ހިޔަނި - 5 (އެންމެ ފަހުބައި)

(31 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިއޮއް ދަންވަރު ތިޔަ އައީ ކާކާ އެކީގައި-؟" ކަމާލް ވަރަށް ބާރަށް އަހައިލިއެވެ.

"ވަޖާހަތާއެކީގައި-" އޭނާ ވަރަށް ހަމަޖެހިލައިގެން ހުރެ ޖަވާބުދިނެވެ.

ކަމާލްގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.

"އެއީ ކަލޭގެ ކާކު-؟" ކަމާލްގެ އަޑު ކުރިއަށްވުރެ ގަދަވިއެވެ.

"އެއީ އަހަރެންގެ ލޯބިވެރިޔާ-"

އޭނާ މިހެން ބުނެ ނިމުމާއެކެ ކަމާލްގެ ބާރުގަދަ އެތިފަހަރެއް އޭނާގެ ކަންކަށިމައްޗައް އެރިއެވެ.

"ގޮތް ކުޑަ- ކަލޭގެ ކަންތައްތަކަށް އަހަރެން ވަރަށް ގިނަ ދުވަހު ކެތްކޮށްފިން- ދެން ކެތެއް ނުކުރެވޭނެ- ކަލޭ މިހާރު ތިޔަ މަސައްކަތް ކުރަނީ އަހަރެންގެ އަބުރުވެސް ނަގާލަން- ހަމަ މިހާރު މިގެއިން ނުކުމެގެންދޭ-"

"އާނ- އާނ- އަހަރެން ހިނގައިދާނަން- މި ގޭގައި އުޅެން އަހަރެން ބޭނުމެއްވެސް ނޫން- ކަލޭ އަހަންނަށް ދިނީ ކޯޗެއް- ކަލެޔާ އެކީގައި މި، ފޫހި ދިރިއުޅުން އުޅޭކަށް އަހަރެން ނެތިން- އަހަރެން ބޭނުމީ ވަރިވާން- އަހަރެންގެ އިންތިޒާރުގައި ރީތި އުފާވެރި ދިރިއުޅުމެއް އެބައޮތް- އަހަރެން ބޭނުން ހުރިހާ ކަމެއް ވަޖާހަތުގެ ފުށުން ވާން އެބައޮތް- ކަލޭގެ އަތުގައި އޮތީ ކޯޗެއް- އަހަރެން ހަމަ މި ވަގުތު ވަރިވާން ބޭނުން-"

ހުރިހާކަމެއް ނިމުނީއެވެ.

ކަމާލް އޭނާ މިނިވަން ކޮށް ދީފިއެވެ. ވަރި ވެގެން އޭނާ ދިޔައީ ވަޖާހަތުގެ ކައިރިއަށެވެ. ވަޖާހަތު އޭނާ ބަލައިގަތީ އުފަލާ އެކުގައެވެ. ދެ މީހުންގެ ކައިވެނި އުފާވެރި ކަމާއެކު ކުރެވިއްޖެއެވެ. ވަގުތު ފާއިތު ވަމުން ދިޔައީ ހިތްހަމަ ޖެހުމާ އެކީގައެވެ. އޭނާ ބޭނުން ހުރިހާ ކަމެއް ފުރިހަމަ ވީއެވެ. އޭނާ ހުވަފެނުން ދެކެމުން އައި ކުލަ ދުނިޔެ ލިބުނީއެވެ. ރަނާއި، ރިހީގެ ވިދުވަރުގައި، ފައިސާގެ ތަންމަތީގައި މަޖާ ކުރަމުން ދަނީއެވެ. ފަށުވި ހެދުމާއި، އަލިމަހާއި، ޖަވާހިރުގެ ގަހަނާ ފުނިފުންޏަށް ޖެހެން ފަށައިފިއެވެ. ކޮންފަދަ މަސްތުން ފުރިފައިވާ ދުނިޔެއެއް ހެއްޔެވެ؟ އޭނާ އެދޭ ދުނިޔެއަކީ މިއީއެވެ.

އެހެންނަމަވެސް މިކުލަވަރުވެސް މަޑުމަޑުންގޮސް ފަނޑުވާން ފަށައިފިއެވެ. ނިދިން ހޭލެވުމާއެކު ފެނުނު ރީތި ހުވަފެން ވިއްސިވިހާލި ވެއްޖެއެވެ. ވަޖާހަތު ލޯބިވަނީ ހަމައެކަނި އޭނާ ދެކެއެއް ނޫނެވެ. ރީތި ކޮންމެ ކުއްޖަކީ ވަޖާހަތުގެ ލޯބިވެރިއެކެވެ. ދިރިއުޅުން ޢަޒާބަކަށް ވެއްޖެއެވެ. ވަޖާހަތުގެ މަސައްކަތަކީ ފައިސާ ހޯދުމެވެ. އޭނާ ފައިސާއިން ބިނާކޮށްފައިވާ ދުނިޔޭގައި ބޭނުން ކޮންމެ އެއްޗެއް ލިބެން ހުރެއެވެ. އެހެންނަމަވެސް  ހޯދާބަލައިގެންވެސް ހަމަޖެހުމެއް ފެންނާކަށް ނެތެވެ. ވަޖާހަތު އަބަދު އުޅެނީ މަސައްކަތުގައެވެ. އޭނާޔާ ވާހަކަ ދައްކާލޭނޭ ފުރުޞަތެއްވެސް ނުލިބެއެވެ. ހުހަށް ލިބޭ ވަގުތުކޮޅުވެސް ހޭދަކުރަނީ ރީތި އަންހެން ކުދިންގެ އުނގުގައެވެ. އެކަން ހުއްޓުވަން ނަވްޝީނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތެވެ.

ވަގުތު އޭނާއަށް މަލާމާތް ކުރަނީއެވެ.

"ނަވްޝީން ސަޢީދު- ތިޔަވިސްނަނީ ކޮންކަމަކާ ހެއްޔެވެ؟ ތިޔައީ ކޮން ހިތާމައެއް ހެއްޔެވެ؟ މިއީ ކަލޭ ހުވަފެނުން ދެކެމުން އައި ދުނިޔެއެވެ. މިއީ ކަލޭ އެދުނު ގޮތެވެ. ލޮލުން ތިޔަ ފައިބަނީ ކޮން ކަރުނައެއް ހެއްޔެވެ؟ މޫނުމަތިން ތިޔަ ފެންނަނީ ކޮން ފިކުރެއް ހެއްޔެވެ؟ ސިކުނޑިއަށް ހާސްކަން ވެރިވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ ހިތްހަމަ ނުޖެހިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ފައިސާގެ ޚަޒާނާއެއް އަތްމަތިވެފައިމެ ޙާލުގައި ޖެހިފައިވަނީ ކީއްވެގެން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟"

މިއަޑުތައް ހަފަރާތުން އިވެނީއެވެ. ހީވަނީ އޭނާގެ ސިކުނޑި ފަޅައިގެން ހިނގައިދާނެ ހެންނެވެ.

"ނޫން- ނޫން- އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން- އަހަރެން ބޭނުންވަނީ ހިތްހަމަޖެހުން-"

ވަގުތު ކަކަކަކަ އަޅާފައި ހީނގެންފިއެވެ.

މިވާހަކަ ވަޖާހަތާ ދެއްކުމުން ޖަވާބުގައި ލިބުނީ ވަރީގެ ސެޓްފިކެޓެވެ. ހުރިހާ އެއްޗެއް އަމިއްލައަތުން ނަގައިލުމަށްފަހު ވަރީގެ ސެޓްފިކެޓް ހިފައިގެން އައީ ދަތުރު ފެށިތަނަށެވެ. މަންމަ އޭނާ މޭގައި ލައްކޮށްލިއެވެ. ހިތްހަމަޖައްސައިދޭން ކުރެވެން އޮތްހައި ކަމެއް ކުރިއެވެ. އެކަމަކު އޭނާގެ ލޮލުން ފައިބަމުންދާ ކަރުނައަކަށް ހުއްޓުމެއް ނައެވެ. ގެއްލިފައިވާ އުފާވެރިކަމާއި، ހަމަޖެހުން އަނބުރާ ގެނެވޭ ގޮތެއް ނުވިއެވެ.

* * *

ހަލުވިކަމާއެކު ވަގުތު ފާއިތުވަމުން ދެއެވެ. ނަވްޝީންގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލައެއް ނައެވެ. ދުނިޔޭގެ ހުރިހައި ކަމެއް ހިނގަމުން ދާގޮތަށް ހިނގަމުން ދެއެވެ. އެހެންނަމަވެސް އޭނާ ތުންފަތްމަތިން ގެއްލުނު ހިނިތުންވުން އަނބުރާ އަންނަ ގޮތެއް ނުވިއެވެ. ދުނިޔޭގައި އުޅުން މިހާރު އޭނާއަށް ވަނީ ބުރައަކަށް ވެފައެވެ. އަމިއްލަ މޮޔަކަމުގެ މައްޗަށް ހިތާމަކޮށް، ކަރުނަ އޮއްސުން ނޫން ގޮތެއް އޭނާއަށް ނެތެވެ. ވަގުތު އެއްވެސް މީހަކަށް، އެއްވެސް ކަމަކަށް ބަލަން މަޑެއްނުކުރެއެވެ. ދަތުރު ކުރަމުން ދަނީއެވެ.

ވަގުތު ދަތުރު ކުރަމުން އައިސް އޭނާގެ ބައްޕަ ގޮވައިގެން ހިނގައްޖެއެވެ. ބައްޕަ ނިޔާވުމުން އޭނާއާއި، މަންމަޔާ ދެމީހުން މުޅިން އެކަނިވީއެވެ. ދިރިހުރި މައްޔިތަކަށް އޭނާ ވެއްޖެއެވެ. މިއެކަނިވެރިކަމަށް ބިރުން ބައެއްފަހަރަށް އޭނާ ހަޅޭއްލަވައެވެ. އޭނާގެ ވޭނީ ހަޅޭކުގެ އަޑުއަހާނޭ މީހެއްނެތެވެ. އެއަޑު ގޮސް ގޭގެ ފާރުގައިޖެހިފައި އެނބުރި އަންނަނީ އޭނާޔާ ދިމާއަށެވެ.

އޭނާގެ ކަރުނަތައް ފޮހެލަދޭނޭ މީހެއްނެތެވެ.

އޭނާގެ ހިތްހަމަ ޖައްސައިދީ، ހިތްވަރުދޭނޭ މީހެއްނެތެވެ.

މި އެކަނިވެރިކަމުން އޭނާ މިންޖު ކޮށްދޭނޭ މީހެއް ނެތެވެ.

އޭނާއަކަށް ވަގުތު ހިފެހެއްޓުމުގެ ބާރެއް ނެތެވެ. ވަގުތު ފާއިތުވަމުންގޮސް ފަނަރަ އަހަރު ވެގެން ހިނގައްޖެއެވެ. މި ދިގު މުއްދަތުގައި އޭނާއަށް ޙާޞީލް ކުރެވިފައިވާ އެއްޗަކީ ހަމައެކަނި ކަރުނައެވެ. ހިތާމައެވެ. އަމިއްލަ އަތުން ދިރއުޅުން ހަލާކުކޮށްލި މީހަކު ކުރާނޭ ހިތާމައެވެ.

އޭނާއަށް ކަމާލްގެ ހަނދާންވެއެވެ. ކަމާލްގެ ތެދުވެރި ލޯބި ހަނދާންވެއެވެ. ދެލޮލުގެ ކޮއިފަދަ ދަރިފުޅު ސަމްރީންގެ މަތިން ހަނދާންވެއެވެ. އެއީ އޭނާ ބަނޑު އަޅައި ވިހެއި ދަރިފުޅެވެ. އެކަމަކު އެކުއްޖާވަނީ މައިވަންތަ ލޯބިން މަޙްރޫމް ވެފައެވެ.

ކަމާލާއި ސަމްރީން ދެކޭހިތުން ގޭގައި ނުހުރެވިގެން ނަވްޝީން ނުކުމެއްޖެއެވެ. ކަމާލްގެ ފުލެޓަށް ދިއުމުން އެނގުނު ގޮތުގައި ކަމާލް ފުލެޓް ވިއްކާލާފައި ދަރިފުޅު ގޮވައިގެން އެހެން ތާނކަށް ހިނގައްޖެއެވެ. ދިޔަތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެމީހުން ނުފެނިގެން ނަވްޝީން ކޮންމެ ދުވަހަކު އެތައް އިރެއްވާންދެން ހިނގައެވެ. މިއޮއްބޮޑު ދުނިޔެއިން އެމީހުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކަށްވުރެ ދުވަހެއް މަރު އޭނާއާ ކައިރިއަށް އަންނަކަމުގައި އިޙްސާސް ކުރެވެއެވެ.

* * *

އެއްދުވަހަކު މިގޮތަށް ހިނގަމުން ގޮސް ވަރުބަލިވެގެން ގެއެއްގެ އަސްކަނި ދޮށުގައި އިށީނދެއްޖެއެވެ. މި އިށީނދެވުނީ އޭނާގެ މަންޒިލާ ކިހާ ގާތެއްގައި ކަމެއް އޭނާއަކަށް ނޭނގެއެވެ. އެގެޔަކީ އޭނާގެ ކަމާލްގެ ގެއެވެ. ދުނިޔަވީ ހުރިހާ ގުޅުމެއް ކެނޑިފައި ވީނަމަވެސް ކަމާލަކީ އޭނާގެ މިލްކެއް ކަމުގައި އަބަދުވެސް ހީކުރެވެއެވެ.

އިރުއޮއްސޭން ކައިރިވަނީއެވެ. ކުއްލިއަކަށް އެގޭގެ ދޮރު ހުޅިވާލާފައި ފަނަރަ ސޯޅައަހަރުގެ އަންހެން ކުއްޖަކު ނުކުމެއްޖެއެވެ. އަތުގައި ޓޭބަލް ޓެނިސް ފިލާގަނޑެއް އޮތެވެ. ވަރުބަލި ވެފައިވާ ބަލިކަށި އަންހެނަކު ބޭރުގައި އިންދާ ފެނުމުން އެކުއްޖާގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެއެވެ.

"ދައްތާ- ކިހިނެއްވީ-؟ ބަލީތަ-؟"

އޭނާ ޖަވާބެއް ނުދެއެވެ. އެކުއްޖާއަށް އޭނާގެ ހުދުވެފައިވާ މޫނު ފެނުމުން އަތުގައި ހިފައިގެން ގޭތެރެއަށް ވައްދައިފިއެވެ.

"ދައްތާ- އިރުކޮޅަކު އަރާމުކޮށްލާ- ތަންކޮޅެއް ރަނގަޅު ވެލީމާ ތިޔަ ދާތަނަކަށް ދާނީ-"

ބޭރުން ވާހަކަ ދައްކާ އަޑުއިވިފައި ކަމާލް އަހާލިއެވެ. "ދަރިފުޅާ ކާކު-؟"

"ބަލިވެ އުޅޭ އަންހެނެއް ބައްޕާ- އަޅުގަނޑު އޭނާ އެތެރެއަށް ވެއްދީ-"

ކަމާލް ބޭރަށް ނުކުމެއްޖެއެވެ. އޭނާ ހައިރާންވެގެންގޮސް ދެލޯ ބޮޑުވެއްޖެއެވެ. ދެފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ. ނަވްޝީންގެ މޫނުމަތީގެ ކުލަ އިހުނަށްވުރެވެސް ހުދުވެއްޖެއެވެ. ހަށިގަނޑުން ފުރާނަ ނުކުންނަނީ އޭ ހީވިއެވެ.

މިހާރު އޭނާގެ ކުރިމަތީގައި އެވާ މީހަކީ އިރެއްގައި އޭނާގެ މިލްކެކެވެ. އޭނާގެ ދަރިފުޅުގެ ބައްޕައެވެ. އޭނާ ކަމާލާ ދިމާށާއި، ދެންމެއަކު ހިތްހެޔޮކަމާއެކު އޭނާ ގޭތެރެއަށް ވެއްދި އަންހެން ކުއްޖާއާ ދިމާއަށް ބަލާލިއެވެ. ދެމީހުންކުރެ މީހެއްގެ ލޮލުން އަސަރެއް ފެނޭތޯއެވެ.

މިއީ ކޮންފަދަ ވަގުތު ކޮޅެއްހެއްޔެވެ؟

ކޮންފަދަ ވޭންދެނިވި ހިމޭންކަމެއް ހެއްޔެވެ؟

ވޭތުވެގެން ގޮސްފައިވާ ދުވަސްތަކުގެ ހަނދާންތައް ދެމީހުންގެ ހިތުގައި އާވެގެންފިއެވެ. އުފަލާއި، ހިތާމައިގެ ކުލަވަރު މޫނުމައްޗަށް އަރާ ފައިބަމުންދެއެވެ.

މި ހިމޭންކަން ފޫދުއްވާލީ ކަމާލެވެ.

"ނަވްޝީން ކީއްކުރަން ތިޔަ އައީ-؟"

"ކަމާލް... ކަމާލް... އަހަރެންގެ ދަރިފުޅު... އަހަރެންގެ ދަރިފުޅު..." އޭނާގެ ތުންފަތް ތުރުތުރު އަޅަނީއެވެ.

ކަމާލްގެ މޫނުމައްޗަށް ނުރުހުމުގެ އަސަރުތައް ވެރިވެއެވެ.

"ދަރިފުޅޭ-؟ އެތައް އަހަރެއްގެ ފަހުން ނަވްޝީނަށް ދަރިފުޅުގެ މަތިން ހަނދާންވީ ކިހިނެއް-؟ ތުއްތު ދަރިފުޅު ނަވްޝީންގެ ލޯތްބާއި، ގައިގެ ހޫނުކަމަށް އެދި ރުއި ހަނދާން ނެތުނީތަ-؟ މައިވަންތަ ލޯބިން ދަރިފުޅު މަޙްރޫމް ކޮށްނުލާށޭ ކިޔައި އަހަރެން އާދޭސް ކުރިން- ބަނޑު އަޅައި ވިހޭ ދަރިއަށް ވުމާއެކު މަޔެއްގެ ވާޖިބު އަދާކުރާށޭ ބުނެ އެތައް ނަޞޭޙަތެއް ދިނިން- އެކަމަކު އަހަރެންގެ އާދޭސްތައް ނާހާ ޢައްޔާޝީ ދިރިއުޅުމަށް ދިޔަ ހަނދާން ނެތުނީތަ-؟ އަހަރެން ދަރިފުޅު ބަލައިބޮޑުކުރީ މަޔަކަށް ވެގެން- އޭނާއަށްޓަކައި ދުނިޔޭގެ ހުރިހާ ހިތާމައެއް އުފުލިން- އެތައް ރެއެއްގެ ނިދި ނަގައިލިން- އޭނާގެ މައްޗަށް އޮންނާނީ ހަމައެކަނި އަހަރެންގެ ޙައްޤު- އޭނާޔާ ދިމާއަށް ދަރިއެކޭ ބުނުމުގެ ޙައްޤު ނަވްޝީނަކަށް ނޯންނާނެ- ތިޔައީ އޭނާގެ މަންމައެއް ނޫން- އަހަރެން ލައްވާ ގޯހެއް ނުހައްދާ މިތަނުން ދޭ- އަހަރެންގެ އުފާވެރި ދިރިއުޅުން ހަލާކު ކޮށްލަން ނޫޅޭ- އަހަރެމެން ދެބަފައިން މިތިބީ ހޮތްހަމަޖެހޭ ދިރިއުޅުމެއް ހޯދަންވެގެން އުޅުނުތަން ދޫކޮށް ވަރަށް ދުރަށް އައިސްފައި- އަހަރެމެންގެ  ހަމަޖެހުން ނަގާލަން މަސައްކަތް ނުކޮށް ނުކުމެގެން ދޭ- ﷲ އަށްޓަކައި ދޭ-"

"ނޫން- ނޫން- ކަމާލް- ތިޔަހައި އަނިޔާވެރި ނުވޭ- އަހަރެންގެ ކުށަށް ތިޔަހައި ބޮޑު އަދަބެއް ނުދީ- އަހަރެން އިތުރު އެއްވެސް ކަމަކަށް، އެއްވެސް އެއްޗެކަށް ނޭދޭނަން- ހަމައެކަނި އަހަރެންގެ ދަރިފުޅާ ބައްދަލުކޮށް އުޅުމުގެ ހުއްދަދީ- މަޔެއްގެ މައިވަންތަކަން މަރައިނުލާ-"

"ތިޔައީ އޭނާގެ މަންމައެއް ނޫން- އޭނާ ވިހާފައި މަންމަ މަރުވެއްޖެ- ސަމްރީނަށް އެނގެނީ އޭނާގެ ބައްޕަ އެކަނި- މަންމައެއް ނޭނގޭ- އޭނާގެ މަންމައެއް ނެތް- މިތަނުން ދޭ- މީގެފަހުން މިދިމާޔަށް ބަލާލައިގެންވެސް ނުވާނެ-"

އޭނާ ތުރުތުރު އަޅަން ފަށައިފިއެވެ. ކަކުލު ހުޅުން ދޫވާހެން ހީވިއެވެ. މޫނުމައްޗަށް އަނދިރިވެސް ވިއެވެ. ހިތް މުޅިން ކުދިކުދި ވެއްޖެއެވެ. މަރުގެ ރަހަ އިޙްސާސް ކުރެވެން ފަށައިފިއެވެ. ފެންކަޅިވެފައިވާ ޙާލު އޭނާގެ ދަރިފުޅާ ދިމާއަށް ބަލާލާފައި އެގެއިން ނުކުންނަން ހިނގައިގެންފިއެވެ.

އެރޭ ކަރުނައިން ފުރިފައިވާ ލޮލަކާއިގެން ސަމްރީން ކަމާލްގެ ގާތަށް އައެވެ. ފުރަތަމަ ފަހަރަށް ލޯބިވާ ދަރިފުޅުގެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން އޭނާގެ ލަގޮނޑިއަކަށް ކެތެއްނުވިއެވެ.

"ދަރިފުޅާ ކިހިނެއްވީ-؟"

"ބައްޕާ- ބައްޕާ- އަޅުގަނޑުގެ މަންމަ..."

ސަމްރީން ބައްޕަގެ އުނގުގައި ބޯއަޅައިގެން އޮވެ ރޯންފަށައިފިއެވެ. ދަރިފުޅުގެ ގިސްލުމުގެ ސަބަބުން ކަމާލްގެ ކެތްތެރިކަމުގެ އުސްފާރުތައް ވެއްޓި ބިމާ ހަމަވެއްޖެއެވެ.

އަހަރެން އަހަރެންގެ ދަރިފުޅު އޭނާގެ މަންމައަކާ ވަތްކެއް ނުކުރާނަމެވެ. ނޫނެކެވެ. ދަރިފުޅަށް އަނިޔާއެއް ދިނުމަކީ އަހަރެންނަށް ކުޅަދާނަ ކަމެއް ނޫނެވެ. މަންމައާއި، ދަރިފުޅުގެ ގުޅުމަކީ ދުވަހަކުވެސް ކެނޑޭނޭ ގުޅުމެއް ހެއްޔެވެ؟ އެއީ ދުނިޔެ ދެމި އޮތްހައި ހިނދަކު ކެނޑޭނޭ ގުޅުމެއް ނޫނެވެ. މަންމަޔާ ވަކިން އުޅުމަކީ އަހަރެންގެ ދަރިފުޅަށް ކެތް ކުރެވޭނޭ ކަމެއް ނޫނެވެ. މަންމަޔާ ބެހޭގޮތުން ކެނޑިނޭޅި ސުވާލުކުރާތާ ފަނަރަ އަހަރު ވެއްޖެއެވެ. އޭނާގެ މަންމަ އޭނާޔާ ހަމައަށް އައިސްފައި އެދިޔައީ ހުސްއަތާއެވެ. އެއީ އަހަރެންގެ ދަރިފުޅަށްވެސް އަދި ދަރިފުޅުގެ މަންމައަށް ވެސް ކެތްކުރެވޭ ވަރުގެ ހިތާމައެއް ނޫނެވެ. އަހަރެން އެހައި އަނިޔާވެރި މީހަކަށް ނުވާނަމެވެ. ނަވްޝީނަށް އޭނާގެ ކުށުގެ އަދަބު ލިބިއްޖެއެވެ. ދަރިޔަކު، މަންމަ ދެވަނަ ފަހަރަށް ގެއްލުމުގެ ސަބަބުން ރޮއި ހިތާމަ ކުރަނީއެވެ. އެއީ އަހަރެންގެ ދަރިފުޅެވެ. އަހަރެންގެ ފުރާނައެވެ.

ކަމާލްގެ ލޮލުންވެސް ކަރުނަ އޮހިގަތެވެ. ތުރުތުރު އަޅާއަތަކުން ދަރިފުޅުގެ ކަރުނަ ފޮހެލަދިނެވެ. "ނުރޮއި ދަރިފުޅާ- ބައްޕަ ދަރިފުޅުގެ މަންމަ ހޯދައިދޭނަން- މާދަމާ ހެނދުނު ދެމީހުންގޮސް މަންމަ ގެއަށް ގެންނާނީ-"

އަނެއްދުވަހު ހެނދުނު ދަރިފުޅު އަތުގައި ހިފައިގެން ނަވްޝީންގެ ގެއަށްވަން ވަގުތު ކަމާލްގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ގެއަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. އެވީރާނާ ވެފައިވާ ގެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަޑެއް ބަޑެއް ނީވެއެވެ. ހިތްހަމަޖެހުމާއި، އުފާވެރިކަން ހޯދަން ދުވުނު ނަވްޝީން މަރުގެ އުނގުގައި ނިދައިފިއެވެ. ނިދާބޭހުގެ އެހީގައި އަބަދައްޓަކައި މިދުނިޔެ ދޫކޮށް ހިނގައްޖެއެވެ.

ކުރި އަސަރެއްގެ ބޮޑުކަމުން ކަމާލަށް ހަޅޭއްލަވައި ގަނެވުނެވެ. އެ ހަޅޭކުގެ ޖަވާބުގައި އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. އެ އަޑު ވީރާނާވެފައިވާ ގޭގެ ފާރުތަކުގައި ޖެހިފައި އެތައްފަހަރަކު ތަކުރާރު ވިއެވެ. ދެން މުޅިން ހިމޭން ވެއްޖެއެވެ. އެއްވެސް އަޑެއް ބަޑެއްނީވެއެވެ.

(ނިމުނީ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.