުން. އިސްލާހުގެ ބޮޑުބައި އޮތީ ސަރުކާރުގެ ސިޔާސަތާއި ގުޅިފައި. ނުފޫޒުގަދަ ކުންފުނިތަކުންވެސް ދިވެހިބަހަށް އިސްކަން ދޭން ލަސްވެއްޖެ.

  2. ދިވެހި ބަސް ހީނަރުވަމުން ދަނީ ޤާނޫނު ނެތިގެންނޫން. ޤާނޫނު ތަންފީޒު ނުކުރެވިގެން. އެކެޑެމީން ފެންނަނީ ދެއްކުންތެރިކަމާއި ސިޔާސީކުލަޖެހިފައިވާ ޙަރަކާތްތައް!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.