ބްލޫ ރިބަން: ސިހުރު + ވެރިކަން

ސިހުރާއި ވެރިކަމަކީ ، ބައެއްވެރިންނަށް އެއާނުލައި ވެރިކަން ނުކުރެވޭ ނުވަތަ ވެރިކަން ނުލިބޭ އެއްޗަކީބާވައެވެ ؟ ދޮންބެއްޔާއަށްވެސް ޤަބޫލުކުރެވޭ ގޮތުގައި ސިހުރަކީ އޮންނަ އެއްޗެކެވެ. ފަންޑިތަޔަކީވެސް އޮންނަ އެއްޗެކެވެ. ދެން އޮންނަނީ ސިހުރުހާހޫރައެވެ. މިހުރިހާ އެއްޗެއް އެއީ އޮންނަ ތަކެއްޗަށްވާ ހިނދު އިންސާނާގެ ދުޅަހެޔޮކަމަށާއި ނެތިކޮށްލުމަށް ، ބަލިކޮށްލުމަށް ނުވަތަ ވަކިކަމެއް ޙާޞިލްކުރުމަށް މިތަކެތީގެ ބޭނުން ކުރެވެއެވެ.

ސިހުރުހާހޫރަޔާއި ފަންޑިތަވެރިކަމުގައި ވަރަށްބޮޑު ތަފާތެއް ހުރެއެވެ. ސިހުރުހާހޫރަޔަކީ ، ޖިންނި ޝައިޠާނުންގެ ކިބައިން މަދަދު އެދިގެން ، ނުބައި މަޤްޞަދެއް ޙާޞިލްކުރުމަށް ކުރާ ޝިރުކުގެ ޢަމަލެކެވެ. ހުރިހާކަމެއްގެ ބާރާއި މަތިވެރިކަން ލިބިވޮޑިގެންވާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާގިފުޅާއި މަދަދަށް އެދުމުގެ ބަދަލުގައި ، ޖިންނި ޝައިޠާނުންގެ ކިބައިން ކަންކަމަށް އެދުމަކީ ، އަދި ޖިންނި ޝައިޠާނުން މެދުވެރިކޮށް ނުބައި ޢަމަލު ހިންގައި އުޅުމަކީ ،  ކުފުރުގެ ޢަމަލެކެވެ.

ފަންޑިތަވެރިކަމަކީ ، ދީނުގައި ހުއްދަކުރެވިފައިވާ ޢަމަލެކެވެ. ހެޔޮނިޔަތެއްގައިކުރެވޭ ފަންޑިތަވެރިކަން ޙަލާލުކުރައްވާފައިވާކަން އެނގޭ ދަލީލަކީ ، އަބޫ ސަޢީދުލް ޚުދްރީ ، ސޫރަތުލްފާތިޙާ ވިދާޅުވެ ހެއްދެވި ފަންޑިތަޔަކުން ލިބިވަޑައިގެންނެވި ސަތޭކަބަކަރި ބެއްސެވުމުގައި ، ތިމަންކަލޭގެފާނަށްވެސް ތިޔައިން ބައިއަޅުއްވާށޭ ވިދާޅުވެ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފައިވާ އިރުޝާދެވެ. އެހެނެއްކަމަކު ، ސިހުރުހާހޫރަޔަކީ ، ޙަރާންކުރައްވާފައިވާ ޢަމަލެކެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށްވެސް ޔަހޫދީއަކު ހެދި ސިހުރެއް ޖެހިވަޑައިގެންނެވިކަމަށް ވެއެވެ. އަދި ، އެއީ ސިހުރެއް ނޫންކަމަށާއި ، އެކަލޭގެފާނުގެ އާލާސްކަންފުޅަކީ ، ހިތްޕުޅު ނުތަނަވަސްވެ ، ކަންބޮޑުވެވަޑައިގަތުމާގުޅިގެން ކުރިމަތިވި އާލާސްކަންފުޅެއްކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ރާއްޖޭގެ ޙާލަތަށް ބަލާއިރު ، ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ، މުޙައްމަދު އަމީން އަވަހާރަކޮށްލުމަށް ، ޙަކީމްދީދީ ސިހުރު ހެދިކަމަށް ތާރީޚުގައި ލިޔެވިފައި ވެއެވެ. ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް ހެދުނު ސިހުރެއް ތާރީޚުގައި ލިޔެވިފައި އޮންނަ ހަމައެކަނި ހާދިސާއަކީ އެއީއެވެ. އޭގެކުރިންވެސް އެފަދަ ކަންކަން ހިނގާފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ރަށުފެންވަރުގައި ޚަތީބުންނާއި ކަތީބުން ނުވަތަ ރަށްރަށުގެ ވެރިން ނައްތައިލުމަށް ސިހުރު ހެދޭވާހަކަޔަކީ ވަރަށް ގިނައިން ތުންތުންމަތިން ކިޔެމުން އަންނަ ވާހަކައެކެވެ. ޤަބުރު ކޮނެގެންވެސް ސިހުރުހާހޫރަ ހަދާވާހަކަ ދެކެވެއެވެ. އެއަށްފަހު ، ރާއްޖޭގެ ވެރިކަން ހޯއްދެވުމަށްޓަކައި ބައެއްބޭފުޅުން ހައްދަވާ ސިހުރާއި ފަންޑިތައިގެ ވާހަކަޔަކީ ، ބައެއްފަހަރު ތާރީޚުގައި ލިޔެވި އަދި އަނެއްބައި ވާހަކަ ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކެކެވެ. މަސްވެރިކަމަށް ކިޔެވުމާއި ދަނޑުވެރިކަމަށް ކިޔެވުމާ އަދި ރަށުގެ ސަލާމަތަށް ކިޔެވުންފަދަ ކަންކަން ތާރީޚުން ފާހަގަކުރެވިފައި އެބަހުއްޓެވެ.

މަހަށް ތަވީދު ކާންދިނުމާއި ، ރުނބަޔަށް އެރުމާ އަދި ތެޔޮދެމުމާއި ، އަސޭލައިގެ ވާހަކައާއި ބުދުދީނުގެ ހާމުދުރުންގެ ވާހަކަ އަދި ބަބުރުކަރައިން މީހުންގެނެސް ބޮނޑިބަތް ކައްކައި ، ސިހުރު ހެދިވާހަކަޔަކީ ތުންތުންމަތިން ދެކެވެމުން އައިކަމަށް ދޮންބެއްޔާއަށް ހުވަފެނުން ފެނުނު ފަހުގެ ވާހަކަ ތަކެކެވެ. އެންމެފަހުން އަޑުއިވުނީ ، ނޮޅިވަރަންފަރުގައި ސަހަރާގައި ފަންޑިތަވެރިކަމުގެ ކަމެއް ހިނގިވާހަކައެވެ. ދެން އިވުނީ ، މާލޭ ސިޓީކައުންސިލްގެ މުއައްޒަފަކު ސަހަރާޔަކަށް ވަދެއުޅުނު ވާހަކައެވެ.

ވެރިކަމަކީ ، ﷲ އިންސާނާއަށް ދެއްވާ ބާރެކެވެ. މިހުންނަނީ ބިރުވެރި ކަންކަމެވެ. ސިހުރުހާހޫރަޔާއި ފަންޑިތަވެރިކަމަކީ ، މަދުންނަމަވެސް ބައެއް ރަށްރަށުގައި މިހާރުވެސް ހިނގާ ކަމެކެވެ. އިންސާނުންނަށް ، ޝައިޠާނާގެ ޝިރުކުގެ އެޢަމަލާ ނުބެހި ދުނިޔޭގައި ނުއުޅެވެނީ ހެއްޔެވެ ؟ ސިހުރުވެރިކަމާއި ވެރިކަން ގުޅުވަން ޖެހޭ ހެއްޔެވެ ؟ ވެރިކަމަށް އައުމަށްޓަކައި މިހުރިހާކަމެއް ކުރަންޖެހޭ ހެއްޔެވެ ؟ ޝިރުކާއި ކުފުރުގެ ޢަމަލުތައް ނުހިންގައި ވެރިކަމަށް ނާދެވެނީ ހެއްޔެވެ ؟ މިފަދަ ކުފުރުގެ ޢަމަލުތަކުން ހޯދާވެރިކަން ދެމެހެއްޓޭ ހެއްޔެވެ ؟ މިއީ އެފަދަ ކަންކަންކުރާ ބަޔަކަށް ދޮންބެއްޔާ ކުރަން ބޭނުންވާ ސުއާލެކެވެ. މާޒީގައި ކަންހިނގާފައިވާގޮތް ދޮންބެއްޔާއަށް ، ކޮންމެވެސް ވަރަކަށް އެނގޭތީ ، އެކަންކަމާމެދު ދޮންބެއްޔާ ވަރަށް ކަންބޮޑުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.