ދިވެހިރާއްޖެޔަކީ ، ޒަމާންވީ ޤައުމެކެވެ. ރާއްޖެއަކީ 870 އަހަރުގެ އިސްލާމީ ، ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ރާއްޖެ އިސްލާމްވުމާއެކު ، ރާއްޖޭގެ ރައްޔިތުން ތަބާވަމުން އައީ ސުންނީ މަޛުޙަބަށެވެ.
ޒަމާން ބަދަލުވަމުން އައި އައުމުގައި ، އިސްލާމީ އުޞޫލުތައްވެސް ، ރާއްޖޭގައި އައީ ބަދަލުވަމުންނެވެ. އިހުގެ ދީނީ ޢިލްމުވެރިންގެ ހަމަތައް ބަދަލުވެ ، ފަހުގެ ދީނީ ޢިލްމުވެރިންގެ ބަސް އައީ ގަދަވަމުންނެވެ. ހަމަ އެއާއެކު ޤަދީމީ ، ސަޤާފީ އަދި ދީނީ އެކި ކަންކަމަށްވެސް ބަދަލުތައް އަންނަމުން ދިޔައެވެ.
ޒަމާން ބަދަލު ވެއްޖެއެވެ. ދީން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގަންނަވާ ދީނީ ޢިލްމުވެރިންގެ ޢަދަދު ގިނަވެއްޖެއެވެ. އެބައިމީހުންގެ ދީނީ ފަތުވާ ތަފާތު ވެއްޖެއެވެ. އިހުޒަމާނުގައި ، ދީން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގަންނަވާ ދީނީ ޢިލްމުވެރިން ، ދީން ކިޔަވާ ވިދާޅުވަނީ މިޞްރުގެ ޖާމިޢުލްއަޒުހަރުންނެވެ. އެބޭފުޅުންގެ ދުވަސްވަރު ، ރާއްޖޭގެ ރައްޔިތުން ތިބީ ޝާފިޢީ މަޛުހަބަށް ތަބާވާ ބައެއްގެ ގޮތުގައެވެ.
މިޒަމާނުގައި ، ދީނީ ޢިލްމު ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގަންނަވާ ޢިލްމުވެރިން ކިޔަވާ ވިދާޅުވަނީ މަދީނާއިންނެވެ. މިޞްރުން ދީނީ ޢިލްމު ކިޔަވާ ވިދާޅުވެގެން ވަޑައިގެން ތިއްބެވި ދީނީ ޢީލްމުވެރިންނާއި ، މަދީނާއިން ދީނީ ޢިލްމު ކިޔަވާވިދާޅުވެގެން ވަޑައިގަންނަވާ ދީނީ ޢިލްމުވެރިންގެ މެދުގައި ދީނީ ފަތުވާއަކީ ޚިޔާލު ތަފާތުވާ އެއްޗެކެވެ. އެހެންނަމަވެސް ދީނަކީ އިސްލާމްދީނެވެ. މިޞްރުގެ އަޒުހަރު ޔުނިވަރސިޓީގެ ދީނީ ހަމަތަކަކީ ، މެދުމިންވަރުގެ ހަމަތަކެއްގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. ހަމައެއާއެކު ، އެހެން ތަންތަނުން ދީނީ ޢިލްމު އުނގަންނައިދިނުމުގައި ، ބައެއް ފަހަރަށް ހައްދު ފަހަނަޅައި ގޮސްފައި ހުންނަކަމުގައިވެސް ބައެއްމީހުން ފާހަގަ ކުރެއެވެ. އެއީ ވިސްނުމާއި ފިކުރާއި ޚިޔާލުގެ ތަފާތުވުމެއްކަމުގައިވެސް ވެދާނެއެވެ. އިސްލާމްދީން މުޅިދުނިޔެއަށް ފެތުރުއްވުމުގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަސައްކަތްޕުޅުގެ ބޮޑުބައި ހޭދަކުރައްވާފައިވަނީ ، މަދީނާގައެވެ. އެހެންކަމުން ، އެކަލޭގެފާނުގެ ސުންނަތުގެ ބޮޑުބައެއް ، މީސްތަކުންނަށް ދަސްވެފައިވާނީ މަދީނާގައި ދިރިއުޅުއްވި ދުވަސްވަރުއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މިޞްރުގައި ދިރިއުޅުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް ، އެކަލޭގެފާނުގެ ޢުމުރުފުޅުގެ އެންމެ ފަހު 10 އަހަރު ދިރިއުޅުއްވީ މަދީނާގައެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވީ ، މީލާދީން 24 ސެޕްޓެމްބަރ 622 ގައެވެ. އަވަހާރަވީ ، ޢުމުރުފުޅުން 63 އަހަރުފުޅުގައި ، މީލާދީން 8 ޖޫން 632 ގައެވެ.
މި ލިޔުމުގެ އަޞްލު މަވްޟޫޢަށް ޖެހިލާނަމެވެ. އެއީ ބޮޑުޢީދުގެ ބޮޑުތަކުބީރެވެ. އެއީ ، ޛުލްޙައްޖާމަހުގެ 8 ވަނަދުވަހުގެ ރޭ ، ނުވަތަ ޛުލްޙައްޖާމަހުގެ 9 ވަނަރޭގެ ފަތިސް ނަމާދުން ފެށިގެން ، އެމަހުގެ 13 ވަނަދުވަހުގެ ޢަޞުރުނަމާދުގެ ނިޔަލަށް ، ކޮންމެ ނަމާދެއްގެ ފަހުގައި ކިޔާ ތަކުބީރެވެ. މި ތަކުބީރަކީ ، ނަމާދު ފިޔަވައި ، ޖަމާޢަތުގެ އެހެނިހެން ބައްދަލުވުންތަކާއި އެއްވުންތަކުގައިވެސް ކިޔަމުން އަންނަ އެއްޗެކެވެ. އެހެންނަމަވެސް ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ، ތަކުބީރު ކިޔުމުގެ އާދައާއި އުޞޫލުތަކަށްވެސް މިހާރު މިވަނީ ބަދަލުތަކެއް އައިސްފައެވެ. ތަކުބީރަކީ އަޑުހަރުކޮށް ކިޔަންޖެހޭ އެއްޗެކެވެ. ތަކުބީރުގެ އަޑު މިހާރު އިވެނީ މިސްކިތްތަކުގެ ތާޅަފިލިތަކުން އެކަންޏެވެ. ޢީދުނަމާދަށް އެއްވެ މިސްކިތުގައިތިބޭ މީހުންގެ ތެރެއިން ގިނަބަޔަކު ތަކުބީރުކިޔަނީ ހިތުންނެވެ. ދުލުންކިޔާމީހަކުވެސް ކިޔަނީ ވަރަށް މަޑުންނެވެ. ކުރިން ، އެ ތަކުބީރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުގެ ވަގުތު ނިމިގެން މިސްކިތުން ގުގުމަމުންދާ އެއްޗެކެވެ. އެންމެން އެކުގައި ހަރުއަޑުން ކިޔައިގެންނެވެ. ތަކުބީރުގެ އަޑަށް މިއައި ބަދަލާއެކު ، ކުރިންކިޔާގޮތަށްވުރެ ތަކުބީރު ކުރުވެސް ވެއްޖެއެވެ.
ޙައްޖާއި ޢުމުރާއަށް މައްކާއަށް ވަޑައިގެން އުޅުއްވާ ބޭފުޅުންނަށް ، ޙަރަމްފުޅުގައްޔާއި މައްކާގެ އެކި އެއްވުންތަކުގައި ، ތަކުބީރުގެ އަޑު ހަރުއަޑުން އުފުލި ، ގުގުމަމުންދާ އަޑު އޮންނާނީ އިވި ވަޑައިގެންފައެވެ. ރާއްޖޭގައި އެ މަތިވެރި ތަކުބީރުގެ އަޑު ހަމައެކަނި ، މިސްކިތްތަކުގެ ތާޅަފިލިތަކުން އުފުލި ، ދިވެހި އިސްލާމީ އުއްމަތަށް ނިސްބަތްވާ މީސްތަކުންގެ ދުލުން ހަރުއަޑުން ބޭރު ނުވާންވީ ކީއްވެގެންތޯއެވެ ؟ އެއީވެސް ، ޒަމާނަށް އައި އެދެވޭ ބަދަލަކީތޯއެވެ ؟ ނޫނެކެވެ. މީސްތަކުންނަށް ޣާފިލް ވެވެނީއެވެ.