ބްލޫ ރިބަން: އިސްރަށްވެހިން

އިސްރަށްވެހިންނަކީ ، ޢާންމުގޮތެއްގައި ގިނައިން ވާހަކަ ދައްކާ ބަޔެކެވެ. ޑޮކްޓަރުން ލަފާދެނީ އެއީ ރަނގަޅުކަމެއް ކަމުގައެވެ.

އިސްރަށްވެހިންނަކީ ، ގިނަގިނައިން އަނގަތަޅާ ބަޔެކެވެ. ގިނަތަން ފެނިފައި ހުރެ ، އަލަށް ފެންނަ ތަންތަނާއި ކަންކަމާމެދު ޚިޔާލު ފާޅުކުރުން އެއީ އިސްރަށްވެހިންގެ ތަބީޢީ ކަމެކެވެ. ހިތްހަމަ ނުޖެހިގެންނާއި އުފާވެގެންނެވެ. ރުޅިއައިސްގެންނާއި ފޫހިވެގެންނެވެ. އެބައިމީހުންނަށް ލިބިފައިވާ ފޮނި އަދި ހިތި ތަޖުރިބާގެ އަލީގައެވެ. އެއީ ، ހުސްއަނގަ ތެޅުމެއްނޫނެވެ. އެއީ މަޢުލޫމާތާއި ތަޖުރިބާގެ ފިލާވަޅު ތަކެކެވެ.

މިކަމާމެދު ޑޮކްޓަރުންގެ ލަފަޔަކީ ، މުހިންމު އެއްޗެކެވެ. ޑޮކްޓަރުން ލަފާދެނީ ، އިސްރަށްވެހިން ، ނުވަތަ ޢުމުރުން ދުވަސްވީ މީހުން ނުވަތަ ވަޒީފާއިން މުސްކުޅިކުރައްވާ މީހުން ނުވަތަ ، ޢުމުރުން ދުވަސްވީމީހުން ، ގިނައިން ވާހަކަ ދެއްކުމަކީ ކޮންމެހެންވެސް ބޭނުން ކަމެއްކަމުގައެވެ. އެހެނީ ، ގިނަދުވަސްވުމުން ، ހަނދާން ނެތުމުން ނުވަތަ ހަނދާން ބަލިވުމުން އިންސާނާ ދުރުކޮށްދޭ އެއްވެސް ފަރުވާއެއް އަދި މިހާތަނަށް ހޯދިފައެއް ނެތެވެ. އެކަމަށް އޮތް ހަމައެކަނި ފަރުވާއަކީ ، ގިނައިން ވާހަކަ ދެއްކުމެވެ. އެމީހުންގެ ތަޖުރިބާ ، ފަހުގެ މީހުންނަށް ، ޒުވާނުންނަށް ކިޔައިދިނުމެވެ. ޒުވާނުންނާއެކު އެއް މަޖިލީހަށް އަރައި އެމީހުން ތަޖުރިބާކޮށްފައިވާ ކަންތައްތައް ހަނދާންކޮށްގެން ހާމަކުރުމެވެ. ހޮޅުއަށިތަކަށް ގޮސް ، މަޖާކޮށް ، ގިނައިން ވާހަކަ ދައްކައި އުޅުމެވެ. ގިނައިން ވާހަކަ ދެއްކުމުން ، އިސްރަށްވެހިންނަށް ތިން ފައިދާއެއް ލިބެއެވެ.

ގިނައިން އަނގަތަޅައި ވާހަކަ ދެއްކުމުގެ ސަބަބުން ، ސިކުނޑީގެ ޙަރަކާތްތެރިކަން އިތުރު ވެއެވެ. ބަހާއި ވިސްނުމާއި ޚިޔާލާތަކީ ، އެކަތި އަނެކައްޗަށް މުޢާމަލާތުކުރާ ދެ ވަޞީލަތެކެވެ. އަވަހަށް ވާހަކަ ދެއްކުމުގެ ސަބަބުން ، ސިކުނޑީގެ ޙަރަކާތްތެރިކަން އަވަސްވެ އަދި ވާހަކަ ދެއްކުމުގައި ސިކުނޑިން ކުރަންޖެހޭ މަސައްކަތަށް ވާގިވެރިވެ ، ހަނދާނުގެ ތާޒާކަން ދަމަހައްޓައެވެ. ދުވަސްވީ މީހުންކުރެ ، ޢާންމުކޮށް ވާހަކަ ދައްކައި ނޫޅޭމީހުންގެ ހަނދާން ، އަވަހަށް ބަލިވާނެއެވެ.

ދެވަނަ ފައިދާއަކީ ، ވާހަކަ ދައްކައި އުޅުމުން ، ހިތަށްލިބިފައި އޮންނަ ހަމަނުޖެހުމާއި ހާސްކަން ކަނޑުވައިލައެވެ. ސިކުނޑީގެ އެކިބަލިތަކުން ސަލާމަތްވެ ، ހިތަށްލިބޭ ދަތިކަން ފިލުވައިލައެވެ. ދިރިއުޅުމުގައި ލިބިފައި އޮންނަ ހިތި ހަނދާނާއި ހިތި ތަޖުރިބާތައް ހިތުން ފިލުވައިލެވޭވަރަށް ، ފޮނި ހަނދާންތަކާއި ފޮނި ތަޖުރިބާގެ ހަނދާންތައް އާވެދެއެވެ. ހިތަށް ތަދުވާގޮތަށް ހިތުގައި ރައްކާކޮށްފައިހުންނަ ހިތި ހަނދާނާއި ތަޖުރިބާއަކީ ، ގިނަމީހުންނަށް ،  ޢާންމު ގޮތެއްގައި ހާމަނުކޮށް ، ހިތުގައި ބެހެއްޓޭ އެއްޗެކެވެ. އެއީ ސިކުނޑީގެ ބަލިތައް އަދި އެންޒައިޓީގެ ފެށުމަކަށް މީހާގެންގޮސްދޭ ކަމެކެވެ. ސިކުނޑި ހާސްކުރުވައި ، އަމިއްލަ ނަފުސުގެ އިތުބާރު އަމިއްލަޔަށް ނައްތައިލައި ދިރިއުޅުމުގެ އުއްމީދުތަކާ ދުރަށްގެންދާ ކަމެކެވެ. ހިތާއި ސިކުނޑިޔަކީ ، އެމީހާ އަމިއްލަޔަށް ކޮންޓްރޯލް ކުރަންޖެހޭ އެއްޗެކެވެ. އޭގެ ކޮންޓްރޯލް ގެއްލިއްޖެނަމަ ، ދުނިޔެމަތިން ފޫހިވާނެއެވެ. އެއްވެސް ކަމަކަށް ޔަޤީންކަމެއް ނޯންނާނެއެވެ. އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ގެއްލިދާނެއެވެ. އިންސާނާގެ ސިކުނޑިޔަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އެއީއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ، ހިތުގައި ފޮރުވާފައި ހުންނަ ވާހަކަތައް ކޮންމެވެސް މީހަކަށް ކިޔައިދޭން ޖެހެއެވެ. އެވާހަކަތައް އެހެން މީހަކަށް ކިޔައިދިނުމުން ، އެހިސާބުން ހިތާއި ސިކުނޑިޔަށް ހަމަޖެހުން ލިބޭނެއެވެ. އެހެންކަމުން ގިނަދުވަސްވީ މީހުން ގިނައިން ވާހަކަ ދެއްކުމަށް ފުރުޞަތު ތަނަވަސްކޮށްދޭން ޖެހޭނެއެވެ.

ތިންވަނަ ފައިދާއަކީ ، ވާހަކަދެއްކުމުގައި ، މޫނުގެ ޙަރަކާތާއި މޫނުގެ މަސްތައް ޙަރަކާތްތެރިވުމެވެ. ދުލާއި ކަރުތެރެ އަދި މޭގެ ކަސްރަތު އިތުރުވާނެއެވެ. މިކަސްރަތަކީ ، ލޮލުގެ ފެނުމުގެ ބާރާއި ކަންފަތަށް އިވުމުގެ ބާރު ހިފަހައްޓައިދޭ ކަސްރަތެކެވެ. ބޯ އެނބުރުމާއި ބީރުވުންފަދަ ކަންކަމުން ދުރުކޮށްދޭނެއެވެ. ގިނައިން ވާހަކަ ދައްކާ މީހާ ނުވަތަ ގިނައިން އަނގަތަޅާމީހާގެ ލޮލުގެ ބާރު ގަދަވެފައި އިވުމުގެ ބާރު އިތުރުވާނެއެވެ.

ޖުމްލަގޮތެއްގައި ބުނާނަމަ ، ދުވަސްވީ މީހުން ، ސިކުނޑީގެ ބަލިތަކުން ދުރުހެލިކުރުމަށްޓަކައި ، ވީހާ ގިނައެއްކޮށް މީހުންގެ ތެރެޔަށް ނުކުމެ ، އަނގަތަޅައި ވާހަކަ ދައްކައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޭރަށް ނުނުކުމެ ގޭތެރޭގައި ކަމެއްނެތި އޮތުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.