ބްލޫ ރިބަން: ތިންމުގޯލި

ދޮންބެއްޔާހުރީ ، އޮއްސެންދާއިރަށް ބަލަހައްޓައިގެންނެވެ. ކަނޑިންމަ މައްޗަށް އައި ލޯންޗަކުން މީހަކު ފުންމައިލިތަން ފެނުމާއެކު ދޮންބެއްޔާ ކަންބޮޑުވިއެވެ. އަދި އެމީހާއަށްވާގޮތެއް ބަލަން ކައިރީގައިހުރި މީހަކަށް އެންގިއެވެ. ނަސީބަކުން ލޯންޗުން ފުންމައިލިމީހާ ފަތައިގަތީ ރަށާ ދިމާލަށެވެ. ކަނޑިންމަމަތީ ނަގާފައިހުރި ގޮށްރާޅުތައް އޭނާއަށް ނުފެންނަނީކަންނޭނގެއެވެ. ވަރަށް މަސައްކަތުން ، މަރަށް ފުރާނަޔަށް ފަތާފައި އައިސް އެމީހާ ގޮނޑުދޮށަށް ބީއްސައިލިއެވެ. އިރުއޮއްސި އަނދިރިވެލާފައި އޮތީމަ އެއީ ކާކުކަން ، ދޮންބެއްޔާއަކަށް ވަތްކެއް ނުކުރެވުނެވެ.

އެއީ ކާކުތޯ ، ކައިރީހުރި މީހެއްގާތު ، ދޮންބެއްޔާ އަހައިލިއެވެ. އޭނާއަށް ފެންފުޅިއެއް ދިއްކޮށްލަންވެސް ބުންޏެވެ. ފަތާފަތާ ވަރުބަލިވެގެންގޮސް އެމީހާހުރީ ގުނބުހިލިފައެވެ. އެއްފިޔަވަޅު ކުރިޔަށް އެޅިއްޔާ ދެފިޔަވަޅު އެޅެނީ ފަހަތަށެވެ. އެންމެފަހުން ކުރިޔަށް ނުކަނޑައިގެން ، ވަރުބަލި ފިލުވައިލަން ، ރާޅުފަށުގައި އޭނާ އިށީނދެލިއެވެ. ގޮލާކަނަށްތިންރާޅު އެރިފަދައެވެ. ތުންގަނޑު ބިމަށްހަރައިގެން އެތައް އިރަކު އިންއިރުވެސް ، އެއީ ކާކުކަމެއް ، އެތާތިބި އެއްވެސް މީހަކަށް ނޭނގުނެވެ.

އެއީ އެއްކަލަ މައިބަދަބިންދާލި މީހާއެވެ ! އެތަނުން މީހަކު ބުންޏެވެ. އެވަރަކުންވެސް އެތާތިބި މީހުންނަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. އެމީހަކު ޅަދުވަހު ، ތިންމުގޯލިކުޅެން އުޅެފަ ޖެހިބޯޅައެއް ހިފައި ނުބައިކޮށްލި ކުއްޖާގެ މައިބަދައިގާ ، ފިލާގަނޑުން ޖެހީއެވެ. އެކުއްޖާފަކީރުގެ މައިބަދަ ބިންދައިގެންގޮސް ، ރުއްގަލުބޭސްކޮށްވެސް ރަނގަޅު ނުވެގެން ، ކިރިޔާ ބުރަކަށި ތެދުކޮށްލެވޭވަރުވީ ވިލާތަށް ފޮނުވައިގެން ބޭސްކުރި ފަހުންނެވެ.

ގޮނޑުދޮށުގައި އިންމީހާ ކުޑަކޮށް ހިންދެމިލާފައި ތެދުވެ ރަށަށް އެރިއެވެ. އެއީ ކޮންމެވެސް މީހެއްގެ ބޯކައިލައިގެން ހޮވި ، ރަށެއްގެ ކައުންސިލްކަންވެސް ކުރި މީހެކެވެ. އެކަމެއްވެސް ނުކުރެވުނެވެ. ކޮންމެ އިންތިޚާބެއްގައި މިގޮތަށް ފެނިލާނެއެވެ. ރަށުގެ ދެފަސްބެދޭހިސާބަށް އަރައި ބުމަރެއްހެން ، އެމީހާ އެނބުރިލިއެވެ. ދާނެ މިސްރާބެއް ނޭނގިގެންނެވެ. ރަށަށް އެރީ ، މިދަނީ އާމިސްރާބަކަށޭ ކިޔާފައެވެ. އެކަމަކު އެ މިސްރާބެއް އޭނާއަކަށް ނުފެނުނެވެ. އެމީހަކު އެތާހުރެ ތެޅީ ހުސް އަނގައެވެ. ކެނޑީ ހުސް ފޮންޏެވެ. ޢަމަލާއިބަހާ ދިމާވެދާނެކަމުގެ ޔަޤީންކަން ސާބިތުކޮށެއް ނުދެވުނެވެ. އެމީހަކު ތިންމުގޯލި ކުޅެންއަރާ ، ބޯޅަޖަހާތަނުން ، ދުވަންއޮންނަ ތަނުގެ ދޮޅުޕަސެންޓަށްވެސް ނުދުވެވެނިސް އިދިކޮޅުން ބޯޅަހިފާ ބައިއެއްކޮށް ، ނުބައިކޮށްލައެވެ. ނުބައިވެގެން ބާތިލްވެފަތިބިމީހުން ދުވިހިސާބަށްވެސް ނުދުވެވެއެވެ.

މިފަހަރުވެސް ، މޮޅުކަމެއް ކޮށްލާނަމޭ ހިތައި ލޯންޗުން ފުންމާލައި ، ތެމިފޯވެގެން ރަށަށް އެ އެރީ ، ކައުންސިލް އިންތިޚާބާ ދިމާކޮށް ، ބައިކޮޅަށް މީހުން ހޯދާށެވެ. ނަސީބަކުން، އުސްތަނަކަށް އަރަން ނެތީމަ ، ހަރުގަނޑެއް ނުގެނެއެވެ. އެމީހަކު ދަންނަމީހަކު އެރަށުގައި އުޅޭނަމަ ، ގައިމު ގޮނޑުދޮށަށް  އައިސް އޭނާއާ ބައްދަލު ކުރާނެތާއެވެ. ގައިގަ ޖެހޭ ހިސާބުންލާފަ ދިޔައިރުވެސް ، ދޮންބެއްޔާވެސް އެމީހަކަށް ނޭނގުނެވެ. އަދި ، ދޮންބެއްޔާއަށްވެސް އެއީ ކާކުކަމެއް ނުމެ އެނގުނު މެއެވެ. އެމީހާއަށް ދާނެ މިސްރާބު އޮޅި ، ރަށުން އެއްވެސްމީހަކާ ބައްދަލުވެސް ނުކޮށް ، ރަށަށް އެރިގޮތަށް ތެތްނުބާލައި ، ޗޮކެއް ކަނޑާފައި ރަށުންފައިބައިގެން ހިނގައްޖެއެވެ. ދެނަމާދު ދޭތެރެ ވީމަ ، އޭނާ ހޯދަން އެއައި މީހަކާ ދިމާނުވީ ތޯއްޗެކެވެ. މިކަހަލަ މޫސުން އައިމަ ، ނުމެޢީދަކު ނުމެރޯދަޔަކު ރަށަށް އަރައި ފައިބައި ، ތިންމުގޯލި އަޅާމީހުންވެސް އުޅޭނެއެވެ.

1 ޚިޔާލު

  1. މި ލިޔުމުގެ ވައްޓަފާޅިން، މަރްޙޫމް އިބްރާހިމް ޝިހާބުގެ ހަނދާން އައު ކޮށްދެއްވައިފީމު.
    ވަރަށް ޝައުޤުވެރި
    މިޒަމާނުގައިއުފެދިގެން އަންނަ ކުދިންގެ ތެރޭގައި މިގޮތަށް ލިޔެލަން ދަންނަ ދިމާވީ ހަމައެންމެ ކުއްޖަކާ. މިހާރު އެކުއަޖާ އެބައުޅޭ ގްރޭޑް 10ގައި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.