(28 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާގެ ރާގުގައި ބުނަން ނޭނގޭ ކަހަލަ އުދާހެއް އެކުލެވިފައި ހުއްޓެވެ. ނަވްޝީންގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރްދީ އުފެދުނެވެ.
"އަޅުގަނޑަކީ ގާތް މީހެއް ކަމުގައި ބައްލަވާ-" ނަވްޝީނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
ކަމާލް ފުން ނޭވައެއް ލިއެވެ. "ނަވްޝީން- އަޅުގަނޑަށް، އަޅުގަނޑުގެ ފެންވަރު އެނގޭ- އެހެންވީމާ މާ މަތީ ފެންވަރުގެ ހުވަފެން ދުށުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫން- ތިޔަ ދެއްކެވި ގާތް ކަމަށްޓަކައި ޝުކުރުވެރިވަން- އެކަމަކު ދަންނަވަންތޯ-؟ ނަވްޝީންގެ ދިރިއުޅުއްވުމަކީ އާދައިގެ ދިރިއުޅުއްވުމެއް ނޫން- މިއަދު އަޅުގަނޑާ މެދު ގާތްކަން ބޭއްވެވި ނަމަވެސް މާދަމާ އަޅުގަނޑުގެ މަތީން ހަނދުމަފުޅު ނައްތަވައި ލައްވާނެ- މުޅީން އައު ދުނިޔެއެއްގައި އައު ރައްޓެއްސަކާ އެކު ދިރިއުޅުއްވާން ފައްޓަވާފާނެ- ނަވްޝީންގެ ފެންވަރުގެ މީހުންނަކަށް އެއީ އާދަޔާ ޚިލާފު ކަމަކަށް ނުވާނެ- އެކަމަކު އަޅުގަނޑުމެންނަކަށް އެއީ އާދައިގެ ކަމަކަށް ނުވޭ- އެއްވެސް ކަމަކާ ނުލައި އަޅުގަނޑުމެންނަށް ހިތާމަތަކެއްގެ ތެރެއަށް ވަންނާން ޖެހިދާނެ- އެއީ ބޮޑު ކަމެއް- އެހެންވީމާ އަޅުގަނޑުމެން ފެންވަރުގެ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ މަންޒިލް އަތު ޖެހެން ނެތް ދަތުރަކަށް ނުފެށުން-"
"ތިޔައީ ވަރަށް އުންމީދު ކުޑަ މީހުން ދައްކާ ކަހަލަ ވާހަކަ-" ނަވްޝީން ތުން އަނބުރައިލިއެވެ. އަދި ކުއްލިއަކަށް ކަމާލާ ދިމާއަށް ބަލައިލާފައި އަހައިލިއެވެ. "އެންމެ ރަނގަޅު- އަޅުގަނޑު ރަނގަޅުތޯ-؟ އަޅުގަނޑާއެކު ރަޙްމަތްތެރިކަމުގެ ގުޅުމެއް ބާއްވަވާ ހިތްވޭތޯ-؟" ކަމާލް ހިނިތުން ވެލާފައި ލޯތްބާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ.
"ބުނުއްވާ- ކޮންމެވެސް ޖަވާބެއް ދެއްވާ-"
ރަނގަޅު- ވަރަށް ރަނގަޅު-
"އެހެން ވެއްޖެއްޔާ މިއަދުން ފެށިގެން ދެ މީހުން ދެ ރަޙްމަތްތެރިންނަށް ވީ-" އޭނާ އަތް ދިއްކޮށްލިއެވެ. ކަމާލް އޭނާގެ މަޑު މަޑު އަތުގައި ހިފައިލިއެވެ. އެ އަތުގެ ހޫނުކަން އޭނާގެ ހިތާ ހަމައަށް ފޯރިއެވެ. ސިކުނޑިއަށް ޢަޖާއިބުވާފަދަ މަސްތެއް ވެރިވިއެވެ.
* * *
ނަވްޝީންގެ ކާރު ގޮސް މަޑުކޮށްލީ ރެސްޓޯރަންޓެއްގެ ކުރިމައްޗަށެވެ. ދެ މީހުން އެކީގައި ގޮސް އެރީ ރެސްޓޯރަންޓްގެ މަތީ ބުރިއަށެވެ. އެ ތާނގެ އެއް ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ. ކަރަންޓު އުށްބައްތީގެ އަލީގައި ތަނަށް ވެރިވެފައި ވަނީ އަސަރުކުރުވާ ފަދަ ސިހުރެކެވެ. އެ ފަނޑު އަލީގެ ތެރެއިން ނަވްޝީންގެ ރީތި، އަސަރު ގަދަ މޫނު ފެނުމުން ކަމާލަށް ހީވީ އެތައް ހާސް ވޯޓެއްގެ ކަރަންޓު އެއް ފަހަރާ ހަށިގަނޑުގައި ޖެހުނު ހެންނެވެ. އޭނާގެ ހުރިހައި ޙިއްސެއް އެއް ފަހަރާ މަސައްކަތް ކުރަން ފަށައިފިއެވެ. ނަވްޝީންގެ ފަށުވި އިސްތަށިގަނޑާއި ރަތް ތުންފަތަށް ކަޅި ޖަހައި ނުލައި ބަލާން ފަށައިފިއެވެ.
"ތިޔަހެން ނުބައްލަވާ-"
"ކިހިނެއްވީތޯ-؟" ކަމާލް ހިނިތުން ވެލިއެވެ.
"އުނދަގޫ ވަނީ-"
ކަމާލް ހީނގަތެވެ. ވެއިޓަރު ކޮފީ ހިފައިގެން އަތުވެއްޖެއެވެ. ނަވްޝީން ކޮފީ ގިރާން ފަށައިފިއެވެ. ކަމާލް އަދިވެސް ނަވްޝީނާ ދިމާއަށް ބަލަނީއެވެ. ހޫނު ކޮފީން އަރަމުންދާ އާވީގެ ތެރެއިން އޭނާގެ މޫނު ފެންނަލެއް މާ ރީއްޗެވެ.
"ކޮފީ ހިހޫ ވަނީ-" ނަވްޝީން އިސް ޖަހައިލިއެވެ. ކަމާލް އޭނާގެ ބަރު އަތް ނަވްޝީންގެ ހިމަ ހިމަ އިނގިލިތަކުގެ މަތީގައި ބާއްވައިލިއެވެ. "ނަވްޝީނަށްވެސް އަޅުގަނޑު ރަނގަޅުތޯ-؟"
"ލައްބަ-" އޭނާ ހިނިތުންވެލިއެވެ.
"ކިހައި ވަރަކަށްތޯ-؟"
"މީގެ ކުރީން ދުވަހަކުވެސް އެއްވެސް މީހަކު ރަނގަޅު ނުވާ ވަރަށް-"
ކަމާލްގެ ހިތުގައި އެއް ފަހަރާ އެތައް ބައްތިއެއް ދިއްލިގެން ދިޔައެވެ. ލިބުނު އުފަލެއްގެ ބޮޑު ކަމުން ނަވްޝީންގެ އަތަށް ވަރަށް ބާރަށް ފިތައިލެވުނެވެ. ނަވްޝީން ހީނގަތެވެ.
* * *
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ރާސްތާ ކަޑައްތު ކުރެވިއްޖެއެވެ. ސީދާ ތެދު ބަހުން ވާހަކަ ދައްކާ ޒުވާނާ އަކީ ނަވްޝީނަށް ވަރަށް ކަމުދާ މީހަކަށް ވެއްޖެއެވެ. އޭނާގެ ވާހަކަޔަކު ފުލޯކެއް ނުހިމެނެއެވެ. އެއީ އިޚްލާޞްތެރި މާތް މީހެކެވެ. ލޮލުން ފެންނަނީ ތެދުވެރި ލޯބީގެ ވިދުވަރެވެ. ފާޙިޝް އެދުންވެރިކަމުގެ ކުލަވަރެއް ނޫނެވެ. ދެ ފުށް މުޅީން އެއްގޮތެވެ. މިހާރަކަށް އައިސް މި ފެންނަ މުއްސަނދި ޒުވާނުން ހަދާހެން ފޮނި ވާހަކަ ދައްކައިގެން މީހާ ގޯނި ފުލަށް ލާކަށް މަސައްކަތެއް ނުކުރެއެވެ. ލޯބި ވެގެން ގޮސް އުޑުން ތަރި ބާލައިދޭކަށް ވަޢުދެއް ނުވެއެވެ. އާދައިގެ ބަހުރުވައިން އޭނާޔާ ރުހޭކަން ހާމަ ކުރީއެވެ. އޭނާ މި ސާދާ ކަމުގެ ސަބަބުން ނަވްޝީނަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.
ކޮންމެ ދުވަހަކު ހަވީރު ކަމާލް ނަވްޝީންގެ ގެއަށް އާދެ އެވެ. ބައެއް ދުވަސް ދުވަހު ދެ މީހުން އެކީގައި ކާރު ދުއްވާލާން ނުވަތަ ހިނގާލަން ދެއެވެ. ބައެއް ދުވަސް ދުވަހު ގޭގެ ފެންޑާގައި ތިބެގެން ވާހަކައިގައި އެތައް ގަޑިއެއް ހޭދަ ކޮށްލައެވެ. ނަވްޝީން ވަނީ ކަމާލްގެ ލޯބީގައި މަސްތު ވެފައެވެ. ކަމާލް ބުނި ކޮންމެ ކަމެއް އޭނާ ކުރެއެވެ. ކްލަބަށް ނުދާށޭ ބުނި ދުވަހުން ފެށިގެން ކްލަބަކަށް ނުދެއެވެ. ފިރިހެނުންނާ މާ ބޮޑަށް ގައިގޯޅި ވެގެން އުޅުމަކީ ކަމާލް ރުހޭ ކަމެއް ނޫންކަން އެނގުނު ދުވަހުން ފެށިގެން ފިރިހެނުންނާ ދުރުހެލިވާން ފަށައިފިއެވެ. ހުޅަނގުގެ ގޮތައް ހެދުން އެޅުން ދޫކޮށް އިރުމަތީގެ އިސްލާމީ ގޮތަށް އެނބުރޭށޭ ބުނުމާއެކު ހުޅަނގުގެ އޮރިޔާން ހެދުމަށް އަލްވަދާޢު ކިޔައިފިއެވެ. ހުރިހައި ގޮތަކުން ކަމާލް ރުހޭ ގޮތަށް ބަދަލު ވެގެންފިއެވެ. މި ބަދަލުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ހިތް ހަމަ ޖެހުމެއް ލިބުނެވެ. ނޭނގޭ ބާވަތެއްގެ އުފަލެއް އިޙްސާސް ކުރެވުނެވެ. ކަމާލްގެ މައްޗަށް އޭނާގެ ހިތުގައި އޮތް ލޯބި އެތައް ގުނައަކަށް އިތުރު ވެގެން ދިޔައެވެ.
ބާރަ ސަތޭކަ ރުފިޔާގެ މުސާރަ ލިބޭ އާދައިގެ މީހަކާ އެ މީހުންގެ ދަރިފުޅާ އެކަށީގެންވާ ގޮތެއް ނަވްޝީންގެ މައިންބަފައިންނަކަށް ނުފެނުނެވެ. އެހެން ނަމަވެސް ލޯބިވާ ދަރިފުޅުގެ ހިތް ހަލާކު ކޮށްލުމަކީވެސް އެ ދެމަފިރިންނަކަށް ކުޅަދާނަ ކަމަކަށް ނުވިއެވެ.
މަންމަ އޭނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. "މަންމަގެ ފުރާނަޔާ- ދަރިފުޅު ތިޔަ އިނީ އޭނާގެ ލޯބީގައި ކަނު ވެފައި- އެއީ އާދައިގެ ނިކަމެއްޗެއް- މުއްސަނދި ޢާއިލާތަކުގެ އެކަށީގެންވާ ޒުވާނުން އެ ތިބީ ދަރިފުޅަށް އެދިއެދި- އޭނާ މިހާރުވެސް ދަރިފުޅު އާދައިގެ، ބޯދާ، ގެވެހި އަންހެނަކަށް ހަދައިފި- ދަރިފުޅުގެ ގައިގައި ހުރި މި ޒަމާނުގެ ގޮތް ކެނޑި، މުސްކުޅިންގެ ދަރަޖައަށް ވެއްޓިއްޖެ- އޭނާޔާ ގުޅުމަކީ ފަހުން ރޮއި، ހިތާމަ ކުރަން ޖެހޭނޭ ކަމެއް- އޭނާ ދަރިފުޅާ އެކަށީގެންނެއް ނުވޭ- ހެޔޮ ނުވާނެ- ހަމަ ވިސްނުމުގެ ބޭނުން ކުރޭ-"
"މަންމާ- އޭނާ އެއީ ކޮންމެ ދަރަޖައެއްގެ މީހަކަށް ވިޔަސް ހެޔޮ- އަޅުގަނޑު ރުހެނީ އޭނާޔާ- އޭނާޔާ ނުލައި އަޅުގަނޑަކަށް އެއްވެސް އުފަލެއް ނުލިބޭނެ-"
މަންމައަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
* * *
އެ ދުވަހު ހަވީރުވެސް ކަމާލް އެ ގެއަށް އައެވެ. އޭނާއާ ބައްދަލު ކުރަން ނަވްޝީން ދޮރާށި ދޮށަށް ނުކުތެވެ. ނަވްޝީންގެ މޫނުމަތީން ފެންނަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
"ކިހިނެއްވީ-؟ މަލެއްހެން ފޮޅިފައި ތިޔަ އިނީ، މާ ބޮޑު އުފަލެއް ލިބިގެންތަ-؟" ކަމާލް، ނަވްޝީން ދިއްކޮށްލި އަތުގައި ހިފައިފިއެވެ.
އޭނާ ހީނގެންފައި ބުންޏެވެ. "މާދަމާ ނޫން އަނެއް ދުވަހަކީ އަހަރެންގެ އުފަން ދުވަސް- އެ ދުވަހު ބާއްވާ ޕާޓީގައި ބައްޕަ އަހަރެމެން ދެ މީހުންގެ ކާވެނި އިޢުލާން ކުރައްވާނެ- އަހަރެން އުފަލުން މިހިރީ އެހެން ވެގެން-"
"ބަލަ، ތިޔަ ކަހަލަ ކަންތައްތައް ތިޔަހައި ފާޅުކޮށް ހާމަ ކުރުމަކީ އަންހެނުންގެ ގޮތެއް ނޫން- އަންހެނުން ޖެހޭނީ ލަދު ގަންނަން-"
ލަދުން ގޮސް ނަވްޝީންގެ މޫނުގެ ކުލަ ރަތް ކުލައަށް ބަދަލު ވެގެން ދިޔައެވެ. "އަހަރެން ލަދު ގަންނާކަށް ނުދަންނަން- ކަންތައްތައް ދަސްވާނީ ލަސް ލަހުންނެއްނު-؟"
ކަމާލް އޭނާގެ ކުލަ ބަދަލު ވަމުންދާ މޫނަށް ބަލައިލިއެވެ. އަދި އަތަށް ފިތައިލާފައި ބުންޏެވެ. "އަހަރެންގެ ލޯބިވާ ބީފާނު- ލަދޭ ކިޔަނީ މޫނުމައްޗަށް އަރަމުން ތިޔަދާ ކުލަތަކަށް-"
ނަވްޝީން ވަރަށް ބާރަށް ހީނގަތެވެ.
* * *
އޭނާގެ އުފަން ދުވަސް އަތުވެއްޖެއެވެ. ނަވްޝީންގެ ގެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. ކުލަ ބޮތްކާއި އެކި ވައްތަރުގެ މާ ގަސްތަކުން ފުރިފައެވެ. އަގު ބޮޑު ހެދުން އަޅައިގެން ތިބި މުއްސަނދި މެހްމާނުން އެކި ބާވަތުގެ ބުއިންތަކަށް އިންސާފު ކުރަމުން ދަނީއެވެ. މޮޅު، ފަށުވި ހެދުން އަޅައިގެން، އަގު ބޮޑު ގަހަނާއިން ހަށިގަނޑު ފަޅުފިލުވައިގެން ތިބި އަންހެނުންގެ ހުނުމުގެ އަޑުން ފަޒާ ވަނީ ގުގުމާލާފައެވެ. މެހުމާނުންގެ ތެރޭގައި ކަމާލް ދަންނަ މީހުން ވަރަށް މަދެވެ. އޭނާ ކަޅި ހިންގަމުން ގެންދަނީ ނަވްޝީން ފެނޭތޯއެވެ. އެ ވަގުތު ނަވްޝީންގެ މަންމަ އައިސް ދެތިން މެހްމާނުންނަށް އޭނާ ތަޢާރަފް ކޮށް ދިނެވެ. ކަމާލް އެ މީހުންނާ ވާހަކަ ދައްކާން ފަށައިފިއެވެ. ވާހަކަ ދައްކަމުން ދިޔައިރުވެސް އޭނާ ދިޔައީ އެކި ދިމަ ދިމާއަށް ކަޅި ހިންގަމުންނެވެ. ނަވްޝީން ފެންނާކަށް ނެތެވެ. އެންމެ ފަހުން ނުހުރެވިގެން ނަވްޝީންގެ މަންމަޔާ ސުވާލު ކޮށްލިއެވެ.
"ނަވްޝީން ކޮބައިތޯ-؟"
"ތައްޔާރު ވަނީ- އިރުކޮޅަކުން އަންނާނެ-"
ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަވްޝީން އަތުވެއްޖެއެވެ. އޭނާ ފެނުމުން ކަމާލަށް ސިކުންތެއްގެ ތެރޭގައި އެތައް ފަހަރަކު އެސްފިޔަ ޖެހުނެވެ. ލޮލަށް ފެންނަ މަންޒަރު ޤަބޫލު ކުރަން ދަތި ވާކަހަލަ ގޮތަކަށެވެ. ނަވްޝީން ހީވަނީ ދެންމެއަކު ހަވައިން ފޭބި ޕަރީއެއް ހެންނެވެ. ކަމާލަށް އޭނާގެ ހެޔޮ ނަސީބާމެދު ޝައްކު ކުރެވެން ފަށައިފިއެވެ. މި، ރީތީގެ ރާނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މިލްކަކަށް ވެދާނެއެވެ.
ޙަސަން ސަޢީދު، ކަމާލާއި ނަވްޝީނާ ދެ ކުދިން ގޮވައިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ އިސްޓޭޖެއްގެ މައްޗަށް އަރައި ކާވެނީގެ އިޢުލާނު ކޮށްފިއެވެ. މުޅި ތަނަށް އަތްތިލަބަޑީގެ އަޑު ވެރިވެގެން ދިޔައެވެ.
ޕާޓީ ނިމުމުން ކަމާލް، ނަވްޝީން ގޮވައިގެން ގޭގެ ހުޅަނގު ފަރާތު ފެންޑާއަށް ނުކުމެއްޖެއެވެ. މިއަދު ނަވްޝީން، ކަމާލު ދެކެވެސް ލަދު ގަންނަން ފަށައިފިއެވެ. އޭގެ ހެކިތައް މޫނުމަތިން އޮޅުމެއް ނެތި ފެންނާން ހުއްޓެވެ. ތުންފަތް މައްޗަށް ވެރިވެފައި ވަނީ ލަދުވެތި ހިނިތުންވުމެކެވެ. ކުލަކުލައިގެ މާމެލާމެލިން ޒީނަތްތެރި ކުރެވިފައިވާ ފެންޑާގައި ދެ މީހުން އެކަަކު އަނެކެއްގެ ލޯބީގައި މަސްތު ވެފައި ހިމޭނުން ތިއްބެވެ. ހިނދުކޮޅަކު އެހެން ތިބުމަށްފަހު ކަމާލް ނަވްޝީންގެ ކޮނޑުގައި މަޑުމަޑުން ހިފައިލިއެވެ. "ނަވްޝީން-"
ނަވްޝީން ހިނިތުން ވެލާފައި އޭނާޔާ ދިމާއަށް ބަލައިލާފައި އިސް ޖަހައިލިއެވެ.
"ނަވްޝީން- އަހަރެންގެ ދިރިއުޅުމުގެ ހުރިހައިވެސް އުފަލަކީ ތިޔައީ-"
"ކަމާލް- ތިޔައީ އަހަރެންގެ ފޮނި ހުވަފެންތަކުގެ ތަޢުބީރު-"
އޭނާ ނަވްޝީން ގެެނެސް މޭގައި ޖައްސައިލިއެވެ. ދެ މީހުންގެ ނޭވާގެ ހޫނުކަން ގުޅިއްޖެ އެވެ. ރީތި، އުފާވެރި ހުވަފެންތަކުގެ ދުނިޔެއަށް ހިތް ދަތުރު ކުރަން ފަށައިފިއެވެ. މި ގޮތުގައި އިރުކޮޅެއް ވުމަށްފަހު ތަނަށް ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވައިލީ ނަވްޝީނެވެ.
"އަހަރެންނަށް ދޭން ގެނައި ހަދިޔާ ކޮބާ-؟"
"ހަދިޔާ އަކީ މިއީ... އަހަރެން-"
"ތިޔަ ހަދިޔާ އަހަރެންގެ ފުރާނައަށް ވުރެވެސް އަގު ބޮޑު-"
* * *
އެ ދުވަހުން ފެށިގެން ބަރާބަރު ދެމަސް ފުރިހަމަވީ ދުވަހު ނަވްޝީން ކަމާލްގެ މިލްކަކަށް ވެއްޖެއެވެ. ދެ މީހުންގެ ކާވެނި ކުރެވިއްޖެއެވެ. ކަމާލްގެ ދެ ކޮޓަރީގެ ފްލެޓަށް ބަހާރު މޫސުމް އަތުވެއްޖެ އެވެ. އަބަދާއި އަބަދު ހިމޭންކަން ވެރިވެފައި އޮންނަ ފްލެޓުން ހުނުމާއި އުފާވެރިކަމުގެ އަޑު އިވޭން ފަށައިފިއެވެ. އެ ދެމަފިރިން އެ މީހުންގެ އުފާވެރި ދުނިޔެއަށް ގެއްލިއްޖެ އެވެ. ވަގުތު އުފާވެރިކަމުގެ މާތައް ހޮވައިގެން ގެނެސް އެ ދެ މީހުންގެ އުނގަށް އަޅައިލިއެވެ. ނަވްޝީން މީގެ ކުރިން ބަދިގެއެއްގެ ފޮޓޯވެސް ނުދެކެއެވެ. އެކަމަކު މިހާރު ކަމާލަށް ކައްކައިފައި ކާން ދެނީ އޭނާއެވެ. ގޭތެރެ ފޮޅައި ސާފު ކުރަނީ އޭނާއެވެ. ކަމާލްގެ އެކިއެކި މަސައްކަތްތައް ކޮށް ދިނުމަކީ އޭނާގެ އުފަލެކެވެ. ބައެއް ރޭރޭ ދެ މީހުން އެކީގައި ބައިސްކޯފަށް ދެއެވެ. ބައެއް ރޭރޭ މަންމަމެން ދެކިލާން އެ ގެއަށް ދެއެވެ. ދިރިއުޅުން ވޭތު ވަމުން ދަނީ އުފާވެރިކަމާއި ހިތް ހަމަޖެހުމާއެކީގައެވެ.
އެހެން ނަމަވެސް ދުވަސްކޮޅަކުން މި ހިތް ހަމަ ޖެހުމާއި އުފާވެރިކަން ދެކެ ނަވްޝީން ފޫހިވާން ފަށައިފިއެވެ. މަސައްކަތް ކުރާ ހިތް ކެނޑޭން ފަށައިފިއެވެ. އެއް ރެއަކު ދެކެވުނު ވާހަކައެއްގެ ތެރޭގައި އޭނާ ކަމާލަށްވެސް އެ ކަން އަންގައިފިއެވެ.
(ނުނިމޭ)
ވަރަށްވެސް ރީތި
ބައެއް އަންހެނުންގެ ވައްތަރު ކޮންމެވެސް ސިއްރެއް ތިކަމުގާ
އޮންނާނެ! އަންހެނަކަށް ދެރަބަހެއް ނުބުނާނަން!
ދެވަނަ ހިޔަންޏެއްގެ ހިޔަނި އެޅެން ފެށެނީބާ؟
ކަމާލް ބިނާކުރި ގަނޑުވަރުގައި ރެނދުލަނީބާ؟
ހީވަނީ އެހެން!