ހިޔަނި - 2

(26 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކްލަބަށް-"

"ކްލަބަށް ވަޑައިގަންނަވަނީ ކީއް ކުރައްވަންތޯ-؟ ރަނގަޅު އަންހެން ކުދިން ތިބޭހެން ގޭތެރޭގެ މަސައްކަތް ކުރައްވާން ގޭގައި މަޑު ނުކުރެއްވީ ކީއްވެގެންތޯ-؟ ކްލަބަށް ވަޑައިގަތުމަކީ މާ މުހިއްމު ކަމަކީތޯ-؟"

"އެއީ އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން-" ނަވްޝީން ވަރަށް ބާރަށް ބުނެލިއެވެ.

ކަމާލް މަސައްކަތް ހުއްޓާލާފައި ނަވްޝީނާ ދިމާއަށް ބަލައިލިއެވެ. "ކާރު ރަނގަޅު ކުރުވަން ބޭނުންތޯ-؟"

"އާދެ- އާދެ-" އޭނާ އަވަސް އަވަހަށް ބުނެލިއެވެ. އޭނާގެ ހިތަށް އެރިއެވެ. މި ތާނގައި އެކަނިމާއެކަނި ހުއްޓާ ކޮންމެ ފަދަ ކަމެއްވެސް ކުރިމަތި ވެދާނެއެވެ. ބަޔަކު އައިސް ރޮލާ ކައިލާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. އެހެންވީމާ މި ޒުވާނާ ދިޔަ ދީގެން ނުވާނެއެވެ.

ކަމާލް ހިތާ ހިތުން ހިނިތުން ވެލާފައި އަނެއްކާވެސް މަސައްކަތް ފަށައިފިއެވެ. އިރުކޮޅަކު އިންޖީނާ ދިމާއަށް ގުދުވެގެން އޮވެފައި ބޯ ހިއްލައި ބަލައިލިއެވެ.

"ހުއްޓައި ނުލައްވާ ވާހަކަ ދައްކަވާށޭ އަޅުގަނޑު ދެންނެވީމެއް ނޫންތޯ-؟"

"އަޅުގަނޑު ދައްކާނީ ކޮން ވާހަކައެއްތޯ-؟ އަޅުގަނޑުގެ ވިސްނުމަކަށް އެއްވެސް ވާހަކައެއް ނާދޭ-" އޭނާ ބިރުން ހުރެ ބުނެލިއެވެ. އަނދިރި ވަމުން ދާ ވަރަކަށް އޭނާގެ ބިރުވެރިކަންވެސް ދިޔައީ ބޮޑު ވަމުންނެވެ.

ކަމާލް އިރުކޮޅެއް ވާންދެން އޭނާއާ ދިމާއަށް ބަލާން ހުރެފައި ބުނެލިއެވެ. "މުއްސަނދި މީހުންނަކަށް ދައްކާނޭ ވާހަކައެއް މަދެއް ނުވާނެ- ކޮންމެ މަވްޟޫޢަކަށްވެސް މުއްސަނދީން ވާހަކަ ދައްކަފާނެ- މިސާލަކަށް ކްލަބް، ޕާޓީ، މިއުޒިކް، ފިރިހެން ކުދިން، މިހެން ގޮސް..."

އައި ރުޅިއެއްގެ ގަދަ ކަމުން ނަވްޝީންގެ މޫނުގެ ކުލަ ރަތް ކުލައަށް ބަދަލު ވެގެން ހިނގައްޖެއެވެ.

"ތިޔަ ހީކުރައްވަނީ އަޅުގަނޑަކީ އެ ކަހަލަ ކުއްޖެއް ކަމަށްތޯ-؟"

"ނޫނޭ- އެހެންނެއް ހިއެއް ނުކުރަން-"

އޭނާ ވަރަށް ހަމަޖެހުމާއެކު މަސައްކަތް ނިންމައިލާފައި އަތް ސާފު ކޮށްލިއެވެ.

"މިހާރު އިސްޓާޓު ކުރައްވާ-"

ނަވްޝީން އަވަސް އަވަހަށް އައިސް ކާރަށް އަރައި އިށީނދެއްޖެއެވެ. ތަޅުދަނޑި ޖަހާފައި އަނބުރައިލުމާއެކު އިސްޓާޓު ވެއްޖެއެވެ. އޭނާ ﷲ އަށް ޙަމްދު ކުރިއެވެ. ކްލަބަށް ދާން ލަސް ވެފައި ހުއްޓާ ދަތުރު ކުރިއަށް ގެންދެވޭ ގޮތް ވުމުންނާއި ކަމާލްގެ ފުށުން ސަލާމަތް ވެވޭނޭ ގޮތް ވުމުގެ ސަބަބުން ވަރަށް ބޮޑަށް އުފާ ކުރިއެވެ. އޭނާ ހިތް ހަމަ ޖެހުމާއެކު ކަމާލާ ދިމާއަށް ބަލައިލިއެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ފަޓުލޫނެއް ލައިގެން ހުރި ކަމާލް އޭނާ އަށް ވަރަށް ރީތި ވެއްޖެއެވެ. ހިތަށާއި ބޮލަށް އަސަރު ކުރުވާ ކަހަލަ މީހަކަށް ވެއްޖެއެވެ.

ކަމާލް ކާރުގެ ދޮރާ ދިމާއަށް ގުދުވެލިއެވެ. "ކިހިނެއްތޯ-؟ އަޅުގަނޑުގެ މަސައްކަތް ރަނގަޅުތޯ-؟"

ނަވްޝީން ފުރަތަމަ ފަހަރަށް ހިނިތުން ވެލިއެވެ. "އާދެ- މުޅީން ބަރާބަރު- ހިންގަވާ- ތިޔަ ވަޑައިގަންނަވާ ތަނަކަށް އަޅުގަނޑު ގެންގޮސް ދީފާނަން-"

"އަޅުގަނޑުގެ އާދަ ޚަރާބު ކޮށްލައްވާން އުޅުއްވާނެ ކަމެއް ނެތް- ﷲ ދެއްވި ދެފައި އެބަހުރި- އެ ވަރުން އަޅުގަނޑަށް ފުދޭ-"

ނަވްޝީން ކޮނޑު ހިއްލައިލިއެވެ. "އެންމެ ރަނގަޅު-"

އޭނާ ކާރު ދުއްވައިލިއެވެ.

* * *

ނަވްޝީން ސަޢީދު އުޅެ ބޮޑު ވެފައި ވަނީ ރަން ދުނިޔެއެއްގައެވެ. އަގު ބޮޑު ހެދުމާއި ރަނާއި ޖަވާހިރާއި މީރުވަސް ދުވާ ސެންޓުގެ ތެރޭގައެވެ. ކާރާއި ގަނޑުވަރުގެ ދުނިޔެއެއްގައެވެ. އޭނާގެ ބައްޕަ ޙަސަން ސަޢީދަކީ ފޮތި ވިޔާ ކާރުޚާނާއެއްގެ ވެރިއެކެވެ. ނަވްޝީނަކީ އޭނާގެ އިން ހަމައެކަނި ދަރިފުޅެވެ. ވުމާއެކު އޭނާގެ ހުރިހައި އެދުމެއް ދުލުން ބޭރުވުމުގެ ކުރީން ފުރިހަމަވެ ނިމިދެއެވެ. ޙަސަން ސަޢީދަކީ އިހަކަށް އެހައި މުއްސަނދި މީހެއް ނޫނެވެ. ފޮތި ވިއްކާ ފިހާރައެއް ހިންގާ މީހެކެވެ. މަސައްކަތްތެރި ހީވާގި މީހެކެވެ. ވުމާއެކު ރެއެއް ދުވާލެއް ނުބަލައި ކުރަމުން ދިޔަ މިންނެތް މަސައްކަތުގެ ސަބަބުން ދުވަހެއް ދުވަހަކަށް ދިޔައީ ކުރިއަށެވެ. ނަވްޝީން ވިހެއުމާއެކު ވިޔަފާރީގެ ދުވެލި މާ ބޮޑަށް ހަލުވި ވެއްޖެއެވެ. އެންމެ އަހަރެއްގެ ތެރޭގައި އަމިއްލަ ކާރުޚާނާއެއް ހުޅުވައިފިއެވެ. ދަރިފުޅު ލިބުމާއެކީ ގުނައި ޢަދަދު ނުކުރެވޭ ވަރަށް މުދަލާއި ފައިސާ ލިބުމުގެ ސަބަބުން އޭނާ ނަވްޝީން ދެކެ ވަނީއަކީ އަމަށަކު ލޯތްބެއް ނޫނެވެ. ރަނގަޅަސް، ނުބަޔަސް އޭނާގެ ކޮންމެ އެދުމެއް ފުރިހަމަ ކޮށް ދިނުމަކީ ޙަސަން ސަޢީދުގެ އުފަލެކެވެ. މި، ކަނު ލޯބީގެ ސަބަބުން ނަވްޝީން ވަނީ ހަރުކަށި، ގޮތް ދޫނުކުރާ ކުއްޖަކަށް ވެފައެވެ. އޭނާ ދެކޭ ގޮތުގައި ދުނިޔޭގެ ހުރިހައި އެންމެން އޭނާއަށް ބޯ ލަނބާން ޖެހޭނެއެވެ. އަމިއްލަ އެދުމެއް ފުއްދާން އޭނާއަށް ކުރަން ނުކެރޭނޭ އެއްވެސް ކަމެއް ނޯވެއެވެ.

ފައިސާ ލިބެން ފެށުމާއެކު ގޭތެރެއިންވެސް ބަދަލުތައް ފެންނާން ފަށައިފިއެވެ. އިރުމަތީގެ ގޮތް ކެނޑި، ހުޅަނގުގެ ކުލަވަރު ޖެހެން ފަށައިފިއެވެ. ޙަސަން ސަޢީދުގެ އަންހެނުންނަކީ އިހަށް ބުރުގާ ނަގަން ލަދު ގަންނަ މީހެކެވެ. އެހެން ނަމަވެސް މިހާރު ލަދު ގަންނަނީ ބުރުގާ އަޅާށެވެ. މޭކަޕް ކުރުމާއި ކުލަ ކުލައިގެ ހެދުން އެޅުމާއި ސެންޓު ބުރުވުމަކީ ގަޑިއަކުން ގަޑިއަކުން ބޭހެއް ކާހެން ކުރަން ޖެހޭ ކަމަކަށް ވެއްޖެއެވެ.

މި އަސަރު މަޑުމަޑުން ގޮސް ނަވްޝީނަށްވެސް ކޮށްފިއެވެ. އޭނާއަށްވެސް ހިތްހަމަޖެހުން ލިބެނީ ގޮތް ދެއްކުމާއި ނަލަ ވުމުންނެވެ. މީހުންގެ ތެރޭގައި ބޮޑު މީހެއް ކަމަށް ބެލެވެން ފެށުމުން އޭނާ ވަރަށް ބޮޑަށް އުފާ ވެއެވެ. ނަވްޝީނަކީ ލައި އުޅޭ ހެދުމަށް ބަލާއިރު ވަރަށް ޚަރަދު ކުޑަ ކުއްޖެކެވެ. ވަރަށް ކުޑަ ފޮތިކޮޅަކުން ފުއްދައިލައެވެ. ފޮތިކޮޅު ކިތަންމެކުޑަ ވިޔަސް އަގު ބޮޑު ވުމަކީ ޝަރުޠެކެވެ. ޤަވާޢިދުން ކްލަބަށް ދިއުމަކީ މަޖުބޫރު ކަމެކެވެެ. ހިލޭ ފިރިހެނުންނާއެކު ނަށައި އުޅުމަކީ މި ޒަމާނުގެ މީހަކަށް ވާން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ޤަބޫލު ކުރެއެވެ. އޭނާގެ ރައްޓެހިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. އެ ކަމަކާ އޭނާގެ މައިންބަފައިންނެއް އަޅައެއް ނުލައެވެ. ދަރިފުޅު ދިރިއުޅުމުގެ އުފާ ޙާޞިލު ކުރަމުން ދާތީ އެ މީހުން ތިބީ އުފަލުންނެވެ.

ނަވްޝީންގެ ކާރު ހަލުވި ދުވެލީގައި ގޮސް މަޑު ކޮށްލީ ކްލަބްގެ ގޯތި ތެރެއަށެވެ. އޭނާ ކާރުން ފައިބައިގެން ގޮސް އެތެރެއަށް ވަނުމާއެކު "ހަލޯ-" އާއި "ހާއި-" ގެ އަޑުން ތަން ގުގުމައިލިއެވެ. ކްލަބްގެ މިއުޒިކް ގްރޫޕް ކުޅެމުން ދިޔަ ރާގާ އެއްވަރަށް ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން ނަށަމުން ދަނީއެވެ. ނަވްޝީންވެސް އޭނާގެ ރަޙްމަތްތެރިޔާ ނުވަތަ އޭނާގެ ޢިބާރާތުން ނަމަ ބޯއި ފްރެންޑާ އެކީ ނަށަން ފަށައިފިއެވެ. ހީވަނީ ދުނިޔޭގެ ހުރިހައި އަރާމަކާއި އުފަލަކީ އެއީހެންނެވެ.

ކްލަބުގައި އުޅެފައި ނަވްޝީނަށް ގެއަށް އާދެވުނީ މެންދަން ވީ ފަހުންނެވެ. އަރާމު ތަންމަތީގައި އޮށޯވެލެވުމާއެކު ކަމާލްގެ ސޫރަ ސިކުނޑިއަށް ވެރިވެގެންފިއެވެ. އޭނާ ވާހަކަދައްކާ ގޮތާއި ހިތްގައިމު ހިނިތުންވުމާއި ފިރިހެންވަންތަ ޝަޚްސިއްޔަތު ލޮލުގެ ކުރިމަތީގައި އެނބުރެން ފަށައިފިއެވެ. އެ ހަނދާންތައް ފޮހެލާން މަސައްކަތް ކުރި ވަރަކަށް ދިޔައީ ގަދަ ވަމުންނެވެ.

"ޔާ ރައްބީ... އަހަރެން... ނަވްޝީން ސަޢީދު އާދައިގެ ދެރަ މީހެއްގެ ލޯބީގައި ޖެހުނީ ހެއްޔެވެ؟ އަހަރެންގެ ޝައުޤާއި ފެންވަރު ދުވަހަކުވެސް އެހައި ދަށަކަށް ނުވެއްޓެއެވެ. މިއީ ކިހައި ބޮޑު ޢަޖާއިބެއް ހެއްޔެވެ؟"

އޭނާ އަމިއްލަ ނަފްސަށް ކުދި ކިޔައިލަކިޔައިލާ އޮވެ ނިދައިފިއެވެ. ހެނދުނު ތެދުވެގެން އައިސް ސައި ބޯން އިށީނދެފައި އޭނާ އެންމެ ފުރަތަމަވެސް ދެއްކީ އައު ކާރެއްގެ ވާހަކައެވެ. އޭނާގެ ބައްޕަ އެއްވެސް ސުވާލެއް ކުރުމަކާ ނުލައި އައި ކާރެއް ހޯދައިދޭން ވަޢުދު ވެއްޖެއެވެ. އެހެން ނަމަވެސް އެ ކާރު ދޭނީ އޭނާގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުންޏެވެ. ވީ އުފަލެއްގެ ބޮޑު ކަމުން އޭނާ ބައްޕަގެ ގައިގައި އޮޅުލައިގަތެވެ.

އޭނާ ޔުނިވަރުސިޓީއަށް ދަނީ ހެނދުނުއެވެ. މެންދުރު ގެއަށް އައިސް ނިދަނީއެވެ. ނިދައި ތެދުވެގެން ހަވީރު ވާންދެން ނުވަތަ އިރުއޮއްސޭންދެން ލަވަ ޖަހަނީއެވެ. އިރު އޮއްސުމާއެކު ދަނީ ކްލަބަށެވެ. މިއީ އޭނާގެ މަސައްކަތް ހުންނަ ގޮތެވެ. މިހައި އަވަދިނެތި އުޅޭ އިރުވެސް އިރުއިރުކޮޅުން އެއްކަލަ ކަޅު ލޮލުގެ ވެރި ޒުވާނާގެ މަތީން ހަނދާން ވެއެވެ. އަދި އެއް ފަހަރު އޭނާ ދެކިލުމުގެ އެދުން ހިތުގައި އާވެގަނެއެވެ. މި ކަމާ ޚުދު އޭނާވެސް ޙައިރާން ވެއެވެ. އާދައިގެ ދެރަ މީހަކާ މެދު މާ ބޮޑަށް ޚިޔާލު ކުރެވެނީ ކީއްވެގެން ބާވައެވެ؟ އެއަށްވުރެ މާ މޮޅު، މާ ރީތި ޒުވާނުން ކެނޑިނޭޅި އޭނާގެ ވަށައިގެން އެނބުރެމުން ދެއެވެ. އެއިން ޒުވާނެއްގެ ހަނދާނެއް ނުވެއެވެ. އެ މީހުންނާމެދު ހިތުގައި އެއްވެސް ކަހަލަ ޖަޒުބާތެއް ނުއުފެދެއެވެ. މި، އާދައިގެ މީހާގެ ކިބައިގައި ހުރީ ކޮން ޚާއްޞަ ކަމެއް ހެއްޔެވެ؟

ކޮންމެ ދުވަހަކު އޭނާ ކްލަބަށް ދަނީ ކުރީ ދުވަހު އެ ޒުވާނާއާ ބައްދަލުވީ މަގުން، ދިމަ ދިމާއަށް ކަޅި ހިންގަމުންނެވެ. އެއް ދުވަހަކު ހަމަ ކުރީ ދުވަހުހެން އެ ޒުވާނާ މަގުގެ އެއް ފަރާތުން ހިނގާފައި އަންނާތީ ފެނިއްޖެއެވެ. ނަވްޝީންގެ ލޮލުން ވިދުވަރެއް ފާޅުވިއެވެ. ހިތް ބާރަށް ތެޅެން ފަށައިފިއެވެ. އޭނާ ވަރަށް ކައިރިއަށް ގޮސް ކާރު މަޑު ކޮށްލިއެވެ. ކަމާލް އެނބުރި ބަލައިލާފައި ހިނިތުން ވެލިއެވެ. ކަމާލްގެ މޫނުމަތީން އޭނާ އެނގިއްޖެ ކަމުގެ ހެކިތައް ފެނުނީމާ ނަވްޝީން ވަރަށް ބޮޑަށް އުފާވިއެވެ.

"އަޅުގަނޑު އެނގިލައްވައިފިތޯ-؟" ނަވްޝީންވެސް ހިނިތުންވެލިއެވެ.

"އާދެ- ކަމަނާވެސް، ކަމަނާގެ ކާރުވެސް އެނގިއްޖެ-"

ނަވްޝީން ވަރަށް ބާރަށް ހީނގަތެވެ. "ތިޔަ ދުރުވަނީ ކޮން ތަނަކަށްތޯ-؟"

"ރައްޓެއްސެއްގެ ގެއަށް-"

"އެ ރައްޓެހި މީހާގެ ގެއަށް އެހެން ދުވަހަކު ދުރުވިއްޔާ ކިހިނެއް ވާނެތޯ-؟" ނަވްޝީންގެ މޫނުމަތީން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ.

ކަމާލް އަނެއްކާވެސް ހިނިތުންވެލިއެވެ. އެ ރީތި އަންހެން ކުއްޖާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އެ ކުއްޖާ ބޭނުންވަނީ އޭނާޔާ ރައްޓެހިވާށޭ ހިތަށް އެރީމާ އުފާވާ ގޮތް ވިއެވެ. ފުރަތަމަ ބައްދަލު ވުމުގެ ފަހުން ކަމާލަކަށްވެސް އެ ކުއްޖާގެ މަތީން ހަނދާން ނައްތައެއް ނުލެވުނެވެ. ކުއްލިއަކަށް އެ ކުއްޖާ މިހައި ކަރިން ފެނުނީމާ ހިތަށް ފިނިވެގެން ދިޔައެވެ.

"ތިޔަ ވިސްނަވަނީ ކޮން ކަމަކާތޯ-؟ އަޅުގަނޑު މާ އުނދަގޫ ކަމެއްގެ ވާހަކަ ނަމެއް ނުގަންނަމެއް ނޫންތޯ-؟" ނަވްޝީން ބުނެލިއެވެ.

ކަމާލް ސީދާ ނަވްޝީންގެ ލޮލަށް ބަލައިލިއެވެ. "ތިޔަ ވިދާޅުވީ ވަރަށް އާދައިގެ ކަމެއްގެ ވާހަކަ- އެކަމަކު އެ ކަންތައް ފަހުން އަޅުގަނޑަށް ވަރަށް ބޮޑު އުނދަގުލަކަށްވެސް ވެދާނެ-"

ނަވްޝީން ކޮނޑުމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑު ކުއްލިއަކާއެކު ފުރަގަހަށް އެއްލިއެވެ. "ހިންގަވާ- ކޮންމެވެސް ތަނެއްގައި އިށީނދެގެން ތިބެ ވާހަކަ ދައްކާލަން މާ ފަސޭހަ ވާނެ-"

ކަމާލް ހިނިތުން ވެލާފައި ގޮސް ކާރުގެ ކުރީ ގޮނޑިއަށް އަރައި އިށީނދެއްޖެއެވެ. އެ ރީތި އަންހެން ކުއްޖާގެ ގައިން އަރާ މީރު ވަހުން މުޅި ކާރު ތެރެ ވަނީ އެއްވަސް ވެފައެވެ. އޭނާ ދިޔައީ ކާރު ދުއްވަމުން ވާހަކަ ދައްކަމުންނެވެ.

"އުޅުއްވަނީ ކޮން ތާނކުތޯ-؟"

"އަލްފްރެޑް ސްޓްރީޓްގައި އަޅުގަނޑުގެ ފްލެޓެއް ހުރޭ-"

"އެކަނިތޯ-؟"

"އާދެ- ދުނިޔޭގައިވެސް އެކަނި-"

"އެއް ބަނޑު މީހެއް، ތިމާގެ މީހެއް..."

"އެކަކުވެސް ނެތް- ހުރީ އަޅުގަނޑު އެކަނި-"

(ނުނިމޭ)

4 ޚިޔާލު

  1. ވަރަށްރީތި އެކަމަކު ކިޔަންލިބޭ ތަންކޮޅު ވ. ކުރު
    ކުރުނަމަވެސް މައްސަލައެއްނެތް ކޮންމެދުވަހަކު ބައެއް
    ގެނެސް ދެއްވަންޏާ ވ.ރަނގަޅު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.