ބްލޫ ރިބަން: އިހުގެ ރެލީ

" އިހުގެ ރެލީ " މޮޅުވާނެއެވެ. ވަރުގަދަވާނެއެވެ. އަވަހަކަށް ދަބަރެއް ނުޖަހާނެއެވެ. ގިނަދުވަހު ގެންގުޅެވޭނެއެވެ. ދުއްވާލަން ފަސޭހަވާނެއެވެ. ބާރަށް ، ސްޕީޑުގައި ދުއްވައިލެވޭނެއެވެ. މާލޭގެ މަގުމަތިން މިފެންނަ ދަބަރުޖަހާފައި ހުންނަ ބައިސްކަލާ ތަފާތުވާނެއެވެ. ދޮންބެއްޔާ ދެވަނަފަހަރަށްވެސް ބުންޏެވެ. އާނއެކެވެ ! " އިހުގެ ރެލީ " މޮޅުވާނެއެވެ. މިއީ މިސާލު ބަހެކެވެ.

މި މިސާލުބަހަކީ އެތައްކަމަކަށް ނިސްބަތްކުރެވޭ ބާރުގަދަ ބަހެކެވެ. މިސާލަކަށް ، މިހާރު ރާއްޖެ އެތެރެކުރާ ޖީއެން ސައިކަލްތަކަކީ އަވަހަށް ދަބަރުޖަހާ ، އިންޖީނު ދެރަ ، ކުރީގެ ޖީއެން ސައިކަލްތަކަށްވުރެ އެތައް ގޮތަކުން ދެރަ އެއްޗެކެވެ. މީގެ ސާޅީހަކަށް އަހަރުކުރިން މީހަކު ގެންގުޅުނު ޖީއެން ސައިކަލެއްގެ އިންޖީނު ، މިހާރު އަލަށް އެތެރެކުރާ ޖީއެން ސައިކަލުގެ އިންޖީނަށްވުރެ ، އެތައް ގުނައެއް މިހާރުވެސް މޮޅުވާނެއެވެ. ސާޅީސް އަހަރުކުރީގެ އެ ސައިކަލުގައި އޮފް ނެތިދާނެއެވެ. އަލުން ދަވާދު ލީމަ އަޞްލުކުލަ ނެތިދާނެއެވެ. އެކަމަކުވެސް ، މިހާރު އެތެރެކުރާ އާ ސައިކަލަކަށްވުރެ މާގިނަދުވަހު ،  އަދިވެސް ގެންގުޅެވޭނެއެވެ.

މަސައްކަތުގެ މާޙައުލާއި ތަޢުލީމީ ނިޒާމަށް ބަލާއިރު . ޕީއެޗްޑީ ، މާސްޓަރސް ، ބެޗެލަރސް ޑިގްރީ އަދި ޑިޕްލޮމާއަކީ ، އިންސާނާގެ ސިކުނޑި ތަނަވަސްކޮށްދޭ ވަޞީލަތެކެވެ. ކިޔެވީމަ އިތުރަށް ސިކުނޑި ހުޅުވޭނެއެވެ. ކިޔެވި ކިޔެވިހެން ސިކުނޑި ތަނަވަސް ވާނެއެވެ.

އަލަށް ޕީއެޗްޑީ ހަދާ މީހަކާ ، ވިއްސަކަށްއަހަރު ޒިންމާދާރު ވަޒީފާއެއް އަދާކުރާމީހެއްގެ މައްޗަށް ވިސްނާއިރު ، ޕީއެޗްޑީ ހަދާމީހާއަށްވުރެ ، ވިއްސަކަށް އަހަރުގެ މަސައްކަތު ތަޖުރިބާ ހުރި ހިންގުންތެރިޔެއްގެ ސިކުނޑިއާއި ނިންމުން ހާސްބައި ރަނގަޅުވާނެއެވެ. ޕީއެޗްޑީއެއް ހެދިޔަކަސް އަދި ، މަސައްކަތުގެ ޢަމަލީ ތަޖުރިބާގައި ސިކުނޑި މަސައްކަތް ނުކޮށްފާނެއެވެ. މީހުންނާއެކީ މަސައްކަތް ކުރާނެގޮތް ނޭނގިދާނެއެވެ. މީހުންނާއެކީ އުޅެން ނޭނގިދާނެއެވެ. މީހުންގެ ވިސްނުމާއި ފިކުރު ވަކިކުރާކަށް ނޭނގޭނެއެވެ. އެހެންނަމަވެސް ، އެތައް ފިކުރެއްގެ އެތައް ވިސްނުމެއްގެ އަދި ތަފާތު ޚިޔާލުގެ މީހުންނާއެކު ، އެކި ފެންވަރުގައި ، މަސައްކަތްކޮށް ، އެތައް ދުވަހެއްގެ ތަޖުރިބާ ލިބިފައިވާ މީހަކީ ، ޕީއެޗްޑީއަކަށް ދޫކުރާނެ މީހެއްނޫނެވެ.

ޕީއެޗްޑީ އޮންނަނީ ޒުވާނެއްގެ އަތުގައިކަމަށް ވެދާނެއެވެ. ގިނަދުވަހުގެ މަސައްކަތުގެ ކާމިޔާބު ތަޖުރިބާތަކެއް ހުރީ ދުވަސްވީ މީހެއްގެ ކިބައިގާ ކަމަށްވެދާނެއެވެ. މި ދެމީހުން އެއްވަރުކުރުމަކީ ، ނުވަތަ އެކަކަށްވުރެ އަނެކަކު މޮޅުކުރުމަކީ ، އިންސާފެއްނޫނެވެ. އެއިން ކޮންމެ މީހަކީ ، އެމީހެއްގެ ގޮތުގައި އެންމެ މޮޅުމީހާއެވެ. މިފަދަ ޙާލަތެއްގައި ، އެންމެ މޮޅުމީހާކަމަށްވާނީ ، ގިނަދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ މީހާއެވެ. ޕީއެޗްޑީއެއް ނުވަތަ ޑިގްރީއެއް އޮންނަ ކޮންމެ މީހަކީ އަދި ހަމަ މީހަކަށްނުވެ ހިނގައިދާނެއެވެ.

މީހުން މީހުންނަށްވާނީ މީހުންނަށް ހެދީމައެވެ. ޕީއެޗްޑީ ނުވަތަ ޑިގްރީ އޮންނަ ޒުވާނުން ، މީހުންނަށް ހެދޭނީ މަސައްކަތުގެ ތަޖުރިބާ ލިބިގެންނެވެ. ގިނަދުވަހުގެ ޢަމަލީ މަސައްކަތު ތަޖުރިބާ ލިބިފައިވާމީހުން މީހުންނަށް ހެދޭނީ ، އެމީހުންގެ އަގުވަޒަންކޮށް ، ޙައްޤު މަޤާމް ދީގެންނެވެ.

އެކުގައި މަސައްކަތްކުރާ މިފަދަ ދެމީހަކަށް އެދެމީހުންގެ ޙައްޤުތައް ރައްކައުތެރިކޮށްދީ ، އިޙްތިރާމް ކޮށްގެން އުޅެވޭނީ ، ޕީއެޗްޑީ ނުވަތަ ޑިގްރީ އޮންނަމީހާގެ ހުރެދާނެ ޢިލްމީ ވިސްނުމަށް ، އަނެއްމީހާ ޖާގަދީގެންނެވެ. އަދި ގިނަދުވަސްވީ ތަޖުރިބާއިން ވަޒީފާއަށް އަހުލުވެރިވެފައި ހުންނަ މީހާއަށް ހައްޤު ކަށަވަރުކޮށްދެވޭނީ ، ޑިގްރީ ހަދައިގެންހުރި މީހާއަށްވުރެ ، އޭނާގެ ތަޖުރިބާ މުއްސަނދިވާނެކަން ދެނެގަނެ ، އަނެކާއަށް ދޫކޮށްގެންނެވެ.

ޑިގްރީ ފެންވަރުން ކިޔެވުމުގައި އަދި ޕީއެޗްޑީއާ ހިސާބަށް ދިއުމުގައި ޢަމަލީ މަސައްކަތު ތަޖުރިބާއަކީ މަޖުބޫރު މާއްދާއެކެވެ. ޢަމަލީ މަސައްކަތުގެ ތަޖުރިބާއާ ނުލައި ، ޑިގްރީގެ އެއްހަރުފަތުން އަނެއްހަރުފަތަކަށް ނޭރޭނެއެވެ. އެއީވެސް ، މަސައްކަތުގެ ތަޖުރިބާއަކީ މުހިންމު އެއްޗެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ.

ޑިގްރީ ހަދާމީހުންނަށް ޚާއްޞަ އެލަވަންސެއް ދެވެއެވެ. ޑިގްރީ ނެތް ، ގިނަދުވަހު މަސައްކަތްކުރާމީހާއަށް އޮންނަ އިނާމަކީ ، ވަޒީފާގެ ކުރިއެރުމެވެ. އެހެނަސް ، މިހާރަކަށް އައިސް ، ސިޔާސީ ވިސްނުމާއި ފިކުރުގެ ނުފޫޒު  ، މަސައްކަތު މާޙައުލަށް ފޯރާފައިވާތީ ، ޑިގްރީ ހަދާމީހުންނާއި ސިޔާސީ މީހުންނާ އަދި ގިނަދުވަހު ވަޒީފާގައި ދެމިހުރެގެން ތަޖުރިބާ ލިބިފައިވާ މީހާގެ މަޤާމާއި މުސާރައިގެ ތަފާތު ގެނެވިފައި އެބަހުއްޓެވެ. މިއީ އިންސާފުކަމަށް ބެލެވޭނަމަ ، ކޮންމެވެސް ބަޔެއްގެ ޙައްޤުތަކެއް ގެއްލެމުން އެބަދެއެވެ.

" އިހުގެ ރެލީ " އަކީ ، މުޖުތަމަޢުން އެކަހެރި ކުރެވިދާނެ އެއްޗެއްނޫނެވެ. އޭގެ އަގަކީ ، ޒަމާނުގެ ޙާލަތުން ، މިނެކިރޭނެ އެއްޗެއްވެސް ނޫނެވެ. އެހެނީ ، އިހުގެ ރެލީއަކީ މިޒަމާނުގައި ތަދު އެއްޗެކެވެ. ލިބިއްޖެ ޙާލަތެއްގައި އަގުވަޒަން ނުކުރެވިއްޖެނަމަ ، އަނބުރާ އިއާދަ ނުކުރެވޭފަދަ ފުރުޞަތެއް ގެއްލިދާފަދަ ، އަގުހުރި އެއްޗެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.