(30 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކަމާލް- ގޭގައި ގެންގުޅޭނޭ މީހަކު ހޯދާ- މި ހުރިހައި މަސައްކަތެއް އަހަރެން އެކަނި ކުރެވޭ ވަރެއް ނުވޭ-"
ކަމާލް ލޯތްބާއެކު ނަވްޝީން ގަޔާ ކައިރިކޮށް ފިއްތައިލިއެވެ.
"އަހަންނަކީ ވަރަށް ކުޑަ ކުޑަ މުސާރައެއް ލިބޭ އާދައިގެ މީހަކީން- ތިޔަ ހުރިހައި ކަމެއް ފުރިހަމަ ކުރާނޭ ފެންވަރެއް އަހަރެންގެ ގަޔަކު ނެތް- އެހެން ނޫނަސް ބީފާނުގެ ޚިދުމަތުގައި ބީފާނުގެ ފިރިމީހާ މިހިރީއެއްނު-؟"
އެ ދުވަހުގެ ވާހަކަ އެ ހިސާބުން ނިމުނީއެވެ. އެހެން ނަމަވެސް ދުވަސްކޮޅަކުން އަނެއްކާވެސް އެ ޝަކުވާޔާ ޖެހިއްޖެ އެވެ.
"މި ހުރިހައި މަސައްކަތެއް އަހަރެންނަކަށް ނުކުރެވޭނެ-"
ލޯބީގެ މަސްތު ފިލުމާއެކު ނަވްޝީނަށް މިހާރު އުޅެވޭ ދިރިއުޅުން ކަމުނުދާ ގޮތް ވާން ފަށައިފިއެވެ. އެއްވެސް މަޖަލެއް ނެތް ފޫހި ދިރިއުޅުމަކަށް ވެއްޖެ އެވެ. އަބަދު ހުންނަނީ ތުން ދަމައި އޫ ކޮށްގެންނެވެ. ކަމާލަކާވެސް އިހަށްހެން ހިތް ހަމަ ޖެެހިގެން ލޯތްބާއެކު ވާހަކަ ދައްކާ ތަނެއް ނުފެނެއެވެ. މިކަން ކަމާލަށްވެސް އިޙްސާސް ކުރެވެއެވެ. އެހެން ނަމަވެސް އޭނާ ޝަކުވާއެއް ނުކުރެ އެވެ.
ކަމާލްގެ ކުޑަ ކުޑަ ފްލެޓްގެ އުފާވެރިކަން ގެއްލިއްޖެ އެވެ. ނަވްޝީން ކުރެވުނު މޮޔަ ކަމުގެ މައްޗަށް ހިތާމަ ކުރަން ފަށައިފިއެވެ. މަންމަ ގެ ނަޞޭޙަތް ހަނދާން ވުމުން ހުރިހައި ކަމެއް ދޫކޮށްލައިފައި އޭނާގެ ގަނޑުވަރެއް ކަހަލަ ގެއަށް އެނބުރި ހިނގައިދާނަމޭ ހިތަށް އެރިއެވެ. އެ ގެއަށް ވާރޭ ވެހޭހެން ފައިސާ ވެހެއެވެ. ސަފު ސަފަށް ނޯކަރުން ތިބެއެވެ. ދުނިޔޭގެ ހުރިހައި އަރާމެއް ބޭނުން ކޮންމެ ހިނދެއްގައި ލިބެއެވެ. އެހެން ނަމަވެސް ކަމާލްގެ ލޯބި ދޫކޮށްލައިފައި ދާކަށް އޭނާއަކަށް ނުކެރުނެވެ.
އެއްވެސް ކަމަކަށް ބަދަލެއް ނައެވެ. ކެނޑިނޭޅި ކޮންމެ ދުވަހަކު މަސައްކަތް ކުރާން ޖެހުމުން ވާ ފޫއްސާއި އަންނަ ރުޅީގެ ދިލަ ސިކުނޑިއަށް ފޯރައިފިއެވެ. އޭނާގެ ހިތަށް އަރައެވެ. މިއީ ދިރިއުޅުމެއް ހެއްޔެވެ؟ ދުވާލު ހަތަރުދަމު މަސައްކަތެވެ. ރޭގަނޑު ހަތަރުދަމު ފިރިމީހާއަށް ޚިދުމަތް ކުރުމެވެ. ދަތުރު ދިއުމެއް ނެތެވެ. ޕާޓީއެއް ނެތެވެ. ނެށުމެއް ނެތެވެ. ހުނުމެއް، ލަވަ ކިއުމެއް، ހަޅޭއް ލެވުމެއް ނެތެވެ. ހީވަނީ ޢާއިލާގެ އެންމެން އެއް ފަހަރާ މަރު ވެގެން ދިގު ހިތާމައެއްގައި ތިބީހެންނެވެ.
އެ ދުވަހު ކަމާލް އޮފީހުން އައި އިރު އޭނާ ހުރީ އިސްތިރި ކުރާށެވެ.
މޫނު މަތިން ފޫހިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ކަމާލު އައިކަން އެނގުނު ކަމަކަށްވެސް އޭނާ ނުހެދިއެވެ.
"އައްދޭ- ބީފާނު މިއަދު ހާދަހާ ހިމޭން ދުވަހެކޭ-"
އޭނާ މިފަދަ ދަނޑިވަޅަކަށް ބަލަބަލާ ހުންނަތާ ކިތަންމެ ދުވަހެކެވެ. ފުރުޞަތު ލިބުމާއެކު އަމުނައިގެންފިއެވެ.
"މި ކަހަލަ ތާޒާ ކަމެއް ނެތް ދިރިއުޅުމެއް އަހަރެން ބޭނުމެއްނޫން- މުޅިން ފޫހިވެއްޖެ- އެއްވެސް ކަހަލަ އުފަލެއް، މަޖަލެއް ނެތް- އަބަދާ އަބަދު މަސައްކަތް- ރޭ ވުމާއެކު ނިދަނީ- ހެނދުނު ތެދުވެ އަނެއްކާވެސް މަސައްކަތް- އަހަންނަކަށް ދެނެއް ނުވާނެ-"
ކަމާލް އޭނާގެ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާގެ ހިތަށް އަރާ، ފައިބާނޭ ޚިޔާލުތައް ކަމާލަށް އިޙްސާސް ކުރެވެއެވެ. މި ގޭގައި އުޅުމުގައި އުފުލަންޖެހޭ އުނދަގޫވެސް އެނގެއެވެ. މަޑުމަޑުން ގޮސް އުނދަގޫ ޙާލުގައި އުޅެން އާދަ ވެދާނެއޭ ހިތަށް އަރާފައި އަޅާނުލީއެވެ. އޭނާ އުފާ ކުރުވުމުގެ ގޮތުން ބުނެލިއެވެ. "ހިނގާ ބައިސްކޯފަށް ގޮސްލަން- އޭރުން ފޫހި ފިލައިފާނެ-"
"ބައިސްކޯފަށް ގެންދިޔައިމާ އަހަންނަށް މާ ބޮޑު ކަމެއް ކޮށްދެވުނީތަ-؟" ހަރުކަށި ކަމާއެކު ނަވްޝީން ބުނެލިއެވެ.
ޓައީގެ ގޮށް މޮހަމޮހާ ހުރި ކަމާލްގެ އަތަށް ހުއްޓުމެއް އައެވެ. ހިނދުކޮޅަކު ހިމޭނުން ނަވްޝީންގެ ރުޅިވެރި މޫނަށް ބަލަން ހުއްޓެވެ. އެއަށްފަހު ނަވްޝީންގެ ކައިރިއަށް އައިސް މަޑުމައިތިރި ކަމާއެކު އަހާލިއެވެ.
"ނަވްޝީން- ކޮން ކަމެއް ބޭނުން ވެގެން ތިޔައުޅެނީ-؟"
"އަހަރެން ބޭނުންވެގެން އުޅޭކަންތައް ކަމާލަށް ލިބޭ މުސާރަޔަކުން ނުވާނެ-" އޭނާ ބޭނުންވަނީ އަރާރުން ވާށެވެ.
ނަވްޝީންގެ ރާގާއި، އަޑު ހުރިގޮތުން ކަމާލްގެ ނިތްކުރިއަށް ދެ ތިން ރޫ އެރިއެވެ. ހިނދުކޮޅަކަށް ބަލަހައްޓައިގެން ހުރުމަށް ފަހު ތަންކޮޅެއް ބާރަށް ބުންޏެވެ. "ތިޔަ ހުރިހާ ކަމަކާ މެދު ކުރިން ނުވިސްނީ ކީއްވެގެން-؟ އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން- ބޭރަށް ނުކުމެ އަބަދު ކުޅިވަރާއި މަޖަލުގައި މުޅި ދުވަސް ހޭދަކުރަން ބޭނުންނަމަ ނަވްޝީން ކަހަލަ މަތީފެންވަރުގެ މީހަކާއި އިންނަމަ..."
"އޭރު ކަމާލްގެ ޖާދޫ އަހަރެންގެ ސިނކުޑިއަށް ޖެހުނީ- މިހައި ބޮޑު ގޯހެއް ހެދުނީ އެހެންވެގެން-"
ކަމާލް ދިޔައީ ސިއްސައިގެންނެވެ. ޙައިރާން ވީވަރުން އަނގަ ތަން މިނަށް ހުޅުވިއްޖެއެވެ. "އަހަންނާ އިނދެވުނީ ގޯހަކުންތަ-؟"
"އާނ- އެއީ ވަރަށް ބޮޑު ގޯހެއް- އަހަންނަށް މި ލިބެނީ މަންމަގެ ބަސް ނޭހި ކަމުގެ އަދަބު-"
ކަމާލަށް ބުނާނޭ އެކައްޗެއްވެސް ނޭނގުނެވެ. މިއީ އޭނާ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވީ އަންހެންކުއްޖާއެވެ. ތިމާގެ ފެންވަރުން ދުނިޔޭގެ ހުރިހައި އުފަލެއް ހޯދައިދޭން ރެޔެއް ދުވާލެއް ނުބަލާ މަސައްކަތް ކުރާ ކުއްޖާއެވެ. އެފަދަ ލޯތްބަކާއެކު ހިތުގެ އެންމެ އަޑީގައި ވަޑުވައިގެން ގެންގުޅުނު އަންހެންކުއްޖާ ދެކޭގޮތުގައި އޭނާޔާ އިނދެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އޭނާގެ މޫނުމަތީގައި ކޮކާބުރަން ފަށައިފިއެވެ. އަނގައިންވެސް ނުބުނެ ސިނގިރޭޓް ބޯން ދާލަމަތީގައި އިނދެވުނީ ކިހައި އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. އެރޭ ދެމީހުން ކުރެ މީހަކު ނާސްތާއެއް ނުކުރައެވެ. ދެ މީހުން ދެ ފަރާތަށް އެނބުރި ތިބެގެން ހުސް ބަނޑާ ނިދީއެވެ. މިއީ ކައިވެނީގެ ފަހުން ދެ މީހުން އަރައިރުންވީ ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ކަންތައް ހިނގާ އާދަޔަކަށް ވެއްޖެއެވެ. ދިރިއުޅުމުގެ ސަވާރީ ރީތި، އޮމާން ރާސްތާ ދޫކޮށް އުނދަގޫ، އަޑިގުޑަން ރާސްތާއެއްގައި ދަތުރު ފަށައިފިއެވެ. ދެމީހުންގެ ދޭތެރެ އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ދުރު ވަމުންނެވެ. ނަވްޝީންގެ މޫނުމަތިން އަނދިރިކަމެއް ނުފިލިއެވެ. ކަމާލް ދިޔައީ ކަންތައްތައް ރަނގަޅުވޭތޯ ކެތް ކުރަމުންނެވެ. އެހެންނަމަވެސް މައްސަލަތައް ދިޔައީ ބޮޑުވަމުން، ކުރި ފަޅަމުންނެވެ. ނަވްޝީންގެ ޝަކުވާތައް ދިޔައީ އިތުރު ވަމުންނެވެ.
* * *
ސަމްރީން ވިހެއުމުން އަނެއްކާވެސް ދެމީހުން ގާތްވެއްޖެއެވެ. ގޭތެރެއަށް ހަމަ ޖެހުން އަތުވެއްޖެއެވެ. އުފަލާއި، ހިނިތުންވުން އެނބުރި އަންނާން ފަށައިފިއެވެ. އެހެންނަމަވެސް މިގޮތުގައި މާގިނަ ދުވަހެއް ނުވިއެވެ. ނަވްޝީންގެ މޫނުމަތި އަނެއްކާވެސް އަނދިރި ވެއްޖެއެވެ. ސަމްރީނަކީ އޭނާގެ މައްޗަށް އޮތް ބޮޑު ބުރައެއް ކަމުގައި ދެކެން ފަށައިފިއެވެ. އޭނާގެ މިނިވަންކަމަށް އެޅިފައިވާ ހުރަހެއް ކަމަށް ބަލަން ފަށައިފިއެވެ.
"ކަމާލް- އާޔާއެއް ހޯދާ- ކުދިން ބެލުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއްނޫން-"
ކަމާލަށް ލިބުނީ ކުއްލި ސިހުމެކެވެ. ނަވްޝީނާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.
"ނަވްޝީން- ތިޔަ ކިޔަނީ ކީކޭ-؟ ސަމްރީނަކީ ނަވްޝީންގެ އުފަން ދަރިއެއްނު- ތިޔަ އުޅެނީ އެކުއްޖާފުޅު މަންމަގެ ލޯބިން މަޙްރޫމް ކޮށްފައި އާޔާއަކާ ޙަވާލު ކުރަންތަ-؟"
"ކަމާލް ދައްކާނީ ތިޔަ ކަހަލަ ފިލްމީ ވާހަކަ ކަން އަހަންނަށް އެނގޭ- ކަމާލްމެން އުޅެ ބޮޑުވި މާޙައުލުގައި އާޔާއަކީވެސް، ދޮންނަ މީހަކީވެސް، ކައްކާ މީހަކީވެސް އަނބިމީހާ- އަނބިމީހާ އިންސާނަކަށް ނުވޭ- ކަމާލް ބޭނުން ވަނީ އަހަންނަށްވެސް އެހެން ހަދަން- އެއީ އަހަރެން އެއްގޮތަކަށްވެސް ބޭނުން ގޮތެއްނޫން- އެ ހުރިހައި ބުރައެއް އަހަންނަކަށް ނޫފުލޭނެ-"
"ބުރައޭ-؟"
ކަމާލަށް އޭނާގެ ކަންފަތައް އިވުނު އަޑު ގެ މައްޗަކަށް ޔަޤީނެއް ނުކުރެވުނެވެ. މަޔަކު އޭނާގެ ދަރިއަކީ ބުރައެއް ކަމަށް ބުނަނީއެވެ. ކަމާލް އަނގައިން ވެސް ނުބުނެ ސަމްރީން ކޮނޑު މަތީގައި ބާއްވައިލައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ނަވްޝީން ނަލަ ވެގެން އޭނާގެ ރައްޓެހި ކުއްޖެއްގެ ގޭގައި އޮތް ޕާޓީއަކަށް ހިނގައްޖެއެވެ.
ވިދިގެން އައި ދުވަހު ކަމާލް އޭނާގެ ދަރިފުޅު ބަލާނޭ އާޔާއެއް ހޯދައިފިއެވެ. އާޔާ އާއި ދަރިފުޅު ޙަވާލުކުރި ވަގުތު ކަމާލް ގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. ނަވްޝީނަށް ފުރިހަމަ މިނިވަންކަން ލިބުނީއެވެ. އޭނާއާ ވާހަކަ ދެއްކުމާއި، ވިސްނައި ދިނުން ކަމާލް މުޅިން ހުއްޓައިލައިފިއެވެ. އޭނާ އުޅޭނޭ ގޮތަކަށް އުޅޭން ދޫކޮށްލީއެވެ. ކަމާލް ހިމޭން ކަމާއެކެ މަންޒަރު ދެކެން ހުންނަނީއެވެ. ނަވްޝީންގެ ދިރިއުޅުމަށް އޭނާ ބޭނުންވެގެން އުޅުނު ބަހާރު މޫސުމް އަތުވެއްޖެއެވެ. ކްލަބަށް ދިޔުމާއި، ޕާޓީތަކަށް ދިޔުން އާދަކޮށްފިއެވެ.
އޭނާގެ ހިތަށް އަރައެވެ.
ޙަޤީޤީ ދިރިއުޅުމަކީ މިއީއެވެ. މި ރީތި ކަމާއި، ވިދުވަރެވެ. އުފާވެރި ހުނުމާއި، ތޫނު ނަޒަރެވެ. ލޯ، ތަރަތަރަ ޖަހައިގެންދާފަދަ ގަދަ އައްޔާއި، ކަންފަތަށް ކިރިޔާ ކުޅަދާނަ ވާވަރުގެ ގަދަފަދަ އަޑެވެ. މިއުޒިކެވެ. ލަވަކިޔުމެވެ. އައު ތަހުޒީބުގެ ކުލަވަރެވެ. ޙަޤީޤީ ދިރިއުޅުމަކީ މިއީއެވެ.
ގޭތެރޭގައި އިނދެގެން ނަގައި ލެވުނު ދެއަހަރުގެ މަތީން ހަނދާން ވުމުން އޭނާ ދެރަ ވެއެވެ. ބޭކާރު ކޮށްލެވުނު ކޮންމެ ސިކުންތެއްގެ ބަދަލު ހޯދަން އޭނާ ބޭނުން ވެއެވެ. ކޮންމެ ދުވަހަކު އިރު އޮއްސުމާ އެކު އޭނާ ތައްޔާރު ވެގެން ކްލަބަށް ދެއެވެ. ކަމާލް އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން ހުންނަނީއެވެ. އޭނާގެ ހިތް ހިލޭ ހަދިޔާކުރި އަންހެންކުއްޖާ އޭނާގެ ދިރިއުޅުން އަލިފާންގަނޑަކަށް ހެދީއެވެ. އެ ވަރުން ވެސް ކަމާލް އުއްމީދު ކަނޑައެއް ނުލައެވެ. އަނެއްކާވެސް ނަވްޝީނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީއެވެ.
"ނަވްޝީން ތިޔަހައި ބޮޑަށް ބަދަލުވީ ކީއްވެގެން-؟ މީގެ ކުރިން ނަވްޝީން އަހަރެންގެ އުފަލަށްވެސް ބަލާ- އަހަރެންގެ ހުއްދަޔާ ނުލައި އެއްވެސް ކަމެއް ނުކުރޭ- މިހާރު ބޭނުން ގޮތަކަށް ކަންތައް ކުރަނީ ކީއްވެގެން-؟ ތިޔަ ބަދަލުގެ ސަބަބުން ޙާލަތު ބަދަލު ވެފައި ވާ ގޮތް ނިކަން ދެކިބަލަ ނަވްޝީން- އަހަރެމެންގެ އުފާވެރި ދުނިޔެއަށް އެނބުރި އާދޭ- ފިރިމީހާގެ ލޯތްބާއި، ދަރިފުޅުގެ މަޢުސޫމު ދުނިޔެއަށް އެނބުރި އާދޭ-"
"ތިޔަ ހުރިހައި ކަމަކަށް އަހަރެން ނަފްރަތު ކުރަން- ތިޔަ ކަހަލަ ބޭކާރު ދިރިއުޅުމަށް އަހަރެން ކުޅު ޖަހަން-" ނަވްޝީން ރުޅިވެރިކަމާއެކު ބުންޏެވެ.
ކަމާލްގެ އުއްމީދުތައް އަނެއްކާވެސް ވަޔަށް ބުރައިގެން ދިޔައީ އެވެ. ހިތް ކަތިލެވުނީ އެވެ. އޭގެ ފަހުން ކަމާލް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަވްޝީނާ އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވައެވެ. ނަވްޝީން ބޭނުން ގޮތަކަށް އުޅެން ދޫކޮށްލީއެވެ. އޮފީހުން ގެއަށް އައިސް އަނެއް ދުވަހު އޮފީހަށް ދާން ވަންދެން އުޅެނީ ސަމްރީން ގޮވައިގެންނެވެ. ދަރިފުޅުގެ ހުރިހައި ކަމެއް ކުރަނީ އޭނާ އަމިއްލައަށެވެ. ރޭގަނޑު ނިންދަވަނީވެސް އޭނާގެ ކައިރީގައެވެ. މުޅި ދިރިއުޅުން ސަމްރީނަށް ވަގުފު ކޮށްފިއެވެ. ތުއްތު ދަރިފުޅުގެ ރުއިމުންވެސް ނަވްޝީނަކަށް އަސަރެއް ނުކުރިއެވެ. އަތް ދިއްކޮށްގެން މަންމަ އުރާލާތޯ ރޮއި، ކަރުނަ އޮއްސަން ފެށުމުން ކޮލުގައި ކޮއްޓައިލާފައި ނުކުމެގެން ދަނީއެވެ. ކަމާލް ދަރިފުޅު މޭގައި ޖައްސާ ފިއްތާލައެވެ.
"ނުރޮއި ދަރިފުޅާ- ދަރިފުޅުގެ މަންމައެއް ނެތް- މަންމަވަނީ މަރުވެފައި-"
އެ ދުވަސްވަރު ހުރިހައި އަންހެން ކުދިން ދުވަނީ ކްލަބަށް އައި އައު މެންބަރެއްގެ ފަހަތުންނެވެ. ވަޖާހަތުހައި ރީތި، ފިރިހެން ވަންތަ މީހަކު ކްލަބުގައި ނޫޅެއެވެ. އަދި އެހައި މުއްސަނދި މީހެއްވެސް ނޫޅެއެވެ. ވަޖާހަތު ފެނި އޭނާގެ ފެންވަރު އެނގުމާއެކު ނަވްޝީން އޭނާގެ މައްޗަށް ފިދާ ވެއްޖެއެވެ. ވަޖާހަތުވެސް ނަވްޝީންގެ ޖާދޫގައި ރަނގަޅަށް ޖެހިއްޖެއެވެ. ދެ މީހުން އެކީގައި ތަންތަނުން ފެންނަން ފަށައިފިއެވެ. ނަވްޝީންގެ ހިތަށް ހަމަ ޖެހުން ލިބިއްޖެއެވެ. ދިރިއުޅުން އުފާވެރި ކަމުން ފުރިއްޖެއެވެ. ގެޔާއި، ފިރިމީހާއާއި، ދަރިފުޅުގެ މަތީން ހަނދާން ނެތިއްޖެއެވެ. އެއީ ހަމައެކަނި ނަމަކަށް ވެއްޖެއެވެ. ކަމާލް އުދާސް ވެފައި ހުއްޓަސް އޭނާއަށް ވަރިހަމައެވެ. ދަރިފުޅު ރުޔަސް ފަރުވާލެއް ނެތެވެ. ގޭތެރޭ ތަރުތީބު ގެއްލި، ހަޑިވެފައި އޮތަސް އެންމެ ރަނގަޅެވެ. އޭނާ ވަނީ އޭނާގެ ރަން ދުނިޔެއަށް ގެއްލިފައެވެ.
ވިއްސާރަ ދުވަހެކެވެ. ވާރޭ ނުވެހުނަސް އުޑު މައްޗަށް ދަނީ ކަޅު ވިލާތައް ފެތުރެމުންނެވެ. ނަވްޝީން އިނީ ލޯގަނޑު ކައިރީގައި ކްލަބަށް ދާން ތައްޔާރު ވާށެވެ. މަޑުމަޑުން އިނގިރޭސި ލަވައެއް ކިޔާލަ ކިޔާލައެވެ. ކަމާލް ކޮޓަރިއަށް ވަން ވަގުތު އޭނާ އަށް ލޯގަނޑުން ފެނުނެވެ. ކަމާލަށް ވެފައި ވާގޮތް ފުރަތަމަ ފަހަރަށް އޭނާއަށް އިޙްސާސް ކުރެވުނެވެ.
އެކަމަކު އޭނާގެ ކުށެއް އެބަ އޮތް ބާވައޭ އޭނާގެ ހިތަށް އެރިއެވެ.
"ނަވްޝީން- މިރޭ ކްލަބަށް ނުގޮސް މަޑުކޮށްލާ-" ކަމާލް ނަވްޝީންގެ ކައިރިއަށް އައިސް ހުއްޓުނެވެ.
"ކިހިނެއްވީ-؟" އޭނާގެ ނިތްކުރިއަށް ރުލެއް އެރިއެވެ.
"ސަމްރީން ވަރަށް ބަލި-"
"ޑަކްޓަރަކަށް ދައްކާ-" އޭނާ ނިޔަފަތީގައި ކުލަ ޖައްސަމުން ފަރުވާ ކުޑަ ކަމާއެކު ބުނެލިއެވެ.
"އޭނާއަށް ޑަކްޓަރަކަށްވުރެ ބޭނުން ވަނީ އޭނާގެ މަންމަ-"
"އަހަންނަކީ އާޔާއެއް ނޫން- ބަލިވީމާ ދައްކަން ޖެހޭނީ ޑަކްޓަރަށް- އޭނާ ގެންގޮސް ޑަކްޓަރަށް ދައްކާ- އަހަރެންގެ ޕްރޮގްރާމް ކެންސަލެއް ނުކުރެވޭނެ- މިރޭ ކްލަބުގެ އަހަރީ ޙަފްލާ އޮންނާނެ-"
ކަމާލް ބަރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ނަވްޝީން ތައްޔާރު ވެގެން ނުކުތް ވަގުތު ސަމްރީން ރޮއިގަތް އަޑު އިވުނެވެ. ކޮންމެވެސް ކަހަލަ ވޭނެއްގައި ކެތް ނުކުރެވޭ ވަރު ވެފައިވާކަން ރުއިމުގެ އަޑުންވެސް އެނގެއެވެ. އޭނާ ކުޑަކޮށް މަޑުޖެހިލާފައި ނުކުމެގެން ހިނގައްޖެއެވެ.
އެރޭ ނަވްޝީން ގެޔަށް އައީ ކަމާލް ފެންޑާގައި ބޭރު ބަލަން ހުއްޓައެވެ. ވަޖާހަތުގެ ކޮނޑުގައި އެލިގަނެގެން ކާރުން ފޭބިތަން ފެނިފައި ކަމާލްގެ ރުޅި ސައްތައަށް އަރައިފިއެވެ. އޭނާގެ އަބުރު ތަހުޒީބުގެ ބާޒާރުގައި ނީލަން ކިޔަނީއެވެ. އޭނާއަކީ މަޑުމައިތިރި، ކެތްތެރިއެކެވެ. ޙިއްސުތައް ސަލާމަތުން ހުރި އަބުރުވެރިއެއްވެސް މެއެވެ. ނަވްޝީން ކޮޓަރިއަށް ވަންނަން އައި އިރު ކަމާލް ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ.
(ނުނިމޭ)
ވަރަށް ވަރަށް ރީތި
ކަމާލްއަށް އަނބިމީހާގެ އިހްސާސްތައް ދެނެނުގަނެވުން އެވެސް ގޯހެއް. ނައުޝީނަށް ވިސްނާއިރު އޮންނާނީ ހުރިހާއެއްޗެއް ގެއްލިފަ ހެން ހީވަނީ.
އެމީހާއަށް ނުއުފުއްލޭވަރު ބަރުއެއްޗެއް އުފުއްލަން ކަމާލު ކަހަލަ މާލީގޮތުން ބަލިކަށިމީހަކު އުޅުމުން ވާނެ ހަތަރެތި
ތިވަނީ ފުރަތަމަދުވަހުވެސް އެކަން ކަމާލަށް އެނގެންޖެހޭނެ
ފަޤީރަސް ދީންވެރި ގެވެހިކުއްޖަކު ޚިޔާރުކުރިނަމަ ތިހިތާމަ ކުރާކަށް ނުޖެހުނީސްކަންނޭގެ!!