ދެކަފި - 60

(14 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފްގެ މައްސަލައިގާ އިތުރަށް ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ކަޝަފްގެ ފަރާތުން ޒަރޫންއަކަށް ނުފެނުނެވެ. އެންމެ ދެރަވެގެން  ހަމަޖެހިލައިގެން ކަޝަފާ ވާހަކަ ދައްކައިލެވޭނެ މަގެއްވެސް ކަޝަފް ނުދައްކައެވެ. ފޯނުކޮށްލާ ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހެނީ ކަޝަފްގެ ނަފުރަތުގެ ބަސްތަކާއެވެ. އެއީ މިހާރު ޒަރޫންއަށް ބަރުދާސްތު ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. އެހެންނަމަވެސް ހަތިޔާރު ބަހައްޓާކަށްވެސް ޒަރޫން ބޭނުމެއް ނުވެއެވެ. ޒަރޫން ޤަބޫލުކުރާ ގޮތުގައި ކުރާކަމެއް ކުރަންވާނީ ރަނގަޅަށެވެ. މީހަކާ ހިތާވިޔަސް ހިތާވާންވާނީ ރަނގަޅަށެވެ. ހިތް އެދެންޏާއެވެ. އެހެންނޫނީ އެކަން ނުކުރާނީއެވެ. ޒަރޫން މިހާރު އެހުރީ ހަމަ ރަނގަޅަށް ، ކަޝަފްގެ އަވައިގާ ޖެހިފައެވެ. އެކަން ކުރެވޭނެ ކޮންމެވެސް މަގެއް ހޯދަން އޭނާގެ ހިތް މަޖުބޫރު ކޮށްފައެވެ. ކޮންމެ އަގެއްދީފައި ވިޔަސް ، އެއީ އޭނާ ކުރަންޖެހޭ ކަމަކަށް ވެއްޖެއެވެ. އެންމެ ފަހުން ސާރ އަބްރާރާ ބައްދަލުކުރަން ޒަރޫން ނިންމައެވެ. ލަދަކާ ހެދި ތަދެއް ނުފިލާނެއެވެ.

އަބްރާރާ ބައްދަލުކޮށް ޒަރޫން އެދައްކަންފެށި ވާހަކައިން އެއްވެސް އެއްޗެއް އަބްރާރަކަށް ނަގައެއް ނުގަނެވުނެވެ. ޒަރޫން އެދައްކަނީ ކޮންވާހަކައެއް ކަމެއް ނޭނގުނެވެ. ޒަރޫން ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ދުރު ދުރުންނެވެ. ސީދާ ޕޮއިންޓަށް ދާކަށް އޭނާއަކަށް ނުކެރުނެވެ. އެވާހަކަ ދައްކަން އޭނާ ލަދު ގަނެއެވެ. އަދި ބިރުވެސް ގަނެއެވެ. އެންމެފަހުން އަބްރާރު ގާތަށް ރުޅިއައިސް ، ޒަރޫން އެބުނާ ވާހަކައެއް ސާފުކޮށް ބުނުމަށް އެދެއެވެ.

" އަބްރާރ ސާރ އެވެ. އަހަރެން ކަޝަފް ގެ ކައިވެންޏަށް އެދެން ބޭނުމެވެ. " ޒަރޫން ، އަޅަ އަޅައިގެންފައި އިނދެ ބުންޏެވެ.

އަބްރާރް ގެ މޫނުމަތީ މީހަކު ތަފާލެއް އެޅިހެން ހީވާބީދައަކުން ސިއްސައިގެން ދިޔައެވެ.  އަބްރާރުގެ އަތުގައި އޮތް ފޮތްވެސް ސިއްސައިގެންގޮސް ވެއްޓުނެވެ. ޙައްރާންވެގެން ގޮސް ދެލޯ ބޮޑުވިއެވެ. އަދި ކީކޭ ކުރާނަމޭ ހެއްޔޭ ބުނެ ކަރުބުޑުން ، ޒަރޫންއާ ސުއާލު ކުރެވުނެވެ.

" ޒަރޫން އެވެ. އެކަން ކށްފާނަން ހެއްޔެވެ ؟ އެއީ ވެދާނެ ކަމެއް ހެއްޔެވެ ؟ " އަބްރާރް ސުއާލު ކުރިއެވެ.

ކަޝަފް ކައިވެނިކުރަން ހުރިނަމަ ، މިހާރު އޮންނާނީ އެކަން ކުރެވިފައެވެ. އެއީ މިހާރު ޒަރޫންގެ ހިތަށް ސަވާރުވެފައިވާ ދީވަލްޕާ އެކެވެ. އޭނާގެ ހިތުން އެކަން ފިލައިދާކަށް ނޫޅެއެވެ. ފުރާނަ ދުއްވާލައިގެން ނަމަވެސް ، ކަޝަފާ ކައިވެނި ކުރުން އެއީ ޒަރޫންގެ މަޤްޞަދެވެ. އަބްރާރްގެ ސުއާލުތަކަކީ ، މުނާސަބު ސުއާލު ތަކެކެވެ. ޒަރޫން އަށް އެކަން ކުރެވިދާނެ ހެއްޔެވެ ؟ ކަޝަފާ ކައިވެނިކޮށްގެން ޒަރޫންއަށް ، އުފަލުގައި ކަޝަފް ގެންގުޅެވިދާނެ ހެއްޔެވެ ؟ ކަޝަފް ގެ ތަޢުލީމީ ޙަޔާތުގައި ޒަރޫން ދިން ތަކުލީފު ، ކަޝަފް ހަނދާން ނައްތާލައިފާނެ ހެއްޔެވެ ؟ ތެލާއި ފެނާ އެކުވެދާނެ ހެއްޔެވެ ؟ އެދޭތި އެއްކުރަން މަސައްކަތް ކުރާ ދެމީހަކަށް އެކަން ކުރެވިދާނެ ހެއްޔެވެ ؟ ކަޝަފަކީ އަބްރާރްގެ ދަރިއެއްފަދަ ކުއްޖެކެވެ. އެއްވެސް މީހެއްގެ ފަރާތުން ކަޝަފަށް ތަކުލީފެއް ލިބޭކަށް އަބްރާރް ނޭދޭނެ އެވެ. ކަޝަފްގެ އާނބަސް ހޯދުމަށްޓަކައި އަބްރާރް ގެ އެހީއަށް އެދި ޒަރޫން އައި ސަބަބަކީ އެއީއެވެ. އަބްރާރް ގެ ބަސް ކަޝަފް ޤަބޫލު ކުރާނެއެވެ. ދެކޮޅެއް ނުހަދާނެއެވެ. އެކަމާ ބެހޭގޮތުން ، އަބްރާރް ވާހަކަ ދައްކައިފިނަމަ ، ކަޝަފް އެކަން ޤަބޫލު ކުރާނެއެވެ. އަބްރާރްގެ އެހީއަށް އެދި ޒަރޫން އެއައީ އެހެން އެއްވެސްގޮތެއް ނެތިގެންނެވެ.

އަބްރާރް ސާރ އާ ބައްދަލު ކުރުމަށް ކަޝަފް އެގެޔަށް އަންނަކަން ޒަރޫންއަށް އެނގެއެވެ.

" އަހަރެންނާ ބައްދަލުކުރަން ކަޝަފް އަންނާތީ ކަންބޮޑުވީ ހެއްޔެވެ ؟ އެކަން ހުއްޓުވަން ޒަރޫން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ކަޝަފާ ތިވާހަކަ ދައްކައިފިއްޔާ އޭނާ އަހަރެންނާ ބައްދަލުކޮށްލުމަށް ދުވަހަކުވެސް ނާންނާނެއެވެ." އަބްރާރް ބުންޏެވެ.

ކަޝަފް އެގެޔަށް އައުމަކީ ޒަރޫން އަށް މައްސަލައެއް ނޫނެވެ. އަދި އަބްރާރ ސާރއާ ބައްދަލުކުރަން ކަޝަފް އައުން ހުއްޓުވާކަށް ޒަރޫން ބޭނުމެއް ނޫނެވެ. ޒަރޫން އެދެއްކި ވާހަކަޔަކުން ޙައިރާންވެފައި ބުނާނެ އެއްޗެއްވެސް ނޭނގި އަބްރާރް އިނީ ގަނޑުވެފައެވެ. ކަޝަފާ ކައިވެނި ކުރުމުގެ ޚިޔާލު ޒަރޫންގެ ބޮލަށް ސަވާރުވިގޮތެއް އަބްރާރް އަކަށް ނޭނގުނެވެ. އެޚިޔާލު ޒަރޫންގެ ހިތަށް ނުއަންނަންވީ ސަބަބެއް ޒަރޫންއަކަށް ނުފެނެއެވެ. އެއީ ހަމަ ވެދާނެ ކަމެކެވެ. ކަޝަފާ ބެހޭގޮތުން ރަނގަޅު އެއްވެސް ވާހަކައެއް މުޅި ޢުމުރުގައިވެސް ޒަރޫން ދައްކާފައެއް ނެތެވެ. ރަނގަޅު އެއްވެސް ގޮތަކަށް ވިސްނާފައެއް ނުވެއެވެ. ކަޝަފްގެ މޫނުދެކިލަންވެސް ޒަރޫން ބޭނުންނުވި ދުވަސްތަކެއް ދިޔައެވެ. އެވަރުމީހަކާ ކައިވެނިކުރަން ކުއްލިޔަކަށް ނިންމި ނިންމުމަކީ ޒަރޫން ކޮށްގެން ވާނެކަމެއްކަމަކަށް އަބްރާރް ނުދެކެއެވެ. ޒަރޫންގެ ސިކުޑި ކުޑަކޮށް ، ހަމަނުޖެހޭކަމަށް އަބްރާރް ނިންމިއެވެ. އެކަމަކު ޒަރޫން ބުނިގޮތުގައި އޭނާގެ ސިކުނޑީ މިހާރު އެއްގޮތަކަށްވެސް ހަމައެއް ނުޖެހެއެވެ. ސިކުނޑި ހަމަޖެހޭނަމަ ، ކަޝަފްގެ ކައިވެނީގެ ވާހަކަ ދައްކަން އަބްރާރް ގާތަށް އޭނާއެއް ނުއަންނާނެއެވެ. އެ ސިކުނޑިޔަށް ހަމަޖެހުން ލިބޭނީ ކަޝަފާ ކައިވެނި ކުރެވުނު ދުވަހަކުންނެވެ.

ކަޝަފާ އޭނާގެ ކައިވެނި ކުރެވޭނެގޮތް ހަދައިދިނުމަށް އަބްރާރް ގާތު ، ޒަރޫން އަނެއްކާވެސް އެދެއެވެ. ކަޝަފާ އެވާހަކަ ދައްކައިދިނުމަށް އާދޭސް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އެއީ ވެދާނެކަމެއްކަމަކަށް ، އަބްރާރަކަށް ނުފެނެއެވެ. އެއީ މަގެއްގެ ދެކޮޅަށް ހިނގަމުންދާ ދެމީހެކެވެ. އެއްގަމާއި ކަނޑުގެ ތަފާތު ބޮޑު ދެމީހެކެވެ. އެކުވެ އެކަތިގަނޑަކަށް ވުމަށް އެއްވެސް ފުރުޞަތެއް ނޯންނަ ވަރުގެ ތަފާތު ދެމީހެކެވެ. އެކުވެއްޖެނަމަ ، ގަޑުބަޑުވެގެން ރަނގަޅު ނުކުރެވޭވަރަށް ހަލާކުވާނެ ދެ އެއްޗެކެވެ.

މިވޭތުވެދިޔަ ދެތިން ހަތަރުމަހެއްގެ ތެރޭގައި ، ކައިވެންޏަކާމެދު ވިސްނައިލާއިރަށް ޒަރޫންގެ ޚިޔާލަށް އަންނަނީ ކަޝަފެވެ. އެވެސް ހަމަ ކުއްލިޔަކަށެވެ. ވިސްނައިލާން ސިކުނޑިޔަށް އިތުރު ބާރެއް ނުލަނީހެވެ. އެކަން އިތުރަށް ދިޔައީ ބޮޑުވަމުންނެވެ. ނުވިސްނަން ހުއްޓަސް ، ވިސްނަން މަޖުބޫރުވާ ހިސާބަށް ދިޔައެވެ. ކަޝަފްގެ ފަރާތުން އެއްވެސް ޢިޝާރާތެއް ނުލިބުނު ނަމަވެސް ، އަދި ކަޝަފްގެ ނުރުހުމާއި ނަފްރަތުންވެސް ޒަރޫންގެ ހިތަށް ބަދަލެއް ނައެވެ. އިތުރަށް ލިބެމުން ދިޔައީ މާޔޫސް ކަމެވެ.

ޒަރޫން އެތައް ގޮތަކަށް ވިސްނައިފިއެވެ. ޒަރޫން ކައިވެނިކުރަން ބޭނުންވާ އަންހެންކުއްޖެއްގައިވާ ހުރިހާކަމެއް ކަޝަފްގެ ކިބައިގާ އެބަހުއްޓެވެ. އެއްވެސް އުނިކަމެއް ނުފެނެއެވެ. އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. ކޮންމެ އިންސާނެއްގައިވެސް އުނިކަންތައްތަކެއް ހުންނާނެއެވެ. އެހެންނަމަވެސް ، ކަޝަފްގެ ކިބައިން ޒަރޫން އަށް އެއްވެސް އުނިކަމެއް ނުފެނުމަކީ ، އޭނާގެ ހިތް ކަޝަފަށް އެދިހުރި މިންވަރު ވަޒަންކޮށްލުމަށް އޮތް އެންމެ ރަނގަޅު ތަރާދެވެ.

އަބްރާރަށް ވީވަރަކުން ވީގޮތަކުން އެވިސްނުން ދޫކޮށްލުމަށް ޒަރޫންއަށް ނަޞޭޙަތް ދިނެވެ. ހިތުގެ އިޙްސާސްތައް ފޮރުވައިގެން ، ޒަރޫން ޖަހާހާ ބެރަކަށް ނަށަން ، ކަޝަފް ތައްޔާރަށް ހުންނާނެ ހެއްޔެވެ ؟ ނޫނެކެވެ. އެއީ ކަޝަފް މުރުތަޟާ އެވެ. ޒަރޫން އުޅޭނެހާ ގޮތަކަށް އުޅެން ، ޒަރޫންގެ އަނތްބަކަށް ވެގެން ، ދެއަތް ބަނދެވިގެން ، ދެލޯމަރައިގެން ، ކަޝަފް އިންނާނެ ހެއްޔެވެ ؟ ނޫނެކެވެ. ކަޝަފާ އިންނަން ޒަރޫން ބޭނުންވަނީ ، ޒަރޫންގެ ކުޅޭ ކުޅޭ ބުދަކަށް ހަދައިގެން ، ގޭގައި ކަޝަފް ބައިންދާކަށް ނޫނެވެ. ކަޝަފް އެގޮތަށް ނީންނާނެކަން ޒަރޫންއަށް އެނގެއެވެ. ޒަރޫންގެ ބޭނުމަކީ ، ކަޝަފްގައިހުރި  އޭނާއަށް ޤަބޫލުކުރެވޭ އާދަތަކާއި އުޞޫލުތަކަށް ފުރުޞަތު ދީގެން ، ޒަރޫންގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ކަޝަފް ގެންގުޅުމެވެ. ކަޝަފް ގެންގުޅޭ ރަނގަޅު އާދަތަކާއި އުސޫލުތައް ޒަރޫންއަށް ދެނެގަނެވިއްޖެ އެވެ. ފުރަތަމަ ޔުނިވަރސިޓީންނެވެ. ދެން މަސައްކަތުގެ މާޙައުލުންނެވެ. އެހެން އަންހެންކުދިންގެ ކިބައިން މިޒަމާނުގައި ނުފެންނާނެ ، ރަނގަޅު އެތައް ސިފައެއް ، ކަޝަފްގެ ކިބައިން ޒަރޫންއަށް ފެނިއްޖެ އެވެ. ޒަރޫންގެ ހިތުގައި ކަޝަފަށް އޮތީ ޢިއްޒަތާއި ޤަދަރެވެ. އިޙްތިރާމެވެ. ޒަރޫންގެ ޙަޔާތުން މާޒީވެދިޔަ ދުވަސްތަކުގައި ، އެއްވެސް ޚިޔާލެއް ، ވިސްނުމެއް އަދި ފިކުރެއްނެތި އުޅެވިފައިވާކަމުގެ އިޙްސާސް ، އޭނާއަށް މިހާރު ކުރެވެއެވެ. އެކަމަކު ، އިންސާނުންނަކީ ބަދަލުވާ ބަޔެކެވެ. ޒަރޫންވެސް އެހުރީ ބަދަލު ވުމުގެ ވިސްނުމުގައެވެ. އެކަމަކު ކަޝަފާ އަޅާ ބަލާއިރު ޒަރޫންގެ އާދަތައް އަދި އުޞޫލުތަކާއި އަޚްލާޤާއި އުޅުން އެއީ ހާހާއި ސުމެއްގެ ތަފާތު ހުރި ކަންކަމެވެ. އެކަން އަބްރާރްވެސް ޒަރޫންއަށް ހަނދާން ކޮށްދެއެވެ.

ޒަރޫންގެ ވާހަކަތައް އަޑުއަހާފައި އަބްރާރް އިނީ ވަކި އެއްޗެއް ބުނަން ނޭނގިފައެވެ. އޭނާއަށް އެހީތެރިވާންވެސް އަބްރާރް ބޭނުން ވެއެވެ. ޒަރޫންއަކީވެސް އޭނާގެ ދަރިއެއްފަދަ ކުއްޖެކެވެ. އަބްރާރް ދެކޭގޮތުގައި ޒަރޫންއާ ބެހޭގޮތުން ކަޝަފް ބުނެފައިވަނީ ރަނގަޅަށެވެ. އެކަމަކު ޒަރޫން އާދޭސްކޮށްވެސް އެވާހަކައެއް އަބްރާރް ނުބުނެއެވެ. އަނެއްކޮޅުން ޒަރޫންއާއި ކަޝަފްގެ ޢާއިލާގެ ދަރަޖަ އެއީ އެދެމީހުންގެ މެދުގައި ޚިލާފު އުފެދެން ދިމާވެދާނެ އެންމެ ބޮޑު އެއް މައްސަލައެވެ. އަބްރާރް އެކަން ހަނދާންކޮށްނުދިން ނަމަވެސް ، އެކަން ޒަރޫންއަށްވެސް ރަނގަޅަށް އެނގެއެވެ. އެތަފާތު އެއީ ޒަރޫންއަށް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް ، އެ ތަފާތާމެދު އެހާބޮޑަށް ވިސްނާކަށް ޒަރޫން ބޭނުމެއް ނޫނެވެ. ޒަރޫން އެދޭހާވެސް ކަމަކީ ކަޝަފާ ކައިވެނި ކުރުމެވެ. އެހިސާބުން އެނިމުނީއެވެ. އެހެނަސް އެހިސާބުން އަދި އެ ނިމުނީނޫންކަން ، ސާރާގެ ކައިވެނީގެ ތަޖުރިބާއިން ދެނެގަތުމަށް ޒަރޫންގެ ކިބައިން އަބްރާރް އެދެއެވެ.

ޒަރޫންގެ ކައިވެނީގެ ވާހަކަ ، މަންމައާއި ބައްޕަ ގާތުވެސް އޭނާ އަދި ނުދައްކައެވެ. އެއީ ޒަރޫންއަށް އެހާ ބޮޑު ކަމެއް ނޫނެވެ. ބޮޑުވެގެން އެއުޅެނީ ކަޝަފްއަށް އެކަން ހުށަހަޅާނެ ގޮތެކެވެ. އެއީ މައުންޓް އެވަރެސްޓް ފަރުބަދަޔަށް އެރުމަށްވުރެވެސް އުނދަގޫވާނެ ކަމެއްކަން އަބްރާރް ހަނދާން ކޮށްދެއެވެ. ޒަރޫން ދެކޭގޮތުގައި އެއީ އެއަށްވުރެވެސް ބޮޑުކަމަކަށް ވާނެއެވެ. އެއީ ކިހާ އުނދަގޫ އަދި ބުރަ އާއި ތަކުލީފު އުފުއްލަން ޖެހޭނެ ކަމެއްކަން ޒަރޫންއަށް އެނގެއެވެ. އެކަމަކުވެސް އޭނާ ހިތްވަރާއެކު މަސައްކަތް ކުރާނެއެވެ. އަދި ދޫކޮށްލާނީވެސް އެކަން ކާމިޔާބު ކޮށްފައެވެ. އެއީ ޒަރޫންގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތެވެ.

------------------------

ކަޝަފްމެންގެ ގޭތެރޭގައިވެސް މިދުވަސްކޮޅު އޮތީ ކަޝަފްގެ ކައިވެނީގެ ވާހަކަ އެވެ. ޞިދްރާ އައިސް އުޅުމާއެކު އެވާހަކަ ނުދެކެވިއެއް ނުހުންނާނެއެވެ. ޞިދްރާއަކީ ، ކޮއްކޮއެއްގެ އިތުރަށް ކަޝަފްގެ އެންމެ ގާތް     ރަޙުމަތްތެރިޔާ ވެސް މެއެވެ. ކަޝަފާބެހޭ ހުރިހާ ސިއްރުތަކެއް ޞިދްރާއަށް އެނގޭނެއެވެ. އުސާމާ އާ ބެހޭ ވާހަކަވެސް ރާފިޢާއަށް އެގެނީ ޞިދްރާގެ ފަރާތުންނެވެ. އެއީ ޞިދްރާ ވަރަށް ހިތްހަމަ ޖެހޭ ކައިވެންޏެކެވެ. އެހެންކަމުން މަންމަގާތު އެވާހަކަ ނުބުނެ ޞިދްރާއަކަށް ނުހުރެވުނެވެ. ކަޝަފް އޭނާގެ މާންމަ ގާތު އެވާހަކަ ނުދެއްކީ މަންމަ އެކަމާ އުޅޭގަނެފާނެތީއެވެ. އަދި އެއީ ރަނގަޅު ހީވުމެކެވެ. ރާފިޢާއަށް އެކަން އެނގުނު ނަމަ ، ކަޝަފް ލަދުގަތަސް ، އުސާމާގެ މައިންބަފައިންނާ ބައްދަލުކޮށް ، އެވާޙަކަ ދައްކައި އެކަމާ އުޅުނީހެވެ. ރާފިޢާ ހުންނަނީ ކަޝަފްގެ ފަރާތުން އެކަހަލަ އެއްވެސް ޢިޝާރާތެއް ނުފެނިގެންނެވެ.

ޝެހްނީލާގެ ކައިވެންޏާމެދުވެސް ރާފިޢާއަށް ގޮތެއް ނިންމޭނީ ކަޝަފްގެ ކަންތައް ނިންމާފައެވެ. އެމީހުންވެސް ރާފިޢާގާތު އިރުއިރުކޮޅުން އެވާހަކަ އެބަ ދައްކައެވެ. އޭނާއަށް މަޑުނުކޮށް ، ޝެހްނީލާގެ ކައިވެނި ކޮށްދިނުމަށް ކަޝަފް އޮތީ މަންމަގާތު ބުނެފައެވެ. އެހެންނަމަވެސް ، ދޮށީދަރި ހުރިގޮތަށް ހުއްޓާ ، އެންމެ ހަގުދަރީގެ ކައިވެނި ކުރެވޭކަށް ރާފިޢާ ހިތްހަމައެއް ނުޖެހެއެވެ.

ޞިދްރާގެ ކައިވެންޏަށް އެދިގެން އުޅެނީ ޞިދްރާގެ ފިރިމީހާވެސް ދަންނަ އޭނާގެ ރައްޓެހި ޢާއިލާއަކުންނެވެ. އެއީ ވަރަށް ރަނގަޅު ޢާއިލާއެކެވެ. ޞިދްރާގެ އެދުމަކީ ، އެހާ އަވަހަށް ކައިވެނި ނުކުރިޔަސް އެކައިވެންޏަށް އަހަރެމެން ޤަބޫލުކަން އެމީހުންނަށް އެންގުމެވެ. އެއީ ދޫކޮށްލާ ވަރަށްވުރެ ރަނގަޅު ބަޔެކެވެ.

------------------------

ކަޝަފާބެހޭ ގޮތުން އޭނާ ނިންމާފައިވާ ގޮތް މަންމައާއި ބައްޕަގާތު ބުނެއެވެ. އެކަމާ އެންމެ ފުރަތަމަވެސް ހިތްހަމަ ނުޖެހިގެން އެތިވަރު ގޮވައިގަތީ ޣަޒާލާއެވެ. އުޅެއުޅެފައި އެމީހުންގެ ކުރިމައްޗަށް ބޮޑު މުޞީބާތެއް ގެނެސް ހުށަހެޅިއިރު އެއްވެސް ވަރަކަށް ޒަރޫން ވިސްނައިލާފައި ނެތުމުގެ ސަބަބުންނެވެ. ދިރިއުޅުމުގެ ފެންވަރަށް ބަލާއިރު ، އެހާ ތަފާތު ދެ ޢާއިލާއެއް އެއްވުމަކީ ވާނެކަމެއް ނޫންކަމެއްކަމަށް ބުނެއެވެ. ޒަރޫން އިނީ މަންމަގެ ވާހަކަޔަށް ރައްދު ދޭން ތައްޔާރު ވެގެންނެވެ. މަންމަގެ ވިސްނުން ހުންނާނެގޮތް މާކުރިންވެސް ޒަރޫންއަށް އެނގެއެވެ.

" ކޮން މުޞީބާތެއްގެ ވާހަކައެއް ހެއްޔެވެ ؟ އަހަރެން ހިތްއެދޭ ކުއްޖެއްގެ ވާހަކަ ބުނީމާ މަންމަމެންގެ ކަމަކަށް ވާންވާނީ ، އެކުއްޖާގެ ޢާއިލާއަށް ކައިވެންޏަށް އެދުމެވެ. މީގައި އޮތީ ކޮން މުޞީބާތެއް ހެއްޔެވެ ؟ ފަޤީރު ކަމާއި މުއްސަނދިކަން ހެއްޔެވެ ؟ ދަރަޖައިގެ ތަފާތާހުރެ ، އަހަރެން ގުޅެން ބޭނުންވާ ކުއްޖާ އެއީ މައްސަލަޔަކަށް ވާނަމަ ، އެންމެ ފުރަތަމަ މަންމަޔާ ބައްޕަގެ ގުޅުމުން ފަށާށެވެ ! އޭރަށް އެކަން އެއޮތީ ނިމިފައެވެ. އެހެންނޫނަސް ، މަންމަ އޮތީ އަހަރެން ހިތް އެދޭ ކުއްޖަކާ އިނަސް އެންމެ ރަނގަޅު ކަމުގައި ބުނެފައެވެ. އަހަރެން އެއޮތީ އިންނާނެ ކުއްޖަކު ނިންމާފައެވެ. " ޒަރޫން ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.