(16 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ވަކި ކަމެއް ވެގެންނެއް ނޫނެވެ. އެދުވަސް ހަނދާނުގައި ބަހައްޓަން ވެގެންނެވެ." ޒަރޫން ބުންޏެވެ.
"އަންހެންކުދިންގެ އުފަންދުވަސް ނޯޓު ކުރަން ޒަރޫންއަށް ދިގު ރަޖިސްޓްރީ އެއް ބޭނުންވާނެ ނޫން ހެއްޔެވެ؟" ކަޝަފް މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"ނޫނެކެވެ. ރަޖިސްޓަރީއެއް ބޭނުމެއް ނުވާނެއެވެ. އަހަރެންގެ ހަނދާނުން ފުދޭނެއެވެ. އެހެންވީމާ އުފަންދުވަސް ބުނެދޭށެވެ." ޒަރޫން ބުންޏެވެ. އެހެންނަމަވެސް، ކަޝަފް ހުރީކީ އޭނާގެ އުފަންދުވަސް ޒަރޫންގާތު ބުނާގޮތަކަށް ނޫނެވެ. އެއީ މީހުންގެ އަމިއްލަ ޒާތީ މަޢުލޫމާތެއްކަމަށް ކަޝަފް ބުންޏެވެ.
"އަހަރެން މިބުނަނީ އަހަރުގެ ވާހަކަ ބުނެދޭކަށް ނޫނެވެ. ހަމައެކަނި މަހާއި ދުވަސް ބުނެލަ ދޭށެވެ!" ޒަރޫންވެސް އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. ކަޝާފްވެސް ދުލެއް ނުކުރެއެވެ. އެއްވެސް މީހަކު، އެ މަޢުލޫމާތު ނުދޭނެކަމަށް ބުނެ ކަޝަފް އެތަނުން ދެއެވެ. ޒަރޫންގެ އަނގަ ހުތްވިއެވެ. އަނެއްކާވެސް އޭނާއަށް އިތުރު ނާކާމިޔާބީއެކެވެ.
------------------------
ރާފިޢާގެ ރައްޓެއްސެއްކަމުގައިވާ ރާޝިދާ އެގެޔަށް އައި ދުވަހެކެވެ. ރާފިޢާ ގާތަށް އަންނަން އޭނާ މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އުޅޭ ގެޔެއް ނޭނގިގެން ނާދެވުނީއެވެ. އެއާއެކު، ވަގުތެއްވެސް ނުލިބިގެން ނާދެވިގެން އުޅެނީއެވެ. އެހާ އަވަހަށް ރާފިޢާމެން ގެއިން ނުކުންނަން ޖެހުނީއެވެ. އެހާ އަވަހަށް ގެޔެއް ހޯދުމަކީވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ.
"އެކަން އަހަރެންނަށްވެސް އެނގެއެވެ. ނިޤާރުމެން ގެޔަށްގޮސް އަހަރެންވެސް އެވާހަކަ ބުނީމެވެ. ރާފިޢާ އާއި ކުދިން ގެއިން ނެރެލާކަށް ނުވާނެ ނޫންހޭ ނިޤާރު ގާތު ބުނީމެވެ." ރާޝިދާ ބުންޏެވެ. ދެން އޭނާ ބުނީ ކީކޭތޯ ރާފިޢާ ސުއާލުކުރިއެވެ.
"މުރުތަޟާ އެހެދީ ރަނގަޅަށޭ ނިޤާރު ބުންޏެވެ. އެކަމަކު ނިޤާރުގެ ކުށެއް ނެތެވެ. އެއީ މުރުތަޟާގެ ވިޔާނުދާ ކަމެވެ. އޭނާއަށް އެއުޅެނީ ދެ އަނބިން ނުގެންގުޅެވިގެންނެވެ." ރާޝިދާ ބުންޏެވެ.
ރާފިޢާ ދެކޭގޮތުގައި އެއްވެސް މީހެއްގެ ކުށެއް ނެތެވެ. އެއީ ރާފިޢާގެ ނަޞީބުގައި ﷲ މިންވަރު ކުރައްވާފައި އޮތް ގޮތްކަމުގައި ރާފިޢާ ބުނެއެވެ. ރާޝިދާ ބުނިގޮތުގައި ނިޤާރު ހުންނަނީ 24 ގަޑިއިރު އުފަލުގައެވެ. އެއީ ނިޤާރުގެ ނަޞީބެވެ. އަދި މުރުތަޟާއަށް އެނަޞީބު ލެއްވުމުގައި މެދުވެރިޔަކީވެސް ނިޤާރުކަމަށް އޭނާ ދެކެއެވެ. ހުރިހާވެސް ގޯހަކީ ނިޤާރުކަމަށް ރާފިޢާ ބުނެއެވެ. ފިރިމީހާ ލައްވާ ހަރާން ލާރިހޯދައިގެން އުފަލާ އަރާމު ހޯދުމުގައި ނިޤާރަކީ އަރާހުރި އަންހެނެއްކަމުގައި ރާފިޢާ ބުނެއެވެ.
"މުރުތަޟާ އަހަރެންގާތު ހުރިއިރު ހަރާން ގޮތުގައި އެއްވެސް ލާރިއެއް ހޯދިޔަކަ ނުދެމެވެ. އަހަރެމެން ކިތަންމެ ނިކަމެތިކޮށް އުޅެން ޖެހުނަސް، މުރުތަޟާ ހަރާން ގޮތުގައި ލާރި ހޯދައިގެން އައިސް އަހަރެމެންނަށް ކާންދިނަކަ ނުދެމެވެ. އަހަރެމެން އޭރުވެސް އަދި މިހާރުވެސް އުޅުނީ އަހަރެންނަށް ލިބޭ އެއްޗަކުންނެވެ." ރާފިޢާ ބުންޏެވެ.
"އެކަހަލަ ކަންކަމަށް މިހާރު ވިސްނަނީ ކާޚު ހެއްޔެވެ؟ އެމީހުންނަކީ، އެއްވެސް އުޅުމެއްހުރި ބައެއް ނޫނެވެ. މިހާރު ޓެރަސްގައި ގަނޑުވަރެއް އެބަ އަޅައެވެ. ގެ ވިއްކާލާފަ މުރުތަޟާއަށް ލިބުނު ލާރިންނޯލައެވެ. ލާރި ފޮއްޗެއް އަތްމައްޗަށް އަރާއިރަށް އެގޮތަށް ބޭކާރު ޚަރަދު ނުކުރާށޭ، މުރުތަޟާ ބޭބެ ގާތުގައި އަހަރެން ވަރަށް ކިޔަމެވެ. އެކަމަކު މީހަކު ރަނގަޅަކަށް ބުނާ ވާހަކައެއްވެސް ޤަބޫލު ކުރިއްޔާތާއެވެ. ކަލޭމެން ހަތަރުމައިން ގެއިން ނެރެލައި ތިޙާލު ޖައްސާފައި، ޓެރަސްގައި ގެޔެއް އަޅަނީއެވެ." ރާޝިދާ ބުންޏެވެ.
------------------------
ޔުނިވަރސިޓީން ނުކުތްއިރުވެސް އަސްމަރާ ހުރީ ކޮންމެވެސް ކަމަކާ ފުއްޕާފައެވެ. އަނގަ ހިމޭނުން ލައިގެންނެއް ނުހުރެވުނެވެ.
"މަށަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. އެ ޑަކައިތު (ކަޝަފް) އަށް، ޒަރޫންގެ ކޮއްކޮގެ ކައިވެނި ޕާރޓީއަށް ކިޔަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ." އަސްމަރާ ރުޅިއަރައިގެންފައި ހުރެ ޒަރޫންއާ ދިމާއަށް ބުންޏެވެ.
ކަޝަފް ވަނީ އޭނާގެ ކްލާހުގެ ހުރިހާ ކުދިންނަށް، ކޮއްކޮގެ ކައިވެނި ޕާރޓީއަށް އައުމަށް ދަޢުވަތު ދީފައެވެ. އަސްމަރާގެ ސުއާލަކީ ހުރިހާ ކުދިންނަށް ކީނަމަވެސް، ކަޝަފް އޭގެ ތެރޭގައި ހިމެނުމެވެ. އެއީ އަސްމަރާ ބޭނުންވާ ގޮތެއް ނޫނެވެ. ޒަރޫންވަނީ ވަކިން ކަޝަފަށް ދަޢުވަތު ދީފައެވެ. އެކަން އަސްމަރާއަށް އެނގުނީ، ކަޝަފްގެ ރައްޓެއްސެއްގެ ފަރާތުންނެވެ. އަސްމަރާ ގާތު އެވާހަކަ ބުނީ ކާޚުކަމެއް ޒަރޫންއަކަށް ނޭނގެއެވެ. އަސްމަރާގާތު އެކުއްޖަކު އެވާހަކަ ބުނާނީ މައްސަލަ އުފައްދަން ވެގެންނެވެ.
"ޒަރޫން އަމިއްލަޔަށްގޮސް ކަޝަފަށް ޚާއްޞަކޮށް ދަޢުވަތު ދިންވާހަކަ މާރިއާ ބުންޏެވެ." އަސްމަރާ ރުޅިގަދަވެފައި ބުނެލިއެވެ.
ޒަރޫން އެކަން ނެގީ ސަމާސާ އެއްގެ ގޮތުގައެވެ. މާރިއާއަކީ ވަރަށް އަނގަ ގަދަ ކުއްޖެކެވެ. އޭނާ ދައްކާ ހުރިހާ ވާހަކައެއް އަސްމަރާ ޤަބޫލުކުރަންވީ ކީއްކުރަންތޯ ޒަރޫން ސުއާލު ކުރިއެވެ. އެއީ ޒަރޫން ނުކުރާކަމެއްކަމަކަށް އަސްމަރާ ޤަބޫލެއް ނުކުރެއެވެ. ކަޝަފް ގާތު އެވާހަކަ ބުނި ނަމަވެސް އެއީ ފާފައެއް ކުރެވުނީއެއް ނޫނޭ، އެންމެފަހުން ޒަރޫން ބުންޏެވެ.
"އެއީ ފާފަ އެކެވެ. ކަޝަފަކީ އަހަރެންނަށްވެސް އަދި ޒަރޫންއަށްވެސް ޤަދަރެއް، އިޙްތިރާމެއް ނުކުރާ އިދިކޮޅު ޚިޔާލުގެ މީހެކެވެ. އަދި އަހަރެމެންނަށް އުނދަގޫކޮށް އެއްޗެހި ކިޔާ މީހެކެވެ. ކޮއްކޮގެ ކައިވެންޏަށް، ޒަރޫން ތި ދަޢުވަތު ދިނީ އެވަރު މީހަކަށެވެ." އަސްމަރާ ބުންޏެވެ.
އެންމެ ފަހުން، ދެން މީގެފަހުން ކަޝަފަށް އެހައި ބޮޑު ޚާއްޞަކަމެއް އަދި ސަމާލުކަމެއްވެސް ނުދޭނެ ކަމަށް ޒަރޫން ވަޢުދު ވެއެވެ. އަސްމަރާ ހުރީ ޒަރޫންގެ ވާހަކަ ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާއަށް އިތުބާރު ކުރުމަށް ޒަރޫން އެދެމުން ދިޔަނަމަވެސް، އަސްމަރާއަށް އެކަމެއް ޤަބޫލެއް ނުކުރެވެއެވެ. އަސްމަރާއާ އިތުރަށް އެވާހަކަ ދައްކާކަށް ޒަރޫން ބޭނުމެއް ނުވިއެވެ. އަދި، އަސްމަރާ އެކަނި އެތަނަށް ދޫކޮށްލާފައި ޒަރޫން ހިނގައިގަތެވެ.
ޒަރޫން ދިޔަގޮތަށް ދިޔައީ ގެޔަށެވެ. ރޭގަނޑުގެ ކެއުމަށްފަހު ޒަރޫންގެ އާދައިގެ މަތިން، އޭނާ ލިޔަމުން ގެންދާ ޑައިރީގެ ތެރެޔަށް ގެއްލިފައި އިނެވެ. ޒަރޫންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ޣަޒާލާ ވަނެވެ. އެކަން ޒަރޫންއަށް ވެގެން ދިޔައީ ޢަޖައިބަކަށެވެ. މަންމައަށް އޭނާގެ ކޮޓަރިޔަށް ވަދެ ބައްދަލުކޮށްލުމަށް ވަގުތު ވީ ކަމަށްޓަކައެވެ.
"އަހަރެން ގޮވައިގެން ބޭރަށް ދާންޖެހޭކަމަށް ވަންޏާ އަހަރެންނަކަށް ވަގުތެއް ނެތެވެ." ޒަރޫން ބުންޏެވެ.
ޣަޒާލާ އައީ ޒަރޫން ގޮވައިގެން ބޭރަށް ދާކަށް ނޫނެވެ. ޒަރޫންއާ ވަރަށް މުހިންމު ވާހަކައެއް ދައްކާށެވެ. ޒަރޫންވެސް އޭނާ ކުރަމުންގެންދިޔަ މަސައްކަތް ބަހައްޓާފައި މަންމަޔަށް ވަގުތު ދިނެވެ. ޣަޒާލާ އައީ އަސްމަރާގެ މަންމަ އެދުވަހު ފޯނުކޮށްފައި ދެއްކި ވާހަކަ ތަކާ ބެހޭގޮތުން ޒަރޫން އާ ވާހަކަ ދައްކާލާށެވެ. އެހެންނަމަވެސް، އޭނާގެ ކައިވެންޏާ ބެހޭގޮތުން، ވާހަކަ ދައްކާކަށް ޒަރޫން ބޭނުމެއް ނޫނެވެ.
"ނޫނެކެވެ. އަސްމަރާއާ ކައިވެނިކުރަން ރަނގަޅު ޢާއިލާއަކުން ހުށަހެޅީއެވެ. އަސްމަރާގެ ކައިވެންޏަށް މުއްސަނދި ޢާއިލާއެއްގެ ކުއްޖަކު އެދުނީއެވެ." ޣަޒާލާ ބުންޏެވެ.
"ހަމަ ރަނގަޅަށް ހެއްޔެވެ؟" ޒަރޫން، ޙައިރާންވެފައި އަހާލިއެވެ.
އެއީ ކާކުތޯ ބަލަން ޒަރޫން ބޭނުންވިއެވެ. ކައިވެންޏަށް އެދުނީ އަސްމަރާގެ މަންމަ، ސަމްރާގެ ބޭބެއެވެ. އެމީހުން ދިރިއުޅެނީ އެމެރިކާގައެވެ. އޭނާގެ ފިރިހެން ދަރިފުޅެވެ.
"ސަމްރާ ބުނިގޮތުގައި، ޒަރޫންމެން ކައިވެންޏަކާމެދު ސީރިއަސްކޮށް ނުވިސްނާ ކަމަށް ވަންޏާ، އެހުށަހެޅުމާމެދު، އެމީހުންވެސް ސީރިއަސްކޮށް ވިސްނާނެއެވެ. އެއީ އަސްމަރާގެ ކައިވެންޏާމެދު މިއަހަރު ނިމުމުގެ ކުރިން ސަމްރާމެން ގޮތެއް ނިންމަން ބޭނުންވާތީއެވެ." ޣަޒާލާ ސާފުކޮށްދިނެވެ.
ޒަރޫންގެ ބޮލަށް އަނެއްކާ އިތުރު ހާސްކަމެކެވެ. ޣަޒާލާގެ ނަޒަރުގައި އެއީ ޒަރޫންގެ ބޮލުގައި ރިއްސަންވީ ކަމެއް ނޫނެވެ. ޒަރޫން ކައިވެނިކުރަން ބޭނުން ނުވަނީތޯ ނުވަތަ އެހެން ކުއްޖަކު ޒަރޫންގެ ޙަޔާތުގައި ހުރީތޯ ޣަޒާލާ ސުއާލު ކުރެއެވެ. ޒަރޫން ނިންމާފައިވާ ގޮތް ޣަޒާލާއަށްވެސް އެނގެއެވެ. އެހެންމަވެސް، އިރުއިރުކޮޅުން، އެވާހަކަ ޒަރޫންއަށް ހަނދާން ކޮށްދޭތީ ޒަރޫން އެކަމާ ކަން ބޮޑުވެއެވެ. އަސްމަރާއާއި ޒަރޫންގެ ކައިވެންޏަކީ ޣަޒާލާ ވަރަށް ހިތްހަމަ ޖެހޭ ގުޅުމެކެވެ. އަދި އެގުޅުން ރޫޅިގެން ދާކަށް ޣަޒާލާއެއް ނޭދެއެވެ. އެކަން އޭނާވަނީ ވަރަށް ސާފުކޮށް އެގޭގެ އެންމެންގާތު ބުނެފައެވެ.
"އަހަރެން އިރުއިރު ކޮޅުން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އެވާހަކަ އިރުއިރުކޮޅުން ދައްކަނީ އަސްމަރާގެ މަންމައެވެ. އެހެންގޮތެއް ހަދާށެވެ. އަސްމަރާ ލައްވާ އޭނާގެ މަންމައާ ތިވާހަކަ ދައްކާށެވެ. އަހަރެން ދައްކާ ވާހަކައެއް ސަމްރާ ޤަބޫލެއް ނުކުރެ އެވެ. މިހާރު ގޮތެއް ނުނިންމައިފިނަމަ، ދެމީހުންގެ ގުޅުން އަތްމަތިން ދޫވާނެއެވެ. ސީރިއަސްކޮށް މިކަމާ ވިސްނާށެވެ!"
ޣަޒާލާ އެހެން ބުނެ، ހިތްހަމަ ނުޖެހިފައި ހުރެ ޒަރޫންގެ ކޮޓަރިން ނުކުމެގެން ދެއެވެ. ޒަރޫންއަށް ހަދާނެގޮތް ބޮޑުވިއެވެ. މިލައިގަތީ އަނެއް ހަ ކަންތަކެވެ. ބޮލުގާ ރިއްސުން އިތުރު ވީއެވެ. ކުރީ ރޭ ކަޝަފާ އޭނާއާ ދެމެދު ޖެހުނު މައްސަލަޔަށްވުރެ، މިދިމާވި މައްސަލަ ވަކި ސަހަލެއް ނޫނެވެ.
------------------------
ކަޝަފް އެކަނި ޔުނިވަރސިޓީ ތެރޭގައި ފާރުބުރިއެއްގެ މަތީ އިށީނދެލައިގެން އިނެވެ. އޭނާ އިނީ ފޮތް ކިޔާށެވެ. ޒަރޫން އެތަނަށް އައިސް ކަޝަފާ ސަލާމް ކޮށްލިއެވެ. ކަޝަފް ޖަވާބެއް ނުދީ ކަންބޮޑުވެފައި އިންގޮތަކަށް ހިމޭނުން އިނެވެ. ޒަރޫން، ކަޝަފްގެ ޙާލު އަހައިލައެވެ. އަދި ކަޝަފްވެސް އޭނާގެ ޙާލު ރަނގަޅުކަމަށް ބުނެއެވެ. ކްލާހުގެ ފިލާވަޅުތަކެއްގެ ނޯޓުތައް ޒަރޫން ބަލައިލަން ލިބިދާނެތޯ ޒަރޫން އަހައިލައެވެ. އޭގެ ޖަވާބުގައި ކަޝަފް ބުނީ އޭނާގެ ލިޔުން އެއީ ކިޔަން އެހާ ފަސޭހަވާނެ އެއްޗެއް ނޫންކަމަށަ އަދި އެހެން ކުއްޖަކު އަތުން އެ ނޯޓުތައް ހޯދުމަށެވެ.
"މިސާލަކަށް، ނޯޓުތައް ހޯދާނީ ކޮންކުއްޖެއްގެ އަތުން ހެއްޔެވެ؟" ޒަރޫން ސުއާލު ކުރިއެވެ.
ޒަރޫންއަށް އެހީއެއް ވެދިނުމަކީ އޭނާއަށް ހީވާގޮތުގައި ކަޝަފަށް މައްސަލަ އެކެވެ. އެކަމަކު އެކަކު އަނެކަކަށް އެހީތެރިވެ ދިނުމަކީ އިންސާނީ ވާޖިބެކެވެ. އެކަން ކަޝަފަށްވެސް އެނގެއެވެ. އެހެންނަމަވެސް ކަޝަފް ހުރީ ޒަރޫންއާ އޭނާގެ ނޯޓުތައް ޙަވާލުކުރާ ގޮތަކަށް ނޫނެވެ. އަދި އެ ނޯޓުތަކުން ޒަރޫންއަށް ފައިދާއެއް ކުރާނެ ކަމަކަށްވެސް ކަޝަފް ނުދެކެއެވެ. އެވާހަކަ ދެއްކުމުގައި ވަގުތު ބޭކާރު ކުރެވެނީކަމަށް ކަޝަފް ދެކެއެވެ.
"އެހެންމީހުންގެ ނޯޓުތަކުން އެއްޗެއް އެނގޭވަރަކަށް ޒަރޫންގެ ޤާބިލްކަމެއް ނެތެވެ." ކަޝަފް ބުންޏެވެ.
ކަޝަފް ގެ ނޯޓުތައް ލިބޭނެ އެއްވެސް ގޮތެއް ނުފެނުމުން، ހާދަހާ އަޅައިލުމާއި އެހީތެރިކަން ކުޑަދޯއޭ ޒަރޫން ބުންޏެވެ. ޒަރޫންގެ ފަރާތުންވެސް ފައިދާއެއް ލިބިދާނެކަމެއް ދިމާވެދާނެކަމަށް ޒަރޫން ބުންޏެވެ. އެހެންނަމަވެސް، ޒަރޫންގެ އެހީތެރިކަން ހޯދައިގެން ކަޝަފަށް ފައިދާއެއް ލިބޭނެކަމަކަށް ކަޝަފް ނުދެކެއެވެ.
"ކަޝަފްގެ ނޯޓުތައް ހޯދައިގެން ކަޝަފަށްވުރެ މަތިން އަހަރެން މާރކްސް ހޯދަފާނެކަމުގެ ބިރު ހީވަނީ ހެއްޔެވެ؟" ޒަރޫން ބުންޏެވެ.
"އަހަރެން ޒަރޫންއަށް ނޯޓުތައް ދޭކަމަށް ވަންޏާ ދޭނީ ނޯޓުތަކެވެ. އަހަރެންގެ ބުއްދިއެއް އަދި ސިކުނޑިއެއް ނޫނެވެ. އަހަރެންގެ ނޯޓުތަކުން ޒަރޫން ފައިދާއެއް ހޯދާ ކަމަށް ވަންޏާ އަހަރެންގެ ބުއްދީގެ ބޭނުން ނުކޮށް އެކަމެއް ނުވާނެއެވެ." ކަޝަފް ޖަވާބު ދިނެވެ.
"މިއޮއް ފަޚުރުވެރިކަމެއް ދޯއެވެ؟" ޒަރޫން އެހެން ބުނުމުން، ކޮންމެ މީހަކީވެސް ފަޚުރެއް އޮންނަ މީހެކޭ ބުނެ ކަޝަފް ޖަވާބު ދިނެވެ. އަދި، ޒަރޫން ފަޚުރުވެރިވާ ކަމަށް ވަންޏާ އެހެންމީހުންނަށްވެސް ފަޚުރުވެރި ވުމުގެ ޙައްޤު އޮންނާނެ ދޯއެވެ. ޒަރޫން އިތުރަށް ވާހަކަ ދައްކަން ފުރުޞަތު ނުދީ ކަޝަފް އެތަނުން ތެދުވެގެން ދިޔައެވެ. ޒަރޫން ބޯ ހޫރާލަ ހޫރާލައި އިނެވެ.
(ނުނިމޭ)